ދުނިޔެ
ގްލޯބަލް ސުމޫދު ފްލޯޓިއްލާގެ އުޅަނދެއް ސައިޕްރަސްގައި ބަނދަރުކޮށްފި!

ސައިޕްރަސްގައި ބަނދަރުކުރި އުޅަނދު
ޣައްޒާގެ ޙިޞާރު ފޫއަޅުވައިލައި އެ ސަރަޙައްދަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރި ގްލޯބަލް ޞުމޫދު ފްލޮޓިއްލާ (ޖީއެސްއެފް)ގެ އެއް އުޅަނދު، ސައިޕްރަސްގެ ބަނދަރެއްގައި މިހާރު ވަނީ ބަނދަރުކޮށްފައެވެ. ސައިޕްރަސް ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ، 21 މީހުންނާއެކު އެ އުޅަނދު ބަނދަރުކޮށްފައިވަނީ، ތެޔޮ އެޅުމަށް ކަމަށެވެ.
ނަމަވެސް، މި ބޯޓާ ގުޅޭ އިތުރު އެއްވެސް ތަފްޞީލެއް އެ ތަރުޖަމާނު ދެއްވާފައެއް ނުވެއެވެ. އަދި މި ބޯޓަކީ، ޖީއެސްއެފްގެ ޤާފިލާގައި ހިމެނޭ ބޯޓެއް ކަމެއް ވެސް އޭނާ ކަށަވަރުކޮށްދެއްވާފައެއް ނުވެއެވެ. ބޯޓުގައި ތިބި މީހުންގެ މަޢުލޫމާތު ނެގުމަށްފަހު، އެ މީހުންނަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަކޮށްދިނުމުގެ އިތުރުން ކޮންސިޔުލަރ ޚިދުމަތް ފޯރުކޮށްދެވިފައިވާކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ދަތުރު ފެށި ޖީއެސްއެފް ފްލޮޓިއްލާގެ މައިގަނޑު މަޤްޞަދަކީ، ޣައްޒާގެ ރައްޔިތުން ނަސްލުނައްތާލަން ޔަހޫދީން އެ ސަރަޙައްދަށް ޢުދުވާނީ ޙަމަލާތައް ދެމުންދާއިރު، އެ ސަރަޙައްދަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމެވެ. މި ފްލޮޓިއްލާގައި ޣައްޒާއަށް ދަތުރު ކުރި މީހުންގެ ތެރޭގައި 44 ޤައުމަކަށް ނިޞްބަތްވާ 500އަށްވުރެ ގިނަ އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ބައެއް ޤައުމުތަކުގެ މަޝްހޫރު މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ސްވިޑެންގެ މަޝްހޫރު އެކްޓިވިސްޓް، ގްރިއެތަ ތުންބެރީ ވެސް ހިމެނެއެވެ.
ފްލޮޓިއްލާ ޣައްޒާއާ ކައިރި ހިސާބަކަށް ފޯރާފައި ވަނީ އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ނުރައްކާ ޒޯނަށް އުޅަނދުތައް ވަނުމާއެކު ޔަހޫދީ މަނަވަރުތައް ވަނީ އެ އުޅަނދުތައް ވަށާލައިފައެވެ. އަދި ހަތިޔާރުއެޅި ޔަހޫދީ ސިފައިން ވަނީ އުޅަނދުތަކަށް އަރައިގަނެފައެވެ. ޔަހޫދީ ސިފައިން ވަނީ އުޅަނދުތަކުގައި ތިބި މީހުންގެ ނުގަބޫލުގައި ޔަހޫދީންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިހާރު އެ މީހުން ތިބީ ޔަހޫދީ ދައުލަތުގައެވެ. ބޯޓުތަކުގައި ތިބި އެކްޓިވިސްޓުން ވިލާތަށް ފޮނުވާލާނެ ކަމަށް ޔަހޫދީން ބުނެފައިވާއިރު، އެ މީހުން ފޮނުވާލަނީ ކޮން ޤައުމުތަކަކަށް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ފްލޮޓިއްލާގައި ހިމެނޭ ހުރިހާ ބޯޓެއްހެން ނިރުބަވެރި ޔަހޫދީން ހުރަސްއަޅައި ހުއްޓުވާފައިވާއިރު، މިހާތަނަށް ހުއްޓުވާފައިނުވާ ބޯޓަކީ ތަންކޮޅެއް ފަހަތުގައި އޮތް ބޯޓެއްކަމަށް މައުލޫމާތު ލިބެއެވެ. ފްލޮޓިއްލާގެ ދަތުރު އިންތިޒާމް ކުރި ފަރާތުން ވަނީ ބޯޓުތަކަށް ހުރަސްއެޅުމަކީ ޤާނޫނީ ކުށެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ޔަހޫދީންގެ މި ޢަމަލުތައް ކުށްވެރިކޮށް ބައިނަލްއަޤްވާމީ ދުނިޔެއިން ދަނީ އަޑުއުފުލަމުންނެވެ.