ދީން

ވަގުތު: މާތް ﷲ ދެއްވި އަގުހުރި ނިޢުމަތެއް

ވަގުތު: މާތް ﷲ ދެއްވި އަގުހުރި ނިޢުމަތެއް

ވަގުތު ބެލުމަށް ބޭނުންކުރެވޭ އާލާތެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 އޮކްޓޯބަރު 2025، 05:31

08 އޮކްޓޯބަރު 2025، 05:31

ﷲ ސުބުޙާނަހޫ ވަތަޢާލާ  އިންސާނުން މި ދުނިޔެއަށް ފޮނުއްވާފައިވަނީ ވަކި މުއްދަތަކަށެވެ. އަދި ކޮންމެ ނަފުސަކަށްމެ މަރުގެ ދޮރު ކަނޑައަޅުއްވާފައިވެއެވެ. މިއީ ހުރިހާ އިންސާނުން ވެސް ކުރިމަތިލާންޖެހޭނެ ޙަޤީޤަތެކެވެ.

އަޅުގަނޑުމެން ދުނިޔެއަށް އުފަންވާ ހިސާބުން ފެށިގެން، ޢުމުރުގެ ގަޑިޖެހިނގަން ފަށައެވެ. މި ގަޑި ހުއްޓުމެއް ނެތި ހިނގަމުންދެއެވެ. ނިދާފައި އޮތްކަމުގައި ވިޔަސް، ހޭލާ ހުރިކަމުގައި ވިޔަސް، މި ގަޑި ހިނގަމުނދެއެވެ. އެހެންކަމުން، އަޅުގަނޑުމެންނަށް ލިބިފައިވާ ވަގުތު އިސްރާފު ނުކުރުމަށް ސަމާލުވާންޖެހެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ވަގުތުގެ މުހިންމުކަމާމެދު އަޅުގަނޑުމެންނަށް އިންޒާރު ދެއްވާފައެވެ. ކޮންމެ ވަގުތެއް ވެސް ބޭނުންކުރަންވާނީ އާޚިރަތުގައި އެ ވަގުތު ބޭނުންކުރި ގޮތާމެދު ފަޚުރުވެރިވެވޭނެ ގޮތަކަށެވެ.

ވަގުތުގެ އަގު ވަޒަންކުރުމުގެ މުހިންމުކަން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ޤުރުއާނުގެ އެކި އާޔަތްތަކުގައި ބަޔާންކުރައްވާފައެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވެސް ވަނީ ވަގުތު ބޭކާރު ނުކުރުމަށް އަބަދުވެސް އިރުޝާދު ދެއްވަވާފައެވެ.

 އެކަލޭގެފާނުގެ ޙަދީޘްފުޅެއްގައި ވެއެވެ: "ﷲ ދެއްވާފައިވާ ދެ ނިޢުމަތެއްގެ އަގު ގިނަ ބަޔަކަށް އެނގިފައިނުވެއެވެ: އެއީ ވަގުތާއި ޞިއްޙަތެވެ." (ޞަޙީޙުލް ބުޚާރީ)

ގިނަ މީހުންނަށް ޞިއްޙަތުގެ އަގު އެނގެނީ އެ ނިޢުމަތް ގެއްލެން ފެށުމުންނެވެ. ބަލިމަޑުކަމާ ކުރިމަތިލާންޖެހިފައިވާ އެންމެހައި މުސްލިމުންނަށް ﷲ ޝިފާ ދެއްވާށި! ނަމަވެސް، އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަގުތު ހެޔޮ ގޮތުގައި ބޭނުންކުރުމަށް މަސައްކަތް ކުރަންޖެހެއެވެ. މިގޮތުން، ޤުރުއާން ކިޔެވުމާއި، އަޅުގަނޑުމެން މި ދުނިޔެއަށް އައި މަޤްޞަދު ދެނެގަތުމަށް މަސައްކަތް ކުރަންވާނެއެވެ.
ބައެއް ފަހަރު، އިންސާނުން ދުނިޔެ ދޫކޮށްދަނީ އެމީހުން މި ދުނިޔެއަށް އައި މަޤްޞަދު ނޭނގި ހުރެއެވެ. މިއީ ހިތާމަހުރި ކަމެކެވެ. ﷲ ވަނީ އަޅުގަނޑުމެންނަށް ގިނަގުނަ ނިޢުމަތްތައް ދެއްވާފައެވެ. ދިރިއުޅުމުގެ މަޤްޞަދަކީ ހަމައެކަނި ދުނިޔަވީ ކަންކަމުގެ ފަހަތުން ދުވުމެއް ނޫނެވެ. އަދި ހަމައެކަނި މާއްދީ މުއްސަނދިކަން ހޯދުމެއްވެސް ނޫނެވެ.

މުޅި ދިރިއުޅުން ހޭދަކުރަނީ މުދަލާއި މާއްދީ ތަކެތި ހޯދުމަށް ކަމުގައިވާނަމަ، އެއީ ބޭކާރުކަމެކެވެ. އިންސާނާ މަރުވުމުން، އޭނާއާއެކު އެއްވެސް މާއްދީ އެއްޗެއް ނުގެންދެވެއެވެ. ފޯނު، ކާރު، ގެދޮރު ފަދަ ތަކެތި މި ދުނިޔޭގައި ދޫކޮށްފައި ދާންޖެހެއެވެ. މި ހުރިހާ އެއްޗެއް ބާކީވެ، އެހެން މީހުންނަށް ދޫކޮށްފައި ދާންޖެހެއެވެ.

މިއިން އަޅުގަނޑުމެންނަށް ދައްކުވައިދެނީ މުހިންމު ޙަޤީޤަތެކެވެ. ޙަޤީޤަތުގައި، އަޅުގަނޑުމެންގެ ހަށިގަނޑު ވެސް ދޫކޮށްލެވެއެވެ. ވަޅުލެވޭ ތަނުގައި ކުޑަ މުއްދަތެއްގެ ތެރޭގައި ހަށިގަނޑު ފަނާވެ، ވެއްޔަށް ވެގެންދެއެވެ.

ވަގުތުގެ އަގު ވަޒަންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ވަގުތަކީ އަޅުގަނޑުމެން ޚަލްޤުކުރެވުނު މަޤްޞަދު ދެނެގަތުމަށް ބޭނުންކުރަންޖެހޭ އަގުހުރި ވަސީލަތެކެވެ. "ﷲ އަޅުގަނޑު ޚަލްޤުކުރެއްވީ ކީއްވެގެންތޯ؟" މިފަދަ މުހިންމު ސުވާލުތަކަށް ޖަވާބު ހޯދުމަށް މަސައްކަތް ކުރަންޖެހެއެވެ.

މި ޖަވާބުތައް ހޯދުމަށްޓަކައި، އަޅުގަނޑުމެން ވަގުތު ހޭދަކޮށް، މަސައްކަތް ކުރަންޖެހެއެވެ. އޭރުން، ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ އަގު ވަޒަންކުރެވޭނެއެވެ.

ﷲ ދެއްވާފައިވާ މި އަގުހުރި ނިޢުމަތުގެ އަގު ވަޒަންކުރުމަށް މަސައްކަތް ކުރަމާ ހިންގަވާށެވެ. ﷲ ރުއްސަވާ ގޮތުގައި އަޅުކަންކޮށް، އެއްވެސް ދުވަހެއް ބޭކާރު ނުކުރުމަށް މަސައްކަތް ކުރަމާ ހިންގަވާށެވެ. އެއްވެސް ނަމާދެއް ދޫނުކޮށް، ދުވާލަކު ފަސް ނަމާދު ފުރިހަމައަށް އަދާކުރުމަށް އަޅުގަނޑުމެން އިސްކަންދޭންޖެހެއެވެ. މި ފަސް ނަމާދު އަދާކުރުމާއެކު، އަޅުގަނޑުމެންނަށް ލިބޭ އެހެނިހެން ވަގުތުތައް ވެސް ﷲ އަށް ކިޔަމަންތެރިވުމަށް ބޭނުންކުރަންވާނެއެވެ.

މިއީ ވަގުތު ނިމުމަކަށް އަންނަ ދުވަހު، ﷲ ވަގުތު ނައްތަވާލައްވާ ހިނދު، އަޅުގަނޑުމެންނަށް އެހީތެރިވެދޭނެ ކަމެކެވެ. ސުވަރުގޭގައި "ވަގުތު" ކިޔާ އެއްޗެއް ނުހުންނާނެއެވެ. ވަގުތު ނެތި ދިއުމުން ދެމިހުންނަނިވި އަބަދީ ދިރިއުޅުން ފެށިގެންދާނެއެވެ. އޭރުން ވަގުތުގެ މިންވަރެއް އޮތްކަމަށް ބުނުމަކީ އެކަށީގެންވާ ކަމަކަށް ނުވާނެއެވެ.

މިހާރު، އަޅުގަނޑުމެންނަށް ވަގުތު ވަނީ ވަގުތީގޮތުން ލިބިފައެވެ. މި ވަގުތު ހެޔޮގޮތުގައި ބޭނުންކުރުމަށް މަސައްކަތް ކުރަންވާނެއެވެ. ނޭދެވޭ ގޮތުގައި ބޭނުންކުރުމާއި، ބޭކާރު ކުރުމުން ދުރުހެލިވާންވާނެއެވެ.


                    

މި ލިޔުން ކިޔާލުމުން