ދުނިޔެ

ޣައްޒާގައި ބައިނަލްއަޤްވާމީ ސަލާމަތީ ފައުޖެއް ޤާއިމުކުރުމަށް އެމެރިކާއިން އ.ދ.އަށް ގޮވާލައިފި

ޣައްޒާގައި ބައިނަލްއަޤްވާމީ ސަލާމަތީ ފައުޖެއް ޤާއިމުކުރުމަށް އެމެރިކާއިން އ.ދ.އަށް ގޮވާލައިފި

ޔޫއެންގެ ޖެނަރަލް އެސެމްބްލީއެއް ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ނޮވެމްބަރު 2025، 03:27

04 ނޮވެމްބަރު 2025، 03:27

ޣައްޒާ ސިޓީގައި ބައިނަލްއަޤްވާމީ ސަލާމަތީ ފައުޖެއް ( އައިއެސްއެފް) ޤާއިމުކުރުމަށް އެމެރިކާއިން ވަނީ އ.ދ.އަށް ބާރުއަޅަން ފަށާފައެވެ. މި ފައުޖު ޤާއިމުކުރުމަށް ހުށަހަޅާފައިވަނީ މަދުވެގެން ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. މީގެ މަޤްޞަދުތަކުގެ ތެރޭގައި ސަލާމަތީ ކަންކަން ހިންގުން، ބޯޑަރު ރައްކާތެރިކުރުން އަދި ފަލަސްޠީނުގެ ސިވިލް އިދާރާތަކަށް އެހީތެރިކަން ދިނުން ހިމެނެއެވެ.

އ.ދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރުންނަށް ފޮނުވާފައިވާ  ޤަރާރެއްގައިވާ ގޮތުން، އައިއެސްއެފް އަކީ އަލަށް އުފައްދާ "ޣައްޒާ ބޯޑް އޮފް ޕީސް" އާއި ގުޅިގެން މަސައްކަތްކުރާނެ ފައުޖެކެވެ. މި ބޯޑުގެ ރިޔާސަތު ބަލަހައްޓާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ. މި ބޯޑު މަދުވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ހަރަކާތްތެރިވާނެއެވެ.

އެމެރިކާގެ މަސްދަރަކުން ވިދާޅުވި ގޮތުގައި އައިއެސް އެފް އަކީ ސަލާމަތީ ކަންކަން ހިފެހެއްޓުމަށް އުފައްދާ ފައުޖެކެވެ. އަދި އާދައިގެ ސުލްޙަ ބަލަހައްޓާ ފައުޖެއް ނޫނެވެ. މި މަސައްކަތަށް ސެކިއުރިޓީ ކައުންސިލުން ހުއްދަ ދިނުމުން، އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ފުރަތަމަ ސިފައިން ޣައްޒާއަށް ފޮނުވޭނެ ކަމަށް ލަފާކުރެވެއެވެ.

އައިއެސްއެފްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިޒްރޭލާއި މިޞްރާ ދެމެދު ޣައްޒާގެ ބޯޑަރު ރައްކާތެރިކުރުން، އާންމުންނާއި އިންސާނީ އެހީގެ ކޮރިޑޯތައް ހިމާޔަތްކުރުން، އަދި ފަލަސްޠީނުގެ އާ ފުލުހުންގެ ފައުޖަކަށް ތަމްރީނު ދިނުން ހިމެނެއެވެ. މީގެ އިތުރުން ޣައްޒާ ޑީމިލިޓަރައިޒް ކުރުމަށްވެސް މި ފައުޖުން އެހީތެރިވެދޭނެއެވެ. މީގެ ތެރޭގައި ހަމާސް ފަދަ ސަރުކާރު ނޫން ހަނގުރާމަވެރި ޖަމާޢަތްތަކުގެ ހަތިޔާރުތައް ނައްތާލުން ނުވަތަ ދާއިމީ ގޮތެއްގައި ނެތިކޮށްލުން ހިމެނެއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ހަމާސްއިން މިކަމަށް އެއްބަސްނުވެއްޖެނަމަ ހަތިޔާރު އަތުލުންވެސް ހިމެނިދާނެއެވެ.

މި ފައުޖު މަސައްކަތް ކުރާނީ "ބޯޑް އޮފް ޕީސް" އިން ހުއްދަ ދީފައިވާ  ކޮމާންޑެއްގެ ދަށުންނެވެ. އަދި މިޞްރާއި އިޒްރޭލާ ގާތުން މަޝްވަރާކޮށްގެން މަސައްކަތް ކުރުމަށްވެސް ޤަރާރުގައި ބާރުއަޅައެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހިއުމެނިޓޭރިއަން ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެމީހުންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމުގެ ބާރު ސިފައިންނަށް ލިބިގެންވެއެވެ.

މި ފައުޖު ޤާއިމުކުރުމަށް ހުށަހަޅާފައިވަނީ ޣައްޒާއަށް ބަދަލުތަކެއް އަންނަ ދުވަސްވަރެއްގައި މަސައްކަތްކުރުމަށެވެ.  މިދުވަސްވަރު ފަލަސްޠީނުގެ އޮތޯރިޓީން ސިވިލް ގަވަރނަންސްގެ ފުރިހަމަ ބާރު ހޯދުމަށް އިސްލާޙުތައް ތަންފީޒު ކުރާނެއެވެ. ބޯޑް އޮފް ޕީސް އިން ފަލަސްޠީނުގެ ޓެކްނޮކްރެޓިކް، އަދި ސިޔާސީ ނޫން ކޮމެޓީގެ ދުވަހުގެ އޮޕަރޭޝަންތައްވެސް ބަލަހައްޓާނެއެވެ. އިންސާނީ އެހީތެރިކަން މި ބޯޑު މެދުވެރިކޮށް ހަމަޖައްސާނެއެވެ. އެހީތެރިކަމުގެ ބޭނުން ނާޖާއިޒު ގޮތުގައި ނުހެދުމަށް ވަރުގަދަ ފިޔަވަޅުތަކެއްވެސް އަޅާނެއެވެ.

އައިއެސްއެފް އަކީ އެމެރިކާ މެދުވެރިވެގެން ވެވުނު ޣައްޒާ ސުލްޙައިގެ އެއްބަސްވުމުގެ ބައެކެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ އަހަރު ދުވަހުގެ ހަނގުރާމަ އޮކްޓޯބަރު 10 ގައި ނިމުމަކަށް އައިސް، ހަނގުރާމަ މެދުކަނޑާލެވުނެވެ. ނަމަވެސް، ފަހަކަށް އައިސް އިޒްރޭލުން އަލުން ދޭ ހަމަލާތަކުގެ ސަބަބުން މި ހަނގުރާމަ ހުއްޓާލުމަށް އޮތް ފުރުސަތަށް ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

މި އެއްބަސްވުމަށް ގިނަ މުސްލިމް  ޤައުމުތަކުން އެހީތެރިވެފައިވެއެވެ. އެއީ ޕާކިސްތާނު، ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު، ޔޫއޭއީ، މިޞްރު، އުރުދުން، ތުރުކީ، އަދި އިންޑޮނޭޝިއާއެވެ. މި ޤައުމުތަކުގެ ތެރެއިން ހަތް ޤައުމެއްގެ ޚާރިޖީ ވަޒީރުން ވަނީ އިސްތަންބޫލްގައި ބައްދަލުކޮށް، ޣައްޒާގެ ހަނގުރާމައަށް ފަހު ހިންގާނެ އޮނިގަނޑަކަށް ތާއީދުކޮށްފައެވެ. އެމީހުން ބުނެފައިވަނީ ޣައްޒާގެ ގަވަރނަންސާއި ސަލާމަތީ ކަންކަން އެންމެ ފަހުން ހިންގާނީ ފަލަސްޠީނު މީހުން ކަމަށެވެ. އަދި ހަމަޖެހުން ޤާއިމުކުރުމަށް އ.ދ.އިން ހުއްދަ ދޭ ފައުޖެއްގެ މުހިންމުކަންވެސް އެމީހުން ފާހަގަކުރިއެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު ހާކާން ފިދާން ވިދާޅުވީ އައިއެސްއެފް އަށް އ.ދ.ގެ ސަލާމަތީ މަޖިލީހުގެ ސާފު ހުއްދައަކާއި ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ އޮނިގަނޑެއް ބޭނުންވާނެ ކަމަށެވެ. ވޮޝިންގޓަން އިން މިހާރު ދަނީ އަރަބި އަދި ބައިނަލްއަޤްވާމީ ބައިވެރިންނާ ގުޅިގެން މި ފައުޖުގެ އެކުލެވުން ނިންމުމަށް މަސައްކަތްކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން