ދުނިޔެ
ހެޕަޓައިޓިސް ސީ، ހަރޕީސް އަދި ކޮވިޑް-19 ޖެހިފައިވާ ކަމަށް ބުނެވޭ މަކުނުތަކެއް ފިލައިފި!
ފިލިކަމަށް ބެލެވޭ މަކުނެއް
އެމެރިކާގެ މިސިސިޕީގައި، ހެޕަޓައިޓިސް ސީ، ހަރޕީސް އަދި ކޮވިޑް-19 ޖެހިފައިވާ ކަމަށް ބެލެވުނު "އާދަޔާޚިލާފު ނުރައްކާތެރި" ރާމާމަކުނުތަކެއް ގޮވަައިގެން ދަތުރުކުރި ޓްރަކެއް ގާގަނޑެއްގައި ޖެހި، އޭގެ ތެރެއިން މަކުނުތަކެއް ފިލައިގެން ގޮސްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހު، ހައިޑެލްބަރގްގެ އުތުރުގައި އޮންނަ އިންޓަރސްޓޭޓް 59 ގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ޓްރަކުގައި މަކުނުތައް ހިފައިގެން ދަތުރުކުރަމުން ދިޔައީ ފްލޮރިޑާގައި ހުންނަ ތަހުލީލުކުރާ މަރުކަޒަކަށް ކަމަށް ކަނެކްޓިކަޓްގެ ނޫސް އެޖެންސީ ޑަބްލިޔު.އެފް.އެސް.ބީ އިން ރިޕޯޓުކޮށްފައިވެއެވެ. ޖެސްޕަރ ކައުންޓީގެ ޝެރިފް ރެންޑީ ޖޯންސަން، ނޫސް އެޖެންސީ ޑަބްލިޔު.އޭ.ޕީ.ޓީ އަށް ވިދާޅުވީ ޓްރަކުގައި ޖުމްލަ 21 މަކުނު ތިބި ކަމަށާއި، އޭގެ ތެރެއިން ހަ މަކުނު ފިލައިގެން ގޮސްފައިވާ ކަމަށެވެ. "ފިލައިގެން ދިޔަ އެއް މަކުނު ވަނީ އިންޓަރސްޓޭޓް ހުރަސްކޮށް، ގަސްގަހާގެހި ގިނަ ސަރަހައްދަކަށް ގޮސްފައި،" ޝެރިފް ޖޯންސަން ވިދާޅުވިއެވެ.
ޝެރިފްގެ ޑިޕާޓްމަންޓުން ފުރަތަމަ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ މި މަކުނުތަކަކީ "ސިއްހީ ނުރައްކަލެއް" ކަމަށެވެ. "ޓްރަކްގެ ޑްރައިވަރު، އެ ސަރަހައްދުގެ ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ މި މަކުނުތަކަކީ ނުރައްކާތެރި އަދި އިންސާނުންނަށް ބިރުވެރިކަމެއް ކުރިމަތިކުރުވަފާނެ މަކުނުތަކެއް ކަމަށެވެ. މަކުނުތައް އުފުލި ފަރާތުން މި މައުލޫމާތު ދިނުމުން، އަޅުގަނޑުމެން ވަނީ އެކަށީގެންވާ ފިޔަވަޅުތައް އަޅާފައި. އޭނާ އިތުރަށް ބުނެފައިވަނީ މަކުނުތަކުގައި އަތްލުމަށްޓަކައި ޕީ.ޕީ.އީ (ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް) ބޭނުންކުރަން ޖެހޭނެ ކަމަށް،" ޑިޕާޓްމަންޓުން ބުނެފައިވެއެވެ.
ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ މި ޓްރަކުގައި ހުރި މަކުނުތަކަކީ ޓުލޭން ޔުނިވަރސިޓީން ފޮނުވި މަކުނުތަކެއްކަމަށެވެ. ނަމަވެސް ޓުލޭން ޔުނިވަރސިޓީން ދި އިންޑިޕެންޑެންޓަށް ބުނެފައިވަނީ، އެ މަކުނުތައް ލޫޒިއާނާގެ ކޮވިންގްޓަންގައި ހުންނަ ޓުލޭން ނޭޝަނަލް ބަޔޯމެޑިކަލް ރިސަރޗް ސެންޓަރުން ފުރައިގެން، ޓުލޭންއާ ގުޅުންނެތް ތަނަކަށް ދަތުރުކުރަމުން ދިޔަ މަކުނުތަކެއް ކަމަށެވެ. "މި މަކުނުތައް އެހެން ފަރާތަކަށް ނިސްބަތްވާ މަކުނުތަކެއް،" ޔުނިވަރސިޓީން ބުނެފައިވެއެވެ. އަދި އެތަކެތި އުފުލާފައިވަނީ ޓުލޭންއާ ގުޅުންހުރި ހިދުމަތަކުން ނޫން ކަމަށްވެސް އެ ޔުނިވަރސިޓީން ވަނީ ހާމަކޮށްފައެވެ.
Non-human primates at the TNBRC are provided to other research orgs to advance science. The primates in question belong to another entity & aren't infectious. We're actively collaborating with local authorities & will send a team of animal care experts to assist as needed.
— Tulane University (@Tulane) October 28, 2025
ޓުލޭން ޔުނިވަރސިޓީން އަންގާރަ ދުވަހުގެ ރޭ އެކްސް ގައި ބުނެފައިވަނީ މި މަކުނުތަކަށް ބަލި ޖައްސާފަދަ މަކުނުތަކެއް ނޫން ކަމަށެވެ. "މި މަކުނުތަކަކީ ބަލި ޖައްސާފަދަ އެއްޗެއް ނޫން. އަޅުގަނޑުމެން މިދަނީ މިހާރު އެ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަމުން. އަދި އެހީތެރިކަން ބޭނުންވެއްޖެނަމަ ޖަނަވާރު ބެލެހެއްޓުމުގެ މާހިރުންގެ ޓީމެއް ފޮނުވާނަން،" ޔުނިވަރސިޓީން ލިޔެފައިވެއެވެ. ޓުލޭންއިން ދި އިންޑިޕެންޑެންޓަށް ވަނީ މި މަކުނުތަކަށް އެއްވެސް ވައްތަރެއްގެ ބައްޔެއް ޖެހިފައިނުވާކަން ކަށަވަރުކޮށްދީފައެވެ.