ދުނިޔެ

ނިއުޔޯކްގެ މޭޔަރު ކަމަށް މުސްލިމެއް ، މަމްދާނީ ހޮވުން ގާތް

ނިއުޔޯކްގެ މޭޔަރު ކަމަށް މުސްލިމެއް ، މަމްދާނީ ހޮވުން ގާތް

ޒޯރާން މަމްދާނީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ނޮވެމްބަރު 2025، 03:47

04 ނޮވެމްބަރު 2025، 03:47

ހޯމަ ދުވަހު ނިއުޔޯކް ސިޓީގައި ބާއްވާ މޭޔަރުކަމުގެ އިންތިޚާބުގައި ވާދަކުރާ މުސްލިމް ކެންޑިޑޭޓެއް ކަމަށްވާ ޒޯރާން މަމްދާނީ މޭޔަރުކަމަށް ހޮވޭނެ ކަމަށް ބެލެވެއެވެ. އޭނާ ހޮވިއްޖެނަމަ، ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެމެދު ސިޔާސީ ބޮޑު ހަމަނުޖެހުމެއް އުފެދިދާނެ ކަމަށް ބެލެވޭއިރު، މަމްދާނީ މޭޔަރުކަމަށް ހޮވިއްޖެނަމަ ފެޑެރަލް ފަންޑުތަކަށް ދަތިކުރާނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވާފައިވެއެވެ.

އުމުރުން 34 އަހަރުގެ މަމްދާނީ އަކީ ސޯޝަލިސްޓެކެވެ. އާދައިގެ ނިއުޔޯކް ރައްޔިތުންނަށް ދިރިއުޅުމުގެ ޚަރަދު ކުޑަކުރުމަށް އަމާޒުކޮށް އޭނާގެ ކެމްޕޭން ކުރިއަށް ގެންދިޔައެވެ. އެޓްލަސްއިންޓެލްގެ އެންމެ ފަހުގެ ޕޯލްތަކުން ދައްކާ ގޮތުގައި މަމްދާނީއަށް 41 އިންސައްތަ ވޯޓު ލިބިގެން ކުރީގައި އުޅޭއިރު، ކުރީގެ ގަވަރނަރު އެންޑްރޫ ކުއޯމޯއަށް 34 އިންސައްތަ، އަދި ރިޕަބްލިކަން ކެންޑިޑޭޓް ކާޓިސް ސްލިވާއަށް 24 އިންސައްތަ ވޯޓު ލިބިފައިވެއެވެ. ސްލިވާގެ ސަޕޯޓަރުން ކުއޯމޯއަށް ތާއީދު ބަދަލުކޮށްފިނަމަ ފައިނަލް ނަތީޖާއަށް ބޮޑު ބަދަލެއް އަތުވެދާނެ ކަމަށް ގިނަ ތަޙުލީލުކުރާ ފަރާތްތަކުން ބުނެއެވެ.

މި އިންތިޚާބަށް ތާރީޚީ ގޮތުން ބޮޑު ސަމާލުކަމެއް ލިބިފައިވެއެވެ. ނިއުޔޯކް ސިޓީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 735,000 އަށް ވުރެ ގިނަ ވޯޓު ދޭން ހެގީ އެޑްވާންސް ވޯޓުގައި ބައިވެރިވެފައިވެއެވެ. 2021 ވަނަ އަހަރުގެ މޭޔަރު ރޭހުގައި 1.14 މިލިއަން ވޯޓު ލާފައިވާއިރު، އެފަހަރު ހޮވުނީ މިހާރުގެ މޭޔަރު އެރިކް އެޑަމްސްއެވެ. މި އަހަރު އެޑަމްސް އަލުން ވާދަ ނުކުރައްވައި، ކުއޯމޯއަށް ތާއީދުކުރައްވާފައިވެއެވެ.

މަމްދާނީގެ ކެމްޕޭނަކީ އާދަޔާ ޚިލާފު ކެމްޕޭނެކެވެ. އޭނާ ނައިޓްކްލަބްތަކަށާއި ކޮމިއުނިޓީ އިވެންޓްތަކަށް ޒިޔާރަތްކޮށް، ސީދާ ވޯޓުދޭ ފަރާތްތަކާ ގުޅުން ބަދަހިކުރިއެވެ. މަމްދާނީ ހޮވިއްޖެނަމަ ނިއުޔޯކް ސިޓީގެ ފުރަތަމަ މުސްލިމް މޭޔަރަށް ވެގެންދާނެއެވެ. މި ތާރީޚީ ކާމިޔާބީއަށް ގައުމީ ސަމާލުކަން ލިބިފައިވާއިރު، ބައެއް ކަނާތް ފަރާތުގެ ގްރޫޕްތަކުން ވަނީ ފާޑުކިޔުންތަކެއް ވެސް އަމާޒުކޮށްފައެވެ.

މޭޔަރު ރޭހުގެ މައިގަނޑު ތިން މައްސަލައަކަށް ސަމާލުކަން ދީފައިވެއެވެ. އެއީ ދިރިއުޅުމުގެ ޚަރަދު، ކުށްކުރުން އަދި ފެޑެރަލް ސަރުކާރާ ދެމެދު ހުރި ގުޅުންތަކެވެ. މަމްދާނީ ހޮވިއްޖެނަމަ ސިޓީއަށް ލިބޭ ފެޑެރަލް ފަންޑު ކުޑަކުރާނެ ކަމަށް ޓްރަމްޕް ވަނީ އާންމުކޮށް އިންޒާރު ދެއްވާފައެވެ. މަމްދާނީ މިކަމަށް ރައްދު ދެއްވީ، ކުއޯމޯއަށް ޓްރަމްޕް ތާއީދުކުރުމަކީ މެގާ ހަރަކާތާ ބައިބައިވުންކަމަށް ވިދާޅުވެ، ޓްރަމްޕްއަށް ފާޑުވިދާޅުވަމުންނެވެ. ސިޔާސީ ތަޙުލީލުކުރާ ފަރާތްތަކުން ބުނާ ގޮތުގައި މަމްދާނީ ހޮވުމުން ޓްރަމްޕްއާ ސީދާ ކުރިމަތިލުންތަކެއް ކުރިމަތިވެ، ސިޓީގެ ފަންޑުތަކަށާއި ފެޑެރަލް ގުޅުންތަކަށް އަސަރުކުރާނެއެވެ.

މަމްދާނީގެ ކުރިއެރުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ވެސް ވަނީ ބަހުސްތަކެއް އުފެދިފައެވެ. ޕާޓީގެ ލީޑަރުން ދެން އަންނަ އަހަރު ބާއްވާ މިޑްޓާރމް އިންތިޚާބުތަކަށްޓަކައި މެދުތެރޭގެ ސިޔާސަތެއް ނުވަތަ ވާތު ފިޔައިގެ ޕޮޕިއުލިސްޓް ސިޔާސަތެއް ގެންގުޅޭނެ ކަމާ މެދު މަޝްވަރާކުރަމުން ދެއެވެ. މަމްދާނީ ވިދާޅުވީ ޕާޓީން މަދު ސިޔާސީ އެލިޓެއްގެ ޚިޔާލުތަކަށް ވުރެ، އެމެރިކާގެ މީހުންގެ ތަފާތުކަން ދައްކުވައިދޭން ޖެހޭނެ ކަމަށެވެ.

ނިއުޔޯކްގެ މޭޔަރުކަމުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނިއުޖާޒީއާއި ވާޖިނިއާގައި ބާއްވާ ގަވަރނަރުކަމުގެ އިންތިޚާބާ ދިމާކޮށެވެ. މި ދެ އިންތިޚާބަށް ގައުމީ ސިޔާސީ ޓްރެންޑްތައް ދައްކުވައިދޭނެ ކަމަށް ބެލެވޭތީ ބޮޑު ސަމާލުކަމެއް ދީފައިވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން