ދުނިޔެ

ޒައިތޫނި ކަނޑަމުން ދިޔަ ފަލަސްޠީނު ރައްޔިތުންނަށް ޔަހޫދީ ވަޒަންވެރިން ޙަމަލާދީ، ނޫސްވެރިއަކު ޒަޚަމްކޮށްލައިފި

ޒައިތޫނި ކަނޑަމުން ދިޔަ ފަލަސްޠީނު ރައްޔިތުންނަށް ޔަހޫދީ ވަޒަންވެރިން ޙަމަލާދީ، ނޫސްވެރިއަކު ޒަޚަމްކޮށްލައިފި

ޔަހޫދީން ނޫސްވެރިއަކު ޒަޚަމްކޮށްލާފަ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ނޮވެމްބަރު 2025، 11:00

09 ނޮވެމްބަރު 2025، 11:00

ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި، ޒައިތޫނި ކަނޑަން މަސައްކަތް ކުރަމުން ދިޔަ ފަލަސްޠީނުގެ ޢާންމުންގެ ބަޔަކަށް ޔަހޫދީ ވަޒަންވެރިންގެ ބަޔަކު ޙަމަލާދީ، ބައިނަލްއަޤްވާމީ ނޫސް އިދާރާއެއް ކަމަށްވާ ރޮއިޓަރސްގެ ނޫސްވެރިއަކާއި އޭނާއާއެކު ހުރި ސަލާމަތީ މުޝީރަކު ވެސް ޒަޚަމްވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު، ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށްވާ ނަބްލުސްގެ ދެކުނުގައި އޮންނަ ބައިތާ ސަރަޙައްދުގައެވެ.

މި އަހަރުގެ ޒައިތޫނި ކަނޑާ މޫސުން އޮކްޓޯބަރު މަހުގެ ތެރޭގައި ފެށުމާއެކު، ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން ދެމުންގެ ޙަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޚާއްޞަކޮށް، ޔަހޫދީން 2023 ވަނަ އަހަރު ޣައްޒާއަށް ޙަމަލާ ދޭން ފެށި ފަހުން، މި ސަރަޙައްދުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދިޔަ ޙަމަލާތައް ވަނީ ނުރައްކާތެރި މިންވަރަކަށް އިތުރުވެފައެވެ. ބައިތާ ސަރަޙައްދަކީ މީގެ ކުރިން ވެސް ޔަހޫދީ ވަޒަންވެރިންގެ ޙަމަލާތައް ގިނައިން އަމާޒުވާ ތަނެކެވެ.

ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ގާތްގަނޑަކަށް 30 ޢާންމުންގެ މީހުންނާއި އެކްޓިވިސްޓުންގެ އިތުރުން 10 ވަރަކަށް ނޫސްވެރިން ވަނީ ބައިތާގެ ޒައިތޫނި ދަނޑަކަށް އެއްވެ، ޒައިތޫނި ކެނޑުމުގެ މަސައްކަތް ފަށާފައެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީ ވަޒަންވެރިންގެ ފަރާތުން އަންނަ ޙަމަލާތައް އިތުރުވުމާ ގުޅިގެން، ޙަމަލާތައް ރެކޯޑުކޮށް، ދުނިޔެއަށް ހާމަކުރުމުގެ ގޮތުން ނޫސްވެރިންނާއި އެކްޓިވިސްޓުން ޒައިތޫނި ކަނޑަން ދާއިރު އެ މީހުންނާއެކު ބައިވެރިވެއެވެ.

މަސައްކަތް ކުރަމުން ދަނިކޮށް، ގިނަ ޢަދަދެއްގެ ޔަހޫދީ ވަޒަންވެރިން އެ ސަރަޙައްދަށް އައިސް ފަލަސްޠީނުގެ ރައްޔިތުންނަށާއި އެމީހުންނާއެކު ތިބި ނޫސްވެރިންނަށާއި އެކްޓިވިސްޓުންނަށް ޙަމަލާ ދީފައިވެއެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ގާތްގަނޑަކަށް 50 ވަޒަންވެރިން މި ޙަމަލާ ދިނުމުގައި ބައިވެރިވިކަމަށް ވެއެވެ. އެމީހުން ވަނީ ދަނޑިބުރި، ލަޓިބުރި އަދި ބޮޑެތި ގާ ބޭނުންކޮށްގެން ޙަމަލާ ދީފައެވެ. މި ޙަމަލާގައި ރޮއިޓަރސްގެ ނޫސްވެރިޔާއާއި ސަލާމަތީ މުޝީރަށް ލިބުނު ޒަޚަމްތަކަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި އޮކްޓޯބަރު މަހު އެކަނި ވެސް ޔަހޫދީ ވަޒަންވެރިން ވަނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް 264 ޙަމަލާ ދީފައެވެ. މިއީ 2006 ވަނަ އަހަރު އދ. އިން މި ފަދަ ޙަމަލާތައް ބަލަހައްޓަން ފެށި ފަހުން، އެއް މަސްދުވަހުގެ ތެރޭގައި ދީފައިވާ މި ފަދަ އެންމެ ގިނަ ޙަމަލާ ކަމަށް ރެކޯޑުތަކުން ދައްކައެވެ. މި ފަދަ ޙަމަލާތައް ދޭ ވަޒަންވެރިންނާ ދެކޮޅަށް ޔަހޫދީ ސަރުކާރުން ފިޔަވަޅު އަޅަނީ ވަރަށް މަދު ފަހަރަކުކަން ވެސް ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން