ދުނިޔެ

އިސްރާއީލުން އެމެރިކާގެ ސޯޝަލް މީޑިއާ އިންފްލުއެންސަރުންނަށް ޕޯސްޓަކަށް 7000 ޑޮލަރު ދީގެން ޣައްޒާ ހަނގުރާމައަށް ތާއީދު ހޯދުމުގެ މަސައްކަތް ފަށައިފި!

އިސްރާއީލުން އެމެރިކާގެ ސޯޝަލް މީޑިއާ އިންފްލުއެންސަރުންނަށް ޕޯސްޓަކަށް 7000 ޑޮލަރު ދީގެން ޣައްޒާ ހަނގުރާމައަށް ތާއީދު ހޯދުމުގެ މަސައްކަތް ފަށައިފި!

އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ އިންފުލުއެންސަރުންނާއި ބައްދަލުކުރުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 އޮކްޓޯބަރު 2025، 04:35

03 އޮކްޓޯބަރު 2025، 04:35

ޣައްޒާގައި އިސްރާއީލުން ހިންގާ ހަނގުރާމައާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި އަޑުގަދަވަމުންދާ މި ދުވަސްވަރު، އެ ގައުމުން ވަނީ އެމެރިކާގެ ސޯޝަލް މީޑިއާ އިންފްލުއެންސަރުން ބޭނުންކޮށްގެން އިންޓަނެޓްގައި އިޒްރޭލަށް ތާއީދު ހޯދުމުގެ މަސައްކަތެއް ފަށާފައެވެ. މި ކަމަށްޓަކައި އެއް ޕޯސްޓަށް 7,000 ޑޮލަރު (ގާތްގަނޑަކަށް 108,000 ރުފިޔާ) ހަރަދުކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތަކުން ހާމަވެއެވެ.

އެމެރިކާގެ ފޮރިން އޭޖެންޓްސް ރެޖިސްޓްރޭޝަން އެކްޓް (FARA) ގެ ދަށުން ހުށަހަޅާފައިވާ ރެކޯޑްތަކުން ދައްކާގޮތުގައި، އިސްރާއީލު ސަރުކާރުން މި ފައިސާ ދައްކަނީ ބައިނަލްއަގްވާމީ އެޑްވާޓައިޒިން ކުންފުނި ހަވާސް މީޑިއާ ގްރޫޕް މެދުވެރިކޮށެވެ. ފުރަތަމަ 900,000 ޑޮލަރުގެ ބަޖެޓެއް މި މަސައްކަތަށް ކަނޑައަޅާފައިވާއިރު، އޭގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހިމަނާފައިވަނީ އެމެރިކާގެ އިންފްލުއެންސަރުން ހޯދުމާއި ތަމްރީނުކުރުމަށެވެ.

މި އިންފްލުއެންސަރުންނަށް ވަނީ އިސްރާއީލަށް ތާއީދުކުރާ ކޮންޓެންޓް އުފައްދައި، ޣައްޒާ ހަނގުރާމައާ ބެހޭގޮތުން އިސްރާއީލު އޮފިޝަލުން "ދޮގު މައުލޫމާތު" ކަމަށް ބުނާ މައުލޫމާތުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދައުރެއް ދީފައެވެ. ތަޖުރިބާކާރުން ބުނާގޮތުގައި މި ކަމުން ދައްކުވައިދެނީ، އެމެރިކާގައި، ޚާއްސަކޮށް ޓިކްޓޮކް، އިންސްޓަގްރާމް އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުގައި ޒުވާނުންގެ މެދުގައި އިސްރާއީލުގެ މަގްބޫލުކަން ކުޑަވެފައިވާތީ އެ ގައުމުން ކަންބޮޑުވެފައިވާ މިންވަރެވެ.

އިންފްލުއެންސަރުން މާކެޓިން ކެމްޕޭނުގެ އިތުރުން، އިސްރާއީލުން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ކެމްޕޭނުގެ ޑިޖިޓަލް ޗީފް ބްރެޑް ޕާސްކޭލް، މަހަކު 1.5 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއްގެ ދަށުން ހަމަޖައްސާފައެވެ. ޕާސްކޭލްއާ ހަވާލުކޮށްފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކޮށްގެން އެތައްހާށްމީހުންނަށް ވާސިލުވާނެ އިސްރާއީލަށް ތާއީދުކުރާ ޕޮޒިޓިވް މެސެޖުތައް ސޯޝަލް މީޑިއާގައި އުފެއްދުމުގެ މަސައްކަތެވެ.

މި މަސައްކަތުގެ ބޭނުމަކީ، އިސްރާއީލަށް ދިމާވެފައިވާ ބައިނަލްއަގްވާމީ ފިއްތުންތަކުގެ ތެރޭގައި އޮންލައިން މަޝްވަރާތަކަށް ނުފޫޒު ފޯރުވުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ޣައްޒާގައި އިސްރާއީލުން ހިންގާ ބޮމުގެ ހަމަލާތަކުގައި އެތައްހާސް  ފަލަސްތީނު މީހުން މަރުވެ، މިލިއަނަކަށްވުރ ގިނަ މީހުން ގެދޮރު ނެތިފައިވާއިރު، މިކަމަށް އިންސާނީ ހައްގުތަކާބެހޭ ޖަމިއްޔާތަކާއި އދ. ގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

މި މަސައްކަތަށް ސީދާ އެންމެ މަތީ ސިޔާސީ ފެންވަރުން ސަމާލުކަން ލިބެމުންދާ ކަމަށް ވެސް ފާހަގަ ކުރެވެއެވެ. މިދިޔަ ހަފްތާގައި، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ނިއުޔޯކުގައި އެމެރިކާގެ ސޯޝަލް މީޑިއާ އިންފްލުއެންސަރުންގެ ވަފްދަކާ ބައްދަލުކުރައްވާފައެވެ. ބޭރު ގައުމުތަކުގައި އިސްރާއީލަށް އޮތް ތާއީދު ކުޑަވެފައިވާއިރު އެކަމާ ކުރިމަތިލާނީ ކިހިނެއްތޯ ސުވާލުކުރުމުން ނަތަންޔާހޫ ވިދާޅުވީ، "އަޅުގަނޑުމެން ވާދަކުރަންޖެހޭ، އަދި މި ވާދަ ކުރިއަށްދާނީ އިންފްލުއެންސަރުން މެދުވެރިކޮށް" ކަމަށެވެ.

މިފަދަ މަސައްކަތްތަކުން ތެދުވެރިކަމާ ބެހޭގޮތުން ސުވާލުތައް އުފައްދާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. ޚާއްސަކޮށް، ދައުލަތުން ފައިސާ ދީގެން ކުރާ ޕްރޮމޯޝަންތަކުގައި އެކަން ހާމަނުކުރާނަމައެވެ. "ސަރުކާރުން އިންފްލުއެންސަރުން ބޭނުންކޮށްގެން ޕްރޮޕެގަންޑާ ފަތުރަން މަސައްކަތްކުރުމަކީ، ތެދުވެރި ހިޔާލާއި ރޭވިގެން ކުރިއަށްގެންދާ ކެމްޕޭންތަކުގެ ތަފާތު ނުފެނި ގޯސްތަކެއް ހެދުން،" އެމެރިކާގެ މީޑިއާ އެތިކްސްގެ ތަޖުރިބާކާރަކު ރޮއިޓާސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ.



މިކަން ހާމަވެފައި މިވަނީ އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާޑުކިޔުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. މިދިޔަ ހަފްތާގައި ޣައްޒާއަށް ދިން ހަމަލާތަކުގައި 50 އަށް ވުރެ ގިނަ ފަލަސްތީނު މީހުން މަރުވެފައިވާއިރު، އިންސާނީ އެހީގެ ކޮންވޮއީއަކަށް އިސްރާއީލުން ހަމަލާދިން ކަމަށް ބައިނަލްއަގްވާމީ އެކްޓިވިސްޓުން ވަނީ ތުހުމަތުކޮށްފައެވެ.

ތަހުލީލުކުރާ ފަރާތްތަކުން ބުނާގޮތުގައި، އިސްރާއީލުން އިންފްލުއެންސަރުން ބޭނުންކުރަން ނިންމި ނިންމުމުން ދައްކުވައިދެނީ، ހަނގުރާމައާއި ބޭރުގެ ސިޔާސަތުތަކާ ބެހޭގޮތުން މީހުންގެ ހިޔާލުތައް ބައްޓަންކުރުމުގައި ސޯޝަލް މީޑިއާގެ ދައުރު ބޮޑުވަމުންދާކަމެވެ. "މީހުންގެ ހިތްތަކާއި ސިކުނޑިތައް ހޯދޭ ތަނަކީ މިހާރު ސޯޝަލް މީޑިއާ ކަން އިސްރާއީލަށް ވަނީ އެނގިފައި،" ވޮޝިންޓަންގެ އެނަލިސްޓެއް ވިދާޅުވިއެވެ. "ނަމަވެސް މިކަމުން ޣައްޒާގެ ހަލާކުގެ ތަސްވީރުތަކުން ލިބިފައިވާ ގެއްލުން ރަނގަޅުކުރެވޭނެތޯ ސުވާލު އުފެދޭ ކަމެއް."ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން