ދުނިޔެ
މި އެއްބަސްވުމާއެކު ފަލަސްތީނުގެ ރައްޔިތުން ތަޙައްމަލުކުރި ހުރިހާ އަނިޔާއެއް ނައްތައެއް ނުލެވޭނެ - އެމްނެސްޓީ

އެމްނެސްޓީ އިންޓަރނޭޝަނަލްގެ ސެކެޓްރީ ޖެނެރަލް އެގްނެސް ކަލަމާޑް
އިސްރާއީލާއި ފަލަސްތީނުގެ ހަމަލާ ހުއްޓާލުމަށް ވެވުނު އެއްބަސްވުމާއި ގުޅިގެން، އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ބައިނަލްއަޤުވާމީ ޖަމާޢަތް، އެމްނެސްޓީ އިންޓަރނޭޝަނަލް އިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްނެސްޓީ އިންޓަރނޭޝަނަލްގެ ސެކެޓްރީ ޖެނެރަލް އެގްނެސް ކަލަމާޑް ވިދާޅުވީ، ދެ އަހަރަށްވުރެ ގިނަ ދުވަހު ފަލަސްތީނުގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ދުއްތުރާތަކަށް ފަހު، މި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން ވަގުތު ފާއިތުވެފައިވާ، ހިތާމަވެރި ކަމެއް ކަމަށެވެ. އަދި މި އެއްބަސްވުމަކީ ފަލަސްތީނުގެ ރައްޔިތުން ތަޙައްމަލުކުރި ހުރިހާ ދުއްތުރާތަކެއް ނައްތައެއް ނުލެވޭނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
For more than 2 million Palestinians in the occupied Gaza Strip who have faced two years of agonizing suffering, relentless bombardment and systematic starvation amidst Israel’s ongoing genocide, for those held hostage by Palestinian armed groups, and for those arbitrarily…
— Agnes Callamard (@AgnesCallamard) October 9, 2025
މި އެއްބަސްވުމަށް ފަހު ޣައްޒާއަށް ދެމުންދާ ހަރުކަށި ބްލޮކޭޑް ވަގުތުން ނިމުމަކަށް ގެނެސް، އެ ސަރަޙައްދަށް އިންސާނީ އެހީތައް ހުއްޓުމެއްނެތި ފޯރުކޮށްދިނުމަށް އެމްނެސްޓީ އިންޓަރނޭޝަނަލްގެ ސެކެޓްރީ ޖެނެރަލް ގޮވާލައްވާފައިވެއެވެ.
އެގްނެސް ކަލަމާޑް އިތުރަށް ވިދާޅުވީ، ދެމެހެއްޓެނިވި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމެއް ކާމިޔާބު ކުރުމަށްޓަކައި، އިސްރާއީލުން ކުރަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލު ވަގުތުން ހުއްޓާލުމާއި، ފަލަސްތީނު ސަރަޙައްދުތަކުގައި އިސްރާއީލުން ހިފާފައިވާ ހިފެހެއްޓުން ނިމުމަކަށް ގެނައުމަށް ވަރުގަދަ ފިޔަވަޅުތައް އެޅުމާއި، އެޕާރތައިޑްގެ ނިޒާމް ނައްތާލުން ހިމަނަންޖެހޭނެ ކަމަށެވެ. މިކަންކަން ހިމެނިގެން ނޫނީ ދެމެހެއްޓެނިވި ހައްލެއް ނުލިބޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެމްނެސްޓީގެ ވެރިޔާ ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "ސުލްޙައިގެ މަޝްރޫޢު" އަކީ މިކަންކަން ހާސިލް ކުރުމަށް އެކަށީގެންވާ މަޝްރޫޢެއް ނޫން ކަމަށެވެ. އެ މަޝްރޫޢުން ޢަދާލަތަށް އަރައިގަތުމުގެ ޝިކާރައަށްވީ ފަރާތްތަކަށް ޢަދާލަތް އަދި ބަދަލު ދިނުމަށް ގޮވައެއް ނުލާ ކަމަށާއި، ކުށްކުރި ފަރާތްތަކަށް ޖަވާބުދާރީ ކުރުމަށްވެސް ގޮވައެއް ނުލާ ކަމަށް ކަލަމާޑް ވިދާޅުވިއެވެ. އެހެންކަމުން، މި އެއްބަސްވުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ދާއިމީ ސުލްޙައާއި ޢަދާލަތް ލިބިދޭނެ މަގެއް ކަމުގައި ވާންޖެހޭނެ ކަމަށް އެމްނެސްޓީ އިން ގޮވާލާފައިވެއެވެ.