ދުނިޔެ

އެމެރިކާ ސަރުކާރު ހުއްޓުމަކަށް: ބޮޑެތި އިޤުތިޞާދީ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު

އެމެރިކާ ސަރުކާރު ހުއްޓުމަކަށް: ބޮޑެތި އިޤުތިޞާދީ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު

ކެޕިޓޯލް ހިލް ބިލްޑިންގ ވޮޝިންގޓަން ޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 އޮކްޓޯބަރު 2025، 06:20

01 އޮކްޓޯބަރު 2025، 06:20

އެމެރިކާގެ ސަރުކާރު ހިންގުމަށް ބޭނުންވާ ޚަރަދުތައް ހަމަޖެއްސުމާ ގުޅޭގޮތުން އެމެރިކާގެ ސަރުކާރާއި ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސާ ދެމެދު ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދި، އެމެރިކާގެ ފެޑެރަލް ސަރުކާރު ހުއްޓުމަކަށް ގޮސްފިއެވެ. މިކަމުގެ ސަބަބުން އެތައް ހާސް ބަޔެއްގެ ވަޒީފާއަށް ނުރައްކާވެ، އިޤުތިޞާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހުށަހަޅާފައިވާ ކުރު-މުއްދަތުގެ ޚަރަދުތަކާ ބެހޭ ބިލަކަށް ކޮންގްރެސްގައި ތިއްބެވި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ދެކޮޅު ހެއްދެވުމާ ގުޅިގެން، މިއީ 1981 ވަނަ އަހަރަށް ފަހު އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައިސްފައިވާ 15 ވަނަ ފަހަރެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި މިކަމަށް އަވަސް ޙައްލެއް ފެންނަން ނެތެވެ.

ސަރުކާރު ހުއްޓުމަކަށް އައުމުގެ ނަތީޖާ

ސަރުކާރު ހުއްޓުމަކަށް އައުމާ އެކު، ފެޑެރަލް ނުވަތަ މައި ސަރުކޫރުގެ ވަޒީފާގައި ތިބި އެތަކެއް ހާސް ބަޔެއްގެ ވަޒީފާ ގެއްލިގެންދާނެ ކަމުގެ ބިރު ވަނީ ކުރިމަތިވެފައެވެ. އަދި 750،000 އަށްވުރެ ގިނަ މީހުން މުސާރައާ ނުލައި ޗުއްޓީއަށް ފޮނުވައިލަން މަޖުބޫރު ވެގެންދާނެއެވެ. މި ސެޕްޓެމްބަރު މަހު ނެރުމަށް ތައްޔާރު ކުރަމުން ދިޔަ ވަޒީފާއާ ބެހޭ ޚާއްޞަ ރިޕޯޓަކަށް ވެސް ހުރަސް އެޅިފައިވާއިރު، އެމެރިކާގެ ސިފައިންނަށް މުސާރަ ދެވޭނެ މަގު ބަންދުވެފައިވެއެވެ.

މިކަމުގައި ދިގު މުއްދަތެއް ހޭދަވެއްޖެ ނަމަ، އޭގެ ތެރެއިން ބޮޑު އިންސައްތައެއްގެ ވަޒީފާ ގެއްލޭނެއެވެ. އޭގެ ގެއްލުމުގެ އަގު ދުވާލެއްގެ މައްޗަށް 400 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭއިރު، ވައިގެ އުދުހުންތައް މަޑު ޖެހި، ސައިންޓިފިކް ދިރާސާތަކަށް ވެސް ހުއްޓުމެއް އަންނާނެއެވެ.
ޑިމޮކްރެޓުންނާއި ރިޕަބްލިކަން ޕާޓީގެ ހިޔާލު ތަފާތުވުންސަރުކާރުގެ ޚަރަދު ކުޑަކޮށް ހިންގުން ހަރުދަނާ ކުރުމަކީ ރައީސް ޓްރަމްޕްގެ ރިޔާސީ ވަޢުދެކެވެ. މި އަހަރު ނިމުމުގެ ކުރިން މައި ސަރުކާރުގައި ވަޒީފާ އަދާކުރާ 300،000 އަށްވުރެ ގިނަ މީހުން ވަޒީފާއިން ވަކި ކުރާނެ ކަމަށް ވެސް ބެލެވޭއިރު، ނޮވެމްބަރު 21 ވަނަ ދުވަހާ ހަމައަށް ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް ޓްރަމްޕްގެ ސަރުކާރުން ހުށަހެޅި ބިލަށް ޑިމޮކްރެޓުން ދެކޮޅު ހެދުމާ ގުޅިގެން ޓްރަމްޕް ވަނީ އިތުރު ބަޔެއްގެ ވަޒީފާތައް ގެއްލި، އިޔާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމުގައި އިންޒާރު ކުރައްވާފައެވެ.

ޑިމޮކްރެޓުން ވަނީ ޓްރަމްޕްގެ ބިލަށް ތާޢީދު ކުރުމަށް ޝަރުޠުތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި އެފޯޑެބަލް ކެއަރ ޤާނޫނުގެ ދަށުން ޞިއްޙީ ޚިދުމަތްތަކަށް ފޯރުކޮށްދޭ އިންޝުއަރެންސް ކަނޑައިލުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލުކުރުން ހިމެނެއެވެ. ނަމަވެސް، ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން ވަނީ އެ ހުށަހެޅުމަށް އިންކާރު ކޮށް، އެއީ ސަރުކާރުގެ ޚަރަދުތަކާ ބެހޭ ބިލާ ގުޅުން އޮތް ކަމެއް ނޫން ކަމުގައި ބުނެފައެވެ.


އެމެރިކާގެ މި އަހަރުގެ ދައުލަތުގެ ބަޖެޓު 7 ޓްރިލިޔަން އެމެރިކާ ޑޮލަރަށް އަރާއިރު، ވައިޓް ހައުސާއި ކޮންގްރެސާ ދެމެދު ޚިޔާލު ތަފާތުވުން އުފެދިފައި މިވަނީ ސަރުކާރުގެ އިދާރާތައް ހިންގުމަށް ބޭނުންވާ 1.7 ޓްރިލިޔަން އެމެރިކާ ޑޮލަރާ މެދުއެވެ. ބާކީ އޮތް ބަޔަކީ ޤާނޫނުތަކުގެ ދަށުން ކުރަން މަޖުބޫރު ޚަރަދުތަކެކެވެ.

އިޤުތިޞާދީ އަސަރުތައް

އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައުމުގެ މާލީ އަދި އިޤުތިޞާދީ ގެއްލުންތައް މިހާރު ވެސް ވަނީ ފެންމަތިވާން ފަށާފައެވެ. ރަނުގެ އަގު އުފުލި، އެމެރިކާގެ ހިއްސާގެ ބާޒާރުގެ އަގުތައް ވެއްޓެން ފަށާފައިވާއިރު، އޭޝިޔާގެ ހިއްސާގެ ބާޒާރުގެ އަގުތަކަށް ވެސް ވަނީ ލޮޅުންއަރާފައެވެ. މީގެ އިތުރުން އެމެރިކާ ޑޮލަރުގެ އަގު ވެސް ވެއްޓެން ފަށާފައިވާ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

މީގެ ކުރިން، އެމެރިކާގެ ސަރުކާރު އެންމެ ދިގު މުއްދަތަކަށް ހުއްޓިފައި ވަނީ 35 ދުވަހުގެ މުއްދަތަކަށެވެ. އެއީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2019 ވަނަ އަހަރުގެ ޖަނަވަރީއަށެވެ. އެ ފަހަރު ސަރުކާރު ހުއްޓުމަކަށް އައިސްފައި ވަނީ ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ވައިޓް ހައުސާއި ކޮންގްރެސާ ދެމެދު ސަރަޙައްދީ ރޮނގުގެ ސަލާމަތާ ގުޅޭގޮތުން އުފެދުނު ޚިޔާލު ތަފާތުވުންތަކެއްގައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން