ރިޕޯޓް

އިޤުތިޞާދު އާރާސްތު ކުރުމަށް އެޅި ފިޔަވަޅުތަކުގެ އަސަރެއް ފެނޭތަ؟

އިޤުތިޞާދު އާރާސްތު ކުރުމަށް އެޅި ފިޔަވަޅުތަކުގެ އަސަރެއް ފެނޭތަ؟

ޔޫއެސް ޑޮލަރުގެ ނޫޓުތަކެއް ގުނަނީ، ފޮޓޯ: ސަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

30 ސެޕްޓެމްބަރު 2025، 07:44

30 ސެޕްޓެމްބަރު 2025، 07:44

ޤައުމެއް ކުރިއަރައި ދާނީ، އެ ޤައުމެއްގެ އިޤުތިޞާދު ކުރިއަރައި ގޮސްގެންނެވެ. އެ އިޤުތިޞާދު އެންމެ ބޮޑަށް ބިނާވަނީ، އެ ޤައުމަކަށް ލިބޭ އާމްދަނީގެ މައްޗަށެވެ. އަދި އެ އާމްދަނީ އިތުރުވެގެން ދާނީ، އާމްދަނީ ހޯދޭނެ ގިނަ ފުރުސަތުތަކެއް އެ ޤައުމެއްގައި ފަހިވެފައި އޮތް މިންވަރަކުންކަން ޝައްކެއް ނެތެވެ.

އެ ނަޒަރިއްޔާއިން ވިސްނާލާއިރު، ދިވެހިރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އުފެއްދުންތެރިކަން ދަށްވުމެވެ. ރާއްޖޭގައި ބޭނުންކުރާ އެންމެ އަސާސީ ކާބޯތަކެތިން ފެށިގެން، ލާ އަންނައުނާ ޖެހެންދެން އެހެން ޤައުމުތަކުން އެތެރެކުރަން ޖެހުމެވެ. 

މީގެ 53 އަހަރު ކުރިން ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުވުމުގެ ކުރިން، ރާއްޖޭގެ އިޤުތިޞާދު ބިނާވެފައި އޮތީ މަސްވެރިކަމާއި ދަނޑުވެރިކަމަށެވެ. އޭރުގެ އިޤުތިޞާދާއި ދަނޑިފަނުން އަޅާފައިވާ ގެއަކާ ތަފާތެއް ނެތެވެ. އޭރު ދިވެހިންނަށް ވާވަރަކީ،  އެ ދުވަހުގެ މަސައްކަތުން އެ ދުވަހުގެ ކޮއްތު ކިރިޔަ ކިރިޔާ ހަމަޖައްސާލުމެވެ.

އެ ޙާލަތު ބަދަލުވެ އިޤުތިޞާދު ކުރިއަރައިގެން ދިޔައީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުވެ، އެ ދާއިރާއަށް ލިބެންފެށި ކުރިއެރުންތަކުގެ ސަބަބުންނެވެ. ނަމަވެސް އެ ދާއިރާއިން ރާއްޖެއަށް ވަންނަމުން ދިޔަ ބޭރުފައިސާގެ މިންވަރާ އަޅާބަލާއިރު، ރާއްޖޭގެ އިޤުތިޞާދުގެ ދުވެލި ހުރީ އެންމެ އެކަށޭނަ ބާރުމިނެއްގައެއް ނޫނެވެ. އެ ކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ، ބިލިއަން ޑޮލަރުގެ އެ ސިނާއަތަށް ބައި ގަރުނަށްވުރެން ގިނަ ދުވަސްވެ، ދުނިޔޭގެ އެންމެ ބޮޑެތި ވިޔަފާރިތަކުން ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުންދާއިރު ވެސް، މީސްކޮޅު މަދު މި ޤައުމު، ކުރިއަރާފައިވާ ޤައުމުތަކުގެ ލިސްޓުގައި ހިމެނިފައި ނުވުމެވެ.

އަދުގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ އިޤުތިޞާދު ހީނަރުވެގެން ދިއުމަށް މެދުވެރިވީ، ދަރަންޏާއި، ސަބްސިޑީތަކާއި އާސަންދައަށް ކުރަންޖެހިފައިވާ ޚަރަދުތައް ބޮޑުވުމުގެ ސަބަބުންނެވެ.

އެގޮތުން، ދަރަނި އަނބުރާ ދެއްކުމަށް އަންނަ އަހަރު 1.1 ބިލިއަން ޑޮލަރު (17 ބިލިއަން ރުފިޔާ) ހޭދަކުރަން ޖެހެއެވެ. އެއީ ރާއްޖޭގެ ތާރީޙުގައި ވެސް އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭ އަހަރެވެ. އެ އަހަރު ސުކޫކު ޕޭމަންޓްގެ ގޮތުގައި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަދި ޕްރައިވެޓް ބޮންޑް ޕްލޭސްމެންޓެއްގެ ގޮތުގައި ދޫކޮށްފައިވާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އެއްކޮށް ދައްކަން ޖެހޭނެއެވެ.

މި ކަންކަމުގެ ސަބަބުން އިޤުތިޞާދަށް އައިސްފައިވާ ލޮޅުންތަކާއެކު ބޭރު ފައިސާގެ އަގު ދިޔައީ މައްޗަށެވެ. އަދި ދިވެހިރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ޤައުމެއް ކަމުން، ބޭރު ފައިސާގެ އަގަށް އަންނަން ފެށި ބަދަލުތަކާއެކު، ދިރިއުޅުމުގެ އެހެން ޚަރަދުތައް ވެސް ބޮޑުވާން ފެށިއެވެ. މިކަން ޙައްލުކޮށް، ހީނަރުވެފައިވާ ދިވެހިރާއްޖޭގެ އިޤުތިޞާދަށް އާރޯކަން ގެނުވުމަށް ސަރުކާރުން  ވަނީ މިދިޔަ އަހަރު ފިސްކަލް ރިފޯމް އެޖެންޑާއެއް އެކުލަވާފައެވެ. 

މީގެތެރެއިން ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމާއެކު ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްވެ ހުންނަވައި ފައްޓަވާފައިވާ ބޮޑު މަސައްކަތެކެވެ. ޤައުމުގެ އިޤުތިޞާދު ސަލާމަތް ކުރުމުގެ އިތުރުން، އެ މަނިކުފާނުގެ ސަމާލުކަން މި ކަމަށް ދޭންޖެހުނު އަނެއް ސަބަބަކީ، ބޭސް ފަރުވާއަށާއި މަތީ ތަޢުލީމު ހޯދުމަށް ނިސްބަތުން ގިނަ ދިވެހީން ރާއްޖެއިން ބޭރަށް ދަތުރުކުރަމުން ދިއުމެވެ. ނުވަތަ ރާއްޖެއިން ބޭރުގައި ދިރިއުޅެމުން ދިއުމެވެ. ބޭރު ފައިސާގެ އަގަށް އަންނަން ފެށި ބަދަލާއެކީ، އާންމުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރުމުއްދަތެއްގައި ކުރަން ފެށި މައިގަނޑު ސަބަބަކީ ވެސް އެއީއެވެ. 

އެހެންކަމުން، ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އެންމެ ފުރަތަމަ ސަރުކާރުން ކުރެއްވި ކަމަކީ، ބޭރު ފައިސާއާ ބެހޭ ޤާނޫނެއް އެކުލަވާލުމެވެ. މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން މި ޤާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ. 

މި ޤާނޫނާއެކު ގެނައި އެންމެ ބޮޑު އެއް ބަދަލަކީ، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތަށް، މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15،000،000.00 (ފަނަރަ މިލިއަން) އެމެރިކާ ޑޮލަރަށް ނިސްބަތްވާ ޢަދަދެއް ލިބޭ ފަރާތްތަކުން، ވަކި މުއްދަތުތަކެއްގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ.)ގައި ރަޖިސްޓްރީކޮށް، އެ ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތްތަކުން ލިބޭ ބޭރު ފައިސާގެ އާމްދަނީ، ރާއްޖޭގައި ޤާއިމުކޮށްފައިވާ ބޭންކެއްގައި ހުޅުވައިފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފަރ ކުރާގޮތަށް ކަނޑައަޅާފައި އޮތުމެވެ.

މީގެއިތުރުން، އެ ޤާނޫނަށް ގެނައި އިސްލާހާއެކު، މި އަހަރުގެ ޖެނުއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން ބޭރުފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން، އެ ފަރާތްތަކަށް ލިބޭ އާމްދަނީގެ ބައެއް ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. މި ޤާނޫނުގެ ދަށުން، ކެޓަގަރީ-އޭގައި ހިމެނޭ ފަތުރުވެރިންނަށް ޚިދުމަތްދޭ ވިޔަފާރިތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓުތަކާއި، އިންޓްގްރޭޓެޑް ޓޫރިސްޓް ރިސޯޓުތަކާއި، ޕްރައިވެޓް އައިލަންޑްތަކާއި، ރިސޯޓު ހޮޓާތައް އަދި ކެޓަގަރީ-ބީގައި ހިމެނޭ ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުން ކޮންމެ ފަތުރުވެރިއަކަށް ވަކި އަދަދެއް ނުވަތަ އާމްދަނީގެ %20 ބޭންކަށް މާރުކުރަން ޖެހެއެވެ. އަދި މި ދެ ކެޓަގަރީގައި ނުހިމެނޭ ބޭރުފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން އަހަރަކު މަދުވެގެން 15 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ ލިބޭނަމަ، މަހަކު ލިބޭ އާމްދަނީގެ %20 ބޭންކަށް މާރުކުރަން ޖެހެއެވެ. 

މި ބަދަލާއެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވި، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފަށައިގެން ދިވެހި ވިޔަފާރިވެރީން މުދާ އިމްޕޯޓްކުރުމުގެ ގޮތުން، ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރގައި ދެގުނަކޮށް، އެ އަދަދު 1،000 ޑޮލަރަށް ބޮޑުކުރުމަށް ވެސް ސަރުކާރުން ނިންމާފައި ވެއެވެ. 

އެއާރޕޯޓުގައި ހުންނަ ބީއެމްއެލްގެ ކައުންޓަރުން ޑޮލަރު ނަގަނީ، ފޮޓޯ: ސަން


މީގެ އިތުރުން، ބޭރު ފައިސާގެ ޤާނޫނަށް ގެނައި ބަދަލުތަކާއެކު، އާންމު ރައްޔިތުންނާ ގުޅުން ހުރި މާލީ މުޢާމަލާތްތައް ފަސޭހަ ކުރުމަށް ސަރުކާރުން ގެނައި ބަދަލުތަކުގެ ތެރޭގައި، މި އަހަރުގެ ރަމަޟާން މަހު ރާއްޖެއިން ޢުމްރާއަށް ވަޑައިގެންނެވި ކޮންމެ ޢުމްރާވެރިއެއްގެ ބިއެމްއެލް ޑެބިޓް ކާޑަށް 1،500 ޑޮލަރުގެ ލިމިޓެއް އިތުރުކުރުން ހިމެނެއެވެ. މި ބަދަލާއެކު 1،005،172.82  (އެއް މިލިއަން ފަސްހާސް އެއްސަތޭކަ ހަތްދިހަ ދެ ޑޮލަރާއި އަށްޑިހަ ދެ ސެންޓު) އެެމެރިކާ ޑޮލަރު 15.42ގެ ރޭޓުން އެ ދުވަސްވަރު ޢުމްރާއަށް ވަޑައިގެންނެވި ފަރާތްތަކަށް ވަނީ ދޫކޮށްފައެވެ.

ހަމައެއާއެކު، މި އަހަރު ޙައްޖަށް ވަޑައިގެންނެވި ބޭފުޅުން ހިމެނޭހެން، މީގެ ފަހުން ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ކޮންމެ ޙައްޖުވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑަށް މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން، 1،750 ޑޮލަރުގެ ލިމިޓެއް ވަނީ އިތުރުކޮށްފައެވެ. 

މީގެއިތުރުން، ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ކުރާ ބޭރުގެ މުޢާމަލާތްތަކުގެ ލިމިޓު 1 ޖުލައި 2025އިން ފެށިގެން ވަނީ 250 ޑޮލަރުން 500 ޑޮލަރަށް އިތުރުކޮށްފައެވެ. ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލަކީ އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދައި ދިނުމަށް ގެނައި ބަދަލެކެވެ.

އަދި މި އަހަރުގެ ޖުލައި މަހުން ފެށިގެން ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް ބެލުމުގައި ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާއި ހަމައަށްކަމަށް ވެސް ބީއެމްއެލްއިން ހާމަކޮށްފައިވެއެވެ.

އާންމުން ބޭރު ފައިސާއިން ކުރާ މުޢާމަލާތްތައް އިތުރަށް ލުއިކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އެންމެ ފަހުން އިޢުލާންކުރެއްވީ 1 ފެބްރުއަރީ 2026އިން ފެށިގެން، ބީއެމްއެލްގެ ކްރެޑިޓް ކާޑްތަކުގެ ޑޮލަރު ލިމިޓު އިތުރުކުރައްވާނެ ވާހަކައެވެ. އެގޮތުން، ބީއެމްއެލްގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1،400 ޑޮލަރަށް އިތުރުކޮށް، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1،500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1،500 ޑޮލަރުން 2،000 ޑޮލަރަށް ބޮޑު ކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.



ހަމައެއާއެކު، ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ ދުވަހާ ދިމާކޮށް، މި އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހުން ފެށިގެން، ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ ޕީއޯއެސް ޓާރމިނަލްތަކުން ފައިސާ ދެއްކޭ އަދަދު އެއްހާސް ޑޮލަރަށް އިތުރުކުރަން ނިންމަވާފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ މި މަހު  ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވެވި ދަތުރުފުޅުގައި، މުލަކަތޮޅު މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވެވިއެވެ.

މީގެ އިތުރުން، އެއާރލައިންތަކުން ޓިކެޓްގަތުމާއި، ރާއްޖެއިން ބޭރުން ހޮޓާތަކަށް ފައިސާދެއްކޭ އަދަދު 3،000 ޑޮލަރަށް އިތުރުކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާފަރާތްކަށް، ބޭންކުގައި އެދުމުން އެ ފައިސާ ހޮސްޕިޓަލްތަކަށް ޑެބިޓްކާޑް މެދުވެރިކޮށް ދެއްކޭނެ އިންތިޒާމް ހަޖެހިގެންދާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ޗައިނާގެ ފައިސާގެ އެކައުންޓްތަކަށް ޚާއްޞަ، އަދި 180 އަށް ވުރެ ގިނަ ޤައުމުގައި ބޭނުންކުރެވޭ ކާޑެއްކަމަށްވާ، ޔޫނިއަން ޕޭގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ތަޢާރަފުކުރެވިގެންދާނެ ކަން ވެސް، ރައީސުލްޖުމްހޫރިއްޔާ ވަނީ މުލީގައި އިޢުލާންކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މ. މުލީ ރައްޔިތުންނާ މުހާތަބުކުރައްވަނީ، ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް


ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ބަދަލު ގެނައުމުގެ ކުރިން ވެސް، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުތަކުގެ ތެރޭގައި ހިމެނިގެން، ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ ބީއެމްއެލް އެކައުންޓުގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓު 750 އެމެރިކާ ޑޮލަރުން، 1,200 އެމެރިކާ ޑޮލަރަށް،  މިދިޔަ 2024ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ ބޮޑުކުރައްވާފައެވެ.

މި ކަންތައްތަކުގެ އިތުރުން، ބޭންކިން ނިޒާމުގައި ދައުރުވާ ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރުމުގެ ގޮތުން، މިދިޔަ ޖުލައި މަހު އެމްއެމްއޭއިން ވަނީ ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް ހަމަޖައްސާފައިވާ މިނިމަމް ރިޒަރވް ރިކުއަރމަންޓް (އެމްއާރްއާރް) ދަށްކޮށްފައެވެ. އެގޮތުން ކުރިން %7.5ގައި ހުރި އެމްއާރުއާރު ވަނީ ވިޔަފާރިތަކަށް ލުއިކުރުމުގެ ގޮތުން %5އަށް ދަށްކޮށްފައެވެ. އޭގެކުރިން، އެންމެ ފަހުން ބޭރު ފައިސާގެ މިނިމަން ރިޒާރވްއަށް ބަދަލު ގެނަސްފައިވަނީ އޮކްޓޯބަރު 2024 ގައެވެ. ބޭރު ފައިސާގެ ލިކުއިޑިޓީއަށް ޙައްލު ހޯދުމަށް އެ ފަހަރު އެމްއާރްއާރް ބަދަލުކުރީ %10 އިންނެވެ.

އެހެންކަމުން ސަރުކާރުގެ ފިސްކަލް ރިފޯރމް އެޖެންޑާގެ ފައިދާތައް މިހާރު މިވަނީ އާންމުންގެ ދިރިއުޅުމަށް ފޯރަން ފަށާފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދުން ވެސް އެކަމުގެ ހެޔޮ ނަތީޖާ ފެނިގެންދާނެކަމަށް ސަރުކާރުން އަންނަނީ ހާމަކުރަމުންނެވެ. އެގޮތުން، މި އަހަރު ރާއްޖޭގެ އިޤުތިޞާދު 6.4 އިންސައްތައިން ކުރިއަރާނެކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ރަސްމީ ރިޒަރވް އިތުރުކޮށް، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެންނަވާނެކަމަށް ވެސް ސަރުކާރުން އަންނަނީ ތަކުރާރުކޮށް ފާހަގަކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން