ދުނިޔެ
ރާ މަނާކުރުމަކީ ސައޫދީ ޓޫރިޒަމަށް ހުރަހެއް ނޫން: ލަގްޒަރީ ޕްރޮޖެކްޓުގެ ވެރިޔާ
ޖޯން ޕަގާނޯ
ރަލަކީ ޓޫރިސްޓުން ޝައުގުވެރިކަން ކުރަން މުހިންމު އެއްޗެއް ނޫން ކަމަށާއި އެ ގައުމުގައި ރާ މަނާ ވުމަކުން ޓޫރިޒަމަށް ކުރާނެ ނޭދެވޭ އަސަރެއް ނޯންނާނެ ކަމަށް ސައޫދީ އަރަބިއްޔާގެ ތެލަށް ބަރޯސާވާ އިގްތިސާދު ފުޅާކުރުމަށް ހިންގާ ލަގްޒަރީ ޓޫރިޒަމް ޕްރޮޖެކްޓުގެ ވެރިޔާ ޖޯން ޕަގާނޯ ވިދާޅުވެއްޖެ އެވެ.
ސައޫދީ އަރަބިއްޔާއަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް ބާއްވާ ބޮޑު ކޮންފަރެންސެއް ކަމަށްވާ ފިއުޗާ އިންވެސްޓްމަންޓް އިނިޝިއޭޓިވް (އެފްއައިއައި) ގެ ހަވާސާގައި އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި ޕަގާނޯ ވިދާޅުވީ، "ސައުދީގައި ބަނގުރާ މަނާ. އެކަން އޮތީ އެހެންކަން އެހާ ސާފު،" ކަމަށެވެ. މީހުން ބޭނުންވަނީ ދުޅަހެޔޮ ސިއްހަތެއްގައި ތިބެން ކަމަށާއި އެ މީހުން އަންނަނީ ތަޖުރިބާއެއް ކޮށްލަން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. "ބަނގުރާ ލިބުމަކީ އެ މީހުން ބޭނުންވާ ކަމަކަށް ވެދާނެ. އެކަމަކު އެއީ ޓޫރިސްޓް ޑެސްޓިނޭޝަނެއްގެ ކާމިޔާބީއާ ގުޅޭ އެއްޗެއް ނޫން،" ޕަގާނޯ ވިދާޅުވި އެވެ.
އިސްލާމް ދީނުގެ ފެށުން ގުޅިފައިވާ އަދި މުސްލިމުންގެ އެންމެ މުގައްދަސް ދެ ބިނާ ހުންނަ ސައޫދީ އަރަބިއްޔާ މިހާތަނަށް އޮތީ "ދީނީ މަންޒިލެއްގެ ގޮތުގައި" އެކަނި ކަމަށް ވިޔަސް މި ފަހުން ވަނީ ވަރަށް ބޮޑަށް ހުޅުވާލައިފަ އެވެ. ޓޫރިސްޓް ވިސާ ވެސް އެ ގައުމުން ދޫކުރަން ފެށީ 2019 ވަނަ އަހަރު އެވެ. މި ބަދަލުތައް ގެންނަނީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ސައުދީ އަރަބިއްޔާގެ ވެރިކަމުގެ ޒިންމާތަކާ ހަވާލުވެވަޑައިގެންނެވި ފަހުން، އެ ގައުމުގެ އިގްތިސާދު ފުޅާކޮށް، ޓޫރިސްޓުންނާއި ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް "ވިޝަން 2030" ގެ ނަމުގައި ހިންގާ މަޝްރޫއުގެ ދަށުންނެވެ.
މި ބަދަލުތަކާ އެކު ވެސް ސައޫދީގައި، އިސްލާމީ އެހެން ގިނަ ގައުމުތަކަކޭ އެއްގޮތަށް ރަލަކީ ޖުމްލަ ގޮތެއްގައި މަނާ އެއްޗެކެވެ. އެކަމަކު މިދިޔަ އަހަރު ސައޫދީގައި ވަނީ ހަމައެކަނި ޣައިރު މުސްލިމުންނަށް ހިދުމަތްދޭ ގޮތަށް ރާ ފިހާރައެއް ހުޅުވައިފަ އެވެ. ސައޫދީގައި 2034 ވަނަ އަހަރުގެ ބާއްވާ ވޯލްޑް ކަޕްގައި ވެސް ރާ މަނާވާނެ ކަމަށް، ސައޫދީން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޚާލިދު ބިން ބަންދަރު ބިން ސުލްތާން އަލް ސައުދު ވިދާޅުވެފައިވެ އެވެ.
ޕަގާނޯ ވިދާޅުވި ގޮތުގައި އެ މީހުންގެ މެހެމާނުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަކީ އިންޓަނޭޝަނަލް އެރައިވަލްސް ކަމަށާއި، އުންމީދުކުރި ވަރަށް ވުރެ އަވަހަށް މި ހިސާބަށް މި ދިޔައީ ކަމަށެވެ. ރެޑް ސީ ގްލޯބަލް އިން ސައޫދީ އަރަބިއްޔާގެ ހުޅަނގު އައްސޭރީގައި 27 ހޮޓާ އަދި ރިސޯޓް ހުޅުވަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން 10 ތަނެއް މިހާރު ވަނީ ހިންގަން ފަށައިފަ އެވެ.
"އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި 27 ހޮޓަލާއި ރިސޯޓު އެއްކޮށް ހުޅުވާލެވޭނެ،" ޕަގާނޯ ވިދާޅުވިއެވެ. މިއީ ހައްޖާއި އުމްރާގެ އަޅުކަމަށް އަންނަ މީހުންނަށް ވެސް ފަސޭހައިން ދެވޭ ހިސާބެއްގައި ހުންނަ ރިސޯޓްތަކެއް ކަމަށް ވުމުން، އަޅުކަމަށް އަންނަ މީހުން ވެސް ރިސޯޓްތަކުން ހިދުމަތް ހޯދާނެ ކަމަށާއި އެ މީހުންގެ ފަރާތުން ވެސް އާމްދަނީ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ޕަގާނޯ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހައްޖާޖީންގެ މާކެޓް ލިބޭތޯ ރެޑް ސީ ޕްރޮޖެކްޓުން މަސައްކަތްކުރާނެ ކަމަށެވެ. -- އޭއެފްޕީ