ދުނިޔެ
ޓެކްސަސްގައި އުމުރުން 3 އަަހަރުގެ ފަލަސްތީނު ކުއްޖަކަށް ނަސްލީ ހަމަލާދީ މަރާލަންއުޅުނު މީހާއަށް ފަސް އަހަރުގެ ޖަލު ހުކުމެއް!

43 އަހަރުގެ އެލިޒަބަތު ވުލްފް
ނަސްލީ ގޮތުން ދިން ހަމަލާއެއްގައި ތިން އަހަރުގެ ފަލަސްތީނު މުސްލިމު އަންހެން ކުއްޖެއް ފެނުގައި ޣަރަޤުކޮށްލަން މަސައްކަތްކުރި މައްސަލައިގައި ޓެކްސަސްގެ އަންހެނަކަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ދައުލަތުގެ ވަކީލުންނާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުންނެވެ.
މި ހުކުމް ކޮށްފައިވަނީ 43 އަހަރުގެ އެލިޒަބަތު ވުލްފްއަށެވެ. ޓެކްސަސްގެ ޓެރަންޓް ކައުންޓީގައި ބުރާސްފަތި ދުވަހު އޮތް ކޯޓު އަޑުއެހުމެއްގައި، އޭނާ ވަނީ މީހަކު މެރުމަށް މަސައްކަތްކުރުމުގެ ކުށާއި ކުއްޖަކަށް އަނިޔާކުރުމުގެ ކުށަށް އިއުތިރާފުވެފައެވެ. ޖޫރީ ޝަރީއަތަކަށް ނުގޮސް، ދެފަރާތުގެ އެއްބަސްވުމެއްގެ ދަށުން މި ހުކުމް ކަނޑައެޅުއްވީ ފަނޑިޔާރު އެންޑީ ޕޯޓަރއެވެ.
މި ހާދިސާ ހިނގާފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ޑާލަސް ސަބަރބެއް ކަމަށްވާ ޔޫލެސްގައެވެ. ހަމަލާދިން ވަގުތު ކުއްޖާ އާއި އޭނާގެ ހަ އަހަރުގެ ބޭބެ ތިބީ މަންމައާއެކު ފެންގަނޑެއްގެ ކައިރީގައެވެ. މި މައްސަލައަކީ މުޅި އެމެރިކާގެ ސަމާލުކަން ހޯދައި، އެތައް ބައެއްގެ ނުރުހުން އުފެދުނު މައްސަލައެކެވެ. އޭރުގެ ރައީސް ޖޯ ބައިޑަން ވެސް މި ހާދިސާ ސިފަކުރެއްވީ "މުސްލިމުންނާއި އަރަބި އެމެރިކާގެ ރައްޔިތުންނަށް ދެވޭ ނަފްރަތުގެ ޖަރީމާތައް އިތުރުވަމުންދާ ކަމުގެ ހެތްކެއް" ގޮތުގައެވެ.
ފުލުހުންގެ ރިޕޯޓުތަކަށް ބަލާއިރު، އެލިޒަބަތު ވުލްފް ވަނީ ފެންގަނޑު ކައިރިން އެ ކުދިންގެ މަންމައާ ވާހަކަ ދައްކަން ފަށައި، އާއިލާ ކޮން ތަނެއްގެ ބައެއްތޯ ސުވާލުކޮށްފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، ވުލްފް ވަނީ ތިން އަހަރުގެ ކުއްޖާ ފެނުގެ އަޑިއަށް ޣަރަޤުކޮށްލަން މަސައްކަތްކޮށް، ހަ އަހަރުގެ ބޭބެއަށް ވެސް ހަމަލާދޭން އުޅެފައެވެ. ކުދިންގެ މަންމަ ވަގުތުން އެ މައްސަލައިގައި އެހީތެރިވެ، ދަރިފުޅު ސަލާމަތްކުރިއެވެ. ހާދިސާ ހިނގި ތަނަށް އީމަރޖެންސީ ޓީމުތައް އައިސް ދެ ކުދިންނަށް ވެސް ފަރުވާދީ، ސިއްހީ ގޮތުން އެއްވެސް މައްސަލައެއް ނެތްކަން ކަށަވަރުކުރިއެވެ. ދައުލަތުގެ ވަކީލުން ބުނެފައިވަނީ ވުލްފް މިކަންކޮށްފައިވަނީ ނަސްލީ ތަފާތުކުރުމުގެ ސަބަބުން ކަމަށެވެ.
އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި މުސްލިމު ލީޑަރުން ބުނާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ހަމަލާތައް ވަރުގަދަވެ، އިޒްރޭލުން އަސްކަރީ ހަރަކާތްތައް ފެށި ފަހުން، އެމެރިކާގައި ދިރިއުޅޭ މުސްލިމު، އަރަބު އަދި ފަލަސްތީނު-އެމެރިކަން އާއިލާތަކަށް އިންތިހާއަށް ނަފްރަތުގެ ހަމަލާތައް އަމާޒުވަމުންދާކަން މި މައްސަލައިން ފާހަގަވެއެވެ.
އެމެރިކާ-އިސްލާމިކް ރިލޭޝަންސް ކައުންސިލް (CAIR) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "މި ހުކުމަކީ މުހިންމު ކަމެއް. ނަމަވެސް މިކަމަކުން ކުއްޖާއަށާއި އޭނާގެ އާއިލާއަށާއި މުޅި މުޖުތަމަޢަށް ލިބުނު ނަފްސާނީ އަނިޔާ ފޮހެނުލެވޭނެ" ކަމަށެވެ.
މި ހާދިސާއަކީ މުސްލިމުންނަށާއި އަރަބީންނަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ތެރެއިން އެއް ހާދިސާއެވެ. މިފަދަ އެހެން ހާދިސާތަކުގެ ތެރޭގައި އިލިނޮއިސްގައި ހަ އަހަރުގެ ފަލަސްތީނު-އެމެރިކަން ކުއްޖަކު މަރާލުން، ޓެކްސަސްގައި ފަލަސްތީނު-އެމެރިކަން ފިރިހެނަކަށް ވަޅިހަރައި ހަމަލާދިނުން، އަދި ކެލިފޯނިއާގައި ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާކުރާ މީހުންނަށް ދިން ހަމަލާތައް ހިމެނެއެވެ. އެހެންނަމަވެސް، އެންޓި-ސެމިޓިޒަމް އަދި އިޒްރޭލާ ދެކޮޅަށް ހިންގާ ހަމަލާތައް ވެސް އިތުރުވެފައިވާ ކަން އިންސާނީ ހައްގުތަކަށް ނަޒަރު ހިންގާ ފަރާތްތަކުން ފާހަގަކުރެއެވެ. މިފަދަ ހާދިސާތަކުގެ ތެރޭގައި ވޮޝިންޓަންގައި އިޒްރޭލު އެމްބަސީގެ ދެ މުވައްޒަފަކު މަރުވުން، ޕެންސިލްވޭނިއާގެ ގަވަރުނަރުގެ ގޭގައި އަލިފާން ރޯކުރުން، އަދި ޔަހޫދީ މުޖުތަމަޢުގެ މެންބަރުންނަށް އަމާޒުކޮށް ދިން ހަމަލާތައް ހިމެނެއެވެ.
ޣައްޒާގައި ހަނގުރާމަ ކުރިއަށްދާހާ ހިނދަކު އެމެރިކާގެ މުސްލިމު އަދި ޔަހޫދީ މުޖުތަމަޢުތައް މިހާރަށްވުރެ ބޮޑަށް ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާކަން އެންޓި-ޑިފެމޭޝަން ލީގުން ފާހަގަކުރެއެވެ. ޔޫލެސްގައި ހަމަލާދިން ކުދިންގެ މަންމައަށް މި ހުކުމަކީ ޖަވާބުދާރީކުރުވުމުގެ ގޮތެއް ނަމަވެސް މުޅިން ނިމުމެއް ނޫން ކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ. "އެއްވެސް ކުއްޖަކަށް އޭނާގެ ދީނަށް ނުވަތަ ނަސްލަށްޓަކައި އަނިޔާ އުފުލަން ޖެހިގެން ނުވާނެ،" ވަކީލު ވިދާޅުވިއެވެ.