ދުނިޔެ
އެވަރެސްޓް ފަރުބަދައިގައި ސްނޯގެ ގަދަ ތޫފާނެއް،އެތައް ސަތޭކަ މީހުން ފަރުބަދައިގަ ތާށިވެފައި!

ހިމާލަޔާ ފަރުބަދައަށް ގަދަޔަށް ސްނޯ ފައިބަނީ
ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ އެވަރެސްޓް ފަރުބަދައިގެ ޓިބެޓް ފަރާތުގައި، ގަދަ ސްނޯގެ ތޫފާނެއްގެ ސަބަބުން ގާތްގަނޑަކަށް 1،000 މީހުން ތާށިވެއްޖެއެވެ. ދުނިޔޭގެ އެންމެ އުސް މިފަރުބަދައިގައި ބޮޑެތި މޫސުމީ ކާރިސާ ކުރިމަތިވަމުން ދިއުމާއެކު، ތާށިވެފައިވާ ފަރުބަދަ އަރާ މީހުންނާއި ފަތުރުވެރިން ސަލާމަތް ކުރުމަށްޓަކައި ސަލާމަތީ ޓީމުތަކުން ދަނީ ވަގުތާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ.
ހުކުރު ދުވަހުގެ ހަވީރު ފެށުނު މި ތޫފާނުގެ ސަބަބުން، އެވަރެސްޓް ފަރުބަދައިގެ އިރުމަތީ ފަރާތަށް ބޯ ކޮށް ސްނޯވެހި، ވައިވަނީ އިންތިހާއަށް ގަދަވެފައެވެ. ކަނޑުގެ ސަތަހައަށް ވުރެ 4،900 މީޓަރަށް ވުރެ މަތީގައި އޮންނަ މިސަރަހައްދަކީ ޓިބެޓްގައި ހުންނަ "އެވަރެސްޓް ސީނިކް އޭރިއާ" އަށް ޒިޔާރަތްކުރާ ފަރުބަދައަށް އަރާ މީހުންނަށް މަގުބޫލު ތަނެކެވެ. މޫސުން ކުއްލިއަކަށް ގޯސްވެ، ގިނަ އަދަދެއްގެ ބަޔަކަށް ތޫފާނާ ކުރިމަތިވީ އިންޒާރެއް ނެތިއެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާ ރިޕޯޓްކުރާ ގޮތުގައި، ބައެއް މީހުން ވަނީ ސަލާމަތްކޮށްފައެވެ. ނަމަވެސް، އެތައް ސަތޭކަ މީހުން އަދިވެސް ވަނީ ބޯ ސްނޯގެ ތެރޭގައި ހެދިފައިވާ ކޭމްޕުތަކުގައި ތާށިވެފައެވެ. ބަންދުވެފައިވާ މަގުތައް ސާފުކުރުމުގެ މަސައްކަތުގައި އެސަރަހައްދުގެ ރައްޔިތުންނާއި ފަންނީ ސަލާމަތީ މަސައްކަތްތެރިން ވަނީ ގުޅިގެން ހަރަކާތްތެރިވާން ފަށާފައެވެ. ސްނޯ ގިނަވުމުގެ ސަބަބުން އުޅަނދުފަހަރަށް މަތީ ކޭމްޕުތަކަށް ދިއުން ނުހަނު އުނދަގޫވުމުން، ސަލާމަތީ މަސައްކަތްތެރިން ދަނީ ފައިމަގުގައި ކުރިއަށް ދިޔުމަށް މަޖުބޫރުވެފައެވެ.
ޓިބެޓްގެ "ބްލޫ ސްކައި ރެސްކިޔު ޓީމް"ގެ މެންބަރުން ބުނީ، ހުކުރު ދުވަހުގެ ރޭ ކުއްލި ހާލަތުގެ ކޯލްތައް ލިބެން ފެށި ކަމަށެވެ. ކޭމްޕުތަކުގައި ތިބި ފަތުރުވެރިން ރިޕޯޓްކުރި ގޮތުގައި، ސްނޯގެ ބަރުދަނުގެ ސަބަބުން އެމީހުންގެ ފިލާގަނޑުތައް ވަނީ ވެއްޓިފައެވެ. އަދި ބައެއް މީހުންނަށް ވަނީ ހައިޕޯތާމިއާ (ހަށިގަނޑު ފިނިވެގެންވާ މެދުވެރިވާ ނުރައްކާތެރި ހާލަތެއް )ގެ އަލާމާތްތައް ފެންނަން ފަށާފައެވެ. ސަލާމަތީ މަސައްކަތްތެރިން ބުނި ގޮތުގައި، މިހާރުގެ ހާލަތަކީ ނުރައްކާތެރި ހާލަތެކެވެ. ފެންނަ މިންވަރު މަދުވުމާއި، އިންތިހާއަށް ދަށް ފިނިހޫނުމިނާއި، ބާރުގަދަ ވައިގެ ސަބަބުން މަސައްކަތް ކުރިއަށް ގެންދިއުން ހަލުވިކުރުމަށް ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
ޓިންގްރީ ކައުންޓީގެ ކަމާބެހޭ ފަރާތްތަކުން ވަނީ "އެވަރެސްޓް ސީނިކް އޭރިއާ" އަށް ވަނުމަށް ޓިކެޓް ވިއްކުން ހުއްޓާލައި، ސަރަހައްދަށް ވަނުން ބަންދުކޮށްފައެވެ. މޫސުން ރަނގަޅުވަންދެން ފަރުބަދަ ދިމާއަށް ދަތުރުނުކުރުމަށް ފަތުރުވެރިންނަށް އެ ފަރާތްތަކުން ވަނީ އިންޒާރު ދީފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނީ، ސަލާމަތީ ކަންކަމަށް އިސްކަންދެވޭނެ ކަމަށާއި، ކައިރި ސަރަހައްދުތަކުން އިތުރު ސަލާމަތީ ބާރުތައް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.
ޓިބެޓްގައި މިހިނގާ ސްނޯގެ ތޫފާނަކީ، މިސަރަހައްދުގައި ކުރިމަތިވަމުންދާ ބޮޑެތި މޫސުމީ ހާލަތުތަކުގެ ބައެކެވެ. ކައިރީގައިވާ ނޭޕާލަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ވަނީ ބިންގަނޑު ކަނޑައިގެންދިއުމުގެ ނުރައްކާތެރި ހާދިސާތަކާއި ފްލެޝް ފްލަޑްތައް ކުރިމަތިވެފައެވެ. ދިހަ ބްރިޖް ވަނީ ގެއްލިފައެވެ. އަދި ފާއިތުވި ދެ ދުވަހުގެ ތެރޭގައި މަދުވެގެން 47 މީހުން ވަނީ މަރުވެފައެވެ. ކޯރުތައް ބޮޑުވެ، ފަރުބަދަމަތީ މަގުތައް ކަނޑައިގެން ދިއުމުގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ އެމީހުންގެ ގޯތިގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ. ޗައިނާގެ ދެކުނުގެ ޕްރޮވިންސްތަކުގައި "ޓައިފޫން މެޓްމޯ"ގެ ސަބަބުންވެސް ވަނީ ބޮޑެތި މައްސަލަތައް ކުރިމަތިވެފައެވެ. މިތޫފާން މިހަފްތާގެ ކުރީކޮޅު އެރަށަށް އެރުމުގެ ސަބަބުން ގާތްގަނޑަކަށް 150,000 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. ބާރުގަދަ ވަޔާއި ފެންބޮޑުވުމުގެ ސަބަބުން ގެތަކަށާއި ކަރަންޓުގެ ނިޒާމަށް ގެއްލުންވެ، މި ސަރަހައްދުގައި ހިނގާ މޫސުމީ ކާރިސާތަކުގެ ލިސްޓަށް ވަނީ އިތުރު ކަންކަން ފެންމަތިވެފައެވެ.
8,849 މީޓަރުގެ އުސްމިނުގައި ހުންނަ އެވަރެސްޓް ފަރުބަދައަކީ ދުނިޔޭގެ އެންމެ އުސް ފަރުބަދައެވެ. ކޮންމެ އަހަރަކުވެސް އެތައް ހާސް މީހުން މިތަނަށް ޒިޔާރަތްކުރެއެވެ. ނަމަވެސް، މިފަރުބަދަ އެރުމަކީ ނުރައްކާތެރި މަސައްކަތެކެވެ. ފާއިތުވި އަހަރުތަކުގައި ގަނޑުފެނާއި (އެވެލާންޗް) އާއި ތޫފާންތަކާއި ގަދަ ފިނި ކަމުގެ ސަބަބުން އެތައް ބަޔެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އާބާދީ ބޮޑުވުމާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ ސަބަބުން މިސަރަހައްދުގެ ފަތުރުވެރިކަމުގެ ސަލާމަތީ ކަންކަމާއި ދެމެހެއްޓެނިވި ކަމާ މެދު ކަންބޮޑުވުންތައްވެސް ވަނީ އިތުރުވެފައެވެ.
އެވަރެސްޓްގައި ހަރަކާތްތެރިވާ ސަލާމަތީ ޓީމުތައް މިހާރު ދަނީ ތޫފާނުގެ އިތުރުން ވަގުތާވެސް ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. ތާށިވެފައިވާ ގިނަ ބަޔަކު ދަނީ ފިނިގަދަ ކަމާއި ކާނާގެ ދަތިކަމާ ކުރިމަތިލަމުންނެވެ. ކޭމްޕުތަކާ ކޮމިއުނިކޭޝަން ވަނީ ވަޔަރލައިންތަކަށް ގެއްލުންވެ، ސިގްނަލްގެ މައްސަލަތަކުގެ ސަބަބުން މެދުކެނޑިފައެވެ. ހާލަތު ގޯސްވުމުގެ ސަބަބުން ހެލިކޮޕްޓަރުތަކަށް ދަތުރުކުރެވޭ ގޮތްވެސް ވަނީ ނުވެފައެވެެ.
ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، ކުރިއަށްްއޮތް 24 ގަޑިއިރަކީ ނުހަނު މުހިންމު ވަގުތުކޮޅެކެވެ. ސްނޯ ވެހުން ދެމިގެންދާނަމަ، ފަރުބަދައިގައި ތާށިވެފައިވާ މީހުންނާ ހަމައަށް ދިއުން އިތުރަށް އުނދަގޫވެދާނެ ކަމަށް ސަލާމަތީ މަސައްކަތްތެރިން ބުނެއެވެ. ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލާން ޖެހިފައިވީނަމަވެސް، ފިނިހޫނުމިން އިތުރަށް ދަށްވުމުގެ ކުރިން ހުރިހާ އެންމެން ރައްކާތެރިކަމާއެކު ފަރުބަދައިން ބާލަން އެޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.