ރިޕޯޓް

"ރައްޔިތުންނާއި ގާތުން، ރައްޔިތުން އެދޭގޮތަށް"

"ރައްޔިތުންނާއި ގާތުން، ރައްޔިތުން އެދޭގޮތަށް"

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އދ. ދިގުރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން : ފޮޓޯ- ފަރުދުން

farudhun logo

ފަރުދުން

09 އޮކްޓޯބަރު 2025، 12:56

09 އޮކްޓޯބަރު 2025، 12:56

ދިވެހި ރައްޔިތުންނަށް އަސާސީ ޚިދުމަތްތަށް މާލެއަށް ދަތުރު ނުކޮށް ރަށުގައި ތިބިގެން ލިބޭނެގޮތް ހައްދަވައި ދެއްވުމަކީ ވެރިކަމާ ހަވާލުވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅެކެވެ. އެގޮތުން، އަދުގެ ސަރުކާރުން ވަނީ "ރައްޔިތުންނާ ގާތުން މަސައްކަތްކުރުން" މި  ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ހިމަނުއްވާފައެވެ. މިކަމުގެ ހެކިތައް ފެންނަމުންދަނީ، ރައީސުލްޖުމްހޫރިއްޔާ އަތޮޅުތެރޭގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ސިލްސިލާކޮށް އަތޮޅުތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި ހަފްތާގައި އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ވަނީ ދަތުރުފުޅެއް ކުރައްވާފައެވެ. އެގޮތުން، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ 10 ރަށް ކަމަށްވާ، ދަނގެތި، ދިއްދޫ، އޮމަދޫ، ދިގުރަށް، މާމިގިލި، މަންދޫ، ފެންފުށި، ހަންޏާމީދޫ، މަހިބަދޫ، އަދި، ކުނބުރުދޫ އަށް ޒިޔާރަތްކުރައްވާފައިވެއެވެ. އަދި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

 

ރައީސުލްޖުމްހޫރިއްޔާ، އދ. ދަނގެތީ ރައްޔިތުންނާ ބައްދަލުކުރެއްވުން: ފޮޓޯ- ރައީސް އޮފީސް 


ލާމަރުކަޒީ އުސޫލުން، ރައްޔިތުންނާ ގާތަށް ޚިދުމަތްތައް ގެނެސްދެއްވުމަކީ އަދުގެ ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވާ، މުހިންމު ސިޔާސަތެކެވެ. ރައްޔިތުންގެ އަސާސީ މުހުތާދުތައް ރަށުގައި ތިބެގެން ފުއްދޭނެ އިންތިޒާމު ހަމަޖައްސަވައި، ބޮޑު ޚަރަދުކޮށް މާލެ އައިސް ކޮންމެ ކަމެއް ކުރަން ރައްޔިތުން އުފުލާ ބުރަ ނިމުމަކަށް ގެނެސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒުފުޅުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މި އަމާޒު ވާޞިލްވުމަށްޓަކައި، ވެރިކަމާއި ހަވާލުވެވަޑައިގަތީއްސުރެ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވަމުން ގެންދަވަނީ ވަރުބަލިކަމެއް ނެތިއެވެ. މިގޮތުން، ރައްޔިތުންގެ ބައިވެރިވުމާއެކު ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ރާވައި، އެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ރާއްޖޭގައި ހުރި އެކި މައްސަލަތައް ހައްލުކުރުމަށް ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި، މި އޮކްޓޫބަރު މަހު ފެށުނު މަޖިލީހުގެ ދައުރަށް 27 ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައިވެސް އެމަނިކުފާނު އިޢުލާންކުރެއްވިއެވެ. އަދި ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކުއަނެކަކަށް އިޙްތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް ފައްޓަވަން އެދިވަޑައިގަންނަވާކަމަށާ، މިކަމުގައި ހުރިހާ ފަރާތްތަކަކުންވެސް ޝާމިލުވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވެވީވެސް މި ދަތުރުފުޅުގެ ތެރޭގައި ރައްޔިތުންނާ މުޚާޠަބުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

" ޤާނޫނު އަސާސީއަށް އަޅުގަނޑުމެން ގެންނަ މައިގަނޑު އެއް އިސްލާޙަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށް ބޭއްވުމުގެ އިސްލާޙް. އެއީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭކަމެއް ވީމަ، ޤާނޫނޫ އަސާސީއަށް ގެނަނަ އިސްލާޙް ހިމެނޭގޮތަށް 27 ބިލެއް ހުށަހަޅަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އދ. ދިގުރަށު ރައްޔިތުންނާ ބައްދަލުކުރެއްވުން: ފޮޓޯ- ރައީސް އޮފީސް


މި ދަތުރުފުޅުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތާއި، ޕާސްޕޯޓުގެ ޚިދުމަތް ޤާއިމުކޮށް އެޚިދުމަތްތައް ފޯރުކޮށްދެއްވަން ފެއްޓެވުމެވެ.  ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ފެށިގެން ދިޔައީ، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް، އޮކްޓޫބަރު 7 ވަނަ ދުވަހުގެ ރޭ، ރައިސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވުމާއެކުގައެވެ. މިޚިދުމަތް ފެށިގެން ދިއުމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން އަސާސީ ޚިދުމަތްތަކަށް މާލެއަށް ބަރޯސާވާން ޖެހޭ ޖެހުން މިވަނީ ނިމުމަކަށް އައިސްފައެވެ.

ރައްޔިިތުންނަށް އެންމެ ފުރިހަމަ ޙިދުމަތް ފޯރުކޮށްދެއްވުމުގެ ގޮތުން ސަރުކާރުން ދެން ފެއްޓެވި މުހިންމު މަޝްރޫޢަކީ މުޅި ރާއްޖެއަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން މި ފާއިތުވީ 8 މަސްދުވަސްތެރޭ 95 ރަށުގައި ވަނީ އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ. ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން އދ. މަންދޫގައި ސެލްފް-ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ފަށައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް މިހާރުވަނީ ގާއިމުކޮށްފައެވެ. މިއީ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާއިމްކުރި 17 ވަނަ އަތޮޅެވެ. ބީއެމްއެލްއިން ވަނީ މަންދޫގެ އިތުރުން ދިއްދޫ، ފެންފުށި އަދި ކުނބުރުދޫގައިވެސް މި ހަފްތާތެރޭގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފައެވެ. އެގޮތުން 2000ވަނަ އަހަރުން ފެށިގެން މި ވޭތުވެދިޔަ 24 އަހަރުތެރޭގައި މާލެ ފިޔަވައި އޭޓީއެމް ޚިދުމަތް ގާއިމްކުރެވިފައިވަނީ 81 ރަށުގައެވެ. ނަމަވެސް މިއަދު މާންދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު، މިއީ މިއަހަރުތެރޭ މި ޚިދުމަތް ފެށި 95 ވަނަ ރަށެވެ. މިކަމަކީ ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޭނުންތެރި މުހިންމު ޚިދުމަތެކެވެ. އެތަށް ރައްޔިތުންނެއްގެ ވަގުތާއި ފާއިސާ މިޚިދުމަތުގެ ސަބަބުން ސަލާމަތްވެގެންދާނެއެވެ. ލޯކަލް ޓުއަރިޒަމް ފުޅާވެ، އަމިއްލަ ވިޔަފާރިތަށް ހިންގާ ފަރާތްތަކަށް މިޚިދުމަތާއެކު ހިތްހަމަޖެހުމުގެ ނޭވާއެއް ލެވޭގޮތް މިވަނީ ވެފައެވެ. 

ރައީސުލްޖުމްހޫރިއްޔާ, އދ. ފެންފުށީގައި ބޭންކް އޮފް މޯލްޑިވްސްގެ އައު އޭޓީއެމް ހުޅުއްވައިދެއްވުން: ފޮޓޯ- ރައީސް އޮފީސް 


މީގެއިތުރުން ރަށްރަށުގެ ތަޢުލީމީ ނިޒާމާއި ޞިއްޙީ ނިޒާމު ހަރުދަނާ ކުރެއްވުމުގެ ގޮޮތުން ސްކޫލްތަކުގައި ކްލާސްރޫމްތަށް އިތުރުކުރުމާއި، އެކަށޭނެ މާހައުލެއް ޤާއިމްކުރުމުގެ ގޮތުން ކްލާސްރޫމް އޭސީ ކުރުމާއި ރަނގަޅުފެންވަރުގައި ހަރަކާތްތަށް ހިންގޭނެ މަގުފަހުކޮށްދިނުމުގެ ގޮތުން ސްކޫލުތަކުގައި މަލްޓީޕާރޕަސް ހޯލު ޤާއިމްކުރުމުގެ މަސައްކަތްވެސް މިދަތުރުފުޅުތަކުގައިި ސަރުކާރުން ވަނީ ފަށްޓަވާފައެވެ. ހަމައެއާއެކު ހޮސްޕިޓަލްތަކަށް ބޭނުންވާ އޮފީހާއި އެކްސްޓެންޝަން އިމާރާތްތަށްވެސް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރު ދަނީ ކުރައްވަމުންނެވެ.

ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ކުދި ބޮޑު އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ހަލުވިކަމާއިއެކު ކުރިއަށްދާ މަޝްރޫއެކެވެ. އެގޮތުން ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ މަސައްކަތް ކުރެވެމުން އަންނަކަމަށާއި ކަސްރަތުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ކުޅިވަރުތައް ކުޅެވޭނެ މަގުތައް ފަހިކުރުމުގެ މަސައްކަތް ކުރެވެމުން އަންނަކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. މިކަމުގެ އެންމެބޮޑު އެއް ހެއްކަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމްތައް ޤާއިމުކުރުމުގެ މަޝްރޫޢުފެށިގެން ކުރިއަށްދާކަމެވެ. މިމަޝްރޫޢަކީ ދެ އަހަރު ދުވަހުން ނިންމުމަށް އަމާޒު ހިފާފަވާއިރު މުހިންމު މަޝްރޫއެކެވެ. 

ރައީސުލްޖުމްހޫރިއްޔާ، އދ. ކުނބުރުދޫ އައު ފުޓުބޯޅަދަނޑު ހުޅުއްވައިދެއްވުން: ފޮޓޯ- ރައީސް އޮފީސް


ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ އެންމެ މުހިންމު ބޭނުމަކީ ތަރައްޤީގެ މަޝްރޫޢުތައް ހިންގާއިރު، ރައްޔިތުންގެ ފަރާތުން ބޭނުންވާ ކަންކަން އޮޅުންފިލުވާ، އެމަގުން އެފަދަ މަޝްރޫޢުތައް ބައްޓަންކުރެއްވުންކަމަށެވެ. އެގޮތުން، ރައްޔިތުން އެދޭފަދައިން ރައްޔިތުންނާއި ގާތުން ހެޔޮ ވެރިކަމެއް ކުރެއްވުމަކީ އެމަނިކުފާނުގެ ފަލްސަފާއެވެ. މިވެރިކަމުގެ ފަސްއަހަރުގައި ރައްޔިތުންނަށް އެންމެ މުހިންމު ބޭނުންތެރި ޚިދުމަތްތަށް ފޯރުކޮށްދިނުމުގެ މަސައްކަތްތަށް ހުއްޓުމެއް ނެތެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން