ދުނިޔެ
އިންސާނުން ސްކްރީނަށް ދެވި ހިފުމުގެ ސަބަބުން އާއިލީ ގުޅުންތައް ހީނަރުވެއްޖެ : ޕްރިންސަސް ކޭޓް

ވޭލްސްގެ ޕްރިންސެސް ކޭޓް
ސްމާޓްފޯނާއި ސްކްރީންތަކުގެ ބޭނުންކުރުން ގިނަވުމުގެ ސަބަބުން އާއިލީ ގުޅުންތަކަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ވޭލްސްގެ ޕްރިންސެސް ކޭޓް، ބޮޑު ކަންބޮޑުވުމެއް ފާޅުކުރައްވައިފިއެވެ. ޕްރިންސެސް ވިދާޅުވާ ގޮތުގައި، ޑިޖިޓަލް ވަސީލަތްތަކާއިއެކު ދެމިހުރުމުގެ ސަބަބުން އާއިލާގެ މެދުގައި "ގުޅުންތައް ހީނަރުވާ ވަބާއެއް" އުފެދެމުން އެބަދެއެވެ.
ހާވާޑް ޕްރޮފެސަރު ރޮބަޓް ވޯލްޑިންގަރާއެކު ލިޔުއްވި މަޒުމޫނެއްގައި، ޕްރިންސެސް ކޭޓް ފާހަގަކުރައްވާފައިވަނީ، ޓެކްނޮލޮޖީން މީހުން ގާތްކޮށްދޭނެކަމަށް ވައުދުވި ނަމަވެސް، ގިނަ ފަހަރު ވާގޮތަކީ އޭގެ އިދިކޮޅު "ޑިޖިޓަލް ވަސީލަތްތަކަކީ ބޮޑު ހައިރާންކަމަކަށް ވެއްޖެ،" އެކަމަނާ ލިޔުއްވިއެވެ. "އެތަކެތި އަޅުގަނޑުމެންގެ ސަމާލުކަން، އަޅުގަނޑުމެންގެ ކައިރީގައި ތިބި މީހުންގެ ކިބައިން ދުރުކޮށްލަފި"
އާއިލާ އެކުގައި ވަގުތު ހޭދަކުރާ އިރުވެސް ފޯންތައް ބަލަން ތިބުމުގެ ސަބަބުން، ހަގީގީ އިހުސާސީ ގުޅުންތައް ގެއްލިގެންދާކަމަށް ޕްރިންސެސް ވިދާޅުވިއެވެ. "އަޅުގަނޑުމެން ހަށިގަނޑުން ހާޒިރުވެ ތިބި ނަމަވެސް، ސިކުނޑި ވަނީ ޣައިބުގަ،" ކޭޓް ވިދާޅުވެ، މި އާދަތަކުގެ ސަބަބުން އާއިލާގެ ގުޅުންތައް ބަލިކޮށްލާކަމަށް ފާހަގަކުރެއްވިއެވެ.
"ޑިސްޓްރެކްޓެޑް ދުނިޔެއެއްގައި އިންސާނީ ގުޅުމުގެ ބާރު" މި ނަމުގައި ލިޔުއްވި އެކަމަނާގެ މަޒުމޫނުގައި،އާއިލީ ގުޅުންތަކުގެ ސަބަބުން ހަށިގަނޑާއި ނަފްސާނީ ދުޅަހެޔޮކަމަށް އުމުރު ދުވަހުގެ ފައިދާތަކެއް ލިބޭކަން ދައްކުވައިދޭ ދިރާސާތަކަށް އަލިއަޅުވައިލައްވާފައިވެއެވެ. އާއިލާގެ ތެރޭގައި އޮންނަ ލޯތްބާއި، އޯގާތެރިކަމާއި، ސަމާލުކަމުގެ ސަބަބުން ކުދިން ބޮޑުވެ އިހުސާސްތަކުގެ ގޮތުން ހަމަޖެހޭ ބޮޑެތި މީހުންނަށް ވުމަށް އެހީތެރިވާކަމަށް އެކަމަނާ ވިދާޅުވިއެވެ.
ނަމަވެސް، އެކަމަނާ އިންޒާރުދެއްވީ، މިޒަމާނުގެ ދިރިއުޅުން މިހާރު ދެމިގެންދަނީ ގޯސް މިސްރާބަކަށް ކަމުގައެވެ. އާއިލާތައް އެކުގައި ހޭދަކުރާ ވަގުތު މަދުވެ، މީހުންގެ އެކަނިވެރިކަން އިތުރުވަމުންދާކަން ޕްރިންސެސް ފާހަގަކުރެއްވިއެވެ. "ރޭގަނޑުގެ ކެއުމުގެ ތެރޭގައި ސޯޝަލް މީޑިއާ ބަލަމުންދާ ނަމަ ނުވަތަ ކުދިންނާއެކު ކުޅެން ތިބެ އީމެއިލްތައް ބަލަމުންދާ ނަމަ، އަޅުގަނޑުމެންނަށް ކުރެވޭކަމަކީ ލޯތްބާއި ސަމާލުކަން ދުރުކޮށްލުން،" އެކަމަނާ ވިދާޅުވިއެވެ.
ޒުވާނުންނަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދުވެސް ޕްރިންސެސް ކޭޓް ވާހަކަ ދެއްކެވިއެވެ. ކުދިން ބޮޑުވަމުން މިދަނީ ޑިޖިޓަލް ސްކްރީންތަކުގެ ތެރޭގައި ކަމަށާއި، މީގެ ސަބަބުން އެ ކުދިންނަށް ހަމްދަރުދީ އުފެއްދުމަށާއި ހަގީގީ ރަހުމަތްތެރިކަން ބިނާކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމަށް އެކަމަނާ ބިރުފާޅުކުރެއްވިއެވެ. "އަޅުގަނޑުމެން މި ބޮޑުކުރަނީ އޮންލައިންކޮށް ބޮޑަށް ގުޅިފައިވާ، ނަމަވެސް ހަގީގީ ދިރިއުޅުމުގައި ކުރިން ތިބިވަރަށްވުރެ އެކަނިވެރިވެފައިވާ ޖީލެއް،" އެކަމަނާ ލިޔުއްވިއެވެ.
ޕްރިންސެސް ކޭޓް އާއި އެކަމަނާގެ ފިރިކަލުން ޕްރިންސް ވިލިއަމް، ޓެކްނޮލޮޖީ ބޭނުންކުރުމުގައި ހުދޫދު ކަނޑައެޅުމުގެ މުހިންމުކަމާ މެދު ގިނަ ފަހަރު ވާހަކަ ދައްކަވާފައިވެއެވެ. ޕްރިންސް ވިލިއަމް މީގެ ކުރިން ވިދާޅުވެފައިވަނީ، އެ ދެކަނބަލުންގެ އެއްވެސް ބޭފުޅަކަށް އަދި ސްމާޓްފޯން ބޭނުންކުރުމުގެ ހުއްދައެއް ނުދެއްވާ ކަމަށާއި، އެދެކަނބަލުން ބޭނުންފުޅުވަނީ އެބޭފުޅުންނަށް ސިއްހީ ގޮތުން ދުޅަހެޔޮ، ހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރެއްވުމަށެވެ.
ޕްރިންސެސް ކޭޓްގެ ރޯޔަލް ފައުންޑޭޝަން ސެންޓަރ ފޯ އަރލީ ޗައިލްޑްހުޑްގެ ތެރެއިން، އެކަމަނާ މިހާރުވެސް ޅަކުދިންގެ އިހުސާސީ އަދި އިޖްތިމާޢީ ބޭނުންތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްޕުޅު ކުރައްވައެވެ. ގުޅުންތައް ކެނޑިގެންދިއުމުގެ ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި، އެއްވެސް ހުރަހަކާނުލައި އާއިލާތަކުން އެކުގައި ފައިދާހުރި ވަގުތުތަކެއް ހޭދަކުރުމަށް ހޭލުންތެރި މަސައްކަތެއް ކުރަންޖެހޭކަމަށް އެކަމަނާ ދެކެވަޑައިގަންނަވައެވެ.