ދުނިޔެ

އިންޑިއާގެ ކޯފް ސިރަޕްތަކުގެ ރައްކާތެރިކަމާ މެދު ބޮޑު ކަންބޮޑުވުންތަކެއް!

އިންޑިއާގެ ކޯފް ސިރަޕްތަކުގެ ރައްކާތެރިކަމާ މެދު ބޮޑު ކަންބޮޑުވުންތަކެއް!

އިންޑިއާގެ ކޯފް ސިރަޕެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 އޮކްޓޯބަރު 2025، 02:33

08 އޮކްޓޯބަރު 2025، 02:33

އިންޑިއާގައި ކޯފް ސިރަޕް ބޭނުންކުރުމާ ގުޅިގެން ކުޑަކުދިން މަރުވާ މައްސަލަތަކެއް ފެންމަތިވެ، ބޭހުގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުންތަކެއް ވަނީ އިތުރުވެފައެވެ. ސެޕްޓެމްބަރު މަހުގެ ކުރީކޮޅު މެދްޔަޕްރަދޭޝްގެ ކުޑަ ރަށެއްގައި ސަބަބު ނޭނގި ކުޑަކުދިންތަކެއް މަރުވުމާ ގުޅިގެން، އެ ސަރަހައްދުގެ ސިއްހީ ހިދުމަތްތެރިން ވަނީ ބޮޑު ތަހުގީގެއް ފަށާފައެވެ.

މެދްޔަޕްރަދޭޝްގައި އެއް އަހަރާއި ހަ އަހަރާ ދެމެދުގެ 11 ކުއްޖަކު މަރުވީ، އާންމުކޮށް ބޭނުންކުރާ ކޯފް ސިރަޕެއް ބޭނުންކުރިތާ ދުވަސްކޮޅެއް ފަހުންނެވެ. އެ ސަރަހައްދުގެ އޮފިޝަލުން ވަނީ ބޯފެނާއި މަދިރި ފަދަ އެއްޗެހި ވެސް ތަހުގީގުކޮށްފައެވެ. އެންމެ ފަހުން ހަގީގަތް ހާމަވީއިރު އެކުދިންގެ ގުރުދާ ( ލިވަރ) ވަނީ ފެއިލްވެފައެވެ.

ހަފްތާތަކެއް ފަހުން، ދެކުނުގެ ޗެންނާއީ ސިޓީގައި ހުންނަ ސްޓޭޓް ލެބޯޓްރީއަކުން ވަނީ މިކަމުގެ ހަގީގަތް ހާމަކޮށްފައެވެ. މައްސަލަ ޖެހުނު ސިރަޕްގައި ބޭހުގެ ތެރޭގައި ހިމެނިގެން ނުވާ، ސިނާއީ ވިިހަ މާއްދާއެއް ކަމަށްވާ، 48.6 އިންސައްތަ "ޑައިއެތިލީން ގްލައިކޯލް" ހިމެނޭކަން ވަނީ ހާމަވެފައެވެ. މި ވިހަގަދަ މާއްދާ ބޭނުންކުރުމުން ގުރުދާ ފެއިލްވުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ.

މި ހިތާމަވެރިކަން ހަމައެކަނި މެދްޔަޕްރަދޭޝްއާ ހަމައިން ނިމުނީކީނޫނެވެ. އަވަށްޓެރި ރާޖަސްތާނުގައި، ކުޑަ ދެ ކުއްޖަކު މަރުވުމުގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މި ދެ ކުދިން މަރުވީ، ކުޑަކުދިންނަށް ރައްކާތެރި ނޫން، އެހެން ނަމަވެސް އެ ސަރަހައްދުގައި އުފައްދާ "ޑެކްސްޓްރޮމެތޯފާން" ސިރަޕެއް ބޭނުންކުރުމުގެ ސަބަބުން ކަމަށް ތުހުމަތުކުރެވެއެވެ. މިކަމާ ގުޅިގެން ސަރުކާރުން ވަނީ ތަހުގީގެއް ފަށާފައެވެ.

އިންޑިއާއަށް މިކަމުގެ ސަބަބުން މިވަނީ ކުރިން ވެސް ތަޖުރިބާކޮށްފައިވާ ހިތާމަވެރި ހާދިސާތަކެއް ހަނދާންކޮށްދީފައެވެ. އެތައް އަހަރެއް ވަންދެން އިންޑިއާގައި އުފައްދާ ކޯފް ސިރަޕްތަކުގައި ހުންނަ ޑައިއެތިލީން ގްލައިކޯލްގެ ސަބަބުން އެތައް ކުޑަކުދިންގެ ފުރާނަ ވަނީ ނެތިގެންގޮސްފައެވެ. ހަމައެކަނި 2023 ވަނަ އަހަރު، "ޑައިއެތިލީން ގްލައިކޯލްއިން" ވިހަވެފައިވާ އިންޑިއާގެ ސިރަޕްތަކާ ގުޅިގެން ގޭމްބިއާގައި 70 ކުއްޖަކު އަދި އުޒްބެކިސްތާނުގައި 18 ކުއްޖަކު މަރުވެފައިވެއެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުން 2020 ވަނަ އަހަރުގެ ޖެނުއަރީ މަހާ ދެމެދު، އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ޖައްމޫގައި ފަސް އަހަރުން ދަށުގެ 12 ކުއްޖަކު ކޯފް ސިރަޕް ބޭނުންކުރުމުގެ ސަބަބުން މަރުވެފައިވާ ކަމަށް ތުހުމަތުކުރެވެއެވެ. އޭގެ އިތުރުން ކުރިން ވެސް ކޯޑީން ހިމެނޭ ކެއްސުމުގެ ސިރަޕްތައް ނާޖާއިޒުގޮތުގައި ބޭނުންކޮށްފައިވެއެވެ. ކޯޑީންއަކީ ކުޑަކުދިންނަށް އެކަށީގެންވާ ބޭހެއް ނޫނެވެ.

ކޮންމެ ފަހަރަކު ވެސް ބޭސް ކޮންޓްރޯލް ކުރާ ފަރާތްތަކުން އުސޫލުތައް ބަދަލުކުރުމަށް ވައުދުވަމުން ދިޔަ ނަމަވެސް، ވިހަމާއްދާ އެކުލެވޭ ސިރަޕްތައް ދޭތެރެއަކުން ފެންމަތިވަމުން ދެއެވެ. މިއީ އިންޑިއާގެ ބޭހުގެ ބާޒާރު ބައިބައިވެފައިވާ ކަމާއި، ކުދި އުފެއްދުންތެރިން އުފައްދާ  އަގުހެޔޮ، ގަވާއިދާ ހިލާފު ސިރަޕްތައް ބަލަހައްޓަން ރެގިއުލޭޓަރީ ނިޒާމް އުނދަގޫވާކަން ހާމަކޮށްދޭ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.

ކުޑަކުދިން މަރުވި އެންމެ ފަހުގެ ހާދިސާތަކުގެ ދުވަސްކޮޅެއް ފަހުން، އިންޑިއާގެ ހެލްތު މިނިސްޓްރީން ވަނީ މިފަދަ ބޭސްތައް "ބުއްދިވެރިކަމާއެކު" ބޭނުންކުރުމަށް ގޮވާލާފައެވެ. މާނައަކީ، ކުޑަކުދިންނަށް ބޭސް ލިޔެދިނުމުގައި ޑޮކްޓަރުން އިތުރު ސަމާލުކަމެއް ދިނުމަށް އިރުޝާދު ދިނުމެވެ. އަދި ސިރަޕްގެ ސާމްޕަލްތައް ނަގައި، ވިއްކުން މަނާކޮށް، ތަހުގީގެއް ފެށުމަށް ވަނީ އަމުރުކޮށްފައެވެ. ނަމަވެސް، މާހިރުން ބުނާ ގޮތުގައި، މައްސަލަ ހަމައެކަނި ބޭސް ގިނައިން ލިޔެދިނުމަށް ވުރެ ފުނެެވެ. ކޮންމެ ހިތާމަވެރި ހާދިސާއަކުން ވެސް އިންޑިއާގެ ބޭސް ބެލެހެއްޓުމުގެ ނިޒާމުގެ ފެންވަރު ދަށްކަން ހާމަވެއެވެ. މާކެޓް ރިސާޗް ފިއުޗަރގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އިންޑިއާގެ ކޯފް ސިރަޕްގެ ބާޒާރު 2024 ވަނަ އަހަރު 262.5 މިލިއަން ޑޮލަރަށް އަރާނެ ކަމަށާއި، 2035 ވަނަ އަހަރު 743 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

 އެތައް ދިހަ އަހަރެއް ވަންދެން، ޑޮކްޓަރުން ވަނީ މި ސިރަޕްތައް ލިޔެދީފައި، އަދި ބަލިމީހުން ވަނީ ބޭނުންކޮށްފައެވެ. އެކަމަކު މި ބޭސްތަކުން މާ ބޮޑު ފައިދާއެއް ނުކުރާކަމާއި، ބައެއް ފަހަރު ސީރިއަސް ގެއްލުންތަކެއް ވެސް ލިބިދާނެކަން އެނގިތިބެ ވެސްމެ ގިނަބަޔަކު އައީ މިބޭސްތައް ބޭނުންކުރަމުންނެވެ.

ކަރުގައި ރިއްސުމާއި ދިގުދެމިގެންދާ ކެއްސުމަށް އަވަސް ހައްލެއްގެ ގޮތުގައި ވިއްކާ މި ސިރަޕްތަކުގައި ހަކުރު، ކުލަ އަދި ރަހަ ޖެއްސުމަށް ބޭނުންކުރާ ތަކެތީގެ އިތުރުން އެންޓިހިސްޓަމީން، ޑީކޮންޖެސްޓެންޓްސް، އަދި އެކްސްޕެކްޓަރަންޓްސް ފަދަ ބޭސްތައް ހިމެނެއެވެ. ނަމަވެސް، މި ބޭސްތަކުން މާ ބޮޑު ފައިދާއެއް ކުރާކަމުގެ ހެކި މަދެވެ؛ ގިނަ ކެއްސުންތައް އޭގެ އަމިއްލަ ޒާތުގައި ދުވަސްކޮޅެއްގެ ތެރޭގައި ރަނގަޅުވެއެވެ.

މުމްބާއީގައި ހުންނަ ކުޑަކުދިންގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ރާޖާރާމް ޑީ ކަރޭ ވިދާޅުވީ އިންޑިއާގެ ސިޓީތަކުގައި ހުންނަ ގިނަ ކުޑަކުދިންގެ ކެއްސުންތަކަކީ އިންފެކްޝަންއާ ގުޅިގެން އަންނަ ކެއްސުމެއް ނޫން ކަމަށާއި، ބޮޑަށް އެއީ އެލާޖީ ނުވަތަ ވައި ނުސާފުވުމާއި ގުޅިގެން އަންނަ ކެއްސުން ކަމަށެވެ. އެލާޖީތައް އުފެދެނީ ދުންފަތާއި ވައިނުސާފުވުން ފަދަ ކަންކަމަށް ހަށިގަނޑުގެ ދިފާއީ ނިޒާމުން އާދަޔާ ހިލާފަށް ރިއެކްޓްކުރުމުންނެވެ.

"އާދައިގެ ކެއްސުމާއި ހިކިކެއްސުން ހައްލުކުރުމަށް ކެއްސުމުގެ ސިރަޕްތަކެއް ނުލިޔެދެން ، ހަމައެކަނި ބައެއް ފަހަރު ބަލިމީހާއަށް ހަމަޖެހުމެއް ލިބޭނެތީ އެކަން ކުރަނީ،  ކުއްޖަކަށް ގަދައަށް ކެއްސައި ނިދަން އުނދަގޫވާ ނަމަ، އުނދަގޫ ކުޑަކުރުމަށްޓަކައި މައިލްޑް ސިރަޕެއްގެ ޑޯޒެއް ދެވިދާނެ،މިފަދަ ބޭހުގެ މައިގަނޑު މަޤްސަދަކީ ފަރުވާލިބި ކެއްސުން ރަނގަޅު ކުރުމެއް ނޫން، ހަމައެކަނި ހަމަޖެހުމެއް ލިބޭނެ ގޮތެއް ހޯދުން،" ޑރ. ކަރޭ ވިދާޅުވިއެވެ.

އިންޑިއާގައި ކޯފް ސިރަޕް މިހާ ގިނައިން ލިޔެދެނީ ކީއްވެ؟

 އެއް ސަބަބަކީ އިންޑިއާގެ ސިއްހީ ހިދުމަތުގެ ނިޒާމުގެ ފެންވަރުދަށްވުމެވެ. ޚާއްސަކޮށް ކުދި އަވަށްތަކާއި ރަށުފަށުގައި ވައި ތަޣައްޔަރުވުން އިތުރުވުމުގެ ސަބަބުން ކެއްސުންތައް އިތުރުވަމުންދާ މި ދުވަސްވަރު، އެއީ އާންމު އިންފެކްޝަންތަކަށް އަމިއްލައަށް ގަނެލައިގެންވެސް ބޭނުންކުރާ އެއްޗަކަށް ވެއްޖެއެވެ.

މި މައްސަލަ ރަށުފަށުގައި ވަކި ހިއްޕާލާފައިވާ މިންވަރު މާ ބޮޑެވެ. އިންޑިއާގެ ރަށުފަށުގައި، ޕްރައިމަރީ ކެއަރ ޒިޔާރަތްތަކުގެ 75 އިންސައްތަ ހިދުމަތް ދެނީ ރަސްމީ ތައުލީމެއް ނެތި، އަމިއްލައަށް ދަސްކޮށްފައިވާ "އާރުއެމްޕީ" ނުވަތަ ރަށުފަށުގެ މެޑިކަލް ޕްރެކްޓިޝަނަރުންނެވެ.

ސިއްހީ ސެންޓަރުތަކަސް ގޮސް، މުވައްޒަފުން މަދު ނުވަތަ ބަންދުވެފައި ހުންނަ ތަންތަނުގައި، މިފަދަ ފަރާތްތަކަކީ ހަގީގީ ޑޮކްޓަރުން ކަމުގައި ދެކެއެވެ. – އަދި ސިރަޕްތަކަކީ އެމީހުން އެންމެ އިތުބާރުކުރާ އެއްޗެއްސެވެ. އުއްތަރު ޕްރަދޭޝްގެ ގޯރަކްޕޫރުގައި ހުންނަވަނިކޮށް، ކުޑަކުދިންގެ ޑޮކްޓަރު ޑރ. ކަފީލް ޚާން ހަނދާންކުރެއްވީ "ޑިގްރީއެއް ނެތް މީހުން ވެސް ކޮންމެ ތަނަކުން ވެސް ސިރަޕް ބަހަމުން" ދާ ކަމެވެ.

"ގިނަ ފަޤީރު ބަލިމީހުން ލޯކަލް ބޭސްފިހާރަތަކަށް ގޮސް އިރުޝާދު ހޯދަނީ، ކައުންޓަރު ފަހަތުގައި ހުންނަ މީހާއަކީ ފާމަސިސްޓެއް ކަމަށް ހީކޮށް؛ މިއީ  ގޯސް ހީއެއް،" އިންޑިއާގެ ކުރީގެ ޑްރަގް އެގްޒެކެޓިވްއެއް އަދި މިހާރުގެ ޕަބްލިކް ހެލްތު އެކްސްޕާޓް ދިނޭޝް ޓަކޫރު ވިދާޅުވިއެވެ.

"ވާހަކަތަކުން މި މައްސަލަ ހަމައެކަނި ކުދި ރަށްތަކާއި ރަށުފަށުގެ އިންޑިއާއަށް ހުއްޓިފައިވާހެން ހީވި ނަމަވެސް، އެހެނެއް ނޫން ކަމަށް ބައެއް މައުލޫމާތުތަކުން ދައްކައެވެ. ބޮޑެތި ސިޓީތަކުގެ މީހުންގެ ތެރެއިން ވެސް މިފަދަ އާދަތައް ފެނެއެވެ. ހަމައެކަނި ތަފާތަކީ، ކުދި ރަށްތަކާއި ރަށުފަށުގެ އިންޑިއާގައި ބޭހުގެ ފެންވަރު ބޮޑެތި ސިޓީތަކަށް ވުރެ އެތައް ގުނައެއް ދަށްވުމެވެ."

މި އާދަ އަށް ބާރުދޭ އިތުރު އެއް ކަމަކީ، ހާސްވެފައި ތިބި މައިންބަފައިންގެ ފަރާތުން އަންނަ ބާރާއި، މެޑިކަލް މައުލޫމާތު ލިބުމުގައިއޮތް ދަތިކަމެވެ.
"މައިންބަފައިންނަށް  ރަނގަޅަށް މައުލޫމާތު ލިބިފައި ނުހުރޭ، އަދި އެމީހުންނަށް ކުދިންގެ ހާލާމެދު ކެތް ނުކުރެވޭ، ކުއްޖެއް ކެއްސުން ނުވަތަ ރޯގާ ދުވަސްކޮޅަކުން ރަނގަޅުނުވާ ނަމަ، އެމީހުން  އެހެން ޑޮކްޓަރަކާ މަޝްވަރާކޮށް ކެއްސާތީބޯ ސިރަޕެއް ދޭން ބުނޭ،" ޑރ. ޚާން ވިދާޅުވިއެވެ.

ޑޮކްޓަރުންގެ މެދުގައި މައުލޫމާތު މަދުވުމުން ވެސް މި މައްސަލަ އިތުރުވެއެވެ. ޑރ. ޚާން ވިދާޅުވީ "އެމްޑީ ޕީޑިއަޓްރިޝަންސް ވެސް ކުޑަކުދިންނަށް އެމްބްރޮކްސޯލް ކެއްސުމުގެ ސިރަޕް ލިޔެދޭތަން ފެނިފައިވާ" ކަމަށެވެ.

އިންޑިއާއަށް ކެއްސުމުގެ ސިރަޕްތަކާ ބެހޭ ގޮތުން ސާފު ސިޔާސަތެއް ބޭނުންވެއެވެ. އަދި ނުރައްކާތެރިކޮށް ބޭނުންކުރުން ހުއްޓުވުމަށްޓަކައި ޑޮކްޓަރުންނާއި މައިންބަފައިންގެ މެދުގައި ގައުމީ ހޭލުންތެރިކަން އިތުރުކުރަން ޖެހެއެވެ. މައްސަލައިގެ ބޮޑުކަން ހަގީގަތެކެވެ: ކުޑަކުދިން މަރުވި ހާދިސާތަކާ ގުޅުންހުރި ސިރަޕް ލިޔެދިން މެދްޔަޕްރަދޭޝްގެ ޑޮކްޓަރު އޭނާގެ އަމަލު ދިފާއުކޮށް ބުނީ،ކެއްސާތީދޭ އެ ސިރަޕް  15 އަހަރު ވަންދެން ލިޔެދީފައިވާކަމަށެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން