ދުނިޔެ

ނިއުކްލިއަރ ތަންތަން ކުރިއަށްވުރެ ބާރުގަދަކޮށް ބިނާކުރާނެކަމަށް އީރާނުން ބުނެފި

ނިއުކްލިއަރ ތަންތަން ކުރިއަށްވުރެ ބާރުގަދަކޮށް ބިނާކުރާނެކަމަށް އީރާނުން ބުނެފި

އީރާންގެ ނިއުކްލިއަރ މަރުކަޒެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ނޮވެމްބަރު 2025، 11:37

03 ނޮވެމްބަރު 2025، 11:37

އިސްރާއީލާއި އެމެރިކާއިން ދިން ވައިގެ ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ނިއުކްލިއަރ ސައިޓްތައް "ކުރިއަށްވުރެ ބާރަށް" އަލުން ބިނާކުރާނެކަމަށް އީރާނުން މިދިޔަ އާދިއްތަ ދުވަހު އިއުލާންކޮށްފިއެވެ. މިކަން ހާމަކޮށްފައި މިވަނީ، ދެ ގައުމުގެ މެދުގައި ހުއްޓިފައިވާ ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް އޮމާނުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

އީރާނުގެ ނިއުކްލިއަރ ޖަމާއަތަށް ކުރެއްވި ޒިޔާރަތެއްގައި، ރައީސް މަސްއޫދު ޕެޒޭޝްކިއަން ވިދާޅުވީ، މިފަދަ ގެއްލުންތަކުން ތެހެރާން ހުއްޓުވައި ނުލެވޭނެ ކަމަށެވެ. އެމަނިކުފާނުގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، "ޢިމާރާތްތައް ހަލާކުކޮށްލުމަކުން އަހަރެމެންނެއް ފަސްނުޖެހޭނެ،" ކަމަށާއި، އީރާނުގެ ސައިންސްވެރިންނަށް އަދިވެސް ނިއުކްލިއަރ ކަންކަމުގެ ތަޖުރިބާ ލިބިފައިވާތީ އަލުން ބިނާކުރުމަށް އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. އަލުން ބިނާކުރުމުގެ ވަކި ތަފްސީލެއް ޕެޒޭޝްކިއަން ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު އެމަނިކުފާނު ވަނީ ދުޝްމަނުންގެ ހަމަލާތަކުގައި ހަލާކުވެގެންދާ ކޮންމެ ތަނެއް އަލުން ބިނާކުރާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

މިދިޔަ ޖޫން މަހު އިސްރާއީލުން ވަނީ އީރާނުގެ ނިއުކްލިއަރ އަދި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދީފައެވެ. މިއީ 12 ދުވަހުގެ ހަނގުރާމައަކަށް މަގުފަހިކޮށް، އީރާނުގެ އިސް ސައިންސްވެރިންނާއި އެހެނިހެން ބައެއް ފަރާތްތައް ހިމެނޭހެން ގިނަ ބަޔެއްގެ ފުރާނަ ގެއްލިގެންދިޔަ ހަމަލާއެކެވެ. އީރާނުން ވަނީ މިހަމަލާތަކަށް އިޒްރޭލުގެ ރަށްތަކަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީ ރައްދުދީފައެވެ. މި ހަމަލާތަކުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ފުނޑުފުނޑުކޮށްލެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައުވާކޮށްފައިވީ ނަމަވެސް، ގެއްލުންތަކުގެ ހަގީގީ މިންވަރު އަދިވެސް ސާފެއް ނޫނެވެ.

މިދިޔަ ޖުލައި މަހު، އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގުޗީ ވަނީ މި ހަމަލާތަކުގެ ސަބަބުން  ނުރައްކާތެރި ގެއްލުންތަކެއް ލިބިފައިވާކަން އެއްބަސްވެވަޑައިގެންފައެވެ. ހާލަތު ގޯސްވަމުންދާ މިދަނޑިވަޅުގައި، ތެހެރާނާއި ވޮޝިންގްޓަންއާ ދެމެދު މެދުވެރިއެއްގެ ދައުރު އަބަދުވެސް އަދާކުރަމުން އައި އޮމާނުން ވަނީ ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް ގޮވާލައިފައެވެ. ބަޙްރެއިންގައި ބޭއްވުނު އައިއައިއެސްއެސް މަނާމާ ޑައިލޮގްގައި އޮމާނުގެ ހާރިޖީ ވަޒީރު ބަދަރު އަލްބުސައިދީ ވިދާޅުވީ، "އީރާނާއި އެމެރިކާއާ ދެމެދު އޮތް ވާހަކަތަކަށް އަލުން ކުރިއަށްދާން އަހަރެމެން ބޭނުން،" ކަމަށެވެ.

އީރާނުގެ ސަރުކާރުގެ ތަރުޖަމާނު ފާތިމާ މޮހާޖެރާނީ ވެސް ވަނީ، އަލުން ވާހަކަތައް ފެށުމާ ގުޅޭ މެސެޖުތައް ތެހެރާނަށް ލިބިފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް، އެކަމުގެ ތަފްސީލެއް އެކަމަނާ ހާމައެއް ނުކުރައްވައެވެ. މީގެ ކުރިން އޮމާނުން ވަނީ އެމެރިކާ-އީރާން މަޝްވަރާގެ ފަސް ބުރު ބާއްވާފައެވެ. ނަމަވެސް އިޒްރޭލުން ޖޫން މަހު ދިން ހަމަލާތަކަށްފަހު ހަވަނަ ބުރު ބާތިލްކުރެވުނެވެ.

މިފަދަ ހާލަތެއްގައި، 2015 ވަނަ އަހަރުގެ ނިއުކްލިއަރ އެއްބަސްވުމާ ހިލާފުވިކަމުގެ ތުހުމަތުކޮށް، އިނގިރޭސިވިލާތާއި ޖަރުމަނާއި ފަރަންސޭސިވިލާތުން "ސްނެޕްބެކް" މެކޭނިޒަމް ބޭނުންކޮށް، އީރާނުގެ މައްޗަށް އަލުން އ.ދ.ގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ވަނީ ނިންމާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން