ޚަބަރު
އިސްލާމީ ވުޒާރާގެ ބޭފުޅުންނަށް ޢުމްރާ ކުންފުނި ނުހިންގޭ ގޮތް ހެދުމުގެ މަޝްވަރާތައް ކުރަނީ

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު.

ފަރުދުން
09 އޮކްޓޯބަރު 2025، 03:47
09 އޮކްޓޯބަރު 2025، 03:47
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަޤާމުތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމިއްލަ ޢުމްރާ ކުންފުނިތައް ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރި ނުވެވޭ ގޮތް ހެދުމުގެ މަޝްވަރާތަކެއް ފަށައިފި ކަމަށް، ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ.
ވަޒީރު ވިދާޅުވީ، އިސްލާމީ ވުޒާރާއަކީ ރާއްޖޭގެ ޢުމްރާ ކުންފުނިތައް ރެގިއުލޭޓްކުރާ ވުޒާރާ ކަމުގައި ވުމާ އެކު، ވުޒާރާގެ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަށް އަމިއްލަ ޢުމްރާ ކުންފުނިތައް ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
ވީމާ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ މަޤާމުތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އަމިއްލަ ޢުމްރާ ކުންފުނިތައް ނުހިންގޭ ގޮތަށް ހެދުމަށް މަޝްވަރާ ކުރާން ފަށާފައިވާ ކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.
ފާހަގަކޮށްލާން ޖެހޭ ގޮތުގައި، މިއީ ވަރަށް ގިނަ ޢާންމުން އެދެމުން އަންނަ ބަދަލެކެވެ.
ކޮންމެ ސަރުކާރެއްގައި ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މަޤާމުތުގައި އުޅުއްވާ ބައެއް ބޭފުޅުންނަކީ އަމިއްލަ ޢުމްރާ ގުރޫޕްތައް ހިންގަވާ ބޭފުޅުންނެވެ. މިއީ މަޤާމުގެ ބޭނުން ކޮށްގެން ނާޖައިޒު ފައިދާތައް ލިބިގަތުމަށް ހުޅުވިގެންދާ ދޮރެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.