ދުނިޔެ

ޕެރިސްގެ މަޝްހޫރު ލޫވްރް މިއުޒިއަމް ބަންދުކޮށްފި

ޕެރިސްގެ މަޝްހޫރު ލޫވްރް މިއުޒިއަމް ބަންދުކޮށްފި

ޕެރިސްގެ މަޝްހޫރު ލޫވްރް މިއުޒިއަމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 އޮކްޓޯބަރު 2025، 04:20

19 އޮކްޓޯބަރު 2025، 04:20

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ޒިޔާރަތްކުރާ އެއްތަންކަމުގައި ބުނެވޭ ޕެރިސްގައި ހުންނަ ލޫވްރް މިއުޒިއަމްގައި، ވައްކަމެއް ހިންގާފައި ވާތީ މިދިޔަ އާދީއްތަ ދުވަހު ބަންދުކޮށްފިއެވެ. މިހާދިސާއާ ގުޅިގެން ފުލުހުންނާއި ސަލާމަތީ ފަރާތްތަކުން ވަނީ ތަޚްޤީޤް ފަށާފައެވެ.

ފްރާންސްގެ ސަގާފަތާއިބެހޭ ވަޒީރު ރަޝީދާ ދާތީ ވިދާޅުވީ، މިޚާދިސާ ހިނގާފައިވަނީ މިއުޒިއަމް އާންމުންނަށް ހުޅުވާލި ފަހުން، ފަތިސްވީ ވަގުތު ކަމަށެވެ. އަދި މިޚާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ލިޔުއްވާފައި ވަނީ "އަހަރެން މިހާރު މިހުރީ މިއުޒިއަމްގެ އޮފިޝަލުންނާއި ފުލުހުންނާއެކު މިތަނުގައި މިވަގުތު ތަޚްޤީޤް ކުރިއަށްދަނީ" މިހެންނެވެ.

މިއުޒިއަމްގެ މެނޭޖްމަންޓުން ވަނީ "ޙާއްސަ ސަބަބުތަކަކަށް" މިތަން ބަންދުކުރި ކަމަށް އިއުލާނުކޮށްފައެވެ. ނަމަވެސް ވަގަށްނަގާފައިވަނީ ކޮންކަހަލަ ފަންނެއްގެ މަސައްކަތެއް ނުވަތަ އަގުހުރި އެއްޗެއް ކަމެއް އޮފިޝަލުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ލޫވްރް މިއުޒިއަމަކީ، ލިއޮނާޑޯ ޑާ ވިންޗީގެ މަޝްހޫރު "މޯނާ ލީސާ"، އީޖީން ޑެލަކްރޮއިސްގެ "ލިބަރޓީ ލީޑިންގ ދަ ޕީޕަލް"، ފަދަ ތާރީޚީ އެތައް ފަންނީ މަސައްކަތެއް ހިމެނޭ ތަނެކެވެ.

ހާދިސާގެ ޚަބަރު ލިބުމާއެކު ފުލުހުންނާއި ފޮރެންސިކް ޓީމްތައް ހާދިސާ ހިނގި ތަނަށް ގޮސް، ހެކި ހޯދުމުގެ މަސައްކަތް ފަށައި، ސެކިއުރިޓީ ކެމެރާގެ ރެކޯޑްތައް ބަލަން ވަނީ ފަށާފައެވެ. ތަޚްޤީޤްގެ ބަޔެއްގެ ގޮތުން މިއުޒިއަމަށް ވަނުމަށް ހަދާފައިވާ ބައެއް ދޮރުތައް ވަނީ ބަންދުކޮށްފައެވެ.

މިއުޒިއަމް ބަންދުކުރިކަން އެނގުމުން އެތަނަށް ޒިޔާރަތްކުރުމަށް އައި ގިނަ އަދަދެއްގެ މީހުން ވަނީ އަނބުރާ ފޮނުވާލާފައެވެ. ގިނަ ފަތުރުވެރިން ވަނީ މިކަމާ ހިތާމަ ފާޅުކޮށްފައެވެ. ބައެއް ފަތުރުވެރިން ބުނި ގޮތުގައި އެމީހުން ދުރުން ދަތުރުކޮށްފައި އައީ ހަމައެކަނި މޯނާ ލީސާ ބެލުމުގެ އުއްމީދުގައެވެ.

މިހާރު އޮފިޝަލުން ދަނީ މިއުޒިއަމްގެ ސެކިއުރިޓީ ނިޒާމުތައް މުރާޖަޢާކޮށް، މިފަދަ ބޮޑު ވައްކަމެއް ހިންގާފައި ވަނީ ކޮންގޮތަކަށްކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. މިއުޒިއަމް އަލުން ހުޅުވުމުގެ ކުރިން އިތުރު ސަލާމަތީ ފިޔަވަޅުތައް އަޅާނެ ކަމަށް ލަފާކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން