ކުޅިވަރު / ދުނިޔެ
ރެއަލް މެޑްރިޑުން ޑިއޯގޯ ޖޯޓާ އާއި އަންދްރޭ ސިލްވާގެ ހަނދާނުގައި ދެއްކި ވީޑިއޯއެއްގައި އޮޅިގެން އެހެންމީހެއްގެ ފޮޓޯ ބޭނުންކޮށްފި!
ރެއަލް މެޑްރިޑުން ޑިއޯގޯ ޔޯޓާ އާއި އަންދްރޭ ސިލްވާގެ ހަނދާނުގައި ދެއްކި ވީޑިއޯ
ފުޓުބޯޅަ ކުލަބު ރެއަލް މެޑްރިޑުން، ލިވަޕޫލްގެ ކުރީގެ ފޯވާޑް ޑިއޯގޯ ޖޯޓާ އާއި އޭނާގެ ބޭބެ އަންދްރޭ ސިލްވާގެ ހަނދާނަށް ތައްޔާރުކުރި ވީޑިއޯއެއްގައި، ގޯސް ކުޅުންތެރިއެއްގެ ފޮޓޯ ބޭނުންކުރުމާ ގުޅިގެން މާފަށް އެދިއްޖެއެވެ. މި ވީޑިއޯ ދައްކާފައިވަނީ ކުލަބުގެ ޢާންމު މަޖިލީހެއްގައެވެ.
މިގޮތުން، މަރުވި އަންދްރޭ ސިލްވާގެ ބަދަލުގައި، އެލްޗޭ ކުޅުންތެރިއެއް ކަމަށްވާ އަންދްރޭ ދަ ސިލްވާގެ ފޮޓޯ ބޭނުންކޮށްފައިވުމުން ގިނަ ބަޔެއްގެ ސަމާލުކަން ލިބި، ކުލަބުގެ ފަރާތުން ވަގުތުން ރައްދު ދީފައިވެއެވެ.
ޑިއޯގޯ ޖޯޓާއަކީ ލިވަޕޫލް އަދި ޕޯޗުގަލް ގައުމީ ޓީމަށް ކުޅުނު 28 އަހަރުގެ ފޯވާޑެކެވެ. އޭނާ ވަނީ މިދިޔަ ޖުލައި މަހު ކާރު އެކްސިޑެންޓެއްގައި ނިޔާވެފައެވެ. އޭނާއާއެކު، ޕޯޗުގަލްގެ ދެވަނަ ޑިވިޝަން ކުލަބެއް ކަމަށްވާ ޕެނާފިއެލްއަށް ކުޅެމުންދިޔަ އޭނާގެ 25 އަހަރުގެ ބޭބެ، އަންދްރޭ ސިލްވާ ވެސް ނިޔާވެފައިވެއެވެ.
ރެއަލް މެޑްރިޑުން ވަނީ މި ގޯހަށް ވަގުތުން އެއްބަސްވެ، އެކްސް މެދުވެރިކޮށް މާފަށް އެދިފައެވެ. އެ ބަޔާނުގައި ކުލަބުން ބުނެފައިވަނީ، " ޑިއޯގޯ ޖޯޓާގެ ބޭބެ އަންދްރޭ ސިލްވާގެ ބަދަލުގައި އޭނާގެ ފޮޓޯ، ހަނދާނުގެ ވީޑިއޯގައި ގޯސްކޮށް ހިމަނާފައިވާތީ، ރެއަލް މެޑްރިޑް ސީ.އެފް. އިން އެލްޗޭ ސީ.އެފް. އާއި އެ ކުލަބުގެ ކުޅުންތެރިޔާ އަންދްރޭ ދަ ސިލްވާގެ ކިބައިން މާފަށް އެދެމެވެ." ކުލަބުން ވަނީ މި ހާދިސާއާ މެދު ހިތާމަފާޅުކޮށް، މިއީ ވަރަށް ހައްސާސް މައްސަލައެއްކަން ފާހަގަކޮށްފައެވެ.
އެލްޗޭއަށް ކުޅޭ 30 އަހަރުގެ އަންދްރޭ ދަ ސިލްވާއަކީ، ޕޯޗުގަލް ގައުމީ ޓީމަށް 53 ފަހަރު ކުޅެފައިވާ، ކާމިޔާބު ކުޅުންތެރިއެކެވެ. އޭނާ ވަނީ ޕޯޓޯގައި ޑިއޯގޯ ޖޯޓާގެ ޓީމްމޭޓެއްގެ ގޮތުގައި ވެސް ކުޅެފައެވެ. މީގެ އިތުރުން އޭސީ މިލާން، އިންޓްރެޗް ފްރެންކްފަރޓް، އަދި އާރްބީ ލައިޕްޒިގް ފަދަ ކުލަބުތަކަށް ވެސް ކުޅެފައެވެ.
މި ހާދިސާގެ ކުރިން، ރެއަލް މެޑްރިޑްގެ ބައެއް ކުޅުންތެރިން ކަމަށްވާ ޓްރެންޓް އެލެގްޒެންޑަރ-އާނޯލްޑް، ޑީން ހުއިސެން، އަދި ކޯޗު ޒަބީ އަލޮންސޯ ވަނީ ނޮވެމްބަރު މަހުގެ ކުރީކޮޅު ލިވަޕޫލްއާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގުގެ މެޗަކަށް ކުރިން އެންފީލްޑްގައި ޑިއޯގޯ ޖޯޓާ އާއި އަންދްރޭ ސިލްވާގެ ހަނދާނުގައި ކޮންފަރެންސެއް ބާއްވާފައެވެ.