ދުނިޔެ
ހަތަރު އަހަރަށް ފަހު އިންޑިއާ-ޗައިނާާއާ ދެމެދު ސީދާ ދަތުރުތައް އަލުން ފަށައިފި!
އިންޑިގޯ އެއަރލައިން
އިންޑިއާއާއި ޗައިނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ހަތަރު އަހަރަށްވުރެ ގިނަ ދުވަހަށްފަހު އަލުން ފަށައިފިއެވެ. 2020 ވަނަ އަހަރުގެ ކުރީކޮޅު ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މި ދަތުރުތައް ހުއްޓާލެވުނު ނަމަވެސް، ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކަށްފަހު ގުޅުންތައް ގޯސްވުމުން އަލުން ފެށުމަށް ހުރަސްއެޅުނެވެ. މިހާރު މި ދަތުރުތައް އަލުން ފެށުމަކީ ދެ ގައުމުގެ ގުޅުން ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.
ފުރަތަމަ ސީދާ ދަތުރު ކޮށްފައިވަނީ ހޯމަ ދުވަހުއެވެ. އިންޑިގޯ އެއާލައިންސް އިން އިންޑިއާގެ ކޮލްކަތާ އިން ޗައިނާގެ ގުއަންޒޫއަށް ހިންގި މި ދަތުރުގައި 180 ވަރަކަށް ޕަސިންޖަރުން ދަތުރުކޮށްފައިވެއެވެ.
އިންޑިއާ ސަރުކާރުން ބުނެފައިވަނީ މި ދަތުރުތަކަކީ ދެ ގައުމުގެ ގުޅުން ބަދަހިކުރަން އެހީތެރިވެދޭނެ ކަމެއް ކަމުގައެވެ. އަދި މިކަމަކީ ދެ ގައުމުގެ ރައްޔިތުންނާ ދެމެދު އޮންނަ މުއާމަލާތްތަކާއި ދަތުރުފަތުރުތައް ފަސޭހަވެ، ރަނގަޅުވާނެ ކަމެއް ކަމަށް އޮފިޝަލުން ގަބޫލުކުރެއެވެ.
ދާދި ފަހުން ދެ ގައުމުން އަޅާފައިވާ ފިޔަވަޅުތަކުން ގުޅުންތަކަށް ހެޔޮ ބަދަލުތަކެއް އަންނަކަމަށް ދައްކައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހަތް އަހަރަށްފަހު މިދިޔަ އޮގަސްޓު މަހު ޗައިނާއަށް ވަޑައިގެން، ސަރަހައްދީ ސަމިޓެއްގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާ ބައްދަލުކުރެއްވިއެވެ. މީގެކުރިން ޗައިނާގެ ބޭރުގެ ކަންތައްތަކާ ބެހޭ ވަޒީރު އިންޑިއާގެ ދިއްލީއަށް ވަޑައިގެން ބޯޑަރު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުން އިންޑިއާއިން ވަނީ ޗައިނާގެ ފަތުރުވެރިންނަށް އަލުން ވިސާ ދޫކުރަން ފަށާފައެވެ.
ދަތުރުތައް ހުއްޓާލުމުގެ ކުރިން، 2019 ވަނަ އަހަރު ދެ ގައުމު ދެމެދު 2,500 އަށްވުރެ ގިނަ ދަތުރުތައް ހިންގުމަށް ވަނީ ތާވަލުކޮށްފައެވެ.
ދަތުރުތައް އަލުން ފެށުން ފާހަގަކުރުމުގެ ގޮތުން ކޮލްކަތާ އެއާޕޯޓުގައި މުނާސަބަތެއް ބާއްވާފައިވެއެވެ. ޗައިނާގެ ކޮންސިއުލާ އޮފިސަރަކު މި ދުވަހަކީ ދެ ގައުމުގެ ގުޅުންތަކަށް ވަރަށް މުހިންމު ދުވަހެއް ކަމުގައި ސިފަކުރެއްވިއެވެ.
ފަސިންޖަރުން މި ދަތުރުތައް އަލުން ފެށުމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. ގިނަ ބަޔަކު ބުނެފައިވަނީ މިކަމުގެ ސަބަބުން ދަތުރުކުރާނެ ވަގުތާއި ޚަރަދު ކުޑަވެގެންދާނެ ކަމުގައެވެ.
ނޮވެމްބަރު މަހު ޗައިނާ އީސްޓަރން އެއާލައިންސް އިން ޝަންހާއީއާއި ދިއްލީއާ ދެމެދު ދަތުރުތައް ފަށާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. މި ދަތުރުތައް ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން ހަފުތާއަކު ތިން ފަހަރު ބާއްވާ ގޮތަށް ވަނީ ރާވާފައެވެ.