ދުނިޔެ
އިންޓަކޮމް މައްސަލަ ޖެހި ކްރޫ ކޮކްޕިޓް ދޮރުގަ ޓަކިދިނުމުން ބޯޓު ހައިޖެކް ކުރަނީ ކަމަށް ހީކޮށް ފްލައިޓެއް ކުއްލި ހާލަތުގައި ޖައްސައިފި!
ކުއްލި ޙާލަތުގައި ޖެއްސި އެމެރިކަން އެއަރލައިންސްގެ ބޯޓު
މިދިޔަ ހޯމަ ދުވަހުގެ ރޭ، އެމެރިކަން އެއަރލައިންސްގެ ފްލައިޓެއް، ޕައިލެޓުންނަށް ކޮކްޕިޓްގެ ދޮރު ފަޅާލަން އުޅޭ ކަމަށް ހީވެގެން، ނެބްރަސްކާގައި ކުއްލި ހާލަތުގައި ބޯޓު ޖައްސަން މަޖުބޫރުވެއްޖެއެވެ. ނިއުޔޯކް ޕޯސްޓް ބުނާ ގޮތުގައި، މި ފްލައިޓް އޮޕަރޭޓްކުރީ ސްކައިވެސްޓް އެއަރލައިންސްއިންނެވެ.
މި ހާދިސާ ހިނގާފައިވަނީ ލޮސް އެންޖަލްސްއަށް ދަތުރުކުރަމުން ދިޔަ ފްލައިޓް 6469 (ފަހުން އެފް.އޭ.އޭއިން 6569 ކަމަށް ބަދަލުކުރެވިފައިވާ) ގެ ޕައިލެޓުންނާއި ފްލައިޓް އެޓެންޑެންޓުންނާ ދެމެދު ކޮމިއުނިކޭޝަން ކެނޑިގެން ދިއުމާ ގުޅިގެންނެވެ. ޕައިލެޓުންނަށް އިންޓަކޮމް މެދުވެރިކޮށް ހަމައެކަނި ސްޓެޓިކް އަޑު އިވުނުއިރު، ކޮކްޕިޓްގެ ދޮރުގައި ތަޅާތީ، ސެކިއުރިޓީގެ ނުރައްކަލެއްކަމަށް ބިރުގަތެވެ. ކްރޫ މެމްބަރުން ދޮރުގައި ތަޅަން ފެށުމުން، ޕައިލެޓުންނަށް ހީވީ މީހަކު ފްލައިޓް ހައިޖެކް ކުރަން އުޅޭ ކަމަށެވެ.
ނަތީޖާއެއްގެ ގޮތުން، ޕައިލެޓުން ވަނީ އޮމާހާ އެއަރޕޯޓުން ފުރިތާ 40 މިނިޓަށް ވުރެ ކުޑަ ވަގުތެއްގެ ތެރޭގައި ފްލައިޓް އަނބުރާ އޮމާހާ އެއަރޕޯޓަށް ޖައްސާފައެވެ. ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފް.އޭ.އޭ) އިން ބުނި ގޮތުގައި، ސްކައިވެސްޓް ފްލައިޓް 6569 ވަނީ އޮކްޓޯބަރު 20 ވާ ހޯމަ ދުވަހުގެ ރޭ 7:45 ހާއިރު، އޮމާހާ، ނެބްރަސްކާގެ އެޕްލީ އެއަރފީލްޑަށް ރައްކާތެރިކަމާއެކު ޖައްސާފައެވެ. މި ހާދިސާ ހިނގާފައިވަނީ ޕައިލެޓަށް ކެބިން ކްރޫއާ ގުޅުން ގާއިމުނުކުރެވިގެން ކުއްލި ހާލަތެއް އިޢުލާން ކުރުމުންނެވެ.
ފްލައިޓް ޖެއްސުމަށްފަހު ހަދާފައިވާ ތަހުގީގުން ހާމަވެފައިވަނީ، މައްސަލަ ދިމާވެފައިވަނީ ފްލައިޓްގެ އިންޓަކޮމް ސިސްޓަމަށެވެ. އަދި ކްރޫ މެމްބަރުން ކޮކްޕިޓްގެ ދޮރުގައި ތެޅީ މައްސަލަ ޖެހިފައިވާތީ ޕައިލެޓުންނަށް އަންގަންކަމަށް ވަނީ ހާމަވެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ފްލައިޓްގެ ކެޕްޓަން ވަނީ މި ހާދިސާއާ ގުޅިގެން ދަތުރުވެރިންގެ ކިބައިން މައާފަށް އެދިފައެވެ.
މިފަދަ ހައިރާންކުރުވަނިވި އިތުރު ހާދިސާއެއްގައި، މިދިޔަ ހަފްތާގައި ޑެންވަރއިން ލޮސް އެންޖަލްސްއަށް ދަތުރުކުރި ޔުނައިޓެޑް އެއަރލައިންސް (ޔޫއޭ1093) ގެ ފްލައިޓެއްގެ ވިންޑްޝީލްޑަށް ނުދަންނަ އެއްޗެއް އަރައިގެން، އެ ފްލައިޓް ވެސް ކުއްލި ހާލަތުގައި ޖައްސަން މަޖުބޫރުވިއެވެ. މި ޚާދިސާގައި 134 ދަތުރުވެރިން ލަގްޒަރީ ސިޓީގައި ޖެއްސުމަށްފަހު، އެހެން ފްލައިޓަކުން ވަނީ އެމީހުންގެ މަންޒިލަށް ގެންގޮސްފައެވެ.
ވެދަރ ބެލޫނު ކުންފުންޏެއް ކަމަށްވާ ވިންޑްބޯން ސިސްޓަމްސްއިން ބުނެފައިވަނީ، 36،000 ފޫޓުގެ އުސްމިނުގައި ހިނގި މި ހާދިސާގައި ވިންޑްޝީލްޑްގައި ޖެހުނީ ވެދަރ ބެލޫނެއް ކަމަށް ވެދާނެ ކަމަށެވެ. އެ ކުންފުނިން ހޯމަ ދުވަހުގެ ރޭ ނެރެފައިވާ ބަޔާނެއްގައި ވަނީ، ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑް (އެން.ޓީ.އެސް.ބީ) އާ ގުޅިގެން މި ޚާދިސާ ތަހުގީގުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.