ދުނިޔެ
ޕީސްހޭވަން މިސްކިތުގައި ރޯކޮށްލައިފި!

ޕީސްހޭވަން މިސްކިތުގެ ބޭރުގައި ހުޅުހިފާފައި ވަނިކޮށް
ބްރައިޓަން ކައިރީ، ޕީސްހޭވަން ކިޔާ ޖަޒީރާ ރަށެއްގައި ހުންނަ މިސްކިތަކަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ނުރައްކާތެރި ހަމަލާއެއް ދީ، ގަސްދުގައި ރޯކޮށްލައިފިއެވެ. މި ހާދިސާ ހިނގި ވަގުތު މިސްކިތުގެ ތެރޭގައި ދެ މީހުން ތިއްބި ނަމަވެސް، އެ ދެ މީހުންނަށްވެސް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވެފައިވެއެވެ. ފުލުހުން މި ހާދިސާއަށް ބަލަނީ ނަފުރަތުގެ ޖަރީމާއެއްގެ ގޮތުގައެވެ.
މިސްކިތުގެ މެނޭޖަރު ދެއްވި މައުލޫމާތުތަކަށް ބަލާއިރު، މޫނު ނިވާކޮށްފައި ތިބި ދެ މީހަކު މިސްކިތުގެ ދޮރު ބާރުބާރަށް ހުޅުވަން މަސައްކަތް ކޮށްފައިވެއެވެ. އެއަށްފަހު، މިސްކިތުގެ ބޭރު ދޮރުމައްޗަށް ޕެޓްރޯލް އަޅައި، ރޯކޮށްލީއެވެ. އަލިފާންގަނޑު މިސްކިތުގެ ތެރެއަށް ފެތުރި، ބޭރުގައި ޕާކުކޮށްފައި އޮތް އުޅަނދަކަށްވެސް ވަނީ ގެއްލުންވެފައެވެ. މި ހާދިސާ ހިނގި ވަގުތު، މިސްކިތުގެ ޗެއަރމަން (އުމުރުން ފަސްދޮޅަސް އަހަރުގެ) އިތުރު ހިދުމަތްތެރިޔަކާ އެކު ސައިފޮދު ބޯން ތިއްބެވެ. ބޭރުން ބާރު އަޑެއް އިވުމާއެކު އެ ދެމީހުން ވަގުތުން އެތަނުން ސަލާމަތްވާން ދުއްވައިގަތީއެވެ. "އެހެންނޫންނަމަ އެދެބޭފުޅުންވެސް މަރުވާނެ" މިސްކިތުގެ މެނޭޖަރު ސީ.އެން.އެން އަށް ދެއްވި އިންޓަވިއުއެއްގައި ބުނެފައިވެއެވެ.
މީގެ ހަތަރު އަހަރު ކުރިން ހުޅުވުނު މި މިސްކިތުގައި ގަވާއިދުން ނަމާދުކުރަނީ 10-15 މީހުންނެވެ. މިސްކިތުގެ މުޖުތަމައުއަށް ކުރިންވެސް ހަމަލާތައް ދީފައިވާކަމަށް ވެއެވެ. އޭގެތެރޭގައި މިސްކިތަށް ބިސްޖެހުން އަދި މަގުމަތިން ދާ މީހުންގެ ފަރާތުން ބަހުގެ ހަމަލާތައް ދިނުން ހިމެނެއެވެ. ނަމަވެސް، މި ފަހަރުގެ އަލިފާނުގެ ހާދިސާއަކީ މި މިސްކިތަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހަމަލާއެވެ.
މިސްކިތުގެ މެނޭޖަރު ވިދާޅުވީ، މި ހާދިސާއަށްފަހު އެ ސަރަހައްދުގެ ރައްޔިތުން ވަރަށް ބިރުގަނެފައިވާކަމަށެވެ. "ހުރިހާ އެންމެންވެސް ތިބީ ބިރުން ދެން ހިނގައިފާނެކަމެއް އެއްވެސް މީހަކަށް ނޭނގޭ،" އޭނާ ވިދާޅުވިއެވެ. އަލިފާނުގެ ސަބަބުން މިސްކިތުގެ ދޮރުމައްޗަށާއި، ޓެކްސީ ދުއްވުމަށް ބަރޯސާވެފައިވާ ޗެއަރމަންގެ ކާރަށް ވަނީ ގެއްލުންވެފައެވެ.
މި ހާދިސާއާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ އެ ސަރަހައްދުގައި ފުލުހުންގެ ބެލެހެއްޓުން އިތުރުކޮށްފައެވެ. ސަސެކްސް ފުލުހުންގެ ޑިޓެކްޓިވް ސުޕްރިންޓެންޑެންޓް ކެރީ ބޮހަނާ ވިދާޅުވީ، އެހެނިހެން އަޅުކަންކުރާ ތަންތަން ރައްކާތެރިކުރުމަށާއި މުޖުތަމައުއަށް ހިތްހަމަޖެހުން ދިނުމަށް އިތުރު ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާކަމަށެވެ.
ލިބެރަލް ޑިމޮކްރެޓްގެ މެންބަރު ޖޭމްސް މެކްކްލެރީ މި ހަމަލާ ކުށްވެރިކުރައްވައި ވިދާޅުވީ، މިއީ ހިތާމަވެރި އަނިޔާވެރިކަމެއް ކަމަށެވެ. އަދި މި މިސްކިތަކީ އެ ސަރަހައްދުގެ މުޖުތަމައުގެ މުހިންމު ބައެއްކަމަށާއި، މި ހަމަލާގެ އަސަރު އެ ސަރަހައްދުގެ މުސްލިމުންނަށް ވަރަށް ބޮޑަށް ކުރާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.