ދުނިޔެ
އިންޑިއާގެ އުއްތަމަ ފަނޑިޔާރާ ދިމާލަށް ކޯޓު އަޑުއެހުމެއްގައި ލޯޔަރު ބޫޓު ކިބައެއް އެއްލައިފި !

އިންޑިއާގެ އުއްތަމަ ފަނޑިޔާރު ބީ.އާރް. ގަވައި
އިންޑިއާގެ އުއްތަމަ ފަނޑިޔާރު ބީ.އާރް. ގަވައިއަށް ހޯމަ ދުވަހު ދިއްލީގައި ބޭއްވުނު ކޯޓު އަޑުއެހުމެއްގައި ބޫޓު ކިބައެއް އަމާޒުކޮށްލައިފިއެވެ. މި ޢަމަލު ހިންގީ އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ނުރުހުން ފާޅުކުރި ވަކީލެކެވެ.
ރާކޭޝް ކިޝޯރް ކަމަށް ބުނެވޭ މި ވަކީލު ބޫޓު އަމާޒުކޮށްފައިވަނީ ކޯޓުގެ މަސައްކަތް ކުރިއަށްދަނިކޮށެވެ. ހެކިންގެ ބަހުން އެނގޭ ގޮތުގައި އެ ބޫޓު އުއްތަމަ ފަނޑިޔާރާއި އިތުރު ފަނޑިޔާރެއްގެ ކައިރިން ދިޔައެވެ. ބޫޓު ކިބަ އެއްލަމުން ކިޝޯރް ގޮވަމުން ދިޔައީ "އިންޑިއާއިން ހިންދޫ ދީނަށްކުރާ ފުރައްސާރަ ބަލައެއް ނުގަންނާނެ" ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ކިޝޯރްގެ ވަކީލުކަން ވަނީ ވަގުތީގޮތުން ހުއްޓުވާލެވިފައެވެ. އުއްތަމަ ފަނޑިޔާރު ގައިގާޖެހުމާއެކު، އެހެން ވަކީލުންނަށް އިރުޝާދު ދެއްވީ މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އޭނާ މިހާތަނަށް މި ހާދިސާއާ ގުޅޭ ގޮތުން އާންމުކޮށް އެއްވެސް ބަޔާނެއް ދެއްވާފައެއް ނުވެއެވެ.
މި ހާދިސާ ގުޅިފައިވަނީ ފަހަކަށް އައިސް ކޯޓުން ނިންމި ނިންމުމަކާ ކަމަށް ލަފާކުރެވެއެވެ. ފާއިތުވި މަހު، އުއްތަމަ ފަނޑިޔާރު ގަވައި އިސްކޮށް ހުންނެވި ބެންޗަކުން މަދިޔަ ޕްރަދޭޝްގައި ހަތް ފޫޓުގެ ބުދެއް އަލުން ބެހެއްޓުމަށް އެދި ހުށަހެޅި މައްސަލައެއް ބާޠިލުކުރިއެވެ.މިކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރުގެ ބަސްފުޅުތަކުން ހިންދޫ ދީނަށް ފުރައްސާރަކުރި ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ. އުއްތަމަ ފަނޑިޔާރު ފަހުން ވިދާޅުވެފައިވަނީ އޭނާ ހުރިހާ ދީނަކަށް އިޙްތިރާމްކުރައްވާ ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މި ހާދިސާ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައި، މުޖުތަމަޢުގައި މިފަދަ ޢަމަލުތަކަށް ޖާގައެއް ނެތް ކަމަށް ވިދާޅުވިއެވެ. އަދި އުއްތަމަ ފަނޑިޔާރާ ވާހަކަދައްކަވައި، މި ހަމަލާއިން ހުރިހާ އިންޑިއާ ރައްޔިތުން ކަންބޮޑުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.