ސައިންސް

ކަނޑުއަޑީގެ ބަދަލުތަކާ ގުޅިގެން ބްލޫ ވޭލް ގޮވުން މަދުކޮށްފި!

ކަނޑުއަޑީގެ ބަދަލުތަކާ ގުޅިގެން ބްލޫ ވޭލް ގޮވުން މަދުކޮށްފި!

ބްލޫ ވޭލް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ނޮވެމްބަރު 2025، 10:58

27 ނޮވެމްބަރު 2025، 10:58

ދުނިޔޭގައި ކަނޑުގައުޅޭ އެންމެ ބޮޑު ދިރުން ކަމަށްވާ ބްލޫ ވޭލު ނުވަތަ ބޮޑުމަސް ، ގޮވުންތައް ނުވަތަ އެސޮރުމެން ކިޔާ ލަވަކިއުން ހުއްޓާލާފައިވާކަން ދިރާސާތަކުން ހާމަވެއްޖެއެވެ. ސައިންސްވެރިން ބުނާ ގޮތުގައި، މި މަޑުމައިތިރިކަމަކީ ކަނޑުއަޑީގެ ދިރުމުގެ ހާލަތަށް މުޅިން އައު ބަދަލުތަކެއް އަންނަމުންދާކަމުގެ ނިޝާނެކެވެ.

ބޮޑުމަހުގެ ގޮވުންތަކަކީ އިންސާނުން އަހާ އާދައިގެ ރާގުތަކާ ވަރަށް ތަފާތު ސިފަތަކެއް ހުންނަ ކަންކަމެވެ. އިންސާނުންގެ މިއުޒިކީ އަޑުތަކާ ޚިލާފަށް، ބޮޑުމަހުގެ ގޮވުންތަކަކީ ވަރަށް ގިނަ އަޑުތައް ހިމެނޭ އޮނިގަނޑެކެވެ. މިގޮތުން ހެމުންދާ އަޑާއި، ކްލިކް އަދި ވިސްލް ކުރުން ފަދަ އަޑުތައް ހިމެނެއެވެ. މި އަޑުތައް ބައެއް ފަހަރު ގެރި ގޮވާ އަޑާއި، ވައިޖެހޭ އަޑާ އެއްފަދަވެ، ބައެއް ފަހަރު ދޫނީގެ އަޑުތަކާވެސް އެއްގޮތްކަން ހުރެއެވެ. މިގޮތަށް ގޮވާ އަޑުތައް 10 ކިލޯމީޓަރު ދުރަށް އިވޭފަދަ ވަރުގަދަ އަޑުތަކަކަށް ވެދާނެއެވެ. އަދި މި ގޮވުންތައް ބައެއް ފަހަރު ގަޑިއެއްހާ އިރަށް ދެމިގެންދާކަންވެސް ފާހަގަކުރެވެއެވެ.

މި އަޑުތަކަކީ ނެށުމަށް ބޭނުންކުރާފަދަ ލަވައިގެ އަޑުތަކެއް ނޫން ނަމަވެސް، ބޮޑުމަސް އެކަތި އަނެކެއްޗާ މުޢާމަލާތުކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. ޚާއްސަކޮށް، މިމަސް ވިހާ ދުވަސްވަރު ފިރިހެން މަހާއި އަންހެން މަހާޢި ދެމެދު، އަދި މިމަހުގެ ބޮޑު ގްރޫޕުތަކުގެ ތެރޭގައި ހިޖުރަކުރުމުގައިވެސް މި ގޮވުންތައް ބޭނުންކުރެވެއެވެ. ދިރާސާކުރާ ފަރާތްތަކަށް، މި ތަފާތު އަޑުތަކަކީ މަހުގެ އުޅުމާއި ގުޅޭ ގިނަ މައުލޫމާތުތައް ދޭ ދޮރެކެވެ. އިންސާނުންނަށް އަދި މި އަޑުތައް މުޅިން ތަރުޖަމާކުރަން ނޭނގުނު ނަމަވެސް، އަޑުތަކުގެ ފްރިކުއެންސީއާއި ބާރުމިނުން ގިނަ ކަންކަން ދޭހަވެއެވެ.

ނަމަވެސް، ހައިރާންކުރުވަނިވި ގޮތަކަށް، ދުނިޔޭގެ އެންމެ ބޮޑު މަސް ކަމަށްވާ ބްލޫ ވޭލް، ވަކި ވަގުތުތަކެއްގައި ގޮވުން ހުއްޓާލާފައިވާކަން މިއަހަރުގެ ފެބްރުއަރީ މަހު ޝާއިއުކުރެވުނު ދިރާސާއަކުން ހާމަވެފައިވެއެވެ. އެމެރިކާގެ ކެލިފޯނިއާގައި ހުންނަ މޮންޓަރޭ ބޭ އެކުއޭރިއަމް ރިސަރޗް އިންސްޓިޓިއުޓްގެ ސައިންސްވެރިން ކުރި މި ދިރާސާގައި ތިން ބާވަތުގެ ވޭލް ދިރާސާކުރިއިރު، ޚާއްސަކޮށް ބްލޫ ވޭލު މި ބަދަލަށް އިތުރަށް ބަލިކަށިވެފައިވާކަން ފާހަގަކުރެވުނެވެ.

2016 އާއި 2025 އާ ދެމެދު މަދުވެގެން ދެ ދިރާސާއަކުންވެސް މިފަދަ އުޅުމެއް ފެނިފައިވެއެވެ. ބްލޫ ވޭލް އެސޮރުމެންގެ ގޮވުންތައް ވަކި ވަގުތުތަކެއްގައި މަދުކޮށްފައިވެއެވެ. ފުރަތަމަ ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ 2016 ވަނަ އަހަރުން 2018 ވަނަ އަހަރާ ދެމެދު، ނިއުޒީލެންޑްގެ ރަށްތަކާ ދެމެދުގެ ކަނޑު ސަރަހައްދުގައެވެ. އެމެރިކާގެ އޮރެގޮން ސްޓޭޓް ޔުނިވަރސިޓީގެ މެރިން މެމަލް އިންސްޓިޓިއުޓްގެ ސައިންސްވެރިންގެ ބެލުމުގެ ދަށުން ކުރެވުނު މި ދިރާސާގައި، ވޭލް ކާނާ ހޯދުމަށް ގޮވާ "ޑީ-ކޯލް" އަދި ވިހެއުމާ ގުޅުންހުރި "ޕެޓަރންޑް ސޯންގްސް" ފަދަ ޚާއްސަ ގޮވުންތައް ބެލެހެއްޓިއެވެ.

ދިރާސާކުރާ ފަރާތްތަކުން ވަނީ "ހައިޑްރޯފޯން" ކިޔާ ފެނުއަޑީގެ އާލާތްތައް ބޭނުންކޮށް، އެތައް ހާސް ކިލޯމީޓަރަށް އަޑު ރެކޯޑުކޮށްފައެވެ. މި އާލާތްތައް ބަހައްޓާފައިވަނީ ނިއުޒީލެންޑްގެ ހުޅަނގު އައްސޭރިފަށުގެ ބްލޫ ވޭލް ކާނާ ހޯދަން އެއްވާ ތަނެއް ކަމަށްވާ ސައުތު ޓަރަނާކީ ބައިޓްގައެވެ. އެމީހުންނަށް ފެނުނު ގޮތުގައި، ހޫނު މޫސުމުގައި ކާނާއާ ގުޅުންހުރި އަޑުތަކުގެ ފްރިކުއެންސީއާއި ބާރުމިން ދަށްވެފައިވެއެވެ. މިއީ ކާނާގެ މަސްދަރުތައް މަދުވެފައިވާކަމުގެ ސިގްނަލެކެވެ. ކާނާ މަދުވުމާ ގުޅިގެން "ޕެޓަރންޑް ސޯންގްސް" އިވެން ލަސްވުމަކީ ވޭލު އާލާވުމުގެ ހަރަކާތްތައް މަދުވެފައިވާކަމުގެ ނިޝާނެކެވެ.

ސައިންސްވެރިން ބުނާ ގޮތުގައި، ބްލޫ ވޭލްގެ މި މަޑުމައިތިރިކަމަކީ ކަނޑުއަޑީގެ ދިރުމުގެ ހާލަތަށް މުޅިން އަސާސީ ބަދަލުތަކެއް އަންނަމުންދާކަމުގެ ނިޝާނެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން