ދުނިޔެ

އޭއައިގެ ސަބަބުން މުސްތަޤްބަލުގެ ހަނގުރާމަތައް ނުރައްކާތެރިވެދާނެކަމަށް ޕާކިސްތާނުން އިންޒާރު ދީފި

އޭއައިގެ ސަބަބުން މުސްތަޤްބަލުގެ ހަނގުރާމަތައް ނުރައްކާތެރިވެދާނެކަމަށް ޕާކިސްތާނުން އިންޒާރު ދީފި

އަލިފްދާލުގެ ސަލާމަތީ މަޖިލީހުގައި ޕާކިސްތާން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ސެޕްޓެމްބަރު 2025، 05:04

25 ސެޕްޓެމްބަރު 2025، 05:04

އަސްކަރީ ނިޒާމްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ހަލުވިކަމާއެކު ބޭނުންކުރަމުންދާނަމަ، މުސްތަޤްބަލުގެ ހަނގުރާމަތައް މާބޮޑަށް ނުރައްކާތެރިވެދާނެ ކަމަށް ޕާކިސްތާނުން އިންޒާރު ދީފިއެވެ. މިކަމާ ގުޅިގެން ދުނިޔޭގެ ބޮޑެތި ބާރުތަކުން މިޓެކްނޮލޮޖީ ބޭނުންކުރާނީ ހަނގުރާމައަށް ނޫން، ހަމަޖެހުމާއި ތަރައްގީއަށް ކަމުގެ ގެރެންޓީ ދިނުމަށް ޕާކިސްތާނުން ގޮވާލާފައިވެއެވެ.

ބުދަ ދުވަހު އޮތް އާޓިފިޝަލް އިންޓެލިޖެންސާ ބެހޭ އ.ދ. ސަލާމަތީ މަޖިލީހުގެ މަތީ ފެންވަރުގެ މަޝްވަރާއެއްގައި ވާހަކަފުޅު ދައްކަވަމުން، ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ އާސިފް ވަނީ ހަނގުރާމަތަކުގައި އޭއައި ނާޖާއިޒު ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފިޔަވަޅުތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ނިންމުންތައް ފަސޭހަކޮށްދިނުމަށް އެހީވެދިން ނަމަވެސް، މުސްތަޤްބަލުގެ ހަނގުރާމަތައް ކުރިން ދުވަހަކުވެސް ނުވާވަރަށް ނުރައްކާތެރިވެދާނެ މާހައުލެއް އުފެދިގެން އަންނަ ކަމަށް އާސިފް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ޓެކްނޮލޮޖީގެ ކުރިއެރުންތައް ގުޅިފައި އޮންނަންވާނީ އ.ދ.ގެ ޗާޓަރުގެ އުސޫލުތަކާ ކަމަށާއި، އިންސާނިއްޔަތުގެ ފުޅާ މަޞްލަޙަތުތަކަށްޓަކައި އެކަންކަން ބޭނުންކުރެވޭނެ ގޮތެއްގެ މަތިންނެވެ.

މި އަހަރުގެ ކުރީކޮޅު ޕާކިސްތާނުން އެގައުމުގެ ފުރަތަމަ ގައުމީ އޭއައި ސިޔާސަތު ތަޢާރަފުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިކަމުން ދައްކުވައިދެނީ، އޭއައިގެ ނާޖާއިޒު ބޭނުންތައް ހުއްޓުވައި، ޒިންމާދާރު އީޖާދުތައް ކަށަވަރުކުރުމަށް ޕާކިސްތާނުގެ އަޒުމެވެ. އޭނާ އިތުރަށް ވިދާޅުވީ، އޭއައި އަސްކަރީ ކަންކަމުގައި އެއްވެސް ހަމައެއް ނެތި ބޭނުންކުރަން ފަށައިފިނަމަ، އެކުގައި ކޮންޓްރޯލް ނުކުރެވޭނަމަ، ދުނިޔޭގައި ހަމަޖެހުމެއް ނެތިގެން ހިނގައިދާނެ ކަމަށެވެ.

"މި ދާއިރާގައި ހަތިޔާރުގެ ރޭހެއް ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ނުދިނުމަށްޓަކައި، ދުނިޔޭގެ އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭނެ،" އާސިފް އިންޒާރު ދެއްވިއެވެ. "އަޅުގަނޑުމެން ކަށަވަރުކުރަންވާނީ، އޭއައި ބޭނުންކުރެވެނީ ހަމަޖެހުމާއި ތަރައްގީއަށް ކަމާއި، ހަނގުރާމައާއި ހަމަޖެހުމެއް ނެތިކުރުމަށް ނޫންކަމެވެ."

ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ބައިނަލްއަޤްވާމީ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ކުރެވޭ ބައިނަލްއަޤްވާމީ މަސައްކަތްތަކުގައި ޕާކިސްތާނުގެ އެއްބާރުލުން ދިނުމަށް ވެސް އާސިފް ވަނީ އަލުން ޔަގީންކަން ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން