ރިޕޯޓް

ފެލިދެއަތޮޅު ތަރައްޤީގެ ރާޑަރުގައި ދަމަހައްޓަން ރައީސް ގެންގުޅުއްވާ ފަލްސަފާ ތަފާތު!

ފެލިދެއަތޮޅު ތަރައްޤީގެ ރާޑަރުގައި ދަމަހައްޓަން ރައީސް ގެންގުޅުއްވާ ފަލްސަފާ ތަފާތު!

ރައީސުލްޖުމްހޫރިއްޔާ ވ. ކެޔޮދޫއަށް ވަޑައިގަތުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 ސެޕްޓެމްބަރު 2025، 08:31

28 ސެޕްޓެމްބަރު 2025، 08:31

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ 4 އަތޮޅެއްގެ ޖުމްލަ 31 ރަށަކަށް ކުރެއްވި ތާރީޚީ ދަތުރުފުޅުގެ ތެރެއިން ވަނީ ފެލިދެއަތޮޅަށް ވަޑައިގަންނަވާފައެވެ. އެގޮތުން، ފެލިދެއަތޮޅުގެ 5 ރަށަކަށް އެމަނިކުފާނު ވަޑައިގަންނަވާފައިވާއިރު، ކޮންމެ ރަށެއްގައި ވެސް އެމަނިކުފާނު ވަނީ ތަރައްޤީގެ އައު ޞަފުޙާއެއް ހުޅުއްވާލައްވާފައެވެ. މި ދަތުރުފުޅަކީ، ރައްޔިތުންގެ ހިތްތަކުގައި އުންމީދުގެ ނޫރު ވިދުވައިލި، އަދި ތަރައްޤީގެ ދުވެލި އަވަސްކުރުވި ދަތުރުފުޅެއްކަން ޔަޤީނެވެ.

ރައީސް މުޢިއްޒު އަކީ، ރައްޔިތުންނަށް ރަނގަޅު ގޮތްތަކާ އުޞޫލުތައް ހޯއްދައިދެއްވުމަށް މަސައްކަތް ކުރައްވާ ޢިލްމީ، ޤާބިލު، އަދި މޮޅު ފަލްސަފާވެރިޔަކަށް ވީއިރު، އެމަނިކުފާނުގެ ހިތްވަރުގަދަކަމާއި، ރައްޔިތުންނާ ގުޅިލާމެހިފައިވާ ގާތްކަން މި ދަތުރުފުޅުގައި ވަނީ ފާޅުވެގެން ގޮސްފައެވެ. ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ވަށާޖެހޭ ތަރައްޤީއެއް ގެނައުމަށް އެމަނިކުފާނު ގެންގުޅުއްވާ، ޙިކުމަތްތެރި ސިޔާސަތުތަކާއި، ދުރުވިސްނުންތެރި ނިންމެވުންތަކުން މިއަދު މި ވަނީ ވ. އަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި ވެސް އުންމީދުގެ ކުލަތައް އައުކޮށްދެއްވާފަ އެވެ.

މެދުރާއްޖެތެރޭގައި އޮންނަ ފެލިދެއަތޮޅު، ނުވަތަ ޢާންމު ބަހުރުވައިން ނަމަ (ވ. އަތޮޅު) އަކީ މުޅި ރާއްޖެއަށް ނަޒަރު ހިންގާލި ނަމަވެސް، ޤުދުރަތީ ރީތިކަމުން ފުރިފައިވާ އަތޮޅެކެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލަކަށް މިއަތޮޅު ވެފައިވާއިރު، ވ. އަތޮޅުގެ ރަށްތަކަކީ ތަރައްޤީގެ ރާޑަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ މަންޒިލަކަށް ހެދުމަށް އަދުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާ، ޞިއްޙީ ދާއިރާ، އަދި  ތަޢުލީމީ ދާއިރާ ހިމެނޭހެން ވަކި ކަމެއް އެކަހެރިނުކޮށް އެއަތޮޅަށް ވަށާޖެހޭ ތަރައްޤީ ގެނައުމަކީ މި ސަރުކާރުގެ ސިޔާސަތެވެ.

ރައީސުލްޖުމްހޫރިއްޔާ މިމަހުގެ 19 ވަނަ ދުވަހު އަތޮޅު ތެރޭގެ ރަށްތަކަށް ފެށްޓެވި މި ދަތުރުފުޅުގައި ވ. އަތޮޅުގެ ފުލިދޫ، ތިނަދޫ، ފެލިދޫ، ކެޔޮދޫ އަދި ރަކީދޫއަށް ވަނީ ވަޑައިގަންނަވާފައެވެ.

  • ފުރަތަމަ މަންޒިލް: ވ. ފުލިދޫ

ރައީސުލްޖުމްހޫރިއްޔާ ފުލިދޫއަށް ވަޑައިގަތުމާއެކު އެރަށުގެ ކުދިބޮޑު ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެއަށްފަހު، މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމަށް އެމަނިކުފާނު ކުރިއަށް ގެންދަވާ ޚާއްޞަ މަޝްރޫޢުގެ ދަށުން އެރަށުގައި ތަރައްޤީކޮށްފައިވާ ބީއެމްއެލްގެ ސެލްފް - ސަރވިސް އޭޓީއެމް ރައީސް ވަނީ ހުޅުއްވައިދެއްވާފައެވެ. ހަމަ މިއާއެކު، ފުލިދޫގެ ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި އެރަށުގައި ތަރައްޤީކުރާ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ވަނީ ފަށައިފައެވެ.

މީގެ އިތުރުން، މި ދަތުރުފުޅުގެ ތެރެއިން ފުލިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ވަނީ ފަށައިފައެވެ. ޖުމްލަ 521 މީހުންގެ އާބާދީއެއް އޮންނަ ފުލިދޫއަކީ، 26 ގެސްޓްހައުސް ހިންގަމުންދާ ފަތުރުވެރިކަމަށް މަޝްހޫރު ރަށެކެވެ. މި ރަށުގެ ބަނދަރު ކުޑަވުމުގެ ސަބަބުން، މުދާ އަރުވައި ބޭލުމަށާއި، އަރައިފޭބުމުގައި ބޮޑެތި ދަތިތަކެއް ދިމާވެއެވެ. އެހެންކަމުން، ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ނިމުމާއެކު، ޖާގަ ތަނަވަސް ބަނދަރެއް ރަށު ރައްޔިތުންނަށް ލިބި، ލަފާފުރުމުގައާއި، މުދާ އަރުވައި ބޭލުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި  މިކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އުމްރާނީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ބޮޑެތި މަންފާތަކެއް ކުރާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ފެލިދެއަތޮޅު ތަރައްޤީގެ ރާޑަރުގައި ދަމަހައްޓަން ރައީސް ގެންގުޅުއްވާ ފަލްސަފާ ތަފާތު!

ރައީސުލްޖުމްހޫރިއްޔާ ފުލިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން

ރައީސްގެ މި ދަތުރުފުޅުގައި ފުލިދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ އެހެނިހެން މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، ފުލިދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއާއި ގުޅުވައިގެން އެރަށުގައި 12 ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ހަމަ މިއާއެކު، އެރަށުގައި އަންނަ އަހަރުގެ ކުރީކޮޅު ޑޮލަރު އޭޓިއެމްގެ ޚިދުމަތް ފައްޓަވާދެއްވާ، ރަށުގައި ވޮލީކޯޓުގެ މަސައްކަތާއެކު ފުޓްސަލް ދަނޑެއްވެސް އަޅައިދޭނެކަމަށް ރައީސް ވަނީ ވަޢުދުވެވަޑައިގެންފައެވެ.

  • ދެވަނަ މަންޒިލް: ވ. ތިނަދޫ

ރައީސުލްޖުމްހޫރިއްޔާ ތިނަދޫއަށް ވަޑައިގަތުމާއެކު، ރަށުގެ ރައްޔިތުންނާއި ގިނަ ޢަދަދެއްގެ ފަތުރުވެރިން ހިމެނޭހެން އެމަނިކުފާނަށް ވަނީ މަރުޙަބާ ދަންނަވާފައެވެ. މި ރަށުގައި ވެސް އެމަނިކުފާނު ވަނީ، އިޤްތިޞާދީގޮތުން ރައްޔިތުން ބާރުވެރިކުރުވުމަށް ކުރިއަށް ގެންދަވާ އެންމެ މުހިންމު މަޝްރޫޢުގެ ދަށުން ބީއެމްއެލްގެ އޭޓީއެމް ހުޅުއްވައިދެއްވާފައެވެ. އެއަށްފަހު، އެމަނިކުފާނު ވަނީ ތިނަދޫގެ ރައްޔިތުންނާއެކު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. މި މަޝްވަރާ ބައްދަލުވުމުގައި، ރަށުގެ ރައްޔިތުން ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތައް ސީދާ ރައީސްއާ ހިއްސާކުރައްވާފައެވެ.

ފެލިދެއަތޮޅު ތަރައްޤީގެ ރާޑަރުގައި ދަމަހައްޓަން ރައީސް ގެންގުޅުއްވާ ފަލްސަފާ ތަފާތު!

ރައީސްއަށް މަރުޙަބާ ދެންނެވުނަމަށް ތިނަދޫގައި ފަތުރުވެރިންތަކެއް

އެގޮތުން، ތިނަދޫގެ ރައްޔިތުން ވަނީ އެރަށަށް ދިމާވެފައިވާ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމާ، ރަށުގައި އަލަށް މީހުން އާބާދުވާ ސަރަޙައްދުތަކަށް ކަރަންޓުގެ ރަނގަޅު ޚިދުމަތެއް ޤާއިމުކޮށްދިނުމާއި، ރަށުގެ ބަނދަރު ތަރައްޤީކުރުމާއި، ކުނީގެ މައްސަލަ ޙައްލުކޮށްދިނުމަށް އެދިވަޑައިގަންފައެވެ. ހަމަ މިއާއެކު، އެރަށަކީ ރަށު ފަތުވެރިކަމުގައި ކުރިއަރަމުންދާ ރަށަކަށްވަމުންދާތީ އެކަމަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމަށް ރައްޔިތުން ވަނީ އެދިލައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރައްޔިތުންގެ ޝަކުވާތަކަށް ޙައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

އަންނަ މާރިޗު މަހުގެ ކުރިން ރަށުގައި ޑޮލަރު އޭޓީއެމްއެއް ޤާއިމުކޮށްދޭނަން. އަދި ދެން ހުށައެޅި މައްސަލަތައްވެސް ކަމާ ގުޅުންހުރި މުއައްސަސާތަކަށް ހުށައަޅައިގެން ރައްޔިތުން ބޭނުންވާ ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރާނަން.

ފެލިދެއަތޮޅު ތަރައްޤީގެ ރާޑަރުގައި ދަމަހައްޓަން ރައީސް ގެންގުޅުއްވާ ފަލްސަފާ ތަފާތު!

ތިނަދޫގައި ބޭއްވި ޖަލްސާގެ ތެރެއިން

ތިނަދޫގައި ރަޖިސްޓްރީވެފައިވާ އާބާދީއަކީ 225 އެއްހާ މީހުންނެވެ. މި ރަށުގައި ނިސްބަތުން ދިރިއުޅޭ ރަށުގެ ރައްޔިތުންގެ އާބާދީ ވަރަށް ކުޑައެވެ. ނަމަވެސް ދިރިއުޅޭ އާބާދީއަށް ބަލާއިރު، މިރަށުގެ އާބާދީ 700 އިން މައްޗަށް އަރައެވެ. ތިނަދޫއަކީ، ފުޅާ ދާއިރާއެއްގައި ރަށު ފަތުރުވެރިކަން ކުރާ ރަށަކަށް ވުމާއެކު، ރަށުގައި އެކި ވަޒީފާތަކުގައި އުޅޭ އާބާދީ ބޮޑުކަން ފާހަގަކޮށްލެވެއެވެ.

  • ތިންވަނަ މަންޒިލް: ވ. ފެލިދޫ

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ 3 ވަނަ މަންޒިލެއްގެ ގޮތުގައި ވަޑައިގަންނަވާފައިވަނީ ފެލިދެއަތޮޅު ފެލިދޫ އަށެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، ފެލިދޫގައި ޕާސްޕޯޓާއި އައިޑީކާޑުގެ ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވާފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ހަމަ މިއާއެކު، މި ދަތުރުފުޅުގެ ތެރެއިން ފެލިދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ޤާއިމްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.

ފެލިދެއަތޮޅު ތަރައްޤީގެ ރާޑަރުގައި ދަމަހައްޓަން ރައީސް ގެންގުޅުއްވާ ފަލްސަފާ ތަފާތު!

ފެލިދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފެށުން

މީގެ އިތުރުން، ފެލިދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވާ، އެރަށުގައި ޤާއިމުކޮށްފައިވާ އައުޓްޑޯ ޖިމް ވަނީ ހުޅުއްވައިދެއްވާފައެވެ. މިއީ، ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރެއްވި މުހިންމު މަސައްކަތްޕުޅެކެވެ. ހަމަ މިއާއެކު، އެމަނިކުފާނު ވަނީ ފެލިދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އެރަށުގެ ތަރައްޤީއަށް ނިންމަވާފައިވާ މުހިންމު މަޝްރޫޢުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ފެލިދެއަތޮޅު ތަރައްޤީގެ ރާޑަރުގައި ދަމަހައްޓަން ރައީސް ގެންގުޅުއްވާ ފަލްސަފާ ތަފާތު!

ފެލިދޫގައި ބިނާކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުން

އެގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، އަހަރުގެ ކުރީކޮޅު އެރަށުގައި 12 ހެކްޓަރުގެ ބިންހިއްކުމުގެ މަޝްރޫޢެއް ފަށްޓަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ވަނީ ދެއްވާފައެވެ. ހަމަ މިއާއެކު، ރަށުގައި 14 ކްލާސްރޫމްގެ 4 ބުރީގެ އިމާރާތެއް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށާއި، އަތޮޅުތަކުގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ފެލިދޫއާއި އެ އަތޮޅުގައި ސީ އެމްބިއުލާންސްގެ ދެމެހެއްޓެނިވި ޚިދުމަތެއް ފޯރުކޮށްދެއްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ފެލިދެއަތޮޅު ތަރައްޤީގެ ރާޑަރުގައި ދަމަހައްޓަން ރައީސް ގެންގުޅުއްވާ ފަލްސަފާ ތަފާތު!

ފެލިދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވުން

  • ހަތަރުވަނަ މަންޒިލް: ވ. ކެޔޮދޫ

ރައީސް މުޢިއްޒު ފެލިދެއަތޮޅަށް ކުރައްވަމުން ގެންދިޔަ ދަތުރުފުޅުގެ ތެރެއިން ކެޔޮދޫއަށް ވަޑައިގަންނަވާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެގޮތުން، މި ދަތުރުފުޅުގައި ކެޔޮދޫގައި އިމާރާތްކުރާ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ވަނީ ފަށައިފައެވެ. ހަމަ މިއާއެކު، ކެޔޮދޫ ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތާއި، އެރަށު ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. ކެޔޮދޫގައި ތަރައްޤީކުރާ އައު ސްކޫލު އިމާރާތާ އެކު، މިހާރު އެ ސްކޫލުގެ ކުދީންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބި، ކިޔަވާ ކުދީންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ފެލިދެއަތޮޅު ތަރައްޤީގެ ރާޑަރުގައި ދަމަހައްޓަން ރައީސް ގެންގުޅުއްވާ ފަލްސަފާ ތަފާތު!

ކެޔޮދޫ ޞިއްޙީ މަރުކަޒު އެމްޓީސީސީއާ ހަވާލުކުރުން

ކެޔޮދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެރަށުގައި ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގަވައިދެއްވާ، ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. 

އަހަރުގެ އެންމެ ކުރީކޮޅު ރަށުގައި 12 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަސައްކަތް ފަށާނަން. ބިމުގެ ދަތިކަމުގެ ސަބަބުން އެހެނިހެން ކުރިއެރުން ހޯދުމަށް ދަތިވޭ. ލޯކަލް ޓުއަރިޒަމްގެ އިތުރު އެކި ފުރުޞަތުތައް މި މަޝްރޫޢާއެކު ހުޅުވޭނެ. 

ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކެޔޮދޫ ސްކޫލްގެ ކަރަންޓު މައްސަލަ ޙައްލުކޮށްދިނުމާއި، އަދި ސްކޫލްތައް އޭ.ސީ ކުރުމުގެ މަޝްރޫޢުގައި ހިމަނައިގެން، ކެޔޮދޫ ސްކޫލް ކްލާސްރޫމްތަކާއި ސްޓާފް ރޫމްތައް އޭ.ސީ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ފުޓުބޯޅަ ދަނޑު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢެއް ހިންގެވުމުގެ އިތުރުން، ކުޅިވަރު ފެސިލިޓީތައް ތަރައްޤީކޮށްދެއްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ކެޔޮދޫގެ ތަރައްޤީއަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް ފުއްދަވައިދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

ފެލިދެއަތޮޅު ތަރައްޤީގެ ރާޑަރުގައި ދަމަހައްޓަން ރައީސް ގެންގުޅުއްވާ ފަލްސަފާ ތަފާތު!

ކެޔޮދޫ އިސްރަށްވެއްސަކާ ރައީސް ސަލާމްކުރެއްވުން

  • ފަސްވަނަ މަންޒިލް: ވ. ރަކީދޫ

ރައީސުލްޖުމްހޫރިއްޔާ ފެލިދެއަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދިޔަ ދަތުރުފުޅުގެ ތެރެއިން ފަހު މަންޒިލަކަށް ވަޑައިގަންނަވާފައިވަނީ އެއަތޮޅު ރަކީދޫ އަށެވެ. މިރަށުގައި އެމަނިކުފާނު ވަނީ، ބީއެމްއެލްގެ އޭޓީއެމް ހުޅުއްވައިދެއްވާ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދެއްވާފައެވެ. ރަކީދޫގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކުރެވުމާއެކު، ރާއްޖޭގެ ހުރިހާ ރަށެއްގައި މި ޚިދުމަތް ޤާއިމްކޮށްފައިވާ 12 ވަނަ އަތޮޅަކަށް ވ. އަތޮޅު ވަނީ ވެފައެވެ. 

މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫޢުގެ ދަށުން، މިހާރު އަޅުގަނޑުމެންނަށް 12 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރެވިއްޖެ. މިއިން ކޮންމެ އޭޓީއެމް އަކީ ވެސް އެ ރަށެއްގެ މުޖުތަމަޢެއްގެ މާލީ ބައިވެރިވުން އިތުރުކޮށްދޭ ކަމެއް. އަދި މިއީ ފަސޭހަކަމާ އެކު އަސާސީ ބޭންކިންގ ޚިދުމަތަށް ވާޞިލުވުމަށް ހުޅުވޭ ދޮރެއް. 

ބީއެމްއެލްގެ ސީ.އީ.އޯ. އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ފެލިދެއަތޮޅު ތަރައްޤީގެ ރާޑަރުގައި ދަމަހައްޓަން ރައީސް ގެންގުޅުއްވާ ފަލްސަފާ ތަފާތު!

ރަކީދޫގައި ބީއެމްއެލްގެ ޚިދުމަތް ފެށުން

މީގެ އިތުރުން، މި ދަތުރުފުޅުގެ ތެރެއިން ރަކީދޫގައި ވަނީ ފުލުހުންގެ ޑެސްކެއް ޤާއިމްކުރައްވާފައެވެ. މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރައްވާނެ ކަމަށް ރައީސް ވަޢުދުވެވަޑައިގެންފައިވާއިރު، މިއީ އަމާން މުޖުތަމަޢެއް ކަށަވަރުކޮށްދެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވި މަސައްކަތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަކީދޫގެ ރައްޔިތުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަވާ، ރައްޔިތުން އެންމެ އެދޭގޮތް އޮޅުންފިލުއްވާފައެވެ. އެގޮތުން، މި ސަރުކާރުން ގެންގުޅުއްވާ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ރަކީދޫ ރައްޔިތުންގެ %80 ތާޢީދާއެކު އެހެން ރަށަކަށް ބަދަލުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. ހަމަ އެހެންމެ، އެރަށުގެ ރައްޔިތުން ބަދަލުކޮށްދެއްވާނީ ވަޞީލަތްތަކާއި ޚިދުމަތްތައް ފުރިހަމަ ތަނަކަށް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ހިޖުރަކުރި ނަމަވެސް، ރަށުގައި މިހާރު ފަށާފައިވާ ރަށު ފަތުރުވެރިކަމުގެ ވިޔަފާރިތައް ހުއްޓާލަން ނުޖެހޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

އަޅުގަނޑުމެން ޚިޔާލަށް ބަލާނަން، މި ވިޔަފާރިތައް ދެން ގެންދެވޭނީ ކިހިނެއްތޯ. ހަމަ ގައިމުވެސް ދޭ ޔަޤީންކަމަކީ، މި ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަށް، އަދި ވިޔަފާރިތައް ހުއްޓާލަން ނުޖެހޭނެ ގޮތަކަށް އެކަން ކޮށްދޭނެ ކަމުގެ ޔަޤީންކަން.

ރައީސް ވިދާޅުވިއެވެ.
ފެލިދެއަތޮޅު ތަރައްޤީގެ ރާޑަރުގައި ދަމަހައްޓަން ރައީސް ގެންގުޅުއްވާ ފަލްސަފާ ތަފާތު!

ރަކީދޫގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން

ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ، ތަރައްޤީގެ ހުރިހާ ދާއިރާއަކަށް އެއްހަމައެއްގައި އެމަނިކުފާނު ދެއްވާ އަހަންމިއްޔަތުކަން ހާމަވާ ހެއްކެކެވެ. ރައްޔިތުންގެ އުންމީދުތައް ޙަޤީގަތަކަށް ހެއްދެވުމަށް ރައީސް މުޢިއްޒު ކުރައްވަމުންދާ މަސައްކަތްޕުޅުތަކަކީ، މުޅި ޤައުމަށް އަލިމަގެއް ދައްކައިދޭ ނަމޫނާއެކެވެ. އިޤްތިޞާދީ ކުރިއެރުމާއި، އިޖްތިމާޢީ ރައްކާތެރިކަން ހިމެނޭހެން މި ޤައުމަށް ކުރިއެރުން ގެނެސްދެއްވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުތަކަކީ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށްދޭ ކަންކަމެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ވ. އަތޮޅުގެ އިތުރުން މުޅި ރާއްޖެއަށް ވެސް އައު އުންމީދުތަކެއް ގެނެސްދެއްވި ދަތުރުފުޅެއްކަން ޔަޤީނެވެ. އެމަނިކުފާނުގެ ހިތްޕުޅުގައިވާ ޤައުމީ ލޯތްބާއި، ރައްޔިތުންނާއި ގުޅިލާމެހިފައިވާ ގާތްކަމާއި، ޤައުމު ތަރައްޤީކުރުމުގެ ފުންނާބު އުސް ވިސްނުންފުޅު މި ދަތުރުފުޅުން ވަރަށް ރަނގަޅަށް ހާމަވެގެން ހިނގައްޖެއެވެ. ތަރައްޤީގެ ރާޑަރުގެ މެދަށް ރާއްޖޭގެ ކޮންމެ ރަށެއް ވެސް ގެނައުމަށް އެމަނިކުފާނު ގެންގުޅުއްވާ ފަލްސަފާ މާ ބޮޑަށް ވެސް ތަފާތީއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން