ދުނިޔެ

މަމްދާނީގެ މަސައްކަތްތަކަށް ހަމައެކަނި ހީވާގި އަންހެނުންގެ ޓީމެއް!

މަމްދާނީގެ މަސައްކަތްތަކަށް ހަމައެކަނި ހީވާގި އަންހެނުންގެ ޓީމެއް!

ޒޮހްރާން މަމްދާނީ އަދި އޭނާގެ ޓީމު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 ނޮވެމްބަރު 2025، 05:33

07 ނޮވެމްބަރު 2025، 05:33

ނިއުޔޯކް ސިޓީގެ މޭޔަރަކަށް އިންތިޚާބުވެފައިވާ، ޒޮހްރާން މަމްދާނީ، އެމަނިކުފާނުގެ މަޤާމާ ހަވާލުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް ހަމައެކަނި އަންހެނުން އެކުލެވޭ ޓީމެއް އައްޔަންކުރައްވައިފިއެވެ. އުމުރުފުޅުން 34 އަހަރުގެ މި ޒުވާން ލީޑަރު މިކަން އިޢުލާނުކުރެއްވީ، މޭޔަރު ކަމުގެ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު ދެވަނަ ދުވަހުއެވެ. މިކަމަކީ، ސިޓީގެ ސަރުކާރުގައު އެންމެން އެކުލެވޭ އަދި ކުޅަދާނަ ބަޔަކަށް ހެދުމަށްޓަކައި އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުއީންސްގައި ހުންނަ ފްލަޝިންގ މީޑޯޒް-ކޮރޯނާ ޕާކްގައި ވާހަކަފުޅު ދައްކަވަމުން މަމްދާނީ ވިދާޅުވީ، މި ޓީމަކީ ނިއުޔޯކުގެ ހުރިހާ ރައްޔިތުންނަށްޓަކައި މަސައްކަތްކުރާ ސިޓީ ހޯލެއް ބިނާކުރުމަށް އެމަނިކުފާނު ވެފައިވާ ވައުދުގެ ހެކިކަމަށެވެ.

ޓައިމްސް މެގަޒިންއިން ރިޕޯޓްކުރާ ގޮތުގައި، މި އިންތިޤާލީ ޓީމުގައި ހިމެނެނީ ސިޓީ އަދި ފެޑެރަލް އިދާރާތަކުގައި ގިނަ ތަޖުރިބާ ހުރި ތަފާތު އަންހެނުންނެވެ. އޭގެތެރެއިން ގިނަ ބަޔަކު ވަނީ ކުރީގެ މޭޔަރުން ކަމަށްވާ އެރިކް އެޑަމްސް، ބިލް ޑި ބްލާސިއޯ، އަދި މައިކަލް ބްލޫމްބަރގްގެ ދަށުގައި މަސައްކަތްކުރައްވާފައެވެ. މި ޓީމުގައި ވެސް ޕްރޮފިޓް ނޫން ޖަމާއަތްތަކުގެ ލީޑަރުންނާއި، ގިނަ އަހަރުތަކެއް ވަންދެން ސިޓީގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ސިޔާސަތުތަކުގެ މާހިރުން ހިމެނެއެވެ.

ބިލް ޑި ބްލާސިއޯގެ ކުރީގެ އެހީތެރިއެއް ކަމަށްވާ އެލާނާ ލިއޮޕޯލްޑް، މި އިންތިޤާލީ މަސައްކަތްތަކުގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމު އަދާކުރައްވާނެއެވެ. އެކަމަނާއާއެކު ކޯ-ޗެއަރގެ ގޮތުގައި މާރިއާ ޓޮރެސް-ސްޕްރިންގަރ، ލީނާ ޚާން، ގްރޭސް ބޮނިއްޔާ، އަދި މެލެނީ ހާރޓްޒޮގް ހިމެނިވަޑައިގަންނަވައެވެ. މި ހުރިހާ ބޭފުޅުންނަކީ ވެސް އަރބަން ޕްލޭނިންގ، އާންމު ފައިނާންސް، އަދި އިޖުތިމާޢީ ތަރައްޤީގެ ދާއިރާތަކުން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ބޭފުޅުންނެވެ.

މަމްދާނީ އަދި އެމަނިކުފާނުގެ މައި ކެބިނެޓް މެންބަރުން އިޢުލާނުކުރައްވާފައެއް ނުވެއެވެ. ނަމަވެސް، މޭޔަރު އެޑަމްސް އައްޔަންކުރެއްވި ފުލުހުންގެ ކޮމިޝަނަރ ޖެސިކާ ޓިޝް، އެ މަޤާމުގައި ބެހެއްޓެވުމަށް އެމަނިކުފާނު ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ. ޓިޝް އަދި އެކަމަށް އެއްބަސްވެފައިވާކަން ކަށަވަރުކުރައްވާފައެއް ނުވެއެވެ.

މި އިންތިޤާލީ ޓީމުގެ މައިގަނޑު މަޤްސަދަކީ، ޖެނުއަރީ މަހު މަމްދާނީ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ބާރުތައް ހަވާލުކުރުމުގެ މަސައްކަތް ހަމަޖެހިގެން ދިއުމެވެ. މަޤާމުގެ ހުވާކުރެއްވުމަށް ފަހު، އެމަނިކުފާނު ނިއުޔޯކް ސިޓީގެ 300,000 އަށް ވުރެ ގިނަ މުވައްޒަފުންނާއި، 100 ބިލިއަން ޑޮލަރުގެ އަހަރީ ބަޖެޓެއް ބެލެހެއްޓެވުމުގެ ބޮޑު ޒިންމާއެއް ނަންގަވާނެއެވެ؛ މިއީ ފުރަތަމަ ފަހަރަށް މޭޔަރުކަމަށް ހޮވޭ ބޭފުޅަކަށް ވަރަށް ބޮޑު މަސައްކަތެކެވެ.

މަމްދާނީ ވިދާޅުވީ، މި އިންތިޤާލީ މަސައްކަތަކީ "ނިއުޔޯކަށް އައު ދައުރެއް ފެށުން" ކަމުގައެވެ. އަދި ދިގު މުއްދަތެއްވެފައިވާ މައްސަލަތަކަށް އައު އަދި ޢަމަލީ ހައްލުތަކެއް ހޯއްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގަތެވެ. 
 

Ads by MSS

މި ލިޔުން ކިޔާލުމުން