ދުނިޔެ
ނެޓްފްލިކްސްގެ ކޮރެއާ ސީރީޒް 'ޖީނީ – މޭކް އަ ވިޝް' އިސްލާމީ އަޤީދާއަށް އިޙްތިރާމް ނުކުރާ ސީރީޒްއެއް، ޝޯ ބޮއިކޮޓް ކުރުމަށް ގޮވާލައިފި!
ކޮރެއާ ސީރީޒް 'ޖީނީ – މޭކް އަ ވިޝް
އޮކްޓޯބަރު 3 ގައި ނެޓްފްލިކްސް އިން އަލަށް ދައްކަން ފެށި ކޮރެއާ ސީރީޒް "ޖިނީ – މޭކް އަ ވިޝް" އަށް އެ ސީރީޒް ނެރުނުތާ މާގިނަ ދުވަސްތަކެއް ނުވެ، ދީނީ ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. ގިނަ ބެލުންތެރިން ދަނީ މި ސީރީޒްއަކީ އިސްލާމީ އަޤީދާއަށް އިޙްތިރާމް ނުކުރާ ސީރީޒްއެއް ކަމަށް ބުނެ، މި ޝޯ ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، މި ސީރީޒްގައި ދީނީ އުޞޫލުތަކާއި ކަންކަން ބަދަލުކޮށް، ގޯސްކޮށް ދެއްކުމަށް މަސައްކަތްކޮށްފައިވެއެވެ. މި ސީރީޒްގެ މައިގަނޑު ވާހަކަ ފެށިގެންދަނީ އިބިލީހުގެ މައްޗަށެވެ. ނަމަވެސް، މި ޝޯގައި އިބިލީސް ދައްކުވައިފައިވަނީ ލޯބީގެ ބަތަލެއްގެ ގޮތުގައެވެ. އެހެންކަމުން، މަލާއިކަތްބޭކަލުން ދައްކުވައިފައިވަނީ ނުބައި ބަޔެއްގެ ގޮތުގައެވެ. މި ސީރީޒްގެ މިފަދަ ތަސްވީރުތަކުން ގިނަ ބެލުންތެރިން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
ސީރީޒްގައި އިބިލީސް އޭނާގެ ބޮޑާކަމުގެ ސަބަބުން އިންސާނުންނަށް ސަޖިދަ ކުރުމަށް ދެކޮޅު ހަދައެވެ. ނަމަވެސް ފަހުން އިންސާނަކަށް ލޯބިވެ، އޭނާއަށް ސަޖިދަ ކުރުމަށް މަޖުބޫރުވެއެވެ. މިއީ އިސްލާމީ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަމެކެވެ. މީގެ އިތުރުން، މި ސީރީޒްގައި އިންސާނުންނަށް ބައެއް ފަހަރު އެހެންސިފައެއްގައި އަލުން ދިރިއުޅުން ލިބޭ ގޮތަށް ދައްކުވައިފައިވެއެވެ. މިއީ ވެސް އިސްލާމް ދީން ތާއީދުނުކުރާ ކޮންސެޕްޓެކެވެ.
ގިނަ ފޭނުން ބުނާ ގޮތުގައި މި ޝޯގައި ދީނީ ރަމްޒުތައް ގޯސްކޮށް ބޭނުންކޮށްފައިވެއެވެ. އަދި ދީނާއި ފަންޓަސީ އެއްކޮށްލާފައިވަނީ ގޯސް ގޮތަކަށް ކަމަށް އެމީހުން ދެކެއެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި ސީރީޒް ނެރެފައިވަނީ އެންޓަޓެއިންމަންޓުގެ ނަމުގައި އިސްލާމީ އަޤީދާއަށް ގެއްލުން ދިނުމަށް މަސައްކަތް ކުރުމަށްޓަކައެވެ.
މި ސީރީޒްގެ މައިގަނޑު ކާސްޓުގައި ހިމެނެނީ ކޮރެއާގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ކިމް ވޫ ބިން، ނޯއާ ސިންގް ހެންގް އަދި އެކްޓްރެސް ބޭ ސޫޒީ އެވެ. ނެޓްފްލިކްސް ނުވަތަ މި ޝޯގެ ޕްރޮޑިއުސަރުން މި މައްސަލައާ ބެހޭ ގޮތުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މި ސީރީޒްގެ އެއް އެކްޓްރެސްއެއް ވަނީ މި ޝޯ ހަދާފައިވަނީ ހަމައެކަނި މަޖާ ކުރުމަށް ކަމަށް ބުނެފައެވެ. އަދި އެކްޓްރެސް އިތުރަށް ބުނީ، މި ވާހަކަ އަކީ ހަޤީޤަތާއި ފަންޓަސީ އެއްކޮށްލައިގެން ބެލުންތެރިންނަށް މަޖާ މުނިފޫހިފިލުވުމުގެ ގޮތުން ހަދާފައިވާ ވާހަކައެއް ކަމަށެވެ.
ދީނީ ކަންކަން މި ސީރީޒްގައި ދައްކުވައިފައިވާ ގޮތާ މެދު އަދިވެސް ގިނަ ބަޔަކު ކަންބޮޑުވެއެވެ. މިފަދަ ވާހަކަތަކުން ބެލުންތެރިންނަށް އިސްލާމީ ދީނުގެ އުޞޫލުތަކާ ބެހޭ ގޮތުން ގޮތްނިންމަން ނޭނގޭ ހާލަތަކަށް ވެއްޓިދާނެ ކަމަށް އެމީހުން ގަބޫލުކުރެއެވެ. މި ޝޯ އޮންލައިންކޮށް އިތުރު ބަޔަކު ބަލަމުންދާ އިރު، މި މައްސަލައާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ބަހުސްތައް ވަރަށް ބޮޑަށް ހޫނުވެފައިވެއެވެ.