ދުނިޔެ
ޣައްޒާގައި ބޮލެއް ނެތް މާބަނޑު މީހަކު ސީ-ސެކްޝަން ހަދާ ކުއްޖާ ސަލާމަތްކޮށްފި: ދުނިޔެއަށް މިމަންޒަރު ފެނޭތަ؟

ސަރޖަރީ ހެދި ދެ ޑޮކްޓަރުން ކަމުގައިވާ ކުއީންސްލެންޑް އަށް ނިސްބަތްވާ ޑރ. ނާދާ އަބޫ އަލްރޫބް އާއި ޑރ. ސަޔާ އަޒީޒް
އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ތެރޭގައި، ގިނަ ބަޔަކަށް އެނގިފައިނުވާ ނާމާން މަންޒަރުތައް ދަނީ ފެންނަމުންނެވެ. ޣައްޒާގައި މަސައްކަތްކުރާ އޮސްޓްރޭލިއާގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ނާދާ އަބޫ އަލްރޫބް ވިދާޅުވީ، އިޒްރޭލުގެ ގަދަފަދަ ބޮން އަޅަމުންދާ ކޭމްޕެއްގެ ތެރޭގައި، ބޮލެއް ނެތް ނުވަ މަސް ދުވަހުގެ މާބަނޑު އަންހެނަކަށް ކުއްލި ސީ-ސެކްޝަން ހަދައިގެން ކުއްޖަކު ސަލާމަތްކުރަން ޖެހުނު ކަމަށެވެ.
ކުއީންސްލެންޑް އަށް ނިސްބަތްވާ ޑރ. ނާދާ އަބޫ އަލްރޫބް އާއި ޑރ. ސަޔާ އަޒީޒް، ޣައްޒާ ސިޓީގެ އަލް-ޝިފާ ހޮސްޕިޓަލުގެ ހާލަތު ސިފަކޮށްފައިވަނީ ހިތާމަވެރި އަދި ބަޔާންކުރަން ދަތި ހާލަތެއް ކަމަށެވެ. މި ދެ ޑޮކްޓަރުން މި ވާހަކަތައް ހިއްސާކޮށްފައިވަނީ ހުކުރު ދުވަހު އޮންލައިންކޮށް ދޫކޮށްލި ވީޑިއޯއެއްގައެވެ.
މި ޑޮކްޓަރުން ކުރިން މަސައްކަތްކުރަމުން ދިޔައީ ޣައްޒާގެ އަލް-އަގްސާ ހޮސްޕިޓަލުގައެވެ. އެހެންނަމަވެސް، ދެ ދުވަސް ކުރިން އެ ސިޓީގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމަށްވާ އަލް-ޝިފާއަށް ބަދަލުވިއެވެ. "މިއީ ހުވަފެނެއް،" ޑރ. އަބޫ އަލްރޫބް ވިދާޅުވިއެވެ.
" ޣައްޒާއިން އުތުރަށް ދިއުމުގެ މަގުމަތީގައި، މީހުން ހުސްކުރާ މަންޒަރުތައް ފެނުނު. 20 މިނިޓުން ދެވޭ މަގު އަޅުގަނޑުމެންނަށް އަށް ގަޑިއިރު ނެގި. އެތަނަށް ދެވުމާއެކު، ހޮސްޕިޓަލު ވަށައިގެން ހުރިހާ ދިމާލަކުން 'އެޕާޗް' ހެލިކޮޕްޓަރުންނާއި، އެފް-35، އެފް-16 ފަދަ ހަނގުރާމަވެރި މަތިންދާބޯޓުތަކުން ބޮން އަޅަމުން ދިޔައީ. ހޮސްޕިޓަލަށް އަންނަ ބަލިމީހުންނާއި މަރުވެފައިވާ މީހުންގެ އަދަދު ގިނަ ވަރަށް ހިތާމަވެރި."
ޑރ. އަބޫ އަލްރޫބް ވިދާޅުވީ، "ހޮސްޕިޓަލުގެ ސަރަހައްދުގައި 1500 އަށް ވުރެ ގިނަ މީހުން އަދިވެސް ވަޅުލެވިފައި އެބަތިބި. މިއަދު ހޮސްޕިޓަލުގެ މައި ދޮރޯށި ކުރިމައްޗަށް ބޮން އަޅާފައިވާއިރު، ދެ ދުވަސް ކުރިންވެސް ހަމަ މިފަދަ ހަމަލާއެއް ދީފައިވޭ."
ޑޮކްޓަރުން ސިފަކުރި ގޮތުގައި، ހޮސްޕިޓަލުގެ ހާލަތު ވަރަށް ނުތަނަވަސް އަދި ބިރުވެރިއެވެ. ސާފުކަން ކުޑައެވެ. ސައިބޯނި، ގްލޯވްސް، ތަދުކަނޑުވާ ބޭސްފަދަ އަސާސީ ކަންކަމަށް ބޭނުންވާ ސާމާނު ޑޮކްޓަރުންނަށް ނުލިބެއެވެ. ބަލިމީހުންނަށް ފަރުވާ ދެނީ ބިންމަތީގައެވެ.
"މިއަދު އެތައް ބަޔަކު އަނިޔާވެ މަރުވެފައިވެއެވެ. މަދުވެގެން 10 އިން 20 އަށް މީހުން ހޮސްޕިޓަލަށް ގެނެވުނުއިރު މަރުވެފައި ނުވަތަ އެއްވެސް ފަރުވާއެއް ނުދެވޭފަދަ ހާލަތެއްގައި ތިބި. އަޅުގަނޑުމެންއަތުގައި ތަދު ކަނޑުވާ ބޭހެއްވެސް ނެތް. ހުރި ހަމައެކަނި ބޭހަކީ ކެޓަމައިން. އެހެންކަމުން ބަލިމީހުންނަށް އެއްޗެއް ދޭން ބޭނުންވަނީ އެމީހުންގެ ބެލެނިވެރިންގެ ނުވަތަ އާއިލާގެ ކުރިމަތީގައި މަރުވިޔަނުދިނުމަށްޓަކައި،" ޑރ. އަބޫ އަލްރޫބް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ބޮލެއް ނެތް ނުވަ މަސް ދުވަހުގެ މާބަނޑު އަންހެނަކަށް ކުއްލި ސީ-ސެކްޝަން ހަދަން ޖެހުނީ. އެ އަންހެންމީހާ އެމަރޖެންސީ ރޫމްގައި މަރުވެފައި އޮއްވައި. ނަސީބު ރަނގަޅުކަމުން، އެ އަންހެން ކުއްޖާ ސަލާމަތްވީ."
ޑރ. އަބޫ އަލްރޫބް ވިދާޅުވީ، ހޮސްޕިޓަލުން އެމީހުން ތިބި ތަނަށް ދިއުމަށް ހިނގާ މަގުމަތީގައި "ކޮންމެ ވަގުތެއްގައިވެސް" ބޮން އަޅާފާނެ ކަމަށް ބިރުހީވެފައިވާ ކަމަށެވެ.
"މި ވީޑިއޯ އަޅުގަނޑުމެން މިހަދަނީ ކޮންމެ ވަގުތެއްގައިވެސް އަޅުގަނޑުމެން މަރުވެދާނެކަން އެނގޭތީ. ބައިނަލްއަގްވާމީ ފަރާތްތަކުގެ ގޮތުގައި، ހޮސްޕިޓަލުގެ ދޮރޯށި ގޮއްވާލުމުގެ ކުރިން އަޅުގަނޑުމެންނަށް ހުސްކުރަން އަންގާނެ ކަމަށް ބުނި. އެއްވެސް އަމުރެއް ނުލިބުނު. މިތަނުގެ ހާލަތު ބަޔާންކުރަން ދައްޗެއް ނޫން، ބަޔާންކުރަންވެސް ނޭނގޭ. އިންޓަނެޓެއް ނެތް. ކަރަންޓެއް ނެތް. ވައިފައިވެސް ނެތް، އެހެންކަމުން އަޅުގަނޑުމެންގެ އާއިލާއާވެސް ގުޅައިލެވޭކަށް ނެތް. އަދި އަޅުގަނޑުމެން ގާތު އެބަ ބުނޭ ވާހަކަނުދައްކާ ހިމޭނުން ތިބެން. އެހެންނޫނީ އަޅުގަނޑުމެންގެ ފުރާނައަށް ނުރައްކާވާނެޔޭ. މީގެ މާނައަކީ ކޮބާ؟ އަޅުގަނޑުމެންނަށް ފޮޓޯތައް ދައްކާކަށް ހުއްދައެއް ނުލިބޭ. ސަބަބަކީ އެއީ ވަރަށް ހިތާމަވެރި މަންޒަރުތައް ކަމަށް ވާތީ. އެކަމަކު އަޅުގަނޑުމެން މިހުރިހާ ކަމެއް ޑޮކިއުމެންޓް ކުރަމުން މިގެންދަނީ، މިކަން މުޅި ދުނިޔެއަސް ދައްކަންޖެހޭ މި މިހުންނަށް އެހީތެރިވާން އެބަޖެހޭ."