ރިޕޯޓް
ކޮޅުމަޑުލުގެ ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް، ތަރައްޤީގެ އަމަލީމަސައްކަތް ފެށިއްޖެ!

ކޮޅުމަޑުލުގައި ފައްޓަވައިދެއްވި ބައެއް މަޝްރޫޢުތައް ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ ތަރައްޤީގެ ތާރީޚަށް ބަލާއިރު، ތ. އަތޮޅުގެ ރައްޔިތުންނަކީ އެމީހުންގެ އަޑު އިވޭނެ ދުވަހަކަށް، އަދި އުންމީދުތައް ޙަޤީޤަތަކަށް ވާނެ ދުވަހަކަށް ގިނަ އަހަރުތަކެއް ވަންދެން އިންތިޒާރު ކުރަމުން އައި ބައެކެވެ. މިއީ ފާއިތުވި ސަރުކާރުތަކުން ގިނަ ވަޢުދުތަކެއް ވެވުނު ނަމަވެސް، އެ ވަޢުދުތަކުގެ އަމަލީ މަސައްކަތް ވަނީ ހުއްޓިފަ ނޫންނަމަ ނުފެށިއެވެ. ވައިގެ ބަނދަރުތަކަކީ ހަމައެކަނި ކަރުދާހުގައި ކުރެހުންތަކެއްގެ ގޮތުގައި ބެހެއްޓުނު ތަކެއްޗެވެ. ޞިއްޙީ ޚިދުމަތްތައް ތަރައްޤީ ކުރުމުގެ ވާހަކަތައް ހަމައެކަނި ދެކެވުނު ވާހަކައަކަށް ވެ، އަދި އަސާސީ ޚިދުމަތްތައް ޤާއިމު ކުރުމުގެ މަޝްރޫޢުތައް އަހަރަކަށް ފަހު އަހަރެއް ފަސް ކުރެވުނެވެ.
ނަމަވެސް، މިއަދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންތެރި އަދި ހީވާގި ލީޑަރޝިޕްގެ ދަށުން، މި ފަސްކުރުމާއި ތަކުލީފުގެ ދައުރު ނިމުމަކަށް ގެނެސްދެއްވައިފިއެވެ. ނުވެހުރި ކަންކަމާއި ކަންބޮޑުވުންތަކާއި ޝަކުވާތައް ހިފައިގެން ރައްޔިތުން މިހާރު ކަނޑުހުރަސްކޮށް ރައީސްއާ ބައްދަލުކުރަން ދިއުމުގެ ބަދަލުގައި، ރައީސް އަމިއްލަފުޅަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ކަންކަން ގާތުން ބައްލަވަމުން ގެންދަވައެވެ.
ރައީސް މުޢިއްޒު ތ. އަތޮޅަށް ކުރެއްވި އެންމެ ފަހުގެ ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ އަތޮޅުގެ 13 ރަށަކަށް ޒިޔާރަތް ކުރައްވާފައެވެ. މި ދަތުރުފުޅުގައި، އަތޮޅަށް ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކެއްގެ ޚިޔާލާއި ފުރިހަމަ އެޖެންޑާއެއް ހުށަހަޅުއްވައިދެއްވިއެވެ. މީގެ ތެރޭގައި ޒަމާނީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތަކާއި، ވައިގެ ބަނދަރުތަކާއި، މަސްވެރިކަން ތަރައްޤީ ކުރުމާއި، ބޯހިޔާވަހިކަމާއި، އަދި ޒުވާނުންގެ ކުޅިވަރުގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިމެނެއެވެ.
މި ދަތުރުފުޅަކީ ހަމައެކަނި ރަމްޒީ ދަތުރުފުޅެއް ނޫނެވެ. މިއީ ޢަމަލީ މަސައްކަތް ފެށުމުގެ ދަތުރެކެވެ. މިކަން ސާބިތުވެގެން ދިޔައީ ސަރުކާރާއި ކޮންޓްރެކްޓަރުންނާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރެވި، މަޝްރޫޢުތައް ނިންމުމަށް ވަކި މުއްދަތުތަކެއް ކަނޑައެޅި، އަދި މަސައްކަތުގެ ކުރިއެރުން އަދި ކުރިއަށްދާގޮތް ވަގުތުން ބެލެހެއްޓުމަށް ތަންތަނަށް ހުދު ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރެއްވުމުންނެވެ.
2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން، ތ. އަތޮޅު ހިމެނޭގޮތަށް ހަތަރު އަތޮޅަކަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި އަށް ދުވަހުގެ ދަތުރުފުޅަކީ ރައްޔިތުންނަށް ގިނަގުނަ ތަރައްޤީގެ މަޝްރޫޢުތަކެއް ގެނެސްދެއްވި، އޭގެ ތެރެއިން ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ފައްޓަވާފައިވާ ދަތުރުފުޅެކެވެ. ތ. އަތޮޅުގައި އެކަނިވެސް 29 މަޝްރޫޢުގެ މަސައްކަތް ފައްޓަވައި، 12 މަޝްރޫޢު ނިންމަވައި ހުޅުއްވާލައްވާފައިވާއިރު، 20 އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވެއެވެ.
މުޅި ހަތަރު އަތޮޅުގެ ދަތުރުފުޅުގެ ތެރޭގައި އައު ފެރީ ޚިދުމަތްތަކާއި، އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުތަކާއި، އޭޓީއެމް ޚިދުމަތްތައް ފުޅާކުރުން ފަދަ މުހިންމު ތަރައްޤީގެ މަޝްރޫޢުތައް ހިމެނެއެވެ. މި ދަތުރުފުޅުގައި ކޮޅުމަޑުލުން ވަޑައިގެންނެވި ހުރިހާ ރަށެއްގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމުގެ އިތުރުން، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވެވިއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތް ތ އަތޮޅުގައި ފެށިއްޖެ!
މި ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ ތެރެއިން، ރާއްޖެ ޓްރާންސްޕޯޓް ލިންކު، އާރުޓީއެލް ފެރީގެ ޚިދުމަތް ތ. އަތޮޅުގައި ފަށާފައިވުމަކީ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ލުއިފަސޭހައެކެވެ. މިހާރު އާރުޓީއެލްގެ ޚިދުމަތް ފަށާފައިވާ ތ. އަތޮޅު ހިމެނެނީ ޒޯން 4 ގައެވެ. ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް، ޖައިކާއިން ދަނީ ޒޯން 4 ގައި ހިމެނޭ އަތޮޅުތަކުގައި ޚިދުމަތް ފެށުމަށް ބޭސްލައިން ސަރވޭއެއް ހެދުމުގެ މަސައްކަތްކުރަމުންނެވެ. ތ. އަތޮޅުގެ އިތުރުން ޒޯން 4 ގައި ހިމެނޭ އަތޮޅުތަކަކީ މ، ފ، ދ އަދި ލ. އަތޮޅެވެ.
ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ބަހައްޓާ ނިމިއްޖެ!
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ކަމުގައިވާ "މުޅި ރާއްޖެއަށް ބިއެމްއެލް އޭޓީއެމް" މަޝްރޫޢުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސްއިން މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ބަހައްޓާ ޚިދުމަތް ދޭން ފަށާފައިވަނީ މި ދަތުރުފުޅުގެ ތެރެއިންނެވެ. މިގޮތުން، ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ބަހައްޓާ ޚިދުމަތް ދޭން ވަނީ ފަށާފައެވެ. ރައީސް ވަޑައިގެންނެވި 13 ރަށުގެ ތެރެއިން މިހާތަނަށް އޭޓީއެމް ޚިދުމަތް ފެށިފައިނުވާ 9 ރަށެއްގައި މިހާރު ޚިދުމަތް ދޭން ވަނީ ފަށާފައެވެ. އެ ރަށްތަކަކީ ތ. ބުރުނި، ތ. މަޑިފުށި، ތ. ވިލުފުށި، ތ. ކަނޑޫދޫ، ތ. ވަންދޫ، ތ. އޮމަދޫ، ތ. ކިނބިދޫ، ތ. ދިޔަމިގިލި، އަދި ތ. ގާދިއްފުށީއެވެ. މި ރަށްތަކުގެ އޭޓީއެމް ބެހެއްޓުމުގެ އިތުރުން، ތ. ވިލުފުށީގައި ބީއެމްއެލްގެ ބްރާންޗުގެ އައު އިމާރާތުގެ ބިންގާވެސް އަޅާފައިވެއެވެ. "މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް" ނަމުގައި ޚާއްސަ މަޝްރޫޢެއް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ބެއްލެވުމުގެ ދަށުން ފަށާފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުއެވެ. މި މަޝްރޫޢުގެ ދަށުން މިހާތަނަށް ތ. އަތޮޅު ހިމެނޭހެން 14 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ވަނީ ފަށާފައެވެ.
ތ އަތޮޅު ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށްފި!
އަދި ހަމައެހެންމެ، ތ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިއްޖެކަން ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ އިއުލާންކޮށްފައެވެ. ތ. އަތޮޅުގެ އެންމެ ފަހު ރަށެއްގެ ގޮތުން ފުލުހުންގެ ޚިދުމަތް ފެށީ ތ. އޮމަދޫގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އޮމަދޫގައި ޕޮލިސް ޑެސްކުގެ ޚިދުމަތް ތަޢާރަފުވުމާއެކު، ތ. އަތޮޅުގެ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިވާ ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ޚިދުމަތެއް ގާތުން ފޯރުކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ވިދާޅުވެއެވެ. މިއާއެކު ރާއްޖޭގެ 5 އަތޮޅެއްގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ދޭން މިވަނީ ފަށާފައެވެ.
މި ހުރިހާ ކަމަކީ، ތ. އަތޮޅުގެ ރައްޔިތުން ގިނަ އަހަރުތަކެއް ވަންދެން ފެނިފައިނުވާ ތަރައްޤީއާއި، އުންމީދުތަކުގެ އަލިކަމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި، ވަޢުދުތައް ޙަޤީޤަތަކަށް ބަދަލުވަމުންދާކަން މިއަދު މިވަނީ ހާމަވެފައެވެ. މިފަދަ ޢަމަލީ މަސައްކަތްތަކުގެ ސަބަބުން، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ހިތްހަމަޖެހުން އިތުރުވެގެންދާނެއެވެ. ތ. އަތޮޅަށް ލިބިގެންދިޔަ މި އުންމީދަކީ، ދިވެހިރާއްޖޭގެ ކުރިމަގަށް އޮތް ފޮނި އުންމީދުގެ ހެކިބަހެކެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ތ. އަތޮޅުގެ ވަކިވަކި ރަށްތަކަށް ގެނެސްދެއްވި ބައެއް ތަރައްޤީގެ މަޝްރޫޢުތަކަށް ބަލާއިރު:
ގާދިއްފުށީގައި ސިއްޙީ މަރުކަޒަށް އިތުރުކުރާ އައު އިމާރާތުގެ ބިންގާ އަޅުއްވައި، ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައި، އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފައްޓަވައިދެއްވިއެވެ.
ބުރުނީގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ފައްޓަވައި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައި، އަދި އަންނަ އަހަރުގެ ބަޖެޓުގައި 30 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ހިމަނުއްވާނެކަން އިޢުލާންކުރެއްވިއެވެ. މީގެއިތުރުން ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރު ފައްޓަވާނެކަމަށް ވިދާޅުވިއެވެ.
ވިލުފުށީގައި މަގުހެދުމުގެ މަޝްރޫޢު ފައްޓަވައި، ޕާސްޕޯޓުގެ ޚިދުމަތް ފައްޓަވައި، އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވައިދެއްވިއެވެ. އަދި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރުމާއި، 100 ހައުސިންގ ޔުނިޓްގެ މަސައްކަތް އަންނަ އަހަރު ފައްޓަވާނެކަމަށް އިޢުލާންކުރެއްވިއެވެ.
އެންމެ ބޮޑު އެހީތެރިކަމަކީ ޤައުމުގައި ހަމަޖެހުން ޤާއިމް ކުރުމަށް ރައްޔިތުން ދެއްވާ ތާޢީދު. އެއީ ފެންނަން ނެތް އެއްޗެއް. އެހެންނަމަވެސް އިހުސާސް ވާއެއްޗެއް. މި ދެންނެވި ލިސްޓުގައި ހުރިކަންކަން ކުރާނަން. އެކަންކަމުގެ ފޮނިމީރުކަން ލިބެނީ ރައްޔިތުން ތިދެއްވާ ތާޢީދު މި ޤައުމުގައި ހަމަޖެހުން ޤާއިމްކޮށް ތަހުޒީބު ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތުން
ރައީސުލްޖުމްހޫރިއްޔާ ( ވިލުފުށީ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިން)
ތ.ވިލުފުށި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އެންމެ ގިނަވެގެން 2 އަހަރާ ބައިގެ ތެރޭގައި ނިންމާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. ވިލިފުށީ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައްޔިތުން އެދުނުގޮތަށް އެރަށުގެ ބިން ހިއްކައި، އެއަރޕޯޓް ތަރައްޤީކުރުމާ ގުޅުންހުރި މަސައްކަތްތައް އެކި މަރުހަލާތަކުގައި ފަށާފަވާކަމަށެވެ. އެއަރޕޯޓްގެ ރަންވޭއަކީ 1800 މީޓަރު ދިގު ރަންވޭއެއްކަމަށް ރައީސް ވިދާޅުވިއެވެ. ބިން ހިއްކުމާއި، އެއަރޕޯޓްގެ އެންމެހާ އިމާރާތްތަކާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ދައުރުގެ ތެރޭގައި ނިންމަވާނެކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައެވެ.
މަސައްކަތް ފެށި 2 އަހަރާ ބައިގެގެތޭގައި މުޅި މަސައްކަތް ނިންމާނަން. އެއަށްވުރެ ލަހެއް ނުވާނެ. މި އެއަރޕޯޓް ހިންގުން ހަވާލުވެފަވަނީ އެއަރޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްއާ. ކުންފުނިން ވަރަށް ފަރުވާތެރިކޮށް ތަރުތީބުން މަސައްކަތް ގެންދާނެ
ރައީސުލްޖުމްހޫރިއްޔާ
ގުރައިދޫގައި ސެނެހިޔާ ހައިޕަރބަރިކް ސެންޓަރު ހުޅުއްވައިދެއްވައި، ގުރައިދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބިންގާ އަޅުއްވައި، އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވައިދެއްވިއެވެ. މީގެއިތުރުން މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވިއެވެ.
2027ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު، މިނިވަން ދުވަހު މި އެއަރޕޯޓް ހުޅުވާނަން. މިއީ ރަށަށް ވަރަށް މުހިންމު އަދި އިޖްތިމާޢީ، އިޤްތިޞާދީ ކުރިއެރުންތައް ގެނުވާނެ މަޝްރޫޢުއެއް. ސަރަޙައްދަށް ކުރިއެރުން ގެނައުމުގެ މުހިންމު ދޮރޯށްޓަކަށްވާނެ
ރައީސުލްޖުމްހޫރިއްޔާ
ގުރައިދޫއަކީ ސަރުކާރުން ރާއްޖޭގައި ހައިޕަރބެރިކް ސެންޓަރެއް ޤާއިމްކުރި ފުރަތަމަ ރަށެވެ. މި ޗެމްބަރަކީ 100 މީޓަރު އަޑިން ޑީކޯވިނަމަވެސް ފަރުވާ ދެވޭ ފެންވަރުގެ ޗެމްބަރެކެވެ. ރާއްޖޭގެ މަސްވެރިންނާއި ޑައިވަރުންގެ އޮތް ދުވަސްވީ ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑީކޮމްޕްރެޝަން ޗެމްބަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުން ރަށްރަށުގައި ޑީކޮމްޕްރެޝަން ޗެމްބަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި ނިންމަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މަޑިފުށީގައި ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ފައްޓަވައި، ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފައްޓަވައި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވިއެވެ. އަދި އަންނަ އަހަރު 50 ހައުސިންގ ޔުނިޓް ތަރައްޤީކުރާނެކަމަށް އިޢުލާންކުރެއްވިއެވެ.
50 ޔުނިޓްގެ މަސައްކަތް އަންނަ އަހަރު ފަށާނަން. 50 އާއިލާއަށް މި ބޯހިޔާވަހިކަން ހަމަޖެހެނީ. ރަށުން ނިންމަންވީ، އަމިއްލަ މީހުންގެ ގޯތީގަތޯ، ނޫނީ ރަށުގެ ވަކި ސަރަޙައްދެއްގައި ކުރިއަށްގެންދާނީތޯ. މިއީ ރައްޔިތުންނަށް ކުޑަ އަގެއްގައި ދޫކުރާ ޔުނިޓްތަކެއް
ރައީސުލްޖުމްހޫރިއްޔާ
ހިރިލަންދޫގައި މަސްވެރިންނަށް އާރްއެސްޑަބްލިއު ސިސްޓަމް ބެހެއްޓުމަށް 200 ލޯނު ދޫކުރެވޭނެކަމަށާއި، ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް އިޢުލާންކުރެއްވިއެވެ. މީގެއިތުރުން 500 މީހުންގެ ޖާގައިގެ އާ މިސްކިތެއްގެ ބިންގާ އަޅުއްވައި، މަގު ހެދުމުގެ މަޝްރޫޢު ފައްޓަވައިދެއްވިއެވެ.
ވަންދޫގައި ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފައްޓަވައި، ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފައްޓަވައި، ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވިއެވެ. އަދި ތ. ކަކޮޅަސް ވަންދޫއާ ހަވާލުކުރައްވައި، އަންނަ އަހަރުގެ ބަޖެޓުގައި މަގުތަކާއި ފެން ހިންދާ ނިޒާމެއް ޤާއިމުކުރާނެކަމަށް އިޢުލާންކުރެއްވިއެވެ.
ވޭމަންޑޫގައި ބަނދަރު ތަރައްޤީކުރުމާއި، މަގުތައް ހެދުމާއި، ބިން ހިއްކުމުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވައި، މީގެއިތުރުން ސްކޫލްގެ މަލްޓިޕަރޕަސް ހޯލަކާއި ސްކޫލް އިމާރާތެއް 2026 ވަނަ އަހަރު ނިންމަވާނެކަމަށާއި، ޕާސްޕޯޓް ޚިދުމަތް ފައްޓަވައި، އިސްލާމިކް ޔުނިވަރސިޓީ ލަރނިންގ ސެންޓަރެއް ޤާއިމުކުރައްވާނެކަމަށް އިޢުލާންކުރެއްވިއެވެ.
ތިމަރަފުށީގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް ފައްޓަވައި، މިހާރު ކުރިއަށްދާ 100 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ ރަމަޟާން މަހުގެ ކުރިން ނިންމައި، އިތުރު 100 ހައުސިން ޔުނިޓް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް އިޢުލާންކުރެއްވިއެވެ. އަދި ބަނދަރު މުޅިން އާކޮށް ޖާގަ އިތުރުކުރައްވާނެކަމަށާއި، ނޮވެމްބަރު މަހު އައިޑީކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފައްޓަވާނެކަމަށް ވިދާޅުވިއެވެ.
ދިޔަމިގިލީގައި އެއަތޮޅު މަޑިފުށި އަދި ތ.އުފުރިޔާ ގުޅާލާ ކޯޒްވޭގެ މަސައްކަތް 1 އަހަރާ 6 މަސް ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަށުގައި މިހާރު ފަށާފައިވާ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިމި، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ތާރު އަޅާ ޒަމާނީ ފެންވަރަށް މަގު ތަރައްޤީކުރުމުގެ މަސައްކަތްވެސް ފައްޓަވާނޭކަމަށެވެ. އަދި ރަށްގިރުމުގެ މައްސަލައަށް ޙައްލު ގެނައުމަށް، އެކަމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ.
ރަށުގައި އޭލެވެލް ފެށުމަށްވެސް މިވަނީ ދަތިވެފައި. މިހާރު ކޮންޓްރެކްޓަރާ ވާހަކަދައްކާ، މަސައްކަތް އަވަސްކުރަން މިވަނީ ފެށިފަ. ސަރުކާރުން މާލީ ކަންކަން ހަމަނުޖައްސަދީގެން ނޫން މަސައްކަތް ލަސްވަނީ. އެހެންވީމަ ދޭ ޔަގީންކަމަކީ އަންނަ ދިރާސީ އަހަރަށް މި މަސައްކަތް ނިންމާނެކަމުގެ ޔަގީންކަން. 10 ކްލާސްރޫމާ މަލްޓިޕަރަސް ހޯލެއްވެސް ތަރައްޤީކުރާނަން
ރައީސުލްޖުމްހޫރިއްޔާ
ކޮޅުމަޑުލު ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލެވުމުން އިޤްތިޞާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް ކިނބިދޫއާއި މުޅި އަތޮޅަށްވެސް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް ކިނބިދޫ- ވޭމަންޑް ކޯޒްވޭގެ މަސައްކަތް ޙަޤީގަތަކަށް ހައްދަވައިދެއްވާނެކަމަށެވެ. މިމަހުގެ 22 ވަނަ ދުވަހު މިމަޝްރޫޢަށް ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލާފައިވާއިރު، މިހާރުވެސް އިންވެސްޓަރުން ޝަޢުގުވެރިކަން ފާޅުކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.އަންނަ އަހަރު ނިމުމުގެ ކުރިން ތ.އަތޮޅުގައި 1 ރިސޯޓް ހުޅުވާނެކަމަށް އިންވެސްޓަރު މަޢުލޫމާތުދީފައިވާކަންވެސް ރައީސްހާމަކުރެއްވެވިއެވެ.
ކޯޒްވޭއާއެކު ބޮޑެތި ތަރައްޤީތަކެއް އަންނާނެ. މި މަޝްރޫޢު ހަގީގަތުގައިވެސް ފުއްދައިދޭނެކަމުގެ ޔަގީންކަން ދެން. ސަރަޙައްދީ ތަރައްގީގެ ވަރަށް މުހިންމު މަޝްރޫޢަކަށް މި މަޝްރޫޢުވެގެންދާނެ
ރައީސުލްޖުމްހޫރިއްޔާ
އޮމަދޫ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށެއްގެ އިޙްތިޞާސުން ފަޅުރަށެއް ވަކިކޮށް ރިސޯޓް ތަރައްޤީކުރާނަމަ އޭގެ މަންފާ ކައުންސިލްތަކަށް ލިބޭގޮތަށް، ޤަނޫނަށް ބަދަލު ނުގެނެސް ޤަވައިދުގެ ތެރެއިން އެކަން ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އޮމަދޫގެ ތަރައްޤީއާ ގުޅޭގޮތުން ރައީސް ވިދާޅުވީ ރަށަށް އެންމެ މުހިންމުވެފަވާ، ފެނާއި ނަރުދަމާގެ މަސައްކަތް އަވަސްކޮށް އެކަން ނިންމުމަށް މަސައްކަތް ކުރައްވާނެކަމަށާއި، އެ މަސައްކަތް ނުނިމުއޮތީ ސަރުކާރުން ފައިސާ ނުދީގެން ނޫންކަމަށެވެ. އެހެންކަމުން އެ މަސައްކަތް ސަރުކާރު ކުންފުންޏަކާ ހަވާލުކޮށްގެން އަވަސްކުރައްވާނެކަމަށް ވިދާޅުވިއެވެ.
ތ. ބުރުނީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ގެ ބިންގާ ރައީސް އަޅުއްވައިދެއްވިއެވެ. ބުރުނީ އެފްއާރްސީ އިމާރާތް ނިމޭއިރު އިންޑޯ ހޯލަކާއި އިންޑޯ ޖިމަކާއި އެރޮބިކްސްއަށް ހާއްސަ ތަންތަން ހުންނާނެއެވެ. އަދި މީޓިން ރޫމަކާއި އޮފީސް ބައެއްވެސް މި އެފްއާރްސީގައި ހުންނާނެއެވެ. އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ތ.ބުރުނީގައި 30 ހައުސިން ޔުނިޓް އިމާރާތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ކައުންސިލާ ރައްޔިތުންގެ ޚިޔާލާއެކު ނިންމާގޮތަކަށް، އަންނަ އަހަރު 30 ހައުސިން ޔުނިޓް ބުރުނީގައި އެޅުމުގެ މަސައްކަތް ފަށާނަން. އަމިއްލަ ގޯތީގަތޯ ނޫނީ ރަށުގެ ވަކި ސަރަހައްދެއްގަ އަޅާނީ، އެކަން ނިންމުމުގެ ފުރުޞަތު ރައްޔިތުންނަށް އެބައޮތް
ރައީސުލްޖުމްހޫރިއްޔާ
މި ހުރިހާ މަޝްރޫޢުތަކަކީވެސް ތ. އަތޮޅުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުން ހޯދައިދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ތ. އަތޮޅުގެ ރައްޔިތުންނަށް ލިބޭނެ ފައިދާތައް ވަރަށް ގިނައެވެ. ޞިއްޙީ ޚިދުމަތްތައް ފުޅާވެ، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވެ، ތަޢުލީމީ ދާއިރާ ކުރިއަރައި، ވިޔަފާރިތަކަށް ފުރުޞަތު ތަނަވަސްވެ، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ތ. އަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި އާ އުންމީދުތަކެއް ގެނުވައިދިން ދަތުރުފުޅެކެވެ. އަހަރުތަކެއް ވަންދެން ފުރިހަމަނުވެ ހުރި ވަޢުދުތައް ޙަޤީޤަތަކަށް ހެއްދެވުމަށް އަޅުއްވާފައިވާ މި ފިޔަވަޅުތަކަކީ، ތ. އަތޮޅުގެ މުސްތަޤްބަލަށް އައު ދޮރުތަކެއް ހުޅުވައިދޭނެ ކަންކަމެވެ. މި މަޝްރޫޢުތައް ފުރިހަމަވުމުން، ތ. އަތޮޅަކީ ރާއްޖޭގެ އެހެން އަތޮޅުތަކާ އެއްފެންވަރެއްގައި ތަރައްޤީވެފައިވާ، ރައްޔިތުންނަށް ފުރިހަމަ ޚިދުމަތްތަކެއް ލިބެމުންދާ އަތޮޅަކަށް ވެގެންދާނެކަން ޔަޤީނެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުުރުފުޅުން ދައްކުވައިދެނީ ސަރުކާރުގެ ސިޔާސަތުތަކާއި ވިސްނުން ހުރީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ތަރައްޤީގެ މަންފާ ފޯރުކޮށްދިނުމަށްކަމެވެ. މާލެއާއި އަތޮޅުތަކާ ދެމެދު އޮތް ތަފާތު ކުޑަކޮށް، ހުރިހާ ރައްޔިތުންނަށްވެސް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ލިބިދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ މިހާރު ވަނީ ފެންނަން ފަށާފައެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ހަމައެކަނި މަޝްރޫޢުތައް އިޢުލާންކުރެއްވުމަށްވުރެ ބޮޑަށް، ރައްޔިތުންގެ އަޑުއައްސަވައި، އެމީހުންގެ ކަންބޮޑުވުންތަކާއި އެދުންތައް ސީދާ އަޑުއައްސަވާފައެވެ. މިކަމުން ދައްކުވައިދެނީ ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ އެކުލަވާލެވިފައިވަނީ ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދޭ ގޮތަށްކަމެވެ.
ރައީސް މުޢިއްޒުގެ ތ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅަކީ އެ އަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި އާ އުއްމީދުތަކެއް އުފެދުނު ދަތުރުފުޅެކެވެ. ގިނަ އަހަރުތަކެއް ވަންދެން ފެނިފިފައިނުވާ ތަރައްޤީގެ މަޝްރޫޢުތަކެއް އެއްފަހަރާ ފެށި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް މަގުފަހިވެގެން ދިޔައެވެ. މި މަޝްރޫޢުތައް ފުރިހަމަވެ، އޭގެ ނަތީޖާ ފެންނަން ފެށުމުން، ތ. އަތޮޅަކީ ރާއްޖޭގެ އެހެން އަތޮޅުތަކާ އެއްފެންވަރެއްގައި ކުރިއަރާފައިވާ، ރައްޔިތުންނަށް ފުރިހަމަ ޚިދުމަތްތަކެއް ލިބެމުންދާ އަތޮޅަކަށް ވެގެންދާނެކަން ޔަޤީނެވެ. މިއީ ހަމައެކަނި ތ. އަތޮޅުގެ ކުރިއެރުމެއް ނޫނެވެ. މިއީ މުޅި ދިވެހިރާއްޖޭގެ ތަރައްޤީއަށް އެޅޭ ވަރުގަދަ ފިޔަވަޅެކެވެ.