ދުނިޔެ
އެމެރިކާގެ ޓެރިފްތައް ބޮޑުކުރުމުން، ރުޕީސްގެ އަގު ރެކޯޑް އަދަދަކަށް ވެއްޓިއްޖެ

އިންޑިއަން ރުޕީޒްގެ 500 ގެ ނޫޓް
އެމެރިކާ އިން އިންޑިއާއާ ދެކޮޅަށް އަޅާފައިވާ ޓެރިފް ރޭޓުތަކާއި ވިސާ ފީތައް ބޮޑުކުރުމުގެ ސަބަބުން، އިންޑިއާގެ ރޫޕީސްގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ އެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިހާރު އެއް އެމެރިކާ ޑޮލަރަށް 88.6 ރުޕީސް ލިބެ އެވެ. މިއީ ފަހުގެ ތާރީޚެއްގައި ރުޕީސްގެ އަގު މިހާ ބޮޑަށް ވެއްޓުނު ފުރަތަމަ ފަހަރު ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
ހަފުތާއެއް ކުރިން އެއް ޑޮލަރަށް ހުރީ 88.4 ރުޕީސްގަ އެވެ. ހިސާބުތައް ދައްކާ ގޮތުން 2014 ވަނަ އަހަރާ އަޅާބަލާއިރު ރުޕީސްގެ އަގު 30 ޕަސެންޓަށް ވެއްޓިފައިވާއިރު، މިދިޔަ އަހަރު އެވްރެޖުކޮށް ޑޮލަރަކަށް 84 ރުޕީސްގައި ހިފެހެއްޓިފައި ހުއްޓެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިން އެއް ޑޮލަރަކަށް 70 ރުޕީސްގައި ހުރި ނަމަވެސް، އޭގެ ފަހުން ކޮންމެ އަހަރަކު ވެސް ރުޕީސްގެ އަގު ދަނީ ދަށްވަމުންނެވެ.
ރުޕީސްގެ އަގު މިހާ ބޮޑަށް ވެއްޓުމުގެ މައިގަނޑު ސަބަބަކީ، އެމެރިކާ އިން އިންޑިއާގެ މުވައްޒަފުންނަށް ނަގާ ވިސާ ފީ ބޮޑުކުރުމެވެ. މީގެ ސަބަބުން އެމެރިކާގެ ކުންފުނިތަކުން އިންޑިއާގެ މަސައްކަތުގެ މީހުން ނެގުމަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް ދަށްވެފައިވެ އެވެ. އަދި ޓެރިފް ރޭޓުތައް ބޮޑުކުރުމާ ގުޅިގެން އިންޑިއާގެ އައިޓީ ސެކްޓަރަށް ޑިމާންޑް ދަށްވެ، ލިބޭ ފައިދާ ދަށްވާން ފަށާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
އެމެރިކާގެ ކުންފުނިތަކުން އިންޑިއާ މުވައްޒަފުން ވަޒީފާތަކަށް ނަގާ އަދަދު ދަށްވުމުން، އޭގެ ނޭދެވޭ އަސަރު އަންނަނީ ރެމިޓެންސް ފީ އަށް ކުރަމުންނެވެ. ރެމިޓެންސްއަކީ އިންޑިއާ އަށް އެންމެ ގިނައިން ޑޮލަރު ވަންނަ އެއް މަގެވެ. މީގެ އިތުރުން، އެމެރިކާ އިން ވަނީ އިންޑިއާ އިން އެ ގައުމަށް އެތެރެކުރާ މުދަލުގެ އަގު 50 ޕަސެންޓަށް އިތުރުކޮށްފަ އެވެ. މިއީ ވެސް އިންޑިއާގެ އައިޓީ ސެކްޓަރުގެ ފައިދާ ދަށްވާން ފެށި އެއް ސަބަބު ކަމަށް ބެލެވެ އެވެ.
ރުޕީސްގެ އަގު ވެއްޓުމުގެ ސީދާ އަސަރެއްގެ ގޮތުން، އިންޑިއާގައި ތަކެތީގެ އަގު 4.5 ޕަސެންޓަށް އުފުލޭނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ލަފާކުރައްވަ އެވެ. މިއީ އާންމު ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާނެ ކަމެއް ކަމަށް ބެލެވެ އެވެ.