Ads by Stelco

ޚަބަރު

ރާއްޖެ އަންނަ އެމެރިކާ ފަތުރުވެރީން ސަމާލުވުމަށް އެ ޤައުމުގެ ސަރުކާރުން އަންގައިފި

ރާއްޖެ އަންނަ އެމެރިކާ ފަތުރުވެރީން ސަމާލުވުމަށް އެ ޤައުމުގެ ސަރުކާރުން އަންގައިފި

ފަތުރުވެރި ދެމަފިރީން ރާއްޖޭގެ ރިޒޯޓެއްގައި.

farudhun logo

ފަރުދުން

09 އޮކްޓޯބަރު 2025، 04:35

09 އޮކްޓޯބަރު 2025، 04:35

އެމެރިކާއަކީ މި ވަޤުތު ރާއްޖެއަށް ހަތްވަނައަށް އެންމެ ގިނަ ފަތުރުވެރީން އަންނަ ޤައުމެވެ. އެ ޤައުމުން މި އަހަރުގެ މިހައިތަނަށް ރާއްޖެއަށް 48،684 ފަތުރުވެރީން ޒިޔާރަތްކޮށްފައިވެއެވެ. މިއާ އެކު، ރާއްޖެ އަންނަ އެމެރިކާ ފަތުރުވެރީން ރާއްޖޭގެ ރައްކައުތެރިކަމާ މެދު ސަމާލުވުމަށް އެމެރިކާ ސަރުކާރުން ނެރެފައިވާ އެންގުން ދަންމާ، އިތުރު އިންޛާރުތަކެއް ހިމަނައިފިއެވެ.

އެމެރިކާގެ ސަފަރު އިރުޝާދު (ޓްރެވަލް އެޑްވައިޒަރީ) އަދާހަމަކޮށްފައިވަނީ މި ހަފުތާގެ އަންގާރަ ދުވަހުއެވެ. އަންގާރަ ދުވަހު ނެރުރު ސަފަރު އިރުޝާދުގައި ރާއްޖޭގެ ރައްކައުތެރިކަމުގެ ދަރަޖައަށް ބަދަލު ގެނެސްފަިއނުވިޔަސް، އިރުޝާދުގެ އިޚުތިޞާރުގައި ހިމަނާފައި ހުރި ނުކުތާތަކަށް ބަދަލު ގެނެސްފައި ވެއެވެ.

އެމެރިކާއިން މައިގަނޑު ގޮތެއްގައި އިތުރުކޮށްފައިވާ ކަމަކީ، ރާއްޖޭގައި އިރުހާބީ ޙަމަލާ (ޓެރަރިސްޓް އެޓޭކް) ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، މި ފަދަ ޙަމަލާތައް ފަތުރުވެރީންނަށް އަމާޒުކޮށްގެން ދިނުމަކީ ވެސް ފުރުޞަތު އޮތް ކަމެއް ކަމަށެވެ. އެމެރިކާއިން ފާހަގަކުރާ ގޮތުގައި، ރާއްޖެތެރޭ ރަށެއްގައި ނުވަތަ ރިޒޯޓެއްގައި މި ފަދަ ޢަމަލެއް ހިންގައިފި ނަމަ، ފުލުހުންނާއި ސަލާމަތީ ބާރުތަކުން އެ ރަށަކަށް ނުވަތަ ސަރަޙައްދަކަށް ވާޞިލުވުމަކީ އަވަސް ކަމަކަށް ނުވާނެއެވެ.

އިރުހާބީ ޢަމަލުތަކުގެ އިތުރުން، ރާއްޖޭގައި އެކި ބާވަތުގެ ހަމަނުޖެހުންތައް ހިންގުމަކީ ނާދިރު ކަމެއް ނޫން ކަމަށް އެމެރިކާއިން ދަޢުވާކޮށްފައިވެއެވެ. މި ދަޢުވާގެ މައްޗަށް ބިނާކޮށް، ރާއްޖެއަށް ދަތުރުކުރުމުގެ ކުރީން ޤައުމުގެ ޙާލަތު ރަނގަޅަށް އޮޅުން ފިލުވުމަށާއި، ރާއްޖޭގެ މީޑިޔާތަކުން ޝާއިޢުކުރާ ޚަބަރުތައް ކިޔުމަށް އެމެރިކާ ސަރުކާރުން އިލްތިމާސްކޮށްފައި ވެއެވެ.

އެމެރިކާ ފަތުރުވެރީން ރާއްޖެ އަންނަ އިރު ސަމާލުވުމަށް އެ ޤައުމުން އަމުރުކޮށްފައިވާ އިރު، އެމެރިކާގެ ކުށުގެ ގިނަމިން ނިސްބަތުން ރާއްޖެއަށް ވުރެ ބޮޑު ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ފަތުރުވެރީންގެ ސަލާމަތަށް އެކަނި ބަލައިލިޔަސް، ފަތުރުވެރީންނަށް ޖިސްމާނީ އަނިޔާކުރުން ނުވަތަ އިރުހާބީ ޙަމަލާއެއް ދިނުމަކީ ރާއްޖޭގައި ހިނގާ ކަމަށް އަޑު ވެސް އިވޭ ވާހަކަތަކެއް ނޫނެވެ. އަދި އެނޫން ވެސް ގެއްލުމެއް ދިނުމަކީ ވަރަށް ނާދިރު ކަމެއްމެއެވެ. ރާއްޖޭގައި ހިންގާ މާރާމާރީއާއި އެހެނިހެން ކުއްތަށް ނިސްބަތުން އެންމެ ގިނައީ މާލެ ސަރަޙައްދުގައެވެ. އެއަށް ފަހު، މި ކުށްތައް ރާއްޖެތެރޭ ރަށްރަށުގައި މަދުން ނަމަވެސް ހިނގައެވެ. ނަމަވެސް ފަތުރުވެރިކަމަށް ޚާއްޞަކުރެވިފައިވާ ރިޒޯޓުތަކަކީ ސަލާމަތްތެރިކަމާއި ރައްކައުތެރިކަން މާ އިތުރު ސަރަޙައްދުތަކެކެވެ. ވީމާ، ރާއްޖޭގައި ފަތުރުވެރީންނަށް އިރުހާބީ ޙަމަލާ ދީފާނެތީ ސަމާލުވުމަށް އެމެރިކާއިން ބުނާ ބުނުމަކީ އެއްވެސް އަޞްލެއް ޙަޤީޤަތެއް އޮތް އެންގުމެއް ނޫނެވެ.

އަންދާޒާކުރެވޭ ގޮތުގައި، އެމެރިކާއިން ނެރުނު ސަފަރު އިރުޝާދުގައި އެވާ ނުކުތާތައް އެ ޤައުމުން ހިމެނީ ދެ ސަބަބަކާ ހުރެއެވެ.

އެއް ސަބަބަކީ، ރާއްޖޭގައި އިރުހާބީ ޙަމަލާއެއް ހިންގާން އުޅޭ ކަމުގެ ތުހުމަތުގައި ފުލުހުންނާއި ސިފައިން މި އަހަރުގެ މާރިޗު މަހުގެ 10ވަނަ ދުވަހު ޚާއްޞަ އޮޕަރޭޝަނެއް ހިންގައި، އެ އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލޭގެ ބައެއް ތަންތަން ބަލައި ފާސްކޮށް، ތިން މީހަކު ހައްޔަރުކުރުމެވެ. ނަމަވެސް، މި މީހުން ދޭން ރޭވި ކަމަށް ބުނާ ޙަމަލާގެ ތަފުޞީލުތައް ފުލުހުން އަދި އަދަށް ވެސް ހާމަކޮށްފައެއް ނުވެއެވެ. މި އޮޕަރޭޝަނާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ޖޫން 24ގައި ނޫސްވެރީންގެ ބައްދަލުވުމެއް ތާވަލުކުރުމަށް ފަހު ފުލުހުން ވަނީ އެ ބައްދަލުވުން ކެންސަލްކޮށްފައެވެ.

ދެވަނަ ސަބަބަކީ، ރާއްޖޭގައި މި ފަހަކުން ކުރިއަށް ދިޔަ ސިޔާސީ މުޡާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާއި، އެ ކަމުގައި ބައެއް މީހުން ހައްޔަރުކޮށްފައި ވުމެވެ.

ނަމަވެސް، މިއިން އެއްވެސް ކަމަކީ ފަތުރުވެރީންނަށް ނުރައްކައުވެދާނޭ ސަބަބެއް ކަމަށް ޤަބޫލެއް ނުކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން