ދުނިޔެ
ޗައިނާއިން ނިއުކްލިއަރ ހަމަލާތަކަށް ދިފާޢުވާ، ފްލޯޓިންގް ރަށެއް ބިނާކުރަނީ
ޗައިނާއިން ނިއުކްލިއަރ ހަމަލާތަކަށް ދިފާޢުވާ ގޮތަށް ތައްޔާރުކުރާ ފްލޯޓިންގް ރަށުގެ ނަމޫނާއެއް
ޗައިނާއިން މިހާރު ދަނީ 78،000 ޓަނުގެ ބޮޑު ފްލޯޓިންގް ރަށެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ރަށަކީ ނިއުކްލިއަރ ހަމަލާތަކުގެ އަސަރުތަކުން ސަލާމަތްވެވޭނެ ގޮތަށް ފަރުމާކޮށްފައިވާ އޮނިގަނޑެކެވެ. މިއީ ޗައިނާގެ ދިހަ އަހަރުގެ ދިރާސާއާއި ރޭވުމަށްފަހު ތަރައްޤީކުރާ ފުރަތަމަ ފްލޯޓިންގް މޮބައިލް ރަށެވެ.
މި ފްލޯޓިންގ ރަށް 2028 ވަނަ އަހަރުގެ ނިޔަލަށް ޢަމަލީ ދާއިރާއަށް ނެރެވޭނެ ކަމަށް ލަފާކުރެވެއެވެ. މި ރަށުގައި އެއްފަހަރާ 238 މީހުންނަށް ދިރިއުޅެވޭނެ ގޮތަށް ފަރުމާކޮށްފައިވާއިރު، އެއްވެސް އިތުރު ރިސަޕްލައިއެއް ނުވަތަ އެހީއެއް ފޯރުކޮށްދިނުމަކާ ނުލައި ހަތަރު މަސް ދުވަހުގެ މުއްދަތަށް އެ މީހުންނަށް އެތާނގައި ދިރިއުޅެވޭނެއެވެ.
ޗައިނާގެ އަސްކަރީ މަތިންދާބޯޓު އުފުލާ އުޅަނދެއްގެ ސައިޒަށް ދާދި އެއްވަރުވާ މި ރަށަކީ، 6-9 މީޓަރުގެ ރާޅުތަކާއި ކެޓަގަރީ 17 ގެ ބާރުގަދަ ތޫފާންތަކަށް ދިފާޢުވެވޭނެ ގޮތަށް ފަރުމާކޮށްފައިވާ އޮނިގަނޑެކެވެ. މޫސުމީ އެންމެ ބާރުގަދަ ތޫފާންތަކުގެ ތެރޭގައި ހިމެނޭ މިފަދަ ތޫފާންތައް ތަޙައްމަލުކުރުމުގެ ގާބިލުކަން މި ރަށަށް ލިބިގެންވެއެވެ. މި ރަށުގެ ދިގުމިނުގައި 138 މީޓަރު ހުންނައިރު ފުޅާމިނުގައި 85 މީޓަރު ހުންނާނެއެވެ. އަދި މައި ޑެކް ހުންނާނީ ކަނޑުގެ ސަތަހައަށްވުރެ 45 މީޓަރު މަތީގައެވެ. މި ރަށަކީ އެންމެ ނުރައްކާތެރި ނިއުކްލިއަރ ހަމަލާތަކުންވެސް ދިފާޢުވުމުގެ ގާބިލުކަން ލިބިފައިވާ ތަނެކެވެ.
މި މަޝްރޫޢުގެ ވެރިޔާ، ލިން ޒޮންގްޗެން ވިދާޅުވީ، 2028 ވަނަ އަހަރާ ހަމައަށް މި ރަށް މުޅިން ޢަމަލީ ދާއިރާއަށް ނެރުމުގެ އަމާޒާއެކު، ޑިޒައިނާއި ބިނާކުރުމުގެ މަސައްކަތް ނިންމުމަށް ވަރަށް ބާރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ސައިންސްވެރިން ވަނީ ބާރުގަދަ ޝޮކްތައް މަޑު ޕްރެޝަރަށް ބަދަލުކުރުމުގެ ގާބިލުކަން ލިބިފައިވާ "މެޓަމެޓީރިއަލް ސޭންޑްވިޗް ޕެނަލްސް" މި ރަށުގެ އޮނިގަނޑުގެ ތެރެއަށް ހިމަނާފައެވެ. މި އީޖާދީ ފަރުމާއަކީ މިފަދަ ނުރައްކާތެރި ހަމަލާތަކުން ދިފާޢުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.