ރިޕޯޓް

އިސްރަށްވެހިން: މި ލޮބުވެތި ޤައުމުގެ ފަޚުރާއި ޚަޒާނާ

އިސްރަށްވެހިން: މި ލޮބުވެތި ޤައުމުގެ ފަޚުރާއި ޚަޒާނާ

ޢުމުރުން ދުވަސްވީ ދެމީހުން/ފޮޓޯ: ނައުޝަމް ވަހީދު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

01 އޮކްޓޯބަރު 2025، 03:03

01 އޮކްޓޯބަރު 2025، 03:03

އަހަރެމެންގެ ތާރީޚާއި، ސަޤާފަތާއި، މުޖުތަމަޢުގެ ހަރުދަނާ އުޞޫލުތައް ބިނާވެފައިވަނީ އުމުރުން ދުވަސްވީ އިސްރަށްވެހިންގެ މައްޗަށެވެ. އެބޭފުޅުންނަކީ މުޖުތަމަޢުގެ ހަށިގަނޑުގައި ހިނގާ ލޭފަދަ ބައެކެވެ. އެބޭފުޅުންގެ ތަޖުރިބާތަކާއި، ޙިކުމަތްތެރިކަމަކީ އަހަރެމެންގެ ދިރިއުޅުމުގެ ކޮންމެ ކަމަކުން ފެނިގެންދާ އަގުބޮޑު ފިލާވަޅުތަކެކެވެ. މިއަދު ބައިނަލްއަޤްވާމީ ފެންވަރުގައި އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމުން އަންނައިރު، މިކަމުގެ އެންމެ ބޮޑު މަޤްޞަދަކީ، މިބޭފުޅުންނަކީ ދުނިޔޭގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންކަން ދުނިޔޭގެ ފެންވަރުގައި ހަނދާންކޮށްދިނުމާއި، އެބޭފުޅުންނަށް ލިބިދޭންޖެހޭ އަހަންމިއްޔަތުކަން ދިނުމަށް ހޭލުންތެރިކުރުވުމެވެ.

މިއަހަރުގެ އިސްރަށްވެހިންގެ ދުވަހުގެ ޝިޢާރަކީ، "ރަށު ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި އިސްރަށްވެހިންގެ ހަރަކާތްތައް ކުރިއަށް ގެންދިއުން: އިސްރަށްވެހިންގެ އުންމީދުތައް، ދުޅަހެޔޮކަން، ޙައްޤުތައް" މިއެވެ. އިސްރަށްވެހިންނަކީ ޤައުމު ބިނާކުރުމުގައްޔާއި، ތަޢުލީމީ ހަރުދަނާ ޖީލެއް އުފެއްދުމުގައި މިންނަތާއެކު މަސައްކަތްކޮށްފައިވާ މޭސްތިރިން ކަމަށްވާއިރު، އެ ފަރާތްތަކުގެ އުންމީދުތައް ހާސިލުކުރުމަށް ރަށު ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރުމަށާއި، މުޖުތަމަޢުގެ ކަންކަމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމާއި، މާނަވީ ގޮތެއްގައި އިސްރަށްވެހިންގެ ދުޅަހެޔޮކަން ތަރައްޤީކުރުމަށް ރަށު ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރަކާތްތައް ހިންގުމަށް މި ޝިޢާރުން ބާރުއަޅައެވެ.

އިސްރައްވެއްސަކު ކުޑަކުއްޖަކާއެކު 


އިސްލާމްދީނުގައި ވެސް އަދި ދިވެހި ސަޤާފަތުގައި ވެސް އުމުރުން ދުވަސްވީ މީހުންނަށް އިޙްތިރާމްކޮށް، އޯގާތެރިކޮށް ހިތުމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވެއެވެ. ޤުރުއާނާއި ސުންނަތުން ވެސް މިކަމުގެ މުހިންމުކަން ވަރަށް ފަސޭހައިން ދޭހަކޮށްދީފައިވާއިރު، އެބޭފުޅުންނަށް އަހަރެމެން ދޭ ކޮންމެ ހެޔޮކަމެއްގެ ސަބަބުން، އަހަރެމެންގެ މުޖުތަމަޢު އިތުރަށް ރިވެތިވެ، އެބޭފުޅުންގެ ދުޢާގެ ބަރަކާތް ލިބޭކަން ވެސް ފާހަގަކޮށްލެވެއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ހެޔޮކޮށް ހިތުމަށް ފަރުދެއްގެ ޙައިޞިއްޔަތުން އަހަރެމެންނަށް ކުރެވޭނެ އެތައް ކަމެއްވެއެވެ. އެގޮތުން، އެބޭފުޅުންނާއެކު ވަގުތު ހޭދަކޮށް، އެބޭފުޅުންގެ ވާހަކަތަކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެބޭފުޅުންގެ ތަޖުރިބާތަކާއި ޙިކުމަތްތެރި ނަސޭހަތްތަކުން ފައިދާ ލިބިގަތުމަކީ ވެސް އަހަރެމެންނަށް ލިބޭނެ ބޮޑު ފައިދާއެކެވެ. ކުދިކުދި ކަންކަމުގައި އެހީތެރިވެދީ، އެބޭފުޅުންނަށް ބޭނުންވާ ތަކެތި ހޯދައިދިނުމާއި، ބޭސްފަރުވާއަށް ގެންގޮސްދިނުން ނުވަތަ ގޭތެރޭގެ ކަންކަމުގައި އެހީތެރިވުމަކީ ވެސް އަހަރެމެންނަށް ކުރެވޭނެ އޯގާތެރި ޢަމަލުތަކެކެވެ.

އިސްރަށްވެހިން ޖޯލިފައްޗެއްގައި 


މީގެ އިތުރުން، އެބޭފުޅުންނަށް ނުކުރެވޭ ކަންކަމުގައި މަސައްކަތްކުރުމަށް އެބޭފުޅުންނަށް ހިތްވަރުދީ، އެކަމުގައި އެހީތެރިވުމަކީ އެބޭފުޅުންގެ ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ. ހަމައެހެންމެ، އެބޭފުޅުންނަށް އިޙްތިރާމްކޮށް، އެބޭފުޅުންގެ އެންމެހާ ކަންކަމަށް ސަމާލުކަންދީ، އާއިލީ ކަންކަމުގައި ބައިވެރިކުރުމަކީ ވެސް އެބޭފުޅުންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދޭނެ ކަމެކެވެ. މިފަދަ ކުދިކުދި ކަންކަމުގެ ސަބަބުން އިސްރަށްވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވެ، އެކަނިވެރިކަމުގެ އިޙްސާސްކުރެވިގެނެއް ނުދާނެއެވެ.

އިސްރަށްވެހިންނަށް އެހީތެރިވުމަށް ކޮށްލެވޭ ކުޑަ ކަމެއްގެ ސަބަބުން ވެސް މުޖުތަމަޢަށް ވަރަށް ބޮޑު އަސަރެއް ކުރާނެއެވެ. ފަރުދީ ގޮތުން ކުރެވޭ ކޮންމެ ހެޔޮ ޢަމަލެއްގެ ސަބަބުން މުޅި މުޖުތަމަޢުގައި އޯގާތެރިކަމާއި ލޯބީގެ ރޫހު އާލާވެއެވެ. އުމުރުން ދުވަސްވީ މީހުންނަށް ރަނގަޅަށް ހިތުމުގެ ސަބަބުން، ޒުވާން ޖީލަށް ރިވެތި ނަމޫނާއެއް ފެނިގެންދާނެއެވެ. އެބޭފުޅުން ވެސް، އުމުރުން ދުވަސްވާ ދުވަހު އެބޭފުޅުންނަށް ވެސް ރަނގަޅަށް ހިތާނެކަމުގެ އުންމީދު އުފެދި، އަމާންކަންމަތީ ދިރިއުޅެވޭނެއެވެ.

އިސްރަށްވެހިންތަކެއް 


ސަރުކާރުން އިސްރަށްވެހިންނަށް ދެމުންގެންދާ އަހަންމިއްޔަތުކަން ބޮޑު:

  • އެބޭފުޅުންގެ ދުޅަހެޔޮކަމާއި، ސިއްޙަތާއި، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުން
  • އިސްރަށްވެހިންނަށް ޚާއްޞަ ޞިއްޙީ ޚިދުމަތްތައް (އާސަންދަ މެދުވެރިކޮށް ހިލޭ  ބޭސްފަރުވާ)
  • ގޭބީސީތަކަށް ޒިޔާރަތްކޮށް ޙާލުބެލުން (ގެރިއަޓްރިކް ކްލިނިކްތައް)
  • މާލީ އެހީތެރިކަން (އުމުރުން ދުވަސްވީ މީހުންނަށް ފައިސާ ފޯރުކޮށްދިނުން)
  • ދުޅަހެޔޮކަން އިތުރުކުރުމަށް ކަސްރަތު ކްލާސްތައް ބޭއްވުން
  • މުޖްތަމަޢުގެ ތެރޭގައި ބައިވެރިކުރުން (ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން)
  • ޢުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް ހިމާޔަތްކުރުން
  • އިސްރަށްވެހިންގެ  އެކި ހުނަރުތައް ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދިނުން
  • މުޖްތަމަޢުގައި ހިނގާ ކުށްތަކަށް އެފަރާތްތައް ހޭލުންތެރިކުރުވުން (ސްކޭމްގެ މައްސަލަތައް)
  • އިސްރަށްވެހިންނަށް ހިތްފަސޭހަކަމާއެކު އުޅެވޭނެ މައިޒާންތައް ޤާއިމްކޮށްދިނުން
  • އިސްރަށްވެހިންގެ ނާދީތައް އުފެއްދެވުން


އިސްރަށްވެހިންގެ ނާދީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވުން

ބައިނަލްއަޤްވާމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ، އުމުރުން ދުވަސްވީ މީހުންނާ ބެހޭ ގޮތުން ދުނިޔޭގައި ހޭލުންތެރިކަން އިތުރުކޮށް، އެބޭފުޅުންގެ ޙައްޤުތަކަށް އަރައިގަތުން ހުއްޓުވުމަށް ގޮވާލުމެވެ. އެބޭފުޅުންނަށް އެކަށީގެންވާ ޞިއްޙީ ޚިދުމަތްތައް ލިބިގަތުމުގެ ފުރުޞަތާއި، އިޖުތިމާޢީ ގޮތުން އެކަހެރިނުވެ، މުޖުތަމަޢުގެ ތެރޭގައި ހަރަކާތްތެރިވެވޭނެ ގޮތްތައް ހޯދައިދިނުމާއި، ޙައްޤުތައް ކަށަވަރުކޮށްދިނުމާއި، އެއްވެސް އިމްތިޔާޒެއް ނެތި އަމާންކަންމަތީ އުޅެވޭނެ މާޙައުލެއް ޤާއިމުކުރުމަކީ އަހަރެމެން އެންމެންގެ ޒިންމާއެކެވެ. 

ކޮންމެ މީހަކަށް ވެސް ދުޅަހެޔޮކަމާއި، ސަލާމަތާއި އަމާންކަމާއެކު އުމުރުން ދުވަސްވެ، ދިރިއުޅުމުގެ ފަހު ދުވަސްތައް ހޭދަކުރެވުމުގެ ޙައްޤު ލިބިގެންވެއެވެ. އިސްރަށްވެހިންނަށް އޯގާތެރިވެ ކަމޭހިތުމަށް އަހަރެމެންގެ މި މުޖްތަމަޢު ހޭލުންތެރިވާނެ ޖެހެއެވެ. އެމީހުންނަކީ، އަހަރެމެންގެ އަމިއްލަ ޢާއިލާގެ ބައެއް ކަމަށް ދެކި، އެބޭފުޅުންނަށް ލޯތްބާއި، އޯގާތެރިކަމާއި، އިޙްތިރާމް ދިނުމަކީ އަހަރެމެންގެ ދިރިއުޅުމުގެ ބައެއްކަމުގައި ހަދަންޖެހެއެވެ. އެބޭފުޅުންނަނީ މާޒީގެ ބޮޑު ތަޖުރިބާތަކާއި، ޙިކުމަތްތެރި ނަސޭހަތްތަކުން ފުރިފައިވާ އަގުހުރި ހަދިޔާއެއްގެ ގޮތުގައި ޤަބޫލުކުރަންޖެހެއެވެ.

އިސްރަށްވެހިން ރާއްޖޭގެ ރަށެއްގައި 


ގޭތެރޭގެ މާޙައުލާއި، ސްކޫލުތަކުން ފެށިގެން އެކި މީޑިއާތައް މެދުވެރިކޮށް ނަމަވެސް، މިފަދަ ހޭލުންތެރިކަން އިތުރުކުރަންޖެހެއެވެ. އިސްރަށްވެހިންނާ ގުޅޭގޮތުން ހެދޭ ޤާނޫނުތަކާއި ޤަވާޢިދުތައް ޢާންމުންނަށް އޮޅުންފިލުވައިދީ، އެބޭފުޅުންނަށް އަޅާލުމުގެ މުހިންމުކަން މުޖުތަމަޢުގެ ކޮންމެ ފަރުދަކަށް ވެސް އަންގައިދޭންޖެހެއެވެ. މިގޮތަށް ޢަމަލުކުރުމުން، އަހަރެމެންގެ މުޖުތަމަޢު އިތުރަށް ހަމަޖެހި، އަމާންކަން ލިބިގެންދާނެއެވެ. އިސްރަށްވެހިންނަކީ މި ލޮބުވެތި ޤައުމުގެ ފަޚުރާއި  ޚަޒާނާކަމަށް ވީއިރު، މި ޚަޒާނާގެ އަގުބޮޑުކަން އަންނަން އޮތް ޖީލުތަކަށް ވިސްނައިދިނުމަކީ މުހިންމުކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން