ޚަބަރު
ބިލެތްފަހި އެއާރޕޯޓުގެ މަސައްކަތް މަޑުޖެހުމެއްނެތި ކުރިޔަށްގެންގޮސް ނިންމާލާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ބިލެތްފަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ށ. އަތޮޅު ބިލެތްފަހީގެ ފަޅުތެރޭގައި ތަރައްޤީކުރާ އެއާރޕޯޓުގެ މަސައްކަތް، އެއްވެސް މަޑުޖެހުމެއްނެތި ކުރިޔަށްގެންގޮސް ނިންމާލާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ބިލެތްފައްސަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ މަނިކުފާނު ރައްޔިތުންނަށް ވެވަޑައިގަންނަވާ ވަޢުދުފުޅުތަކަކީ، އެ ވަޢުދެއް ފުއްދުމަށް ތައްޔާރުވެ، އެކަމަށް ބޭނުންވާ ފައިސާ ހަމަޖައްސައި، އެކަމެއް ކުރެވޭނެ ކަމުގެ ޔަޤީންކަމާއެކު ވެވަޑައިގަންނަވާ ވަޢުދުފުޅުތަކެއް ކަމަށެވެ. އެގޮތުން މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން އެ ރަށުގެ ފަޅުތެރޭގައި ތަރައްޤީ ކުރާ އެއާރޕޯޓުގެ މަސައްކަތް ވެސް ބާރު ދުވެލީގައި ކުރިޔަށް ގެންގޮސް ނިންމަވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިއަދު އަޅުގަނޑުމެން ޢަމަލީ ގޮތުން މި ރަށުގެ އެއާރޕޯޓު ޤާއިމްކުރުމަށް މި ފެށި މަސައްކަތަކީ، އެއްވެސް މަޑުޖެހުމެއްނެތި، ވަރަށް ފުރިހަމަކަމާއެކީ ކުރިޔަށް ގެންގޮސް ނިންމަދޭނެ މަޝްރޫޢެއް ކަމުގެ ޔަޤީންކަން މި ރަށުގެ ރައްޔިތުންނަށް އަރުވަން.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މަޝްރޫޢު އެމްއޭސީއެލްއާ ހަވާލުކޮށްފައިވާއިރު، މި މަޝްރޫޢަށް އިންވެސްޓު ކުރާނީ ވެސް އެމްއޭސީއެލްއެވެ. އަދި އެއާރޕޯޓު ނިންމުމަށްފަހު އެއާރޕޯޓު އޮޕަރޭޓު ކުރުމަށް ހަމަޖެހިފައި ވަނީ ވެސް އެމްއޭސީއެލްއިންނެވެ.
މި މަޝްރޫޢުގެ ތެރެއިން، ގާތްގަނޑަކަށް 36 ހެކްޓަރުގެ ބިން ހިއްކުމާއި، ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ. އަދި މި އެއާރޕޯޓުގައި އެޅުމަށް ހަމަޖެހިފައި ވަނީ 1،500 މީޓަރުގެ ރަންވޭއެކެވެ.
އެއާރޕޯޓު ތަރައްޤީ ކުރުމަށް ބިން ހިއްކުމުގެ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިމިގެންދާތަން ބިލެތްފަހީގެ ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މަސައްކަތުގެ އިތުރު ތަފްސީލު ހާމަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، އެއާރޕޯޓާއި ޓާރމިނަލް ހިމެނޭހެން، މުޅި މަޝްރޫޢުގެ މަސައްކަތް ގިނަވެގެން 2 އަހަރާ ބައިން ނިންމަވާނެކަމަށެވެ.
މި މަޝްރޫޢު ވެގެންދާނީ ބިލެތްފަހީގެ އިތުރުން ށ. އަތޮޅުގެ ރައްޔިތުންނަށް ވެސް މުހިންމު މަޝްރޫޢެއް ކަމަށް ރައީސް ފާހަގަކުރެއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ބިލެތްފަހީގައި ވަނީ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައެވެ. އަދި އެ މަސައްކަތް ނިމޭ ހިސާބުން އެ ރަށުގެ މަގު ހެދުމުގެ މަސައްކަތް ވެސް ފައްޓަވާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައްޔިތުން ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށް ގެންދަވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ބޮޑު މައްސަލައެއްގެ ގޮތުގައި އޮތް ބަނދަރުގެ މައްސަލައަށް ދާއިމި ޙައްލެއް ގެނަސްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
އަދި ހުއްޓިފައި އޮތް ސްކޫލްގެ މަސައްކަތް އަލުން ފަށައިގެން ކުރިޔަށް ގެންދާނީ 4 ކްލާސް ރޫމް އިތުރުކޮށް ޖުމްލަ 8 ކްލާސް ރޫމް ހިމެނޭ ގޮތަށްކަމަށް ވެސް ވިދާޅުވިއެވެ.
އަދި ބިލެތްފަހީގެ ސިއްޙީ ޙާލަތު ރަނގަޅު ކުރުމަށް، ސިއްޙީ މަރުކަޒުގެ އައު އިމާރާތެއް އެޅުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ބަޔަކާއި ހަވާލުކުރައްވާނެކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ސިލްސިލާކޮށް ކުރިޔަށް ގެންދަވާ މި ދަތުރުފުޅުތަކަކީ ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ކުރެއްވުމަށް ކުރައްވާ ދަތުރުފުޅުތަކެއްކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކުރައްވާފައެވެ.