ދުނިޔެ

ޕްރިންސް ހެރީގެ މިނިވަންކަމަށް އަރައިގަތުމުގެ ތުހުމަތުގައި އިނގިރޭސި މީޑިއަކާ ދެކޮޅަށް ކޯޓަށް!

ޕްރިންސް ހެރީގެ މިނިވަންކަމަށް އަރައިގަތުމުގެ ތުހުމަތުގައި އިނގިރޭސި މީޑިއަކާ ދެކޮޅަށް ކޯޓަށް!

ބްރިޓިޝް ޝާހީ އާއިލާގެ ޕްރިންސް ހެރީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 އޮކްޓޯބަރު 2025، 10:38

02 އޮކްޓޯބަރު 2025، 10:38

ބްރިޓިޝް ޝާހީ އާއިލާގެ ޕްރިންސް ހެރީ، އޭނާގެ މިނިވަންކަމަށް އަރައިގަތްކަމަށް ބުނެ، އިނގިރޭސި މީޑިއާ ގްރޫޕަކާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެއްގެ ކޯޓު އަޑުއެހުމެއްގައި ބުދަ ދުވަހު އޮންލައިންކޮށް ބައިވެރިވެއްޖެއެވެ. ލަންޑަންގައި ހުންނަ ކޯޓެއްގައި ކުރިއަށްދާ މި މައްސަލަ އަކީ، މީޑިއާއާ ގުޅުންހުރި ކުށްތަކާ ދެކޮޅަށް ހެރީ ކުރަމުން އަންނަ ގާނޫނީ ހަނގުރާމައިގެ އެންމެ ފަހުގެ ބައެވެ.

ސަސެކްސްގެ ޑޫކް، ޕްރިންސް ހެރީ ތުހުމަތު ކުރައްވާ ގޮތުގައި، އިނގިރޭސިވިލާތުގެ ނޫސްތަކުގެ މައި ގްރޫޕަކުން ކަމަށްވާ އެސޯސިއޭޓެޑް ނިއުސްޕޭޕަރސްއިން ވަނީ ފޯން ހެކް ކުރުމާއި، އަމިއްލަ ތަހުގީގު ކުރާ މީހުން މެދުވެރިކޮށް އޭނާގެ މައުލޫމާތު ހޯދާފައެވެ. ކޯޓު އަޑުއެހުންތައް ބަލަމުންދިޔަ ބައެއް ފަރާތްތަކަށް، އޮންލައިންކޮށް ހެރީ ބައިވެރިވެފައިވާކަން ފެނިފައިވެއެވެ. މި މައްސަލައިގައި ޕްރިންސް ހެރީގެ އިތުރުން މަޝްހޫރު ފަރާތްތަކެއް ކަމަށްވާ  ޑޭވިޑް ފަރނިޝް، އަދި އެކްޓްރެސް ސޭޑީ ފްރޮސްޓް އާއި އެލިޒަބަތު ހާލީ ވެސް ހިމެނެއެވެ. ޖުމްލަ ހަތް މީހުންގެ މި ގްރޫޕުން ވަނީ މީޑިއާގެ ނުބައި އަމަލުތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާފައެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ގޮތުގައި، އަމިއްލަ ތަހުގީގު ކުރާ މީހުން ބޭނުންކުރުމާއި، ކާރުތަކުގައި އާލާތްތައް ހަރުކުރުމާއި، މެޑިކަލް ރިކޯޑްތައް ހެކްކުރުމާއި، ގޭގެއަށް ވަނުމަށް މަސައްކަތްކުރުމާއި، ޚަބަރު ހޯދުމަށް ފޯން ޓެޕްކުރުން ހިމެނެއެވެ. ނަމަވެސް އެސޯސިއޭޓެޑް ނިއުސްޕޭޕަރސްއިން ވަނީ މި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް، އެ ތުހުމަތުތަކަކީ "ދޮގު" އަދި "ވަރަށް ހެއްވާ" ކަންކަން ކަމަށް ބުނެފައެވެ. މި މައްސަލައިގެ ފުރިހަމަ ޝަރީޢަތް އަދި ނުފަށައެވެ.

މި އަޑުއެހުންތައް ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މި މައްސަލައިގައި ވަގުތުން އެއްވެސް ނިންމުމެއް ކޯޓުން ނުނެރޭނެއެވެ. ޕްރިންސް ހެރީ ވަނީ މީގެ ކުރިން މިފަދަ ފޯން ހެކް ކުރުމުގެ މައްސަލައެއްގައި މިއަރ ގްރޫޕް ނިއުސްޕޭޕަރސްއާ ދެކޮޅަށް 140,600 ޕައުންޑް (189,000 ޑޮލަރު)ގެ ބަދަލު ހޯދާފައެވެ. އަދި މި އަހަރުގެ ކުރީކޮޅު ނިއުސް ގްރޫޕް ނިއުސްޕޭޕަރސްއާ ދެކޮޅަށް ވެސް ކާމިޔާބީއެއް ހޯއްދަވާފައިވެއެވެ.

ޕްރިންސް ހެރީ ވަނީ މިރަރ ހެކިން މައްސަލައިގެ ޝަރީޢަތުގައި، 100 އަހަރަށްވުރެ ގިނަ ދުވަހަށްފަހު ކޯޓަށް ހާޒިރުވި ފުރަތަމަ ޝާހީ މެމްބަރަށް ވެފައެވެ. އޭނާއާއި އޭނާގެ އަނބިކަނބަލުން މޭގަން އަދި ދެ ދަރިކަލުންނާއެކު ކެލިފޯނިއާއަށް ބަދަލުވެފައި ވިޔަސް، އޭނާ ވަނީ މިފަދަ ގާނޫނީ މައްސަލަތަކަށްޓަކައި ގިނަ ފަހަރު ލަންޑަން އަށް ދަތުރުކޮށްފައެވެ. ޕްރިންސް ހެރީ ވަނީ އޭނާގެ ބޭބޭފުޅު ޕްރިންސް ވިލިއަމްއާ ދެމެދު އުފެދިފައިވާ މައްސަލަތަކާ ގުޅިގެން 2020 ވަނަ އަހަރު ޝާހީ މަސައްކަތްތަކުން ވަކިވެފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން