ރިޕޯޓް

ސަރުކާރަށް 104 ހަފްތާ: ޒުވާނުން ބާރުވެރިކުރުވަމުން، އެތުލީޓުންގެ ނާޑުވާ ބާރުކުރަންވީ ޙާލަތު ގެނަސްދީފި

ސަރުކާރަށް 104 ހަފްތާ: ޒުވާނުން ބާރުވެރިކުރުވަމުން، އެތުލީޓުންގެ ނާޑުވާ ބާރުކުރަންވީ ޙާލަތު ގެނަސްދީފި

ސަރުކާރަށް ހަފްތާ ފުރޭއިރު ސަރުކާރުން ވަނީ ޒުވާނުން ބާރުވެރުކުރުވައި ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

18 ނޮވެމްބަރު 2025، 07:55

18 ނޮވެމްބަރު 2025، 07:55

އިންސާނުންނާއި މަޚްލޫގުންގެ އިތުރުން، މި ކައުނުގައި އުފެއްދެވި ކޮންމެ އެއްޗެއް، އޭގެ އަމިއްލަ ޒާތުގައި އެއްތަނުން އަނެއްތަނަށް ދިއުމުގެ ނުވަތަ ދަތުރުކުރުމުގެ އެންމެ މުހިންމު އެއް އަސާސަކީ ހަކަތައެވެ. ސައިންޓިފިކް ހޯދުންތަކުން އެނގިފައިވާ ގޮތުގައި، ހަކަތަ ފޯރުކޮށްދެވިއްޖެނަމަ، ދިރޭ އެއްޗެއް ނޫނަސް، އެއްޗެއް އޭގެ އަމިއްލަ ޒާތުގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރާނެއެވެ. 

ހަމަ އެގޮތަށް ޤައުމެއް އެއް ހާލަތުން އަނެއް ހާލަތަށް، ނުވަތަ ބަވަނަވަމުންދާ ދުނިޔެއާ އެއް ދުވެއްޔެއްގައި ކުރިއަރައި ދިއުމަށް ވެސް ހަކަތަ ބޭނުންވެއެވެ. މި ހަކަތަ ނުލިބިއްޖެނަމަ، އެއީ ޤައުމެއްގެ މިނިވަންކަމާއި އިސްތިޤުލާލާއި ގުޅިފައިވާ އިޤްތިޞާދަށް ލޮޅުން އަރާނެކަމެއްކަން، ދުރުނޫން މާޒީއެއްގައި އަވަށްޓެރި ސްރީލަންކާ އާއި ނޭޕާލްގައި ހިނގާދިޔަ ހާދިސާތަކުން، އެ ޤައުމުތަކަށް ލިބުނު ނިކަމެތިކަން އަހަރެމެން ދުށީމުއެވެ. 

ޝައްކެއް ނެތެވެ. ޤައުމެއްގެ ހަކަތައަކީ އެ ޤައުމެއްގެ ޒުވާނުންނެވެ. ޤައުމެއްގެ ކުރިމަގު އުޖާލާވުމާއި ބަނަވުމުގައި ޒުވާނުންގެ ދައުރު އިންތިހާއަށް ބޮޑެވެ. ޤައުމެއްގެ މުސްތަޤުބަލަށް ކުރެވޭ އުއްމީދުތަކުގެ މޭސްތިރިންނަކީ ވެސް ޒުވާނުންނޭ ބުނެވިދާނެއެވެ. އަދި ޒުވާނުންނަކީ ޤައުމެއްގެ އެންމެ އަގު ބޮޑު ރައުސުލްމާލު ވެސް މެއެވެ. އެހެންކަމުން ޤައުމެއް ތަރައްޤީވެ، ކުރިއަރައި ދިއުން ބިނާވެފައި ވަނީ، ޤައުމުގެ ޒުވާނުންގެ ހުނަރާއި، ސުލޫކާއި، އެ މީހުންގެ ހަރުދަނާ އަޤީދާގެ މައްޗަށެވެ.

އަދުގެ ސަރުކާރުން ޤައުމުގެ ތަރައްޤީއަށް އެ ކުރަމުންދާ މަސައްކަތްތަކުގެ ހަޤީޤީ މަޤުޞަދަކީ، ޤައުމުގެ ކުރިމަގު އުޖާލާ ކުރުމެވެ. އަންނަން އޮތް ޖީލު ބަލައިގަންނާނެ ފަދަ ތަހުޒީބީ ޤައުމަކަށް ދިވެހިރާއްޖެ ބަދަލުކޮށް، ބައްޓަން ކުރުމެވެ. އެކަން ކުރެވޭނީ ޒުވާނުންގެ ޚިޔާލު ޤައުމު ހިންގުމުގަ އާއި ގޮތް ނިންމުމުގައި ވެސް ޝާމިލްކޮށްގެންނެވެ. 

ޤައުމެއް ތަރައްޤީކޮށް ކުރިއެރުވުމުގައި ޒުވާނުންގެ ދައުރު ކުރިޔަށް ވުރެ މިހާރު ބޮޑުވެފައިވާކަމަށް ވެސް ބުނެވިދާނެއެވެ. އެކަމުގެ މައިގަނޑު ސަބަބަކީ، ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއަރަމުންދާ ދުވެލި ބާރުވުމެވެ. ޑިޖިޓަލް އިޤްތިޞާދަށް ބަރޯސާވާ މިންވަރު އިތުރުވެގެން ދިއުމެވެ.

ހެކަތޯން 2024ގައި ވާދަކުރި ޓީމެއް---

ޒުވާނުންނަށް ޚާއްޞަކޮށްގެން ކުރިޔަށްގެންދާ ސިލްސިލާ ޕޮޑްކާސްޓް "ސްޕޮޓް އޮން"ގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ، ޒުވާނުންނަށްޓަކައި ކުރިމަގަށް ކުރެއްވޭ އެންމެ ބޮޑު އުންމީދަކީ، ޑިޖިޓަލް އިޤްތިޞާދެއްގެ ގޮތުގައި ރާއްޖެ ކުރިއަރާ ދާއިރު، އެކަމުގައި ޒުވާނުންގެ ފަންނުވެރިކަމުގެ ފުރިހަމަ ޙިއްޞާ އޮތުން ކަމަށެވެ. އަދި މިހާރުވެސް ޒުވާނުން އެ ދާއިރާގައި އަދާކުރާ ދައުރު ބޮޑު ކަމަށާއި، ނަމަވެސް ހުރިހާ ގޮތަކުންވެސް މިކަމުގެ އެންމެ ކުރީގައި ޒުވާނުން ތިބުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ކަމުގައި ވިދާޅުވިއެވެ. 

އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތައް ތަންފީޒުކޮށް ޒުވާނުން ބާރުވެރިކުރުވުމަށް އެކި ދާއިރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުން ވެސް، ޤައުމުގެ ކަންކަން ބައްޓަންކޮށް ތަރައްޤީ ގެނައުމުގައި ޒުވާނުންނަށް އަހައްމިއްޔަތުކަންދޭ މިންވަރު ދަނީ ހާމަވަމުންނެވެ. އެގޮތުން މުހިންމު ކަންކަމުގެ ތަފްސީލަށް ޖެހިލާނަމެވެ.

 

ޖެނެރޭޝަނަލް ބޭން

ދިވެހީންގެ ސިއްޙަތާއި ދުޅަހެޔޮކަމާއި ގުޅިފައިވާ ދުންފަތުގެ މައްސަލައަށް ޙައްލު ހޯއްދެވުމަށް މީގެ ކުރިން އެކި ވެރީންގެ ޒަޢާމަތްތަކުގައި ވަނީ މަސައްކަތްތަކެއް ކުރައްވާފައެވެ. ނަމަވެސް ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ވެރީންނަށްވެސް އެކަން ކުރަން ކެރިވެވަޑައިނުގަންނަވަނީ ސިޔާސީގޮތުން އޮންނަ ތާއީދު ކުޑަވެދާނެކަމުގެ ބިރަށްކަމަށް ޤަބޫލުކުރެވެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ދިވެހި ޒަޢާމަތާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، އެ މަނިކުފާނު ވިދާޅުވަމުން ގެންދެވީ، ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމުގެ އިޙްލާސްތެރި ނިޔަތެއް އޮތްކަމުގައެވެ. އެގޮތުން ދުންފަތާއި ގުޅޭ ކަންކަމުގައި އާދައިގެ ފިޔަވަޅުތައް އެޅުއްވުމުގެ ބަދަލުގައި އެ މަނިކުފާނު އެޅުއްވީ ބޮޑެތި ފިޔަވަޅުތަކެކެވެ. 

އޭގެ ތެރެއިން އެއް ފިޔަވަޅަކީ،  މުސްތަޤްބަލުގައި ޤައުމުގެ ކަންކަމާއި ހަވާލުވާން ތިބި އަދުގެ ޒުވާން ޖީލު ދުންފަތުގެ ނުރައްކަލުން ސަލާމަތްކުރުމަށް ޖެނެރޭޝަނަލް ބޭންއެއް ތަންފީޒުކުރުމަށް ނިންމަވައި، ޤާނޫނީ ގޮތުން އެކަމަށް ބޭނުންވާ އިޖުރާޢަތްތައް ފުރިހަމަކުރެއްވުމެވެ.

މި ފިޔަވަޅާ ގުޅިގެން 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ ކުދިންނާއި، އުފަންވާ ކުދިން ދުންފަތުގެ އިސްތިޢުމާލުކުރުމާއި، އެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުންވެސް މަނާވާނެއެވެ. 

މީގެއިތުރުން، ދުންފަތާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ތަކެތި ރާއްޖެ އެތެރެކުރުން މަނާކުރުމާއި، ދުންފަތުގެ އެއްވެސް ބާވަތެއް އިޝްތިހާރުކުރުން، ސްޕޮންސަރކުރުން، ޕްރޮމޯޓްކުރުން ފަދަ އެއްވެސް ކަމެއް ކުރުމަކީ މިހާރު މުޅީން މަނާކަމެކެވެ.

މި ފިޔަވަޅުގެ ނަތީޖާއަކަށްވާނީ، މި ޖީލު ހެދި ބޮޑުވެ ހަރު މީހުންނަށް ވާއިރު، މުޅި މުޖުތަމަޢަކީ ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ އަދި ދުންފަތާ ދުރު މުޖުތަމަޢަކަށްވުމެވެ. 

އެހެންކަމުން މިއަދު ދުންފަތުގެ ބާވަތްތައް ބޭނުންކުރަމުންދާ ފަރާތްތަކުން ވިސްނަންވީ، މުޅި މުޖުތަމަޢުގެ ޢާންމު ޞިއްޙަތު ސަލާމަތްކުރުމަށް ސަރުކާރުން އަޅާ މިފަދަ ފިޔަވަޅުތަކަކީ ރައްކާތެރި ކުރިމަގަކަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ. މިކަމުގެ ފައިދާ އެތައް ގޮތަކުން ޤައުމަށް ކުރާނެކަމެވެ. އެގޮތުން ވަކިވަކި ފަރުދުން ދުންފަތަށް ކުރާ ހޭދަ ސަލާމަތްކުރެވި، މުސްތަޤުބަލް ފާގަތި ކުރުމަށް ކުރާ މަސައްކަތުގައި މިކަމުން އެހީތެރިވެދޭނެކަމެވެ. 

އަދި މިއީ ފެންވަރު ރަނގަޅު އައު އެތުލީޓުންތަކެއް ޤައުމުގައި އުފެދުމުގެ ފުރުސަތުވެސް ބޮޑުވެގެންދާނެ ކަމެއްކަމަށް ޤަބޫލުކުރައްވާކަމަށް، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ވިދާޅުވެފައެވެ.

ކުޅިވަރު ވަޒީރު ވިދާޅުވީ، ދުންފަތާ ދުރު ޖީލެއް އުފެދޭއިރު މި ޖީލު ވާނީ ސިއްޙީގޮތުން ދުޅަހެޔޮ ޖީލަކަށް ކަމަށެވެ. އަދި މިއީ ރާއްޖޭގެ މުސްތަޤުބަލު އުޖާލާކޮށްދޭނެ ހެޔޮފާލަކަށް ވާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، ރާއްޖެ މި އަޅާ މުހިއްމު ފިޔަވަޅުގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށް މިހާރަށްވުރެ ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ޞިއްޙަތު ސަލާމަތުން ހުރިކަމަށްވަންޏާ އެ ކުދިންގެ ސްޓްރެންތުވެސް ރަނގަޅުވާނެ، އަދި ސްޓެމިނާވެސް އިތުރުވާނެ އަދި މީގެ ސަބަބުން އަޅުގަނޑުމެންގެ ކުދިންގެ ޕާރފޯމަންސަށްވެސް ވަރަށް ބޮޑަށް އަސަރުކުރާނެ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް ކުޅިވަރުގަ ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމުގަ ވަރަށް ބޮޑަށް މަގުފަހިވާނެ. 

ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވަނީ ވިދާޅުވިއެވެ.

 

ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް

ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ ސާނަވީ ތަޢުލީމު ނިންމުމަށްފަހު އިތުރަށް ކިޔެވެން ނެތް އަދި ވަޒީފާގެ ފުރުޞަތު ނުލިބިވާ ދިވެހި ޒުވާނުން ދިވެހި ޢަސްކަރިއްޔާ ނުވަތަ ފުލުހުންގެ ޚިދުމަތަށް ރެކްރޫޓްކުރެވޭ ގޮތަށް، 2024 ވަނަ އަހަރުގެ ނަޞްރުގެ ދުވަހު އިޢުލާންކުރައްވައި 2025 އެޕްރީލްގައި ފެއްޓެވި ޕްރޮގްރާމެކެވެ. 

ސަރުކާރުގެ އަމާޒަކީ މި ޕްރޮގްރާމުގެ ތެރެއިން ހަތަރު އަހަރުގެ ތެރޭގައި 5،000 ޒުވާނުން ރެކްރޫޓްކުރުމެވެ. އެއީ އޭގެ ތެރެއިން 4،000 ޒުވާނުން ސިފައިންގެ ތަމްރީނަށް އަދި 1،000 ޒުވާނުން ފުލުހުންގެ ޚިދުމަތަށެވެ. 

ސަރުކާރުން ވަނީ މި އަހަރުގެ ޤައުމީ ބަޖެޓުގައި މި ޕްރޮގްރާމަށް 400 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް މި މަޝްރޫޢު ދެމެހެއްޓުމަށާއި ފުޅާކުރުމަށް އެއްވަރެއްގެ ޚަރަދެއް ކުރުމަށް ވަނީ ރާވާފައެވެ. 

ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗު ފުރުން / ފޮޓޯ: އެމްއެންޑީއެފް

ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުން މަސައްކަތްކުރަނީ، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމުގެ އިތުރުން، މަސްތުވާތަކެތީގެ ވަބާ އާއި އިޖްތިމާޢީ އެކަހެރިވުން ފަދަ މުޖުތަމަޢުގައި ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ހޯދުމަށެވެ. ޒުވާނުންގެ ހަކަތަ މާނަހުރި ޚިދުމަތަކަށް އަމާޒުކުރުވައިގެން، މި ޕްރޮގްރާމުން އުފައްދާނީ އިތުބާރު ހުރި، ޤާބިލު އަދި ޤައުމުގެ މުސްތަޤުބަލާ ގުޅިފައިވާ ޖީލެކެވެ. 

 

ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމެޓީ އުފެއްދުން

ބާރުވެރި ޤާބިލް ބަޔަކަށް ޒުވާނުން ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މަސައްކަތްޕުޅުތަކުގެ ތެރެއިން،  ޒުވާނުންނާ ގުޅޭ ކަންކަމުގައި ސީދާ އެ މަނިކުފާނަށް ލަފާ އެރުވުމަށް ޒުވާނުންގެ ތެރެއިން ހޮވާލެވޭ ޚާއްޞަ ބޯޑެއް ވަނީ 2024ވަނަ އަހަރުގެ އޯގަސްޓު މަހުގެ 12ވަނަ ދުވަހު އެކުލަވާލާފައެވެ. "ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒަރސް"ގެ ނަމުގައި އުފެއްދި މި ބޯޑުގައި 15 މެންބަރުން ހިމެނެއެވެ.  އޭގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 2 މެންބަރުންނާއި، ކުޅިވަރު، މާކެޓިން، އެންޖީއޯތައް، ޕޮލިޓިކަލް، އެކައުންޓިން އެންޑް ފައިނޭންސް، މީޑިއާ އަދި ކޮލެޖްތައް ތަމްސީލްކުރާ ޒުވާނުން ހިމެނެއެވެ.

ޒުވާނުންނަށް އެއްވެސް ކަހަލަ ލިމިޓެއް ވަކި ކަމެއްގައި ބަސް ނުބުނެވޭނެކަހަލަ ކަމެއް ނޯންނަ ގޮތަށް ދަޢުލަތުގެ ހުރިހާ ކަމެއްގައި ދިވެހިރާއްޖޭގެ އިމުގެ ތެރޭގައި ހިނގާ ކޮންމެ ކަމެއްގައިވެސް އަޅުގަނޑުގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ތިބޭފުޅުންނަށް ލަފާދެއްވޭނެ. އަޅުގަނޑު އެދިގެން ކަމެއް ކުރުމަށްވުރެ ބޮޑަށް ތިބޭފުޅުން އަޅުގަނޑު ގާތުގައި ކަންކަން ކުރަން ތިބޭފުޅުންނަށް ފެންނަ އެންމެ ރަނގަޅު ގޮތެއް ވިދާޅުވުމުގެ ފުރުސަތު މިއޮތީ.

ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒަރސް ބޯޑު އިފްތިތާޙު ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީން ޒުވާނުންގެ ސިޔާސަތު އެކުލަވާލުމަށް ބޭނުންވާ ފްރޭމްވަރކް ހެދުމުގެ މަސައްކަތް އިސްލާމީ ޔުނިވަރސިޓީއާ ވެސް ވަނީ މި އަހަރުގެ އޮގަސްޓު މަހު ހަވާލުކޮށްފައެވެ. އެ ފްރޭމްވަރކް އެކުލަވާލާއިރު، ޒުވާނުންނާ ގުޅޭގޮތުން މީގެކުރިން ހަދާފައިވާ ދިރާސާތަކަށް އަލިއަޅުވާލާނެއެވެ. އެ ގޮތުން ކުރީގެ ދިރާސާތަކުގައި ޒުވާނުންނަށް ދިމާވާ މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރުމަށް ދީފައިހުރި އިރުޝާދުތައް އެއް ކަރުދާސް ކުރެވޭނެކަމަށް އެ ކޮމެޓީއިން ހާމަކުރެއެވެ.

މީގެ އިތުރުން ޒުވާނުން ބާރުވެރިކުރުވައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަޤުސަދުގައި ކުރިއަށްގެންދާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން، މިހާތަނަށް 500އަށްވުރެ ގިނަ ޒުވާނުން ތަމްރީނުކުރެވިފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. 

ހަމައެއާއެކު އިޤްތިޞާދަށް ބޭނުންވާ ތަފާތު ދާއިރާތަކުން ޒުވާނުން ތަމްރީންކޮށް ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމަށް، މާލެ ހިމެނޭހެން 16 ރަށެއްގައި "ފިއުޗަރ-ރެޑީ ޔޫތު ޕްރޮގްރާމް" ވެސް ވަނީ ފަށާފައެވެ. މި ޕްރޮގްރާމުގެ ކޯސްތަކަކީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމާކާ ނުލައި، މުޅިން ހިލޭ ބައިވެރިވެވޭ ކޯސްތަކެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދިނުމާއި، ބިދޭސީ މަސައްކަތްތެރިންގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމާއި، ބިދޭސީން ގިނަ ދާއިރާތަކުން ދިވެހި ޒުވާނުން ތަމްރީނުކުރުން ހިމެނެއެވެ. މިއީ މުޅިންވެސް ނެޝަނަލް ސެޓްފިކެޓް ލެވެލް 3ގެ ކޯސްތަކެކެވެ.

 

ކުޅިވަރު ކުރިއަރުވައި ޒުވާނުން ބާރުވެރިކުރުވުން

ކުޅިވަރުގެ ތެރެއިން ޒުވާނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ ފާހަގަ ކުރެވެނީ ކުޅިވަރު ކުޅޭ ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކެވެ.  

ކުޅިވަރާ ބެހޭ ވަޒީރު، އެ މަނިކުފާނުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވިއިރު ކުޅިވަރުގެ ކަންކަން އޮތް ޙާލަތު ސިފަކޮށްދެއްވަމުން ވިދާޅުވެފައި ވަނީ،  ކުޅިވަރާ ބެހޭ ވުޒާރާއިން ބާއްވަންޖެހޭ ވަރަށް ރައްޔިތުންނާ ގުޅުން ބޭއްވިފައިނުވާ ކަމަށެވެ. އަދި ކުޅިވަރާއި ގުޅުންހުރި ބައެއް މަޝަރޫތައް ފައިސާ ނެތިގެން ހުއްޓިފައި ހުރި ކަމަށާއި، ދެންހުރި މަޝްރޫތައް ފައިސާ ލިބިފައިވީ ނަމަވެސް، މަޑުޖެހިފައި އޮތުމަކީ މި ދާއިރާއިން ޒުވާނުން ކުރިއެރުމަށް ކުރިމަތިވެފައި އޮތް ގޮންޖެހުންތަކެއް ކަމުގައެވެ.

މީގެއިތުރުން، ރާއްޖޭގައި ބޭއްވޭ ޤައުމީ އަދި ބައިނަލްއަގުވާ މުބާރާތްތަކުގައި، އެ މުބާރާތެއް ބާއްވާ ތަނުގައި ލާޒިމުކުރާ މިނިމަމް ހެލްތު ރިކުއާމަންޓުގެ އުސޫލުތައް ނެތުމަކީ ވެސް ކުޅިވަރު ކުރިއެރުވުމަށް ބަލާއިރު އޭރު އޮތް ގޮންޖެހުމެކެވެ. ނަމަވެސް "ހަފްތާ 14"ގެ ތެރެއިން އެ އުސޫލު އެކުލަވާލައި ސިއްޙީ ވަސީލަތްތައް ވަނީ އެފަދަ ތަންތަނުގައި ޤާއިމްކޮށްފައެވެ. 

މީގެ އެތަށް ކަމެއް ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށްޓަކައި މިއަދާ ހަމައަށް ވަނީ ކުރެވިގެން ގޮސްފައެވެ. އޭގެ ތެރެއިން ބައެއް މުހިންމު ކަންކަން ޙިއްޞާ ކޮށްލާނަމެވެ.

 

20 އަހަރު ދުވަހުގެ މާސްޓާރ ޕްލޭނެއް އެކުލަވާލައި ކާމިޔާބީތައް އަރުޝީފުކުރަން ފެށުން

އެމެރިކާގެ ދެ ތަޖުރިބާކާރުންގެ އެހީތެރިކަމާއިއެކު ތައްޔާރުކުރާ ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގައި ރާއްޖެ ތިން ސަރަޙައްދަކަށް ބަހާލައިގެން ކުޅިވަރު ކުރިއެރުވުމަށް ވަނީ ހުށަހަޅާފައެވެ. މިގޮތުން މި ސަރަޙައްދުތަކުގައި އެކި މަރުހަލާތަކަށް ބަހާލައިގެން އެތުލީޓުން ތަމްރީންކުރުން ހިމެނެއެވެ.

މި ޕްލޭނުގެ އެންމެ ބޮޑު އަމާޒަކީ 2030 އަދި 2034 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ޕޯޑިއަމް ފިނިޝިން ނުވަތަ މެޑެއްޔެއް ހޯދުމެވެ. އަދި 2036 ވަނަ އަހަރާއި 2040 ވަނަ އަހަރުގެ އޮލިމްޕިކްސްއިން ދިވެހި އެތުލީޓުން މެޑެލް ހޯދުމެވެ. 

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލާ ކުޅިވަރުގެ ދިގު ރާސްތާ ޕްލޭނުގައި ސްކޫލް މާހައުލުން ފެށިގެން ކޯޗުން ބިނާކުރުމާއި، ކުޅިވަރުގެ ބޮޑެތި މުބާރާތްތައް ރާއްޖޭގައި ބޭއްވުމާއި، މޮޅެތި އެތުލީޓުން އުފެއްދުމަށް ކުރާނެ ކަންކަން ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ކުރީގެ ކާމީޔާބީތަކުން ހިތްވަރު ލިބި އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަން ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ކުރީގެ އެތުލީޓުންނާއި ކުޅިވަރުގެ ޚިދުމަތްތެރިން ކޮށްދެއްވި މަސައްކަތްތަކާއި އެކި ގޮތްގޮތުން ރާއްޖެއަށް ލިބިފައިވާ ކާމިޔާބީތައް އަރުޝީފުކުރެވި، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ވަނީ މި އަހަރުގެ ޖުލައި މަހު ފަށާފައެވެ. 

ކުރީގެ އެތުލީޓުންނާއި ކުޅިވަރުގެ ޚިދުމަތްތެރިން ކޮށްދެއްވި މަސައްކަތްތަކާއި އެކި ގޮތްގޮތުން ރާއްޖެއަށް ލިބިފައިވާ ކާމިޔާބީތައް އަރުޝީފުކުރަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރުކަން ކުރެއްވި ނ.އ.އ.ވ. ޑރ. ޒާހިރަށް ހަނދާނީ ފިލާ އަރުވަނީ---

މި މަޢުޟޫގައި ކުޅިވަރާ ބެހޭ ވަޒީރު ރާފިޢު ވިދާޅުވީ، ކާމީޔާބީތައް ފެންނަން ހުރުމަކީ ކުޅިވަރުގައި އިތުރު ކާމީޔާބީ ހޯދުމަށް ލިބޭ ހިތްވަރަކަށް ވެގެންދާނެ ކަމަށެވެ.

އަޅުގަނޑުމެންނަށް ކާމިޔާބުކުރެވުނީ ކޮންކޮން ކަމެއް ކޮށްގެންކަމާއި މީ ކޮން ބޭފުޅުންނެއްކަން އިނގިގެން އަޅުގަނޑުމެންނަށް އެކަމުގެ އަގު ވަޒަން ކުރެވޭނީ.

ވަޒީރު ރާފިޢު ވިދާޅުވިއެވެ.

 

ހުއްޓިފައި އޮތް ފުޓުބޯޅައަށް ދިރުން ގެނައުން

ރާއްޖޭގައި ޕްރޮފެޝަނަލް ލެވެލްގައި ވާދަވެރި ފުޓުބޯޅަ ނުކުޅޭތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވުމަށްފަހު، ދިވެހި ލީގު ފަށާފައި ވަނީ މި އަހަރުގެ ސެޕްޓެންބަރު މަހުއެވެ. ޕްރޮފެޝަނަލް ލީގެއް ނެތުމުގެ ސަބަބުން ރާއްޖޭގެ ފުޓުބޯޅައަށް ބޮޑު ހީނަރުކަމެއް އައިސްފައި ވަނިކޮށް ފުޓުބޯޅަ ސީޒަން ފެށުނީ، ހަތަރު ފަހަރެއްގެ މަތިން ފަސްކުރުމަށްފަހުއެވެ. 

ފުޓުބޯޅަ އެސޯއިސޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައި ކޮރަޕްޝަން ބޮޑުވެ، ދިވެހި ފުޓުބޯޅަ ހުއްޓުމަކަށް އައުމުން އެ މައްސަލައިގެ ތެރެއަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާ ވެސް ވަނެވެ. މި މައްސަލައިގައި ފީފާއިން ވަނީ ނޯމަލައިޒޭޝަން ކޮމެޓީއެއް އެކުލަވާލައި، އެފްއޭއެމްގެ ހިންގާ ކޮމެޓީ އިންތިހާބުކުރުމަށް އެއް އަހަރުގެ މުއްދަތެއް ދިނެވެ. 

އެއަށްފަހު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު އެފްއޭއެމްގެ ރައީސްގެ މަޤާމަށް އިންތިހާބުކޮށް، ކުޅިވަރުގެ ދުރުރާސްތާ ޕްލޭންއާ އެއްގޮތަށް ދިވެހި ފުޓުބޯޅަ ކުރިއެރުވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. 

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު އެފްއޭއެމްގެ ރައީސްގެ މަޤާމަށް އިންތިހާބުކުރުން---

އެގޮތުން ރާއްޖޭ ހަތަރު ސަރަޙައްދަކަށް ބަހާލައި، ކޮންމެ އަތޮޅަކަށް ޚާއްޞަކޮށް އެޓޯލް ޗެމްޕިއަންޝިޕް މިހާރު ފަށާފައިވާއިރު، ގްރޭޓާރ މާލޭ ރީޖަން ފިޔަވައި ކޮންމެ ރީޖަންއެއްގައި ސަބް ދެ ޒޯނު ހިމެނެއެވެ. ކޮންމެ އަތޮޅެއްގެ ޗެމްޕިއަނުންނާއި ރަނަރަޕް ބައްދަލުކުރާނީ އެ ލީގުގައެވެ. 

އަދި ކޮންމެ ޒޯނަކުން ވެސް ގަދަ ދެ ޓީމު ދެން ކޮލިފައިވާނީ ރީޖަނަލް ލީގަށެވެ. ރީޖަނަލް ލީގުގައި ހަތަރު ޓީމު ވާދަކުރުމަށްފަހު އެ ލީގުގެ ޗެމްޕިއަން ޓީމު ދެން ވާދަކުރަން ޖެހޭނީ ދިވެހި ލީގުގެ ޕްލޭއޮފްގައެވެ.

ޕްރިމިއާރ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނީ، ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމާއި، ނޯރތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލެ ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަން، ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމުގެ މެދުގަ އެވެ. މީގެ ތެރެއިން، ގަދަ ހަތަރު ޓީމެއް، ޖެހިގެން އަންނަ ސީޒަންގެ ދިވެހި ލީގަށް ކޮލިފައިވާނެއެވެ.

އެހެންކަމުން މިއީ އަތޮޅުތެރޭގައި ތިބި ހުނަރުވެރި ކުޅުންތެރިންނަށް ވެސް އެ ދާއިރާއިން ކުރިއެރުމަށް ހުޅުވިގެން ދިޔަ މުހިންމު ދޮރެކެވެ. 

 

ޤައުމީ އެތުލީޓުންގެ މުސާރަ ބޮޑުކުރުން

މި ސަރުކާރުން ވެރިކަމަށް އައީ ކުޅިވަރުގެ ސިޔާސަތުގެ ދަށުން ޤައުމީ އެތްލީޓުންގެ މުސާރަ ބޮޑުކުރުމާއެކު އެ އެތްލީޓުންގެ ޤައުމީ ޚިދުމަތުގެ އަގު ދެމެހެއްޓެނިވި ގޮތެއްގައި ވަޒަންކުރެވޭނެ ހަރުދަނާ އިންތިޒާމެއް ޤާއިމުކުރުމުގެ މަޤްސަދުގައި ޚާއްޞަ އިންސެންޓިވްސް ސްކީމެއް ތަޢާރަފުކުރުމަށް ވިދާޅުވަމުންނެވެ. އަދި ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި ކޯޗުންނަށް މީގެކުރިން މުސާރަ ދެމުން އައީ ތަފާތުކުރުންތަކާއެކު ކަމަށާއި، އެ ފަރަގު ނައްތާލާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. 

އެގޮތުން ސަރުކާރުން ވައުދެވެވަޑައިގެންނެވި ގޮތަށް،  މި އަހަރުގެ މެއި މަހުން ފެށިގެން  އެތުލީޓުންނާއި އޮފިޝަލުންނާއި ޕެރާ އެތުލީޓުންގެ އެލަވަންސް އެއްހަމަކޮށް 7000 (ހަތްހާސް) ރުފިޔާ ދިނުމަށް ވަނީ ފަށާފައެވެ.

ބިލީ ޖީން ކިންގް ކަޕްގައި ރާއްޖޭގެ ޒުވާން ޓެނިސް ކުޅުންތެރިޔާ ނަބާ ނިޝާން / ފޮޓޯ: ޓެނިސް އެސޯސިއޭޝަން

މީގެއިތުރުން ޤައުމީ ޓީމުތަކަށް ކުޅޭ ކުޅުންތެރިންނަށް އަންނަ އަހަރުން ފެށިގެން ހެލްތު އިންޝުއަރެންސް ދިނުމަށް ވަނީ ނިންމާފައެވެ.

ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އިންޝުއަރެންސް ދިނުމުގައި މީގެކުރިން ގޮންޖެހުމަކަށް ވެފައި އޮތީ ކުޑަ ދުވަސްކޮޅަކަށްފަހު ކުޅުންތެރިން ސްކޮޑުން ބަދަލުވުމެވެ. އެހެންނަމަވެސް މިހާރު އެކަމަށް ޙައްލެއް ވަކި ކުޅުންތެރިޔަކަށް އިންޝުއަރެންސް ދިނުމުގެ ބަދަލުގައި ސްކޮޑުގެ އަދަދަށް ބަލައިގެން އެކަން ކުރެވޭގޮތަށް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.

 

ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި އެހެނިހެން ވަސީލަތްތައް ޤާއިމްކުރުން

މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމުކުރެއްވުމަށް ކުރިއަށް ގެންދަވާ މަސައްކަތުގެ ދަށުން، ޖޯގްރަފީގެ ގޮތުން ފެތުރިފައިވާ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ކަސްރަތުކުރުމަށް ބޭނުންވާ ވަޞީލަތްތައް ފަހިކޮށްދިނުމަށް ސަރުކާރުން ފެށި ބޮޑު މަޝްރޫއެކެވެ. މި މަޝްރޫޢުގެ ނަތީޖާއަކަށް ވަނީ، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް ޚިޔާރުކުރަން ބާރު ލިބި، އިޖުތިމާޢީ ގުޅުންތައްވެސް ހަރުދަނާވުންކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރިޔަށްގެންދަނީ، ގިނަ މަޝްރޫޢުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. މިއީ ރާއްޖެ ފަދަ މާހައުލަކަށް ގިނަ ދުވަހު ބޭނުންކުރެވޭ ކަހަލަ ތަކެތި އެއް ފެންވަރަކުން ހޯދައި، ވަގުތު ސަލާމަތްކޮށް ރައްޔިތުންނަށް ފައިދާވާ ގޮތަށް މަޝްރޫއުތައް އަވަހަށް ނިންމުމަށް ކުރިޔަށްގެންދާ މޮޑެލްއެއްކަމަށް، މި އަހަރުގެ އޯގަސްޓު މަހު ބ. ކެންދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ދެއްވި އިންޓަވިއުއެއްގައި ވަޒީރު ރާފިޢު ވަނީ ވިދާޅުވެފައެވެ.

އއ. އުކުޅަހު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން---

އެގޮތުން ގިނަ ރަށްތަކެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމަށް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއެވެ. އެ ކުންފުނިން މި މަސައްކަތް ރާވާފައިވާގޮތް ޙިއްޞާކުރައްވަމުން، މިދިޔަ އޮކްޓޫބަރު މަހު ކުންފުނީގެ އެމްޑީ އަދި ސީއީއޯ އިބްރާޙިމް ޝަރީފް މުޙައްމަދު "ފަރުދުން"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޗައިނާގައި ރީފެބްރިކޭޓުކޮށްގެން އެ ބިލްޑިންތައް މިހާރު ހަދަން ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތް އެއްފަހަރާ ގިނަ ރަށްރަށުގައި ކުރިޔަށް ގެންދިއުމުގެ ޤާބިލްކަން އެ ކުންފުނީގައި ހުރި ކަމަށާއި، ބިން ސާފުކޮށް ނިމުމުން ބިންގާ އަޅަން ފަށާނެކަމަށް ވިދާޅުވިއެވެ. އަދި ބިންގާ އެޅުމަށްފަހު ޗައިނާއިން ގެންނަ ސްޓްރަކްޗަރތައް ގިނަ ދުވަސްތަކެއް ނުވެ ހަރުކުރެވޭނެކަމަށް ވިދާޅުވިއެވެ.  

މިހާރު ބައެއް ރަށްރަށުގައި ބިން ސާފުކޮށް ނިމެނީ، އެ ހިސާބުން ފެށިގެން ލަސްނުކޮށް ބިންގާ އަޅަން ފަށާނަން. އަޅުގަނޑުމެންގެ ސްޓްރަކްޗަރސް އައިމަ އެ ބިންގާ މައްޗަށް ސްޓްރަކްޗަރ މައުންޓުކުރާކަށް މާގިނަ ދުވަހެއް ނުނަގާނެ. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ މެދުތެރޭގައި ނުވަތަ އެއަށްވުރެން ވެސް ކުރިން ގިނަ ތަންތަން އަޅުގަނޑުމެންނަށް ނިންމާލެވޭނެ.

އެމްއޭސީއެލްގެ އެމްޑީ އަދި ސީއީއޯ އިބްރާޙިމް ޝަރީފް މުޙައްމަދު ވިދާޅުވިއެވެ.

ފިޓްނަސް ސެންޓަރުތަކުގެ އިތުރުން، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކުޅިވަރުގެ ވަސީލަތްތައް ކުރިއެރުވުމަށް މިހާރު އަންނަނީ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެގޮތުން އައުޓްޑޯ ޖިމް އާއި ފުޓްސަލް ދަނޑާއި، ހޭންޑްބޯޅަ ކޯޓާއި، އައުޓްޑޯ ވޮލީކޯޓާއި، ފުޓްބޯޅަ ދަނޑު ހެދުމާއި، ޓާރފް އެޅުމާއި އަދި ކުޅިވަރު ކުޅޭ ތަންތާގައި ލައިޓް ހަރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

އަދި މި މަހުގެ ހަވަނަ ދުވަހު އަމިއްލަ ކުންފުނިތަކާ މަސައްކަތްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކަނި ވެސް، ކުޅިވަރުގެ 52 މަޝްރޫއެއް ނިންމުމަށް ވަނީ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ތެރޭގައި ފުޓުބޯޅަ، ވޮލީބޯޅަ، ހޭންޑްބޯޅަ ބެޑްމިންޓަން އަދި ސްވިމިން ޓްރެކްތަކުގެ މަސައްކަތް ހިމެނެއެވެ.

 

ކުޅިވަރުގެ ޤާނޫނު އިސްލާޙު ކުރުން

މި އަހަރުގެ މެއި މަހު ކުޅިވަރުގެ ޤާނޫނަށް ގެނައި މި އިސްލާހަކީ ކުޅިވަރު ކުރިއެރުވުން ލާމަރުކަޒުކޮށް، ކުޅުންތެރީންނަށް ފުރުޞަތު ފަހިކޮށްދީ، ކޮންމެ ދާއިރާއަކުންވެސް ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ކުޅިވަރު ކުރިއަރުވައި ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން އެޅި ފިޔަވަޅެކެވެ.

އެގޮތުން، ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއެކު ޤާއިމުކުރެވޭ ޤައުމީ ކުޅިވަރު ފަންޑުގެ އެހީގައި، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ ޚަރަދު ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އަދި ކުޅިވަރުތަކުގެ ސަރަޙައްދީ އެސޯސިއޭޝަންތައް އުފައްދައި، ކުޅިވަރު ކުރިއެރުވުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދޭ މޮޅު ކުޅުންތެރީންނަށާއި އެތުލީޓުންނަށް، ޤައުމީ ފެންވަރުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށް ދިއުމާއި، ހުނަރު ތަރައްޤީކުރުމުގެ ފުރުޞަތު، މި ޤާނޫނާ ގުޅިގެން އިތުރަށް ފަހިވެގެން ދާނެއެވެ.

އެގޮތުން އެފްއޭއެމްގެ އެޓޯލް ޗެމްޕިއަންޝިޕަކީ މި އިސްލާހާ އެއްގޮތަށް ކުރިޔަށްދާ މުބާރާތެކެވެ. އެ އިސްލާޙުގައި ބުނާ ގޮތުން، ހުރިހާ ކުޅިވަރުތަކަކުން ވެސް ސަރަޙައްދީ މުބާރާތްތައް ބާއްވަން ޖެހޭނެއެވެ.

ކުޅިވަރުގެ ޤާނޫނަށް ގެނައި އިސްލާޙުތައް ތަސްދީޤުކުރެއްވުމުގެ ގޮތުން ބޭއްވި ޙާއްޞަ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މީގެއިތުރުން، ދިވެހިރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެއް ގިންތިއެއްގައި ހިންގާނެ ޤާނޫނީ ބާރުވެރިކަން ފުރިހަމައަށް ލިބިފައިވާ ކުޅިވަރުގެ އިދާރާއަކަށް ވެގެން ދިއުމާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ކުޅިވަރުގެ މައިދާނުން ހަމަހަމަ ފުރުޞަތުތައް ލިބިދިނުމަށް މި ޤާނޫނުން ވަނީ ލާޒިމުކޮށްފައެވެ. 

އަދި "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" ވަކި މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި އުފެއްދުމާއި، ސްޕޯޓްސް އާބިޓްރޭޝަން ނިޒާމު ރާއްޖޭގައި ޤާއިމުކުރުން ވެސް ހިމެނެއެވެ. 

މީގެ އިތުރުންވެސް ކުޅިވަރުގެ ދާއިރާގެ ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރުމަށް ގިނަ ކަންތައްތަކެއް ކުރުމުގެ ފުރުޞަތު، މި ޤާނޫނަށް ގެނައި އިސްލާހުގެ ތެރެއިން ވަނީ ފަހިކޮށްދީފައެވެ.

 

ބަޖެޓު 2026އިން ވެސް ކުޅިވަރަށް ބޮޑު އުއްމީދެއް

މިއަންނަ އަހަރަށް ލަފާކުރާ ބަޖެޓު ދައުލަތުގެ ފަރާތުން މިދިޔަ މަހުގެ 30ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީ ކުރުމަށާއި ކުޅިވަރުގެ ޓެކްނިކަލް ފަރާތްތައް ތަމްރީނުކުރުމުގެ މަސައްކަތް ނުހުއްޓި ކުރިޔަށްދާނެކަން ސާފުވެއެވެ.

އެގޮތުން ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމަށް ހޭދަވާނެކަމަށް ބަޖެޓުގައި ލަފާކޮށްފަވަނީ 403،138،601 (ހަތަރުސަތޭކަ ތިން މިލިއަން އެއްލައްކަ ތިރީސް އަށްހާސް ހަސަތޭކަ އެއް ރުފިޔާ)އެވެ. 

މި ފައިސާ ބެހިފައިވާ ގޮތް:

  • އެތުލެޓިކް ޓްރެކްތައް ޤާއިމުކުރުމަށް 9،454،042 (ނުވަ މިލިއަން ހަތަރުލައްކަ ފަންސާސް ހަތަރުހާސް ސާޅީސް ދެރުފިޔާ)
  • ބެޑްމިންޓަން ކޯޓުތައް ޤާއިމްކުރުމަށް 1،359،315 (އެއް މިލިއަން ތިން ލައްކަ ފަންސާސް ނުވަހާސް ތިންސަތޭކަ ފަނަރަ ރުފިޔާ)
  • ފިޓްނެސް އެންޑް ރެކްރިއޭޝަނަލް ސެންޓަރުތައް ޤާއިމުކުރުމަށް 90،320،586 (ނުވަދިހަ މިލިއަން ތިންލައްކަ ވިހިހާސް ފަސްސަތޭކަ އަށްޑިހަ ހަ ރުފިޔާ)
  • ފުޓްބޯޅަ ދަނޑުތައް ހެދުމަށް 75،448،843 (ހަތްދިހަ ފަސް މިލިއަން ހަތަރުސަތޭކަ ސާޅީސް އަށްހާސް އަށްސަތޭކަ ސާޅީސް ތިން ރުފިޔާ)
  • ފުޓްސަލް ދަނޑުތައް ހެދުމަށް 33،036،022 (ތެއްތިރީސް މިލިއަން ތިރީސް ހަހާސް ބާވީސް ރުފިޔާ)
  • ހޭންޑްބޯޅަ ކޯޓުތައް ހެދުމަށް 83،855،702 (އަށްޑިހަ ތިން މިލިއަން އަށްލައްކަ ފަންސާސް ފަސްހާސް ހަތްސަތޭކަ ދެ ރުފިޔާ) 
  • މޮޓޯ ރޭސިން ޓްރެކްތައް ހެދުމަށް 2،375،000 (ދެ މިލިއަން ތިން ލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ)
  • ނެޓްބޯޅަ ކޯޓުތައް އެޅުމަށް 18،169،755 (އަށާރަ މިލިއަން އެއްލައްކަ ފަސްދޮޅަސް ނުވަހާސް ހަތްސަތޭކަ ފަންސާސް ފަސް ރުފިޔާ) 
  • ކުޅިވަރު ކޮމްޕްލެކްސްތައް ބިނާކުރުމަށް 37،002،680 (ތިރީސް ހަތް މިލިއަން ދެހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ) 
  • ސްވިމިން ޓްރެކްތައް ހެދުމަށް 5،834،121 (ފަސް މިލިއަން އަށްލައްކަ ތިރީސް ހަތަރުހާސް އެއްސަތޭކަ އެކާވީސް ރުފިޔާ) 
  • ވޮލީބޯޅަ ކޯޓުތައް ހެދުމަށް އަންދާޒާކޮށްފައިވަނީ 6،663،018 (ހަ މިލިއަން ހަލައްކަ ފަސްދޮޅަސް ތިންހާސް އަށާރަ ރުފިޔާ) 

މީގެ އިތުރުން ޔޫތު އެންޑް ކޮމިއުނިޓީ ސްޕޯޓްސް ޑިވެލޮޕްމެންޓަށް ޚަދަރުވާނެކަމަށް އަންދާޒާކޮށްފައިވަނީ 39،602،137 (ތިރީސް ނުވަ މިލިއަން މިލިއަން ހަލައްކަ ދެހާސް އެއްސަތޭކަ ތިރީސް ހަތް ރުފިޔާ) އެވެ.

ރައީސުލްޖުމްހޫރިއްޔާ، ފުވައްމުލައް ސިޓީގެ މާދަޑު އަވަށު ފުޓްސަލް ދަނޑު ހުޅުވައިދެއްވުން - 4 ނޮވެންބަރު 2025 / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެހެންކަމުން ހުރިހާ މާނައެއްގައި ޒުވާނުން ބާރުވެރިކުރުމަށް ސަރުކާރުން މިހާތަނަށް ކޮށްފައިވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ. އެގޮތުން މައިގަނޑު ގޮތެއްގައި ޒުވާންނުންގެ މުސްތަޤުބަލަށްޓަކައި "ޖެނެރޭޝަނަލް ބޭން" އެއް ގެނައުމާއި، މަތީ ތަޢުލީމު ނުވަތަ ދާއިމީ ވަޒީފާގެ ފުރުޞަތު ނުލިބޭ ޒުވާނުންނަށް ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް ފެށުމާއި އަދި ޤައުމީ ލަފާދޭ ކޮމެޓީއެއް އެކުލަވާލުން ހިމެނެއެވެ.

އަދި ކުޅިވަރު ކުރިއެރުވުމަށާއި، އެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުމަށް ވެސް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން 20 އަހަރު ދުވަހުގެ މާސްޓާރ ޕްލޭނެއް އެކުލަވާލައި ކާމިޔާބީތައް އަރުޝީފުކުރަން ފެށުމާއި، ހުއްޓިފައި އޮތް ފުޓުބޯޅަ ސީޒަން ފެށުމާއި، ޤައުމީ އެތުލީޓުންގެ އެލަވަންސް ބޮޑު ކުރުމާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި އެހެނިހެން ވަސީލަތްތައް ޤާއިމްކުރުމުގެ އިތުރުން ކުޅިވަރުގެ ޤާނޫނަށް ގެނައި އިސްލާޙަކީ ކުޅިވަރު ކުރިއެރުވުން ލާމަރުކަޒުކޮށް، ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން އެޅި މުހިންމު ފިޔަވަޅުތަކެކެވެ.

އެހެންކަމުން ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކަށް އޮތީ ފަހި ދުވަސްތަކެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން