ދުނިޔެ

އެއްވެސް މީހަކު ޕަބްލިސިޓީ ސްޓަންޓަކަށް އެމީހެއްގެ ފުރާނަ ނުރައްކަލަކަށް ހުށަނާއެއްނާޅާނެ :ގްރެޓާ ތުންބަރގް

އެއްވެސް މީހަކު ޕަބްލިސިޓީ ސްޓަންޓަކަށް އެމީހެއްގެ ފުރާނަ ނުރައްކަލަކަށް ހުށަނާއެއްނާޅާނެ :ގްރެޓާ ތުންބަރގް

ސްވީޑިޝް އެކްޓިވިސްޓް ގްރެޓާ ތުންބަރގް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ސެޕްޓެމްބަރު 2025، 09:30

28 ސެޕްޓެމްބަރު 2025، 09:30

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަކީ ޕަބްލިސިޓީ ސްޓަންޓެއް ކަމަށް އިޒްރޭލުން ދައްކާ ވާހަކަތަކަށް ސްވީޑިޝް އެކްޓިވިސްޓް ގްރެޓާ ތުންބަރގް ރައްދު ދީފިއެވެ. އޭނާ ބުނީ އެއްވެސް މީހަކު ޕަބްލިސިޓީ ސްޓަންޓަކަށް އެމީހެއްގެ ފުރާނަ ނުރައްކަލަކަށް ހުށަނާޅާނެ ކަމަށެވެ.

ގްލޯބަލް ސުމޫދު ފްލޮޓިލާގެ ނަމުގައި 500 އަށްވުރެ ގިނަ ވޮލެންޓިއަރުން، އޭގެ ތެރޭގައި ޑޮކްޓަރުންނާއި، ވަކީލުންނާއި، ސިޔާސީ ފަރާތްތަކާއި އަދި އެކްޓިވިސްޓުން ހިމެނޭ ގޮތަށް، 50 އާންމު އުޅަނދެއްގައި ޣައްޒާއަށް ދަތުރު ކުރަމުންދެއެވެ. އިޒްރޭލުގެ ވެރިން މި ފްލޮޓިލާ އަކީ "ޕަބްލިސިޓީ ސްޓަންޓެއް" ކަމަށް ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް، އުޅަނދުގައި ތިބި އެކްޓިވިސްޓުން މިކަން ދޮގުކޮށްފައިވެއެވެ.

ބީބީސީގެ "ސަންޑޭ ވިތް ލޯރާ ކުއެންސްބަރގް" ޕްރޮގްރާމަށް ދެއްކި ވާހަކައިގައި ގްރެޓާ ތުންބަރގް ބުނީ، "އެންމެ ފުރަތަމަ ކަމަކަށް، އެއްވެސް މީހަކު ޕަބްލިސިޓީ ސްޓަންޓަކަށް އެމީހެއްގެ ފުރާނަ ނުރައްކަލަކަށް ނުހުށަހަޅާނެ. ދެވަނަ ކަމަކަށް، މިއީ ޕަބްލިސިޓީ ސްޓަންޓެއް ކަމަށް ތިޔަބައިމީހުން ދެކޭނަމަ، ޣައްޒާގެ މީހުން މިއީ ޕަބްލިސިޓީ ސްޓަންޓެއް ކަމަށް ދެކޭތޯ ސުވާލުކޮށްފައިވޭތޯ؟" އެވެ.

އޭނާ އިތުރަށް ބުނީ، "އަޅުގަނޑު ތަކުރާރުކޮށް ބުނަން، މި މިޝަން އޮންނަން ޖެހިގެން ނުވާނެ. އަޅުގަނޑުމެން މިކަން ކުރަން ބޭނުމެއް ނުވޭ. އެކަމަކު އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނެ ދެއްތޯ؟ އަޅުގަނޑުމެން ހިތަށް އަރައިފިނަމަ، 'އަހަރެންނަކީ އެންމެ މީހެއް، އަހަރެންނަކަށް ތަފާތެއް ނުގެނެވޭނެ' މިހެން، އެހެންވެއްޖެނަމަ މިހާރު ގިނަ މީހުންނަކަށް ޙައްޤުތަކެއް ނުލިބޭނެ" އެވެ.

މި ފްލޮޓިލާ ދަނީ ފަލަސްތީނުގެ ޣައްޒާ ސަރަޙައްދަށް އިޒްރޭލުން އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ނައްތާލުމަށާއި، އަދި މުހިންމު ބޭސްފަރުވާގެ ތަކެއްޗާއި ކާބޯތަކެތި  ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. 2023 ގެ ފަހުކޮޅު އިޒްރޭލުން ޣައްޒާއަށް ފެށި ހަމަލާތަކާ ގުޅިގެން 65،000 އަށްވުރެ ގިނަ މީހުން މަރުވެ، ފަލަސްތީނުގެ ރައްޔިތުން ދަނީ ބޮޑު ބަނޑުހައިހޫނުކަމެއް ތަޙައްމަލު ކުރަމުންނެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން