ދުނިޔެ
އެމެރިކާގައި "ނޯ ކިންގްސް" މުޒާހަރާ، ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް މިލިއަނެއްހާ ރައްޔިތުން މަގުމައްޗަށް
އެމެރިކާގައި ކުރިއަށްދިޔަ ނޯކިންގްސް މުޒާހަރާ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަރުކަށި ސިޔާސަތުތަކާއި، ޑިމޮކްރެޓިކް ހަމަތަކަށް ބުރޫ އަރުވާކަމަށް ތުހުމަތުކޮށް، "ނޯ ކިންގްސް" ގެ ނަމުގައި ހޮނިހިރު ދުވަހު އެ ގައުމުގެ އެތައް މިލިއަން ރައްޔިތުން މަގުތަކަށް ނިކުމެ މުޅި އެމެރިކާގައި ވަނީ ބޮޑެތި މުޒާހަރާތަކެއް ބާއްވާފައެވެ.
މި މުޒާހަރާގެ އިންތިޒާމް ކުރި ފަރާތްތަކުން ލަފާކުރި ގޮތުގައި، ނިއުޔޯކުން ފެށިގެން ސެން ފްރެންސިސްކޯއާ ހަމައަށް 2,700 އަށް ވުރެ ގިނަ މުޒާހަރާ ކުރިއަށްގެންދެވުނުއިރު، ވޮޝިންޓަން، ބޮސްޓަން، ޗިކާގޯ އަދި ލޮސް އެންޖަލިސް ފަދަ ބޮޑެތި ސިޓީތަކުން ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން ފްލޮރިޑާ، މިޝިގަން އަދި އެހެނިހެން ސްޓޭޓްތަކުން ވެސް ކުދިކުދި މުޒާހަރާތައް ފެނިފައިވެއެވެ.
ވޮޝިންޓަންގެ ނޭޝަނަލް މޯލް ކައިރިން އެއްވެފައިވާ އެތައްހާސް އަދަދެއްގެ މީހުން އެމެރިކާގެ ދިދަ ހިފައިގެން "ނޯ ކިންގްސް" އަދި "ޑިމޮކްރަސީ ދިފާއުކުރާށޭ" ލިޔެފައިވާ ބޯޑުތައް ހިފައިގެން "މިއީ ޑިމޮކްރަސީ ފެންނަ ގޮތޭ!" ކިޔާ ގޮވާލަމުންދިޔައެވެ.
މި މުޒާހަރާތައް ކުރިއަށްގެންދެވިފައިވަނީ އެމެރިކާގައި ސިޔާސީ ގޮތުން ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ސަރުކާރުގެ މަސައްކަތް ހުއްޓިފައިވާތާ ތިން ހަފްތާ ވެފައިވާއިރު، އިމިގްރޭޝަން ހަރުކަށިކުރުމާއި، ސިޔާސީ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމާ ގުޅިގެން ޓްރަމްޕްގެ އިދާރާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައެވެ.
ނިއުޔޯކްގައި މުޒާހަރާގައި ބައިވެރިވި 69 އަހަރުގެ ކޮލީން ހޮފްމަން ބުނީ "މިއީ ކާރިސާއެއް. މި ސަރުކާރުގެ އަނިޔާވެރިކަމާއި، އޮޓޮކްރެޓިކް ވެރިކަން. އަހަރެން ދުވަހަކު ވެސް ހީނުކުރަން އަހަރެންގެ ގައުމުގެ ޑިމޮކްރަސީ މަރުވާ މަންޒަރު ދެކެންޖެހޭނެކަމަށް" ކަމަށެވެ.
ނިއުޔޯކް ސިޓީގެ ޓައިމްސް ސްކުއަރގައި، މުޒާހަރާގެ ބައިވެރިން "ކުއީންސް ސޭ ނޯ ކިންގްސް" ލިޔެފައިވާ ބޯޑުތައް ހިފައިގެން "އަހަރެމެން އަހަރެމެންގެ ގައުމަށް ލޯބިކުރަން، އަހަރެމެންނަށް ޓްރަމްޕްގެ ސިޔާސަތެއް ކެތްނުވާނެ!" ކިޔާ ގޮވާލަމުން ދިޔައެވެ. ލޮސް އެންޖަލިސްގެ އިންތިޒާމް ކުރި ފަރާތްތަކުން ލަފާކުރި ގޮތުގައި އެއްލައްކަ މީހުން މުޒާހަރާގައި ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ޓްރަމްޕް ބޭބީއެއްގެ ސިފައިގައި ދައްކުވައިދޭ ބޮޑު ބެލޫނެއް ވެސް ހިމެނެއެވެ.
ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ރައީސް ޓްރަމްޕް ވަނީ މި މުޒާހަރާތައް ދެރަކޮށްދައްކާފައެވެ. އޭނާ ވިދާޅުވީ "އެމީހުން އަހަރެންނަށް ރަސްކަލެކޭ ކިޔަނީ. އަހަރެންނަކީ ރަސްކަލެއް ނޫން" ކަމަށެވެ. ނަމަވެސް އޭނާގެ ސިޔާސީ އެކުވެރިން ވަނީ މުޒާހަރާގެ ބައިވެރިންނަށް ވަރަށް ހަރުކަށި ބަސްތަކުން ހަމަލާދީފައެވެ.
ހައުސް ސްޕީކަރ މައިކް ޖޯންސަން ވަނީ މި މުޒާހަރާތަކަށް "ގައުމަށް ނަފުރަތުކުރުމުގެ ރެލީތައް" ކަމަށް ސިފަކޮށްފައެވެ. އަދި މިއީ "މާކްސިސްޓުންނާއި، ސޯޝަލިސްޓުންނާއި، އެންޓިފާގެ ވަކީލުންނާއި، އެނާކިސްޓުން" އެކުލެވޭ ރެލީތަކެއް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ރިޕަބްލިކަންގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު ޓޮމް އެމަރ ވެސް ހަމަ މިފަދަ ބަސްތަކެއް ބޭނުންކުރައްވާ، މުޒާހަރާގެ ބައިވެރިންނަކީ "ޑިމޮކްރެޓިކް ޕާޓީގެ ޓެރަރިސްޓް ފިޔަ" ކަމަށް ސިފަކުރެއްވިއެވެ.