ދީން
ބަލިމީހުންނަށް ޝިފާއަށް އެދި ކުރެވިދާނެ 5 ދުޢާ

ދުޢާ ކުރުން
ހަޔާތުގައި ކުރިމަތިލާންޖެހޭ އެންމެ އުނދަގޫ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، ތިމާ ލޯބިވާ މީހަކު ބައްޔެއްގެ ސަބަބުން ޝިފާއަށް ބޭނުންވެފައިވާތަން ދެކެންޖެހުމެވެ. ސައިންސާއި ޓެކްނޮލޮޖީ ކުރިއަރައި، އަހަރުތަކެއްގެ ތެރޭގައި އާ ހޯދުންތައް ހޯދިފައިވީނަމަވެސް، ޑޮކްޓަރުންނާއި މާހިރުންނަށް ކުރެވޭނީ ވަކިވަރެކެވެ. އެފަދަ ހާލަތްތަކުގައި އަޅުގަނޑުމެންނަށް އިޙްސާސްކުރެވެނީ ނުތަނަވަސްކަމާއި، އެހީތެރިކަމެއް ނެތްކަމާއި، އުންމީދު ގެއްލިފައިވާކަމެވެ. އެފަދަ ހާލަތްތަކުގައި – އަހަރެމެން ލޯބިވާ މީހުން ވޭނުގައި ތިބޭއިރު، އަދި އަހަރެމެންނަށް އެހީވާން ބޭނުންވާއިރު – އަހަރެމެން ކުރާނީ ކީއްތޯއެވެ؟ އަހަރެމެން ދުޢާ ކުރާނީއެވެ. ދުޢާއަކީ، އެހެން އެއްވެސް ތަނަކުން ނުލިބޭ އުއްމީދާއި ހިތްހަމަޖެހުން ލިބިގަތުމުގެ ވަސީލަތެކެވެ. ކިޔާނެ ދުޢާތަކެއް ހޯދަން ބޭނުންފުޅުވާނަމަ، މިއޮތީ ބަލިމީހުންނަށް ޝިފާއަށް އެދި ކިޔަން ރަނގަޅު ފަސް ދުޢާއެވެ.
1. އަޚަކަށް ބައްޔެއް ޖެހިފައިވާނަމަ ކިޔާނެ ދުޢާ
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
رَبُّنَا اللَّهُ الَّذِي فِي السَّمَاءِ تَقَدَّسَ اسْمُكَ أَمْرُكَ فِي السَّمَاءِ وَالأَرْضِ كَمَا رَحْمَتُكَ فِي السَّمَاءِ فَاجْعَلْ رَحْمَتَكَ فِي الأَرْضِ اغْفِرْ لَنَا حُوبَنَا وَخَطَايَانَا أَنْتَ رَبُّ الطَّيِّبِينَ أَنْزِلْ رَحْمَةً مِنْ رَحْمَتِكَ وَشِفَاءً مِنْ شِفَائِكَ عَلَى هَذَا الْوَجَعِ فَيَبْرَأُ
އަބޫ ދަރުދާ ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ނަބިއްޔާ މުޙައްމަދު ﷺ ޙަދީޘްކުރެއްވިއަޑު އެއްފަހަރަކު އެއްސެވިއެވެ."ތިޔަބައިމީހުންގެ ތެރެއިން އެކަކަށް ނުވަތަ އޭނާގެ އަޚަކަށް ބައްޔެއް ޖެހިފައިވާނަމަ، އޭނާ (މަތީގައިވާ ދުޢާ) ކިޔާށެވެ: މާތް ﷲ އީ، އުޑުގައިވާ، އެކަލާނގެ އިސްމުފުޅު މާތްވެގެންވާ އަޅުގަނޑުމެންގެ ރައްބެވެ. އެކަލާނގެ ކަންތައްތައް އުޑާއި ބިމުގައިވެސް މަތިވެރިކުރައްވައެވެ. ހަމައެގޮތަށް އެކަލާނގެ ރަޙްމަތް އުޑުގައި ވާފަދައިން، އެކަލާނގެ ރަޙްމަތް ބިމުގައި ލައްވާށިއެވެ. އަޅަމެންގެ ފާފަތަކާއި ކުށްތައް ފުއްސަވައިދެއްވާށިއެވެ. އިބަރަސްކަލާނގެއީ ހެޔޮލަފާ މީސްތަކުންގެ ރައްބެވެ. އިބަރަސްކަލާނގެ ރަޙްމަތުން ރަޙްމަތެއް، އަދި އިބަރަސްކަލާނގެ ޝިފާއިން ޝިފާއެއް މި ބައްޔަށް ބާވައިލައްވާށިއެވެ. ފަހެ، އެ ބަލި ރަނގަޅުވެދާނެއެވެ." - ސުންނަން އަބޫ ދާވޫދު
2. ދަތި އުނދަގޫ ދުވަސްވަރުތަކުގައި ކިޔާ ދުޢާ:
ٱللَّٰهُمَّ رَبَّ النَّاسِ أَذْهِبِ الْبَأْسَ وَاشْفِ أَنْتَ الشَّافِي لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءٌ لَا يُغَادِرُ سَقَمَاً
ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. އެކަމަނާ ވަރަށް ގިނައިން ނަބިއްޔާ ﷺ އެކަލޭގެފާނުގެ އަޞްޙާބުންނަށް ބަލިވެފައިވާ ތަންތާނގައި ފިރުމާލައްވާ، މި ދުޢާ ކިޔުއްވާތަން ދެކެވަޑައިގަންނަވައެވެ. މި ދުޢާގެ މާނައީ:"އޭ ﷲ! އޭ މީސްތަކުންގެ ރައްބެވެ! ތަދާއި ވޭން ނައްތަވައިލައްވާށިއެވެ. އަދި ޝިފާ ދެއްވާށިއެވެ. ޝިފާ ދެއްވާ އިލާހަކީ އިބަރަސްކަލާނގެއެވެ. އިބަރަސްކަލާނގެ ޝިފާ ނޫން އެހެން ޝިފާއެއް ނުވެއެވެ. (ބައްޔެއްގެ) އެއްވެސް އަސަރެއް ނުބަހައްޓާ ފުރިހަމަ ޝިފާއެއް ދެއްވާށިއެވެ." – ޞަޙީޙް ބުޚާރީ އަދި މުސްލިމް
3. ތަދުތަކުން ރައްކާތެރިވުމަށް ކިޔާ ދުޢާ:
أَعُوذُ بِاللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ
އެއްފަހަރަކު ޞަޙާބީ ބޭކަލަކު، އެކަލޭގެފާނުގެ ހަށިގަނޑު އެކުގައި ތަދުވާ ކަމަށް ނަބިއްޔާ މުޙައްމަދު ﷺ އަށް ދެންނެވިއެވެ. އެހިނދު ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ."ތިބާގެ ހަށިގަނޑުގެ ތަދުވާ ތަނުގައި އަތްބާއްވާށެވެ. އަދި ތިން ފަހަރު 'ބިސްމިﷲ' ކިޔާށެވެ. އެއަށްފަހު ހަތް ފަހަރު މި ދުޢާ ކިޔާށެވެ: 'އަހަރެން ﷲގެ ކިބައިންނާއި، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހިމާޔަތުން، އަހަންނަށް ކުރިމަތިވާ އަދި އަހަރެން ބިރުގަންނަ ކަންތައްތަކުގެ ނުބައިކަމުން ރައްކާތެރިކަން ހޯދަމެވެ.'" – ޞަޙީޙް މުސްލިމް
4. ނުބައިކަންތައްތަކުން ރައްކާތެރިވުމަށް ކިޔާ ދުޢާ:
رَبَّنَآ ءَاتِنَا فِى ٱلدُّنْيَا حَسَنَةً وَفِى ٱلْـَٔاخِرَةِ حَسَنَةً وَقِنَا عَذَابَ ٱلنَّارِ
މިއީ ވަރަށް އާންމު ދުޢާއެކެވެ. ނަބިއްޔާ މުޙައްމަދު ﷺ އެކަލޭގެފާނުގެ ހުރިހާ އަޞްޙާބުންނަށްވެސް މި ދުޢާ ގަވާއިދުން ކިޔުއްވުމަށް ބާރުއެޅުއްވިއެވެ. ސަބަބަކީ، މިއީ ނުބައިކަންތައްތަކުން އަޅުގަނޑުމެން ރައްކާތެރިކޮށްދޭ، އަދި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހެޔޮކަމާއި ހަށިގަނޑުގެ ދުޅަހެޔޮކަން އެދޭ ދުޢާއެއް ކަމަށްވާތީއެވެ.މާނައީ: "އަޅުގަނޑުމެންގެ ރައްބެވެ! ދުނިޔޭގައި އަޅުގަނޑުމެންނަށް ހެޔޮކަން ދެއްވާށިއެވެ. އަދި އާޚިރަތުގައިވެސް ހެޔޮކަން ދެއްވާށިއެވެ. އަދި ނަރަކައިގެ ޢަޛާބުން އަޅުގަނޑުމެން ސަލާމަތް ކުރައްވާށިއެވެ." - ސޫރަތުލް ބަޤަރާ، އާޔަތް 201
5. ދަތިކަމާއި އުނދަގޫ ހާލަތްތަކުގައި ކިޔާ ދުޢާ:
أَنِّي مَسَّنِيَ الضُّرُّ وَأَنْتَ أَرْحَمُ الرَّاحِمِينَ
ނަބިއްޔާ އައްޔޫބް ޢަލައިހިއްސަލާމްގެ ވާހަކަފުޅަކީ، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުގަނޑުމެންގެ އީމާންތެރިކަން ދެމެހެއްޓުމަށް އަހަރެމެންނަށް ދަސްކޮށްދޭ ވާހަކަފުޅެކެވެ. ނަބިއްޔާ އައްޔޫބް ޢަލައިހިއްސަލާމް އަކީ (ޞިއްޙަތު، މުދާ، ޢާއިލާ، ޝަރަފު) ހުރިހާ އެއްޗެއް ހުރި ބޭކަލެކެވެ. ނަމަވެސް އެކަލޭގެފާނުގެ ހުރިހާ ފަޚުރުވެރިކަމާއި އަރާމެއް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ފަރާތުން އައި ބައްޔެއްގެ ގޮތުގައި އެކަލޭގެފާނުގެ ކިބައިން ނެންގެވިއެވެ.
އެ ދަތި ދުވަސްވަރުގައި، އެކަލޭގެފާނުގެ ޞިއްޙަތު ދެރަވެފައިވަނިކޮށް، އެކަލޭގެފާނު ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އެއްވެސް ޝައްކެއްނެތި އިޚްލާޞްތެރިކަމާއެކު މަތީގައިވާ ދުޢާ ކިޔުއްވިއެވެ.
މާނައީ: "ހަމަކަށަވަރުން، ތިމަންނައަށް ދަތިކަން ކުރިމަތިވެއްޖެއެވެ. އަދި އިބަރަސްކަލާނގެއީ، ރަޙުމަތްފުޅުލައްވާ އެންމެހާ ފަރާތްތަކުގެ ތެރެއިން އެންމެ ރަޙުމަތްވަންތަ އިލާހެވެ." - ސޫރަތުލް އަންބިޔާ، އާޔަތް 83
ގާތްތިމާގެ މީހަކަށް ދުޢާ ކުރާއިރު، ﷲ ސުބްޙާނަހޫ ވަތަޢާލާއީ ހުރިހާ އެއްޗެއް އައްސަވާ އަދި ދުޢާތަކަށް އިޖާބަދެއްވާ އިލާހުކަން ދަންނާށެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ބަލިވެފައިވާ ހުރިހާ ބޭފުޅުންނަށް ޝިފާ ދެއްވާށިއެވެ. އަދި ދުޅަހެޔޮކަމުގައި ތިއްބެވި ބޭފުޅުން އެކަލާނގެ ރަޙްމަތްފުޅާއި ހިމާޔަތުގައި ލައްވާށިއެވެ. އާމީން.