ރިޕޯޓް

ފެނަކަ ޚިޔާނާތް, ގައުމުގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ވައްކަން

ފެނަކަ ޚިޔާނާތް, ގައުމުގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ވައްކަން

ކުރީގެ ރައީސް ސޯލިހު އަދި ފެނަކައިގެ ކުރީގެ އެމްޑީ ސައީދު ފޮޓޯ: އިންޓަނެޓްް

farudhun logo

ފަރުދުން

27 ސެޕްޓެމްބަރު 2025، 01:56

27 ސެޕްޓެމްބަރު 2025، 01:56

ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން ޚިޔާނާތެއް ހިންގައިފިނަމަ، އެއީ ސީދާ ރައްޔިތުންނަށް ޚިޔާނާތްތެރިވުން ކަމުގައި ކޮންމެ ރައްޔިތަކުވެސް ދެކެއެވެ. ރައްޔިތުންނަށް ޚިޔާނާތްތެރިނުވާނެކަމަށް ވަޢުދުވެގެން އަންނަ އެކި ސަރުކާރުތަކުން، ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާ މައްސަލަތައް ފެންމަތިވަމުން ދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. މިގޮތުން، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ފެނަކަ ކޯޕަރޭޝަންގެ ބޮޑު ޚިޔާނާތުގެ މައްސަލައެއް މިހާރު ވަނީ ފެންމަތިވެ، އެކަމުގެ ތަފްސީލުތައް އާންމުވެފައެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހެދި ޚާއްސަ އޮޑިޓަކުން ހާމަވެފައިވަނީ، މިއީ ރާއްޖޭގެ ތާރީޚުގައި ދައުލަތުގެ ކުންފުންޏެއްގެ ތެރެއިން ހިންގާފައިވާ އެންމެ ބޮޑު ވައްކަން ކަމަށެވެ.

ކުރިންވެސް ތުހުމަތުތަކެއް، ނަމަވެސް ފިޔަވަޅެއް ނާޅާ

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖްމަންޓުން ކޮރަޕްޝަން ހިންގާ ވާހަކަތައް އެކި ޚަބަރުތަކުގެ ސުރުޚީތަކަށް އޭރުވެސް އެރިއެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރަމުން ދިޔައިރު، ސަރުކާރުގެ އިސްވެރިންގެ ފަރާތުން ބޮޑު އަޅާލުމެއް ލިބިފައިނުވާކަން ފާހަގަކުރެވެއެވެ.  ވެރިކަން ނިމިގެންދިޔައިރުވެސް ފެނަކައިގެ މެނޭޖްމަންޓަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އޭރު ހުންނެވި މެނޭޖިންގ ޑިރެކްޓަރަށް ޚިޔާނާތުގެ އެތައް ތުހުމަތެއް ކުރެވުނު ނަމަވެސް، އެކަމުގައި އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވެއެވެ. މި ޚިޔާނާތުގެ އަދަދުތައް މިއަދު ރައްޔިތުންނަށް ހާމަވެފައިވަނީ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދާދިފަހުން ނެރުއްވާފައިވާ ޚާއްސަ އޮޑިޓް ރިޕޯޓަކުންނެވެ.

ތާރީޚުގައި ދައުލަތުގެ އެންމެ ބޮޑު ވައްކަން

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ޚާއްސަ އޮޑިޓް ރިޕޯޓްގައިވާ ގޮތުން، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގާފައިވާ ވައްކަމަކީ ރާއްޖޭގެ ތާރީޚުގައި ދައުލަތުގެ ކުންފުންޏެއްގެ ތެރެއިން މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ވައްކަމެވެ. އެގޮތުން، ކުރީގެ ރައީސް ޞާލިޙުގެ ސަރުކާރުގައި ފެނަކައިން 2.2 ބިލިޔަނަށްވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ހާމަވާކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ރައްޔިތުންގެ ބޮޑު އިތުބާރާއި އުންމީދުތަކާއެކު އުފެދިފައިވާ ސަރުކާރަކުން މިފަދަ ބޮޑު ޚިޔާނާތެއް ހިންގުމަކީ، ގައުމުގެ ހަމަޖެހުމާއި ތަރައްޤީއަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ.

ސުވާލުތަކާއި ފިޔަވަޅުނެތް މަޖިލިސް

މިވަރުގެ ބޮޑު ޚިޔާނާތެއް ހިންގިއިރު، އޭރުގެ ސަރުކާރުގެ އެއްވެސް ބޭފުޅަކަށް މިކަމުގެ ހިލަމެއްވެސް ނުވޭތޯ މިއަދު އެތައް ބަޔަކު ސުވާލު އުފައްދައެވެ. އޭރު ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާޓީތައް ތަމްސީލުކުރެއްވި މެންބަރުންވެސް ވަނީ މި ޚިޔާނާތުގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައެވެ. ނަމަވެސް، އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން މިކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވެއެވެ. މިކަމުން ދައްކުވައިދެނީ، އެފަދަ ބޮޑު ކަންތައްތައް ހިނގާއިރު، ޖަވާބުދާރީކުރުމުގެ ނިޒާމުތަކުގެ ބާރު ކެނޑިފައިވާ މިންވަރެވެ.

މިނިސްޓަރު އާދަމް ޝަރީފްގެ ބަސްފުޅު

އޭރު މަޖިލިސް މެންބަރުކަން ކުރެއްވި، އަދި މިހާރުގެ ސިޓީތަކާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، އެ މައްސަލަތައް މަޖިލީހުގެ ސަމާލުކަމަށް ގެންނެވި ނަމަވެސް، މަޖިލީހުންވެސް އަދި މިނިވަން މުއައްސަސާތަކުންވެސް އަޅާނުލީ ކަމަށެވެ. އަދި އެވަރުގެ ބޮޑު ޚިޔާނާތެއް އޭރުގެ މެނޭޖިންގ ޑިރެކްޓަރަށް އެކަނި ވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އާދަމް ޝަރީފު އިތުރަށް ވިދާޅުވީ، ދައުލަތުގެ ޒިންމާއަކަށް ވާންޖެހޭނީ މި ޚިޔާނާތުގައި ޝާމިލުވާ އެންމެނާމެދު އިންސާފުވެރި ތަހުގީގެއް ހިންގައި، ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ. އަދި މިހާ ދުވަހު އެކަމުގައި އަޅާނުލައި ތިބި މުއައްސަސާތައް ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށާއި، ޤައުމު ސަލާމަތް ކުރެވޭނީ ކޮރަޕްޝަން މުލުން ލުހެލައިގެން ކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.



ރައީސް މުޢިއްޒުގެ އަމުރުފުޅު

ޚިޔާނާތުގެ މި މައްސަލަތައް ވީހާވެސް އަވަހަށް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންގަވާފައެވެ.

އަޅުގަނޑުމެންނަށް ފެނިގެންދިޔަ ފެނަކައިގެ މައްސަލަ. އެއީ ހުރިހާ ރަށެއްގައި އޮތް ކުންފުންޏެއް. މި ކުންފުންޏަށް ހަދާފައޮތީ ވަރަށް ހިތާމަވެރިގޮތެއް. އޭގަ އެއޮތީ އެތައް ސަތޭކަ މިލިޔަން ރުފިޔާގެ ވައްކަން ކޮށްފައިވާކަމަށް. މި މައްސަލަ ފުލުހުންގެ އިދާރާއިން މިހާރު ވަނީ ތަހުގީގު ކުރަން ފަށާފައި. އަންގައިފިން އޭސީސީއަށް އަދި ޕީޖީ އޮފީހަށްވެސް މި މައްސަލަ އަވަހަށް ތަހުގީގުކުރަން

ރައީސުލްޖުމްހޫރިއްޔާ

މިގޮތުން، މި ޚިޔާނާތުގެ މައްސަލަ ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ތަހުގީގު ކުރަމުންދާނެއެވެ.

ކޮރަޕްޝަން ނައްތާލުމަށް އަޅާ ފިޔަވަޅުތައް

ޚިޔާނާތުގެ މައްސަލަތައް ހައްލު ކުރެވޭނީ އެފަދަ ތުހުމަތެއް ކުރެވެން ފެށުމާއެކު އެ މައްސަލައެއް އިންސާފުވެރިކަމާއެކު ތަހުގީގުކޮށް، އެކަމުގައި ޝާމިލުވާ މީހުންނާމެދު ފިޔަވަޅު އަޅައިގެންނެވެ. އޭގެ ފުރިހަމަ ނަމޫނާ އަދުގެ ސަރުކާރުން ދަނީ ދައްކަމުންނެވެ. މި ސަރުކާރުގައި އެޗްޑީސީގެ މައްސަލަތަކެއް ފެންމަތިވުމުން، ރައީސުލްޖުމްހޫރިއްޔާ ވަގުތުން ފިޔަވަޅު އެޅުއްވިއެވެ. އަދި އެފަދަ ފުރުސަތުތައް ނެތިކޮށްލުމަށް، ޚިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތްތަކާއި، ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. ކޮރަޕްޝަނަކީ ގައުމެއްގެ ތަރައްގީއަށް އެޅޭ އެންމެ ބޮޑު ހުރަހެވެ. އެހެންކަމުން، ރައްޔިތުންނަށް އޮޅުވާނުލާ، ދެފުށް ފެންނަ ގޮތަކަށް ސަރުކާރު ހިންގުމުގެ މުހިންމުކަން މިފަދަ މައްސަލަތަކުން ފާހަގަވެއެވެ. 

                    

Ads by MSS

މި ލިޔުން ކިޔާލުމުން