ދުނިޔެ

ޣައްޒާގެ ކުރިމަގު ކަނޑައަޅާނެ އެމެރިކާގެ ޤަރާރަށް އދ. ސަލާމަތީ މަޖިލީހުން ރުހުންދީފި، ޙަމާސުން ހަތިޔާރު ބަހައްޓަން ދެކޮޅު!

ޣައްޒާގެ ކުރިމަގު ކަނޑައަޅާނެ އެމެރިކާގެ ޤަރާރަށް އދ. ސަލާމަތީ މަޖިލީހުން ރުހުންދީފި، ޙަމާސުން ހަތިޔާރު ބަހައްޓަން ދެކޮޅު!

އދ. ސަލާމަތީ މަޖިލީހުގެ ބައްދަލުވުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ނޮވެމްބަރު 2025، 03:52

18 ނޮވެމްބަރު 2025، 03:52

ފަލަސްޠީނުގެ ޣައްޒާގެ ކުރިމަގު ބައްޓަންކުރާނެ ގޮތް ބަޔާންކޮށް އެމެރިކާއިން ހުށަހެޅި ޤަރާރަކަށް، އދ.ގެ ސަލާމަތީ މަޖިލީހުން ރުހުން ދީފިއެވެ. މި ޤަރާރަކީ ޣައްޒާގައި ޔަހޫދީން ހިންގަމުން ދިޔަ ނަސްލުނައްތާލުމުގެ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ  ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގަވައިގެން އެކުލަވައިލެއްވި 20 މާއްދާގެ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ ޤަރާރެކެވެ.

ސަލާމަތީ މަޖިލީހުގައި މި ޤަރާރަށް ވޯޓު ނަގާފައިވަނީ ނޮވެންބަރު 18 ވަނަ ދުވަހު ރާއްޖެ ގަޑިން ފަތިހުގައެވެ. ޔަހޫދީންގެ ޤަތުލުޢާންމު ނިމުމަކަށް ގެނެވިފައިވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އޮކްޓޫބަރު 10 ވަނަ ދުވަހު ޢަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. ދެ އަހަރު ދުވަހުގެ މި ޤަތުލުޢާންމުގައި ޣައްޒާއިން 68,000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނެވެ. މީގެ އިތުރުން، 158,000އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.

ޓްރަމްޕްގެ ޤަރާރުގެ މައިގަނޑު މަޤްޞަދަކީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ދާއިމީ ގޮތެއްގައި ނިމުމެއް ގެނައުމާއި، ޣައްޒާގެ މުޖާހިދުން މިނިވަންކަމަށް ކުރަމުންދާ ޖިހާދު ހުއްޓުވުމެވެ. ޤަރާރުގައިވާ ގޮތުން ޣައްޒާގައި ސުލްޙައާއި ހަމަޖެހުން ޤާއިމުކުރުމުގެ ޒިންމާތައް މަތިކޮށް، އެ ސަރަޙައްދަށް ބައިނަލްއަޤްވާމީ ލަޝްކަރެއް ފޮނުވުމަށް ހުށަހަޅާފައިވެއެވެ. އަދި، ދެ ފަރާތުގެ ދެމެދުގައި ދެމެހެއްޓިނިވި ގޮތެއްގައި ސުލްޙަ ޤާއިމުކޮށް، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކޮށްދިނުމަށް މަގުކޮށައިދިނުމަށް ވެސް މި ޤަރާރުގައި ހިމަނާފައިވެއެވެ.

ޤަރާރުގައި ހުށަހަޅާފައިވާ ގޮތުން، ސުންނާފަތިކޮށްލާފައިވާ ޣައްޒާ އަލުން އާރާސްތުކުރުމާއި، ޣައްޒާގެ އިޤްތިޞާދު އަލުން ކޮޅަށްޖެހުމުގެ އެންމެހައި ކަންކަން ވިލަރެސްކުރުމަށް "ސުލްޙައިގެ ބޯޑު"ގެ ނަމުގައި ކޮމިޓީއެއް އެކުލަވައިލާނެއެވެ. މި ބޯޑުގެ ރިޔާސަތު ބަލަހައްޓަވާނީ ޚުދު ޓްރަމްޕެވެ. ޤަރާރުގައިވާ ގޮތުން ޣައްޒާއަށް ފޮނުވާ ބައިނަލްއަޤްވާމީ ލަޝްކަރުގެ މައިގަނޑު ޒިންމާއަކީ ސުލްޙައާއި އަމަން ޤާއިމުކޮށް، ޣައްޒާގެ މުޖާހިދުންގެ ޖަމާޢަތްތަކުގެ ހަތިޔާރު އަތުލައި، އެ ތަކެތި ނައްތައިލުމުގެ އިތުރުން އަސްކަރީ މަރުކަޒުތައް ނައްތައިލުމެވެ.

ޓްރަމްޕްގެ ޤަރާރު ފާސްވުމާ އެކު، ޙަމާސުން ވަނީ ހަތިޔާރު ބަހައްޓަން އިންކާރުކޮށްފައެވެ. އަދި، ޔަހޫދީންނާ ދެކޮޅަށް ހަތިޔާރު އުފުލުމަކީ މިނިވަންކަމަށް ކުރާ މަތިވެރި ޖިހާދެއް ކަމުގައި އެ ޖަމާޢަތުން ބުންޏެވެ. "ޤަރާރުގެ ދަށުން ޣައްޒާގެ ރައްޔިތުންގެ މައްޗަށް އަމުރުމަޢުރޫފު ހިންގާނީ ބޭރުގެ ބާރަކުން. މި ޖަމާޢަތުން، އަދި މި ޖަމާޢަތާ ގުޅިފައިވާ ފެކްޝަންތަކުން އެ ކަމާ ދެކޮޅު،" ޙަމާސުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މިކަމާ ގުޅިގެން މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި، ބައިނަލްއަޤްވާމީ ލަޝްކަރަކާއި ޙަމާސާ ދެމެދު ނުތަނަވަސްކަމެއް އުފެދުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.

އދ. ސަލާމަތީ މަޖިލީހުގައި ޓްރަމްޕްގެ ޤަރާރަށް ނެގި ވޯޓުގައި ބައިވެރިވެފައި ނުވާ ހަމައެކަނި ދެ ޤައުމަކީ ރަޝިޔާއާއި ޗައިނާއެވެ. ރަޝިޔާއިން މީގެ ކުރިން މިކަމާ ގުޅޭ އެހެން ޤަރާރެއް ހުށަހަޅާފައިވީ ނަމަވެސް، ޓްރަމްޕްގެ ޤަރާރު ފާސްކުރުމުގެ ފުރުޞަތު ރަޝިޔާއިން ދީފައިވަނީ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ން މި ޤަރާރަށް ރުހުން ދިނުމުން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެމެރިކާއިން ބުނެފައިވަނީ ޓްރަމްޕްގެ ޤަރާރާއި، 20 މާއްދާގެ ސުލްޙައިގެ ރޭވުމުގެ ދަށުން ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް މަގުކޮށައިދެވޭނެ ކަމަށެވެ. ނަމަވެސް، ޔަހޫދީންގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވަނީ މިކަމާ ދެކޮޅު ހައްދަވައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމުގެ އެއްވެސް ފުރުޞަތެއް ނުދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި، ޣައްޒާގެ މިނިވަންކަމަށް ޖިހާދުކުރާ ޖަމާޢަތްތައް ބާރުގެ ބޭނުންކޮށްގެން ނައްތައިލާނެ ކަން ވެސް އޭނާ ތަކުރާރުކުރިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން