ދުނިޔެ

ކެމަރޫންގެ ރައީސް ޕޯލް ބިޔާ 8 ވަނަ ދައުރަކަށް ހޮވިއްޖެ!

ކެމަރޫންގެ ރައީސް ޕޯލް ބިޔާ 8 ވަނަ ދައުރަކަށް ހޮވިއްޖެ!

ކެމަރޫންގެ ރައީސް ޕޯލް ބިޔާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 އޮކްޓޯބަރު 2025، 02:08

28 އޮކްޓޯބަރު 2025، 02:08

ކެމަރޫންގެ ރައީސް ޕޯލް ބިޔާ އަނެއްކާ ވެސް ވެރިކަމުގެ އިތުރު ދައުރަކަށް ހޮވިވަޑައިގެންފި އެވެ. އުމުރުން 92 އަހަރުގެ ބިޔާ އަށް މިފަހަރު ލިބިވަޑައިގަތީ ވެރިކަމުގެ 8 ވަނަ ދައުރެވެ. ދުނިޔޭގެ ރައީސުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅާގެ ގޮތުގައި މިހާރު ވެސް ހުންނެވި ބިޔާ، އިތުރު ދައުރަކަށް ހޮވުމާ ގުޅިގެން ގައުމުގައި ހަމަނުޖެހުންތައް ހިނގާ، މިހާތަނަށް ހަތަރު މީހެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ.

ބިޔާ ކެމަރޫންގެ ރައީސްގެ މަގާމަށް އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގަތީ 1982 ވަނަ އަހަރު އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް އޭނާ ވަނީ ވެރިކަމުގައި ދެމިހުންނަވައިފަ އެވެ. އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ބޭއްވި މި އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓު އިއްސާ ޝިރޯމާ ބަކަރީއާ ވާދަކުރައްވައި ބިޔާ ވަނީ 53.66 އިންސައްތައިގެ އަޣުލަބިއްޔަތެއް ހޯއްދަވައިފަ އެވެ. ރަނގަޅު ކާމިޔާބީއެއް ހޯއްދަވާނެ ކަމަށް ބެލެވިފައި އޮތް ޝިރޯމާއަށް ލިބިވަޑައިގަތީ ވޯޓުގެ 35.10 އިންސައްތަ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބިޔާގެ ސަރުކާރުން ވަނީ ވޯޓު އޮޅުވާލައިފަ އެވެ. ނަމަވެސް ސަރުކާރުން މި ތުހުމަތުތައް ދޮގުކުރެ އެވެ.

އިންތިހާބުގެ ނަތީޖާއާ މެދު އާންމުން ނުރުހުންވެ، ގައުމުގެ އެކި ސަރަހައްދުތަކުގައި އާންމުންނާއި ކެމަރޫންގެ ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތައް ދަނީ ހިނގަމުންނެވެ. މުޒާހަރާގެ ބައިވެރިން ދަނޑިބުރިއާއި ގައު ބޭނުންކޮށް، މަގުތަކުގައި ހަރަކާތްތެރިވެ، މަގުތައް ބަންދުކުރަމުން ދަނީ އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރާ ކަމަށް ބުނެ އެވެ. މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުންކޮށްފަ އެވެ. މި ހަމަނުޖެހުންތަކުގައި މިހާތަނަށް ހަތަރު މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިތުރު ދައުރަކަށް އިންތިހާބުވުމާ ގުޅިގެން، ބިޔާގެ އުމުރުން 100 އަހަރު ފުރުމާ ގާތްވަންދެން އޭނާއަށް ވެރިކަމުގައި ދެމިހުންނެވޭނެ އެވެ. އިންތިހާބާ ގުޅޭގޮތުން އޭނާ ވިދާޅުވީ ނަތީޖާއިން ފެނިގެންދަނީ ގައުމުގެ ކަންކަމުގައި އިސްނަގައި ގައުމު ހިންގުމަށް އޭނާއަށް ރައްޔިތުން އިތުބާރުކުރާ މިންވަރު ކަމަށެވެ. މީގެ އިތުރުން، އިންތިހާބުގެ ނަތީޖާއާ ގުޅިގެން ގައުމުގައި ހިނގަމުންދާ މުޒާހަރާތަކާއި ހަމަނުޖެހުންތަކާމެދު ހިތާމަކުރައްވާ ކަމަށް ވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ ވިދާޅުވެފަ އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން