ދުނިޔެ

އެމެޒޯންގެ ކްލައުޑް ކޮމްޕިއުޓިންގ ހިދުމަތްތައް ހުއްޓުމަކަށް އައުމަށްފަހު, ދުނިޔޭގެ އިންޓަރނެޓްގެ ހިދުމަތްތައް އަލުން އާއްމު ހާލަތަކަށް.

އެމެޒޯންގެ ކްލައުޑް ކޮމްޕިއުޓިންގ ހިދުމަތްތައް ހުއްޓުމަކަށް އައުމަށްފަހު, ދުނިޔޭގެ އިންޓަރނެޓްގެ ހިދުމަތްތައް އަލުން އާއްމު ހާލަތަކަށް.

އެމެޒޯން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 އޮކްޓޯބަރު 2025، 02:48

21 އޮކްޓޯބަރު 2025، 02:48

ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިންޓަރނެޓް ހިދުމަތްތައް ކެނޑި، މުނިފޫހިފިލުވުމާއި، ގޭމިންގ، ކާނާ ޑެލިވަރީ، ސްޓްރީމިންގ އަދި ފައިނޭންޝަލް ޕްލެޓްފޯމްތަކަށް ބުރޫއެރުވި އެމެޒޯންގެ ކްލައުޑް ކޮމްޕިއުޓިންގ ހިދުމަތްތައް ހުއްޓުމަކަށް އައުމަށްފަހު، މިމައްސަލަ ހައްލުވެފައިވާކަމަށް އެމެޒޯނުން ހާމަކޮށްފިއެވެ. މި ހުއްޓުން ހައްލުވެފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މިކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އާންމުންނަށް ކުރިމަތިވި ހިތްހަމަނުޖެހުންތަކުން ދައްކުވައިދިނީ، 21 ވަނަ ގަރުނުގެ މުޖުތަމަޢު އިންޓަރނެޓްގެ ގިނަ ހިދުމަތްތަކަށް ބަރޯސާވެފައިވަނީ މަދު ކުންފުނިތަކެއްގެ މައްޗަށް ކަމެވެ. މި ހިދުމަތްތައް ގިނަ ފަހަރު ވަރަށް ރަނގަޅަށް މަސައްކަތް ކުރިނަމަވެސް، ކުއްލިއަކަށް ހިދުމަތްތަކަށް ބުރޫއެރުން އާދެއެވެ.

ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިދުމަތް ހުއްޓެން ފެށުނުތާ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުން، އެމެޒޯން ވެބް ސަރވިސަސް  އިން ބުނީ ހިދުމަތްތައް އަލުން ހަމައަކަށް އެޅެން ފަށާފައިވާ ކަމަށެވެ. ނަމަވެސް، ހިދުމަތްތައް މުޅިން އާންމު ހާލަތަކަށް އައީ އިރުމަތީ ގަޑިން ހަވީރު 6:00 ޖެހިއިރު ކަމަށް އެމެޒޯނުން ވަނީ އެ ކުންފުނީގެ ހެލްތު ވެބްސައިޓްގައި ބުނެފައެވެ.


އޭޑަބްލިއުއެސް އަކީ ދުނިޔޭގެ އެންމެ ބޮޑެތި ޖަމިއްޔާތަކަށް ކްލައުޑް ކޮމްޕިއުޓިންގ އިންފްރާސްޓްރަކްޗާ ފޯރުކޮށްދޭ ކުންފުންޏެކެވެ. އެކުންފުނީގެ ކަސްޓަމަރުންގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި ޔުނިވަރސިޓީތަކާއި، އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ފަދަ ވިޔަފާރިތައް ހިމެނެއެވެ. ސައިބަރސެކިއުރިޓީގެ މާހިރު މައިކް ޗެޕަލް ވިދާޅުވީ، "މިފަދަ ބުރޫއެރުންތަކާއެކު ހިދުމަތް އަނބުރާ އިއާދާވުމަކީ  އާންމު ކަމެއް" ކަމަށެވެ. އޭނާ ވިދާޅުވީ، އިންޖިނިއަރުން ކްލައުޑް ކޮމްޕިއުޓިންގ އިންފްރާސްޓްރަކްޗާގައި މައްސަލަތައް ހައްލުކުރަމުންދާއިރު، އެ މަސައްކަތުގެ ސަބަބުން ކުދިކުދި ހުއްޓުންތައް ދިމާވުން އެކަށީގެންވާ ކަމަށެވެ.

"މިއީކަރަންޓް ކެނޑުމަކަށްފަހު ދިމާވާ ކަންތައްތަކާ އެއްގޮތް ކަމެއް، އަވަށެއްގެ ކަރަންޓް އަލުން ދޫކުރަން ފަށާއިރު، މަރާމާތުގެ މަސައްކަތް ނިންމާލުމާއެކު އަވަށްތަކަށް ވަގުތީ ގޮތުން މައްސަލަތައް ކުރިމަތިވެދާނެ،" ޔުނިވަރސިޓީ އޮފް ނޯޓްރެޑޭމްގެ މެންޑޯޒާ ކޮލެޖް އޮފް ބިޒްނަސްގެ އިންފޮމޭޝަން ޓެކްނޮލޮޖީގެ ޕްރޮފެސަރު ޗެޕަލް ވިދާޅުވިއެވެ.

މައްސަލަ ދިމާވީ ޑޮމެއިން ނޭމް ސިސްޓަމް (ޑީއެންއެސް) އަށް

އެމެޒޯނުން ބުނީ މިއީ، ޑޮމެއިން ނޭމް ސިސްޓަމް (ޑީއެންއެސް) އާ ގުޅުންހުރި މައްސަލަތަކެއް ކަމަށެވެ. ޑީއެންއެސް އަކީ ވެބް އެޑްރެސްތައް އައިޕީ އެޑްރެސްތަކަށް ބަދަލުކޮށްދޭ ނިޒާމެކެވެ. މި ނަންބަރުތަކުން އިންޓަރނެޓްގައި ހުރި ތަންތަން ދެނެގަންނަން އެހީވެ، ވެބްސައިޓްތަކާއި އެޕްތައް އިންޓަރނެޓާ ގުޅިފައިވާ ޑިވައިސްތަކަށް ލޯޑްވުމަށް މަގުފަހިކޮށްދެއެވެ.

އޮންލައިން ހުއްޓުންތައް ޓްރެކްކުރާ ވެބްސައިޓެއް ކަމަށްވާ ޑައުންޑިޓެކްޓަރ އިން ފޭސްބުކް ޕޯސްޓެއްގައި ބުނީ، 2,500 އަށް ވުރެ ގިނަ ކުންފުނިތަކަށް މައްސަލަ ދިމާވެފައިވާ ކަމަށް 11 މިލިއަނަށް ވުރެ ގިނަ ޔޫޒަރުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. ޔޫޒަރުން ރިޕޯޓްކޮށްފައިވާ ހިދުމަތްތަކުގެ ތެރޭގައި ސޯޝަލް މީޑިއާ ސައިޓް ސްނެޕްޗެޓް، ރޮބްލޮކްސް އަދި ފޯޓްނައިޓް ވީޑިއޯ ގޭމްސް، އޮންލައިން ބްރޯކަރު ރޮބިންހޫޑް އަދި މެކްޑޮނަލްޑްސް އެޕްގެ އިތުރުން ނެޓްފްލިކްސް، ޑިޒްނީ+ އަދި އެހެނިހެން ގިނަ ހިދުމަތްތައް ހިމެނެއެވެ.

އެމެޒޯންގެ ކްލައުޑް ހިދުމަތްތަކަށް މައްސަލަ ދިމާވެ، ފުޅާ ދާއިރާއެއްގައި ހިދުމަތްތަކަށް ބުރޫއެރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. 2023 ވަނަ އަހަރުވެސް އިންޓަރނެޓްގެ ގިނަ މަގުބޫލު ހިދުމަތްތަކަށް ކުޑަ ވަގުތުކޮޅަކަށް ބުރޫއެރިއެވެ. އަދި 2021 ވަނަ އަހަރުގެ ފަހުކޮޅުގައި އޭޑަބްލިއުއެސް އަށްމިހާތަނަށް ދިމާވި އެންމެ ދިގު ހުއްޓުމުގެ ސަބަބުން، އެއަރލައިންތަކާއި ކާރު ޑީލަރޝިޕްތަކުން ފެށިގެން ޕޭމަންޓް އެޕްތަކާއި ވީޑިއޯ ސްޓްރީމިންގ ހިދުމަތްތަކާ ހަމައަށް، ފަސް ގަޑިއިރަށް ވުރެ ގިނައިރު ހިދުމަތްތަކަށް އަސަރުކުރިއެވެ. މީގެ އިތުރުން 2020 ވަނަ އަހަރާއި 2017 ވަނަ އަހަރުވެސް މިފަދަ ހުއްޓުންތައް ދިމާވެފައިވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން