ދުނިޔެ

އީރާނާ ދެކޮޅަށް އދ.އިން ހަތިޔާރު މަނާކުރުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފި

އީރާނާ ދެކޮޅަށް އދ.އިން ހަތިޔާރު މަނާކުރުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފި

އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ސެޕްޓެމްބަރު 2025، 01:14

28 ސެޕްޓެމްބަރު 2025، 01:14

މިދިޔަ ހޮނިހިރު ދުވަހު އީރާނާ ދެކޮޅަށް ހަތިޔާރު މަނާކުރުމާއި ދަތިކުރުމުގެ އެތައް ފިޔަވަޅެއް އަލުން އެޅުމަށް އދ.އިން ނިންމައިފިއެވެ. މިކަންކުރީ 2015 ވަނަ އަހަރުގެ ނިއުކްލިއަރ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ، ބްރިޓިޝް، ފްރާންސް އަދި ޖަރުމަނުން އިސްކޮށް ކުރި މަސައްކަތަކާ ގުޅިގެންނެވެ.

މި ފިޔަވަޅުތައް އަސްލު 2006 އާއި 2010 އާ ދެމެދު އަޅާފައިވާ ފިޔަވަޅުތަކެކެވެ. އދ.ގެ ސަލާމަތީ މަޖިލީހުގައި ހަފްތާތަކެއްގެ މަޝްވަރާތަކަށް ފަހު، މި ފިޔަވަޅުތައް އަލުން ބޭނުންކުރަން ފެށީ ހޮނިހިރު ދުވަހުގެ ރޭ 8:00 (ގްރީންވިޗް މީޓީގެ ވަގުތުން އާދީއްތަ ދުވަހުގެ ހެނދުނު 00:00) ގައެވެ. ނިއުޔޯކްގައި އޮތް އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި މި ފިޔަވަޅުތައް ފަސްކުރުމުގެ މަސައްކަތް ކުރެވުނު ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެއެވެ.

އީރާނުން މި ނިންމުމަށް ވަރަށް ބޮޑަށް ދެކޮޅު ހަދާފައިވާއިރު، ނިއުކްލިއަރ ހަތިޔާރަށް އެދޭކަމަށް ދޮގުކޮށްފައިވެއެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއަށް ފޮނުއްވި ސިޓީއެއްގައި، ދަތިކުރުމުގެ ކޮމިޓީ ނުވަތަ އެކްސްޕާޓުންގެ ޕެނަލް ފަދަ މެކޭނިޒަމްތައް އަލުން ނުގެނައުމަށް ގޮވާލައްވާފައިވެއެވެ. އެ ސިޓީގައި އަރާގްޗީ ލިޔުއްވާފައިވަނީ "ދަތިކުރުމުގެ މެކޭނިޒަމްތައް އަލުން ގެނައުމަށް ކުރާ ކޮންމެ މަސައްކަތަކުން ދުރުހެލިވުމަށް އަޅުގަނޑުމެން ގޮވާލަން. އދ.އިން ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކުރުމަށް، އަލުން ގެނައުމަށް ނުވަތަ އަޅާނެ އެއްވެސް ފިޔަވަޅެއް ތެހެރާނުން ގަބޫލެއް ނުކުރާނެ."

މިކަމާ ގުޅިގެން ހާލަތު އިތުރަށް ގޯސްވެފައިވާއިރު، ބްރިޓިޝް، ފްރާންސް އަދި ޖަރުމަނުންނަށް ފޮނުވާފައިވާ އެމީހުންގެ ސަފީރުން އަނބުރާ ގެނައުމަށް އީރާނުން ނިންމާފައިވާކަން ވަނީ އަންގާފައެވެ. ޔޫރަޕުގެ ތިން ބާރުން ބުނީ، ޚާއްސަކޮށް ޔޫރޭނިއަމް މުއްސަދިކުރުމާއި އދ.ގެ އިންސްޕެކްޓަރުންނަށް ހުރަސް އެޅުމުގެ ސަބަބުން ދަތިކުރުމުގެ ފިޔަވަޅުތައް އަލުން ގެނައުމަށް ނޫޅެވުނު ކަމަށެވެ. "އީރާނާއި ހުރިހާ ގައުމުތަކުން މި ގަރާރުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އަޅުގަނޑުމެން ގޮވާލަން،" ބްރިޓިޝް، ފްރާންސް އަދި ޖަރުމަނުގެ ޚާރިޖީ ވަޒީރުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ. ނަމަވެސް މަޝްވަރާގެ ދޮރު ހުޅުވާލެވިފައިވާ ކަމަށްވެސް އެބަޔާނުގައިވެއެވެ.

ނަމަވެސް ރަޝިޔާއިން މި ނިންމުން ގަބޫލެއް ނުކުރެއެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރު ސާރގޭ ލަވްރޮވް ނޫސްވެރިންނަށް ވިދާޅުވީ، "މިއީ ގާނޫނާ ޚިލާފު ކަމެއް، އަދި މިއަށް އަމަލުކުރެވޭނެ ކަމެއް ނޫން" ކަމަށެވެ. އަދި އދ.ގެ ސެކްރެޓަރީ ޖެނެރަލް މި ދަތިކުރުމުގެ ފިޔަވަޅުތައް ގަބޫލުކުރައްވައިފިނަމަ އެކަމާ މެދު އިންޒާރުވެސް ދެއްވިއެވެ. މޮސްކޯގެ މި ޝަކުވާތަކާއެކުވެސް، އދ.ގެ ސަލާމަތީ މަޖިލީހުގެ ވެބްސައިޓް ވަގުތުން ބަދަލުކޮށް، މި ފިޔަވަޅުތައް ހިމަނާފައިވެއެވެ.

އެމެރިކާއިން މަޝްވަރާކުރުމަށް ތައްޔާރު

އެމެރިކާގެ އޮފިޝަލުންވެސް މި ފިޔަވަޅުތައް އަލުން ގެނައުމަށް ތައުރީފުކޮށްފައިވެއެވެ. ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވީ އީރާނަށް އާ މަޝްވަރާތަކަށް މަޖުބޫރު ކުރުމަށްޓަކައި މި ފިޔަވަޅުތައް "އަވަހަށް" އަޅަންޖެހޭނެ ކަމަށެވެ. ރޫބިއޯ ވިދާޅުވީ "މަޝްވަރާގެ ދޮރު އަދިވެސް ހުޅުވާލެވިފައިވާ" ކަމަށެވެ. ނަމަވެސް އެކަން ހާސިލުވުމަށްޓަކައި އީރާނުން އިތުބާރާއެކު، ލަސްނުކޮށް ސީދާ މަޝްވަރާތަކަށް އެއްބަސްވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

2018 ވަނަ އަހަރު ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިކުރެއްވި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށާއި ބައިނަލްއަޤްވާމީ މުޖުތަމަޢަށް "އެންމެ ރަނގަޅު ނަތީޖާއަކީ" މާ ވަރުގަދަ އެއްބަސްވުމެއް ކަމަށް ވިދާޅުވެފައެވެ.

މި ޚަބަރާއެކު އީރާނުގެ ދަށްވެފައިވާ އިގްތިސާދު އިތުރަށް ގޯސްވެފައިވެއެވެ. އޮންލައިން އެކްސްޗޭންޖް މޮނިޓަރުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހު އީރާނުގެ ރިޔާލުގެ އަގު އެމެރިކާ ޑޮލަރަކާ އެއްވަރުވީ 1,123,000 ރިޔާލަށެވެ. މި އަދަދު ހުކުރު ދުވަހު ހުރީ 1,085,000 ރިޔާލުގައެވެ.

މި އަލަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ޔޫރޭނިއަމް މުއްސަދިކުރުން މަނާކުރުން، ބެލިސްޓިކް މިސައިލްއާ ގުޅުންހުރި ކަންކަމަށް ހުރަސްއެޅުން، ދަތުރުފަތުރުގެ ހުއްދަ ނިގުޅައިގަތުން، އެތައް ބަޔެއްގެ އަދި ތަންތަނުގެ މުދާ ހިފެހެއްޓުން އަދި އީރާނަށް ހަތިޔާރު ވިއްކުން މަނާކުރުން ހިމެނެއެވެ. އދ.ގެ މެންބަރު ގައުމުތަކަށް އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅުންހުރި މަނާކުރެވިފައިވާ ތަކެތި ހިފެހެއްޓުމުގެ ބާރުވެސް ލިބިގެންވެއެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އަލުން ގެނައުމަކީ 2015 ވަނަ އަހަރުގެ ނިއުކްލިއަރ އެއްބަސްވުން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހުރަހެކެވެ. ޔޫރަޕުގެ ލީޑަރުން މަޝްވަރާތައް އަދިވެސް ކުރެވިދާނެ ކަމަށް ވިދާޅުވި ނަމަވެސް، އީރާނުން މިކަން ވަރަށް ބޮޑަށް ދެކޮޅު ހަދައި، ސަފީރުން އަނބުރާ ގެނައުމަކީ ކުރިއަށް އޮތް މަސްތަކުގައި މަޝްވަރާތަކަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމުގެ ނިޝާނެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން