ދުނިޔެ

ޓްރަމްޕްގެ ސުލްހައިގެ ރޭވުމަށް ހަމާސްގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް!

ޓްރަމްޕްގެ ސުލްހައިގެ ރޭވުމަށް ހަމާސްގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް!

ހަމާސް ޖަމާއަތުގެ ބައެއް މީހުން ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 އޮކްޓޯބަރު 2025، 11:04

02 އޮކްޓޯބަރު 2025، 11:04

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާއަށް ހުށަހަޅުއްވާފައިވާ ސުލްހައިގެ ރޭވުމާ މެދު ހަމާސްގެ އިސްވެރިންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ހުރިކަން ހާމަވެއްޖެއެވެ. ސިޔާސީ ގޮފިން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އެ ރޭވުމަށް މުހިންމު ބަދަލުތައް ގެނައުމަށް އެދިފައިވެއެވެ. ނަމަވެސް ހަމާސްގެ އަސްކަރީ ގޮފިން ވަނީ ހަނގުރާމަ ކުރިއަށް ގެންދިއުމަށް ގަދަޔަށް ތާއީދުކޮށްފައެވެ.

ހަމާސްގެ ސިޔާސީ އިސް ދެ ލީޑަރެއް މި ރޭވުން މިހާރު ހުރިގޮތަށް ބަލައިނުގަންނާނެކަން ކަށަވަރުކޮށްދެއްވިއެވެ. އެބޭފުޅުން ވިދާޅުވީ، މި ހުށައެޅުމުގައި ފަލަސްތީނުގެ ހައްގުތަކާއި އެދުންތަކަށް އެއްވެސް އަޅާލުމެއް ނެތި، އިސްރާއީލަށް ސާފުކޮށް ފައިދާވާނެ ގޮތަށް ކަންކަން ހުށަހަޅާފައިވާ ކަމަށެވެ. އަދި، ހަމާސްގެ ހަތިޔާރު ނަގައި، ޣައްޒާގައި ބައިނަލްއަޤުވާމީ ފައުޖުތައް ބޭތިއްބުމަށް ހިމަނާފައިވާ ކްލޯޒްތަކާމެދު ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރެއްވިއެވެ. މީގެ އިތުރުން، މި ރޭވުމުގައި އިސްރާއީލަށް ބޭނުންހާ ގޮތަކަށް އަމަލުކުރުމުގެ ފުރުސަތު ދެވި ބައެއް ނުރަނގަޅު ކަންތައްތަކެއް ހިމެނޭކަން ވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ. ރައީސް ޓްރަމްޕް މި ރޭވުން އެކުލަވާލައްވާފައިވަނީ ސިޔާސީ ފައިދާއެއް ހޯދުމަށް ކަމަށް އެބޭފުޅުން ތުހުމަތުކުރެއްވިއެވެ. އަދި ހަމަލާ ހުއްޓާލުމަށް އެއްބަސްވުމަށްފަހުވެސް އިސްރާއީލުން އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްކަމަށް އެބޭފުޅުން އިންޒާރު ދެއްވިއެވެ.

ނަމަވެސް ހަމާސްގެ ޣައްޒާގެ އިސް އަސްކަރީ ކޮމާންޑަރު ޢިއްޒުއްދީން އަލް-ޙައްދާދު ވަނީ މި ރޭވުމަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވައި ހަނގުރާމަ ކުރިއަށް ގެންދިއުމަށް ގަދަޔަށް ބާރުއަޅާފައެވެ. ރިޕޯޓުތައް ބުނާގޮތުން އަލް-ޙައްދާދު ދަނީ ހަތިޔާރު އެޅި ޖަމާއަތުން ހަނގުރާމަ ކުރިއަށް ގެންދިއުމަށް ތާއީދުކުރަމުންނެވެ. އަދި މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އެއްވެސް މުހިންމު ކަމެއް ނެތްކަމަށް އޭނާ ދެކެއެވެ. ޚާއްސަކޮށް ހަމާސްތެރޭގައި ހުންނަ ހަމާސްގެ ސިޔާސީ ލީޑަރުންނަށް ވަނީ އެތެރޭގެ ނިންމުންތަކުން އެކަހެރިކުރެވިފައެވެ. އެމީހުންގެ ކޮންޓްރޯލެއް މިހާރު ބެހެއްޓިފައިނުވަނީ ގައިދީންނާއި ހަނގުރާމައިގެ ހަރަކާތްތަކުގެ މައްޗަށެވެ. ޢިއްޒުއްދީން އަލް-ޙައްދާދު ވަނީ ހަމާސްގެ އެތެރޭގެ ސިޔާސީ ލީޑަރުންނަށް އޭނާގެ މެސެޖު ސާފުކޮށް ފޮނުވާފައެވެ. އެއީ ގޯސް ސުލްހައިގެ އެއްބަސްވުމަކަށް ތާއީދުކުރުމުގެ ބަދަލުގައި ހަތިޔާރު އެޅި ހަނގުރާމަ ކުރިއަށް ގެންދިއުމުގެ މުހިންމުކަމެވެ.

މި މަޝްވަރާތަކުގައި ބައިވެރިވާ އިސްރާއީލުގެ އޮފިޝަލުން އުންމީދުކުރަނީ ހަމާސްގެ ފަރާތުން ހިޔާލު ތަފާތު ރައްދުތަކެއް ލިބޭނެ ކަމަށެވެ. އެމީހުން ދެކޭގޮތުގައި ހަމާސްއިން މި ރޭވުން މުޅިން ގަބޫލެއްނުކުރާނެއެވެ. އަދި މުޅިން ދެކޮޅެއްވެސް ނުހަދާނެއެވެ. ނަމަވެސް ޝަރުތު ހުށަހަޅާނެކަމަށް އެމީހުން ގަބޫލުކުރެއެވެ. ޣައްޒާގައި ކުރިއަށް އޮތް ހަނގުރާމައިގެ މަރުހަލާ ބައްޓަންކުރެވޭނީ މިހާރު ހަމާސްގެ ތެރޭގައި ސިޔާސީ ގޮފި އިސްވާނެތޯ ނުވަތަ އަސްކަރީ ގޮފި އިސްވާނެތޯއަށް ބަލާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން