ދުނިޔެ

ޓްރަންޕްގެ އާ ދައުވާއެއް: މާބަނޑު ދުވަސްވަރު ޕެރަސިޓަމޯލް ބޭނުންކުރުމާއި އޮޓިޒަމް ގުޅުވައިފި

ޓްރަންޕްގެ އާ ދައުވާއެއް: މާބަނޑު ދުވަސްވަރު ޕެރަސިޓަމޯލް ބޭނުންކުރުމާއި އޮޓިޒަމް ގުޅުވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ސެޕްޓެމްބަރު 2025، 08:37

24 ސެޕްޓެމްބަރު 2025، 08:37

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕް، މާބަނޑު ދުވަސްވަރު ޕެރަސިޓަމޯލް ބޭނުންކުރުމާއި އޮޓިޒަމްއާ ގުޅުންހުރި ކަމަށް ބުނެ، ސާބިތުނުވާ ދައުވާތަކެއް ކުރައްވައިފިއެވެ. މި ދައުވާތަކަކީ ކޮރޯނާވައިރަސް ބަލިމަޑުކަމުގެ ތެރޭގައި އެމަނިކުފާނު ގެންގުޅުއްވި ބަސްމަގާ ވަރަށް އެއްގޮތް ކަމެއްކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

މި ހަފްތާގެ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޓްރަންޕް ވިދާޅުވީ، މާބަނޑު އަންހެނުން ޕެރަސިޓަމޯލް (އެމެރިކާގައި އާންމުކޮށް ޓައިލެނޯލްގެ ނަމުން މަޝްހޫރު) ބޭނުންކުރުން މަދުކުރުމަށް ޑޮކްޓަރުން "ވަރަށް ބޮޑަށް އިރުޝާދު ދޭނެ" ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މާބަނޑު ދުވަސްވަރު ޕެރަސިޓަމޯލް ބޭނުންކުރުމުން ކުޑަކުދިންނަށް އޮޓިޒަމް ޖެހުމުގެ ނުރައްކާ "ވަރަށް ބޮޑަށް އިތުރުވެދާނެ"ކަމަށެވެ.

ޓްރަންޕްގެ ދައުވާތަކަށް އަސާސެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ، "މިއީ ދެކެވޭ ވާހަކައެއް، އަދި މިއީ ތެދުވާހަކައެއްތޯ ނުވަތަ ނޫންތޯ އަހަންނަކަށް ނޭނގޭ ، ކިއުބާގައި ޓައިލެނޯލް ނެތް. ސަބަބަކީ އެމީހުންނަށް ޓައިލެނޯލް ގަންނާނެ ފައިސާ ނެތުން. އަދި އެމީހުންގެ ތެރޭގައި އޮޓިޒަމް މާބޮޑަކަށް ނެތް." މިހެންނެވެ. އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، "އެމިޝްގެ މީހުންނަށް މިސާލަކަށް، އެމީހުންގެ ތެރޭގައި އޮޓިޒަމް އެއްގޮތަކަށްވެސް ނެތް." ޓްރަންޕް އަމިއްލަފުޅަށް ވެސް ވިދާޅުވެފައިވަނީ، އޮޓިޒަމްއާ މެދު ގިނަ ދުވަސްތަކެއް ވަންދެން އެމަނިކުފާނު ވިސްނާފައި ހުރި ކަމަށެވެ.

އެމެރިކާގެ ކާނާ އަދި ބޭހާބެހޭ އިދާރާ (އެފް.ޑީ.އޭ) އިން ދީފައިވާ އިރުޝާދަށްވުރެ ޓްރަންޕްގެ ބަސްމަގު ހަރުކަށިކަން ފާހަގަކުރެވެއެވެ. އެފް.ޑީ.އޭ އިން ބުނެފައިވަނީ، ޕެރަސިޓަމޯލް ބޭނުންކުރުމުގެ ނިންމުން "މައިންބަފައިންގެ އަތުގައި އޮތް" ކަމަށެވެ. އަދި ބައެއް ދިރާސާތަކުން "ގުޅުމެއް" ފާހަގަކުރެވިފައިވީނަމަވެސް، "ސަބަބު އެނގޭ ގުޅުމެއް ސާބިތުވެފައިނުވާ ކަމަށާއި، ސައިންޓިފިކް ދިރާސާތަކުގައި އިދިކޮޅު ނަތީޖާތައް ވެސް ހުރި" ކަމަށް އެފް.ޑީ.އޭ އިން ބުނެއެވެ.

ރައީސް ޓްރަންޕް މަޝްހޫރުވެފައިވަނީ ސިޔާސީ އަދި ގުޅުންތަކާ ބެހޭ އާންމު ހިޔާލުތަކާ ދެކޮޅަށް ވާހަކަ ދެއްކެވުމުންނެވެ. އެހެންނަމަވެސް، އެމަނިކުފާނުގެ ހިޔާލުތައް އާންމު ފިކުރުތަކާ އެންމެ ދުރަށް ޖެހިލާފައިވަނީ ސިއްހަތާ ބެހޭ ކަންކަމުގައެވެ.
އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ދައުރުގެ ފަހު އަހަރު ދިމާވި ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ވެސް ޓްރަންޕް ވަނީ ލޮކްޑައުންއާއި މާސްކު އެޅުމާ ދެކޮޅު ހައްދަވާފައެވެ. އަދި ހައިޑްރޮކްސީކްލޮރޮކްއިން ފަދަ ސާބިތުނުވާ ބޭސްތަކަށް އެމަނިކުފާނު ތާއީދު ކުރެއްވިއެވެ. 2020 ވަނަ އަހަރު ބަލިމަޑުކަމާ ބެހޭ ގޮތުން ވައިޓް ހައުސްގައި ބޭއްވި އެއް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބަލި ރަނގަޅުކުރެވޭނެ ގޮތްތަކާ މެދު އެމަނިކުފާނު ދެއްކެވި އެއްވެސް އަސާސެއް ނެތް ވާހަކަތަކަށް – ހަށިގަނޑުގެ ތެރެއަށް އަލިކަން ވައްދައިގެންނާއި ޑިސްއިންފެކްޓަންޓް ބޭނުންކޮށްގެން ފަރުވާކުރުމަށް – ގިނަބަޔަކު ވަނީ މަލާމާތްކޮށްފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން