ޚަބަރު
އައްސޭރި ޖަލުގައި އޮންލައިން ޝަރީއަތްތަކަށް ދެ ކޯޓް ރޫމް ހުޅުވައިފި
އައްސޭރި ޖަލުގައި ގާއިމުކުރި ކޯޓު ރޫމް
އައްސޭރި ޖަލުގައި ތިބޭ ޤައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީޢަތްތަކުގައި ބައިވެރިވެވޭ ފުރުޞަތު އިތުރުކުރުމުގެ ގޮތުން، އެ ޖަލުގައި އަލަށް ތަރައްޤީކުރި ދެ ކޯޓް ރޫމް ރަސްމީކޮށް ހުޅުވައިފިއެވެ. މި ދެ ކޯޓް ރޫމް ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ.
މި ކޯޓް ރޫމްތައް ހުޅުވުމަށް އައްސޭރި ޖަލުގައި ބޭއްވުނު ރަސްމިއްޔާތުގައި، ކޮމިޝަނަރ ޙަސަން ޒަރީރާ އެކު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އައްސޭރި ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިސްމާޢީލް ނަސީރު، އެމްސީއެސްގެ ކޮމިޝަންޑް އޮފިސަރުންނާއި ދަޢުވަތު އެރުވި މެޙެމާނުން ބައިވެރިވެލެއްވިއެވެ.
މޯލްޑިވަސް ކަރެކްޝަނަލް ސާރވިސް (އެމްސީއެސް) އިން ވިދާޅުވާ ގޮތުގައި، މި ދެ ކޯޓް ރޫމް ހުޅުވުމުގެ ސަބަބުން، މާލެ އަދި އެހެން ރަށްރަށުގެ ކޯޓްތަކަށް ހާޟިރުކުރަން ޖެހޭ ޤައިދީންނާއި ބަންދުމީހުންނަށް ދަތުރުފަތުރު ނުކޮށް އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭ ފުރުޞަތުތައް އިތުރު ވެގެންދާނެއެވެ. މީގެ ކުރިން އައްސޭރި ޖަލުގައި ތިބޭ ޤައިދީން ޝަރީއަތްތަކަށް ގެންދަން ޖެހެނީ މާލެ ނުވަތަ އެހެން ރަށަކަށެވެ. މިކަމުގެ ސަބަބުން، ޖަލުގައި ބަލިމީހުން ތިބޭއިރު ޝަރީއަތަށް އެއްތަނުން އަނެއްތަނަށް ގެންދިޔުމަކީ ދަތިތަކެއް ހުރި ކަމެކެވެ. މީގެ އިތުރުން، ޤައިދީންނާއި ބަންދުމީހުންނަށް އާއިލީ ބައްދަލުވުންތަކާއި ވަކީލުންނާ ބައްދަލުކުރުމުގައިވެސް ގިނަ ދަތިތަކާ ކުރިމަތިލާންޖެހެއެވެ. އެމްސީއެސް އިން ވިދާޅުވާ ގޮތުގައި، އަލަށް ހުޅުވުނު ކޯޓް ރޫމްތަކާއެކު، އާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން ފޯރުކޮށްދެވޭ އަދަދު ވެސް މިހާރަށްވުރެ އިތުރު ވެގެންދާނެއެވެ.
ދެ ކޯޓް ރޫމް ހުޅުވުމުގެ އިތުރުން، ކޮމިޝަނަރ ޙަސަން ޒަރީރު ވަނީ އެ ޖަލުގައި މަސައްކަތްކުރާ އޮފިސަރުންނަށް ޚާއްސަކޮށް ތިން ބެރެކްސް ހުޅުވާދެއްވައިފައެވެ. އެމްސީއެސް އިން ވިދާޅުވާ ގޮތުގައި، މި ބެރެކްސް އިމާރާތްކޮށް ހުޅުވުމުގެ ބޭނުމަކީ އައްސޭރި ޖަލުގައި މަސައްކަތް ކުރާ އޮފިސަރުންގެ އެކޮމަޑޭޝަނަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރުމެވެ. މި ބެރެކްސް އިމާރާތްކުރުމުގައި ހަރަކާތްތެރިވި އޮފިސަރުންނާއި މުވައްޒަފުން އަދި ޤައިދީން ކުރެއްވި ބުރަ މަސައްކަތް ފާހަގަ ކުރައްވައި، ކޮމިޝަނަރ ޙަސަން ޒަރީރު އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
އައްސޭރި ޖަލުގައި ތިބޭ ޤައިދީންނާއި ބަންދުގައި ތިބި ފަރާތްތަކަށް ދޭންޖެހޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ތަފާތު އެކި ފެސިލިޓީތައްވެސް ދަނީ ހުޅުވަމުންނެވެ. އެގޮތުން މި އަހަރުގެ ޖުލައި މަސް ތެރޭގައި އައްސޭރި ޖަލުގައި އަލަށް ޤާއިމްކުރި ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހުޅުވައި ޚިދުމަތްދޭންވެސް ވަނީ ފަށާފައެވެ. ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ އަކީ ކުށްކުރާ ކުޑަކުދިންގެ ތެރެއިން ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުޑަކުދިން ބެހެއްޓުމަށް ޤާނޫނުން ލާޒިމްކުރާ ފެސިލިޓީއެކެވެ.