ދުނިޔެ

"ގްލޯބަލް ސުމޫދު ފްލޮޓިއްލާ" އަށް އިޒްރޭލުގެ ހަމަލާތައް އަމާޒުވެ، ދަތުރުވެރިންގެ ފުރާނައަށް ނުރައްކާވެއްޖެ!

"ގްލޯބަލް ސުމޫދު ފްލޮޓިއްލާ" އަށް އިޒްރޭލުގެ ހަމަލާތައް އަމާޒުވެ، ދަތުރުވެރިންގެ ފުރާނައަށް ނުރައްކާވެއްޖެ!

"ގްލޯބަލް ސުމޫދު ފްލޮޓިއްލާ"

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ސެޕްޓެމްބަރު 2025، 04:49

24 ސެޕްޓެމްބަރު 2025، 04:49

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ "ގްލޯބަލް ސުމޫދު ފްލޮޓިއްލާ" އަށް، މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިޒްރޭލުގެ ޑްރޯންތަކުން ތަކުރާރުކޮށް ހަމަލާދެމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ހަމަލާތަކުގެ ސަބަބުން ބޯޓުގައިވާ މީހުންނާ ބޭރު ދުނިޔެއާ ދެމެދު ގުޅުން ކެނޑި، އެބައިމީހުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް އެކްޓިވިސްޓުން ބުނެފައިވެއެވެ.

ފްލޮޓިއްލާގައި ބައިވެރިވެފައިވާ ބްރެޒިލްގެ އެކްޓިވިސްޓެއް ކަމަށްވާ ތިއާގޯ އަވީލާ ވިދާޅުވި ގޮތުގައި، މިހާތަނަށް ބޯޓުގެ ވަށައިގެން ދިހަ ވަރަކަށް ގޮވުމުގެ އަޑު އިވިފައިވާއިރު، އޭނާ ވަނީ ދަތުރުވެރިންނާއި އުޅަނދުތަކުގެ ސަލާމަތީ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އަޅުގަނޑުމެންނަށް މިހާރު ވެސް ދިހަވަނަ ގޮވުމުގެ އަޑު އިވިއްޖެ. އެމީހުން އަޅުގަނޑުމެންގެ ސުލްހަވެރި މިޝަނަށް ހަމަލާދިނުން ހުއްޓައެއް ނުލާ،" އަވީލާ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައިވެއެވެ.

އަވީލާ އިތުރަށް ހާމަކުރެއްވި ގޮތުގައި، އިޒްރޭލުގެ ޑްރޯންތަކުން ދަނީ ކުދި ބޯޓުފަހަރަށް ހަމަލާދެމުން، އެ އުޅަނދުތައް ހަލާކުކޮށް އަދި އުޅަނދުތަކަށް ގެއްލުން ދިނުމަށް މަސައްކަތް ކުރަމުންނެވެ. "އެމީހުން ދަނީ މީހުންނަށް ގެއްލުންދެވޭނެ އަދި އުޅަނދުތަކަށް ގެއްލުން ދެވޭނެ ސާމާނު ބޭނުންކުރަމުން،" އޭނާ އިތުރަށް ވިދާޅުވިއެވެ.

"ގްލޯބަލް ސުމޫދު" ކެމްޕޭނުގެ ދަށުން މި ފްލޮޓިއްލާ ފުރާފައިވަނީ މިދިޔަ މަހުއެވެ.  މަޤްސަދަކީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ޣައްޒާ ބަންދުކޮށްފައިވާ މައްސަލަ ފާހަގަކުރުމެވެ. ތަފާތު ގައުމުތަކުގެ އެކްޓިވިސްޓުން މި ކެމްޕޭނުގައި ބައިވެރިވެފައިވާއިރު، އެބައިމީހުން މިކަން ސިފަކުރަނީ ޣައްޒާއަށް ދެމުންދާ  ސުލްހަވެރި ހަރަކާތެއްގެ ގޮތުގައެވެ.

ލިބިފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި، ފްލޯޓިއްލާ ވަށައިގެން ޑްރޯންތައް އަބަދުހުރެއެވެ. އަދި އީޖާދީ ހުރަސްތަކެއްގެ ސަބަބުން އުޅަނދުތަކުގެ ދެމެދުގައިވާ މުވާސަލާތީ ނިޒާމުތަކަށް ބުރޫއަރައެވެ. މިގޮތަށް ގަސްތުގައި މުވާސަލާތަށް ހުރަސް އެޅުމުގެ ސަބަބުން އެންމެ ބޭނުންޖެހިފައިވާ ވަގުތު ބޭރު ދުނިޔެއާ ގުޅުން ކެނޑިދާނެ ކަމަށް އެކްޓިވިސްޓުން ކަންބޮޑުވާކަން ފާޅުކޮށްފައިވެއެވެ.

މި ހަމަލާތަކާ ބެހޭގޮތުން އިޒްރޭލު ސިފައިން ރަސްމީ ކޮމެންޓެއް ކޮށްފައި ނުވި ނަމަވެސް، ތެލް އަވީވްގެ އޮފިޝަލުން ކުރިން ވަނީ ޣައްޒާއަށް ދަތުރުފަތުރުކުރުމަށް އަޅާފައިވާ ކަނޑުގެ ބަންދު ފޫދުއްވުމަށް ކުރާ އެއްވެސް މަސައްކަތެއް ހުއްޓުވާނެ ކަމަށް ބުނެފައެވެ. އިޒްރޭލުން މި ބަންދު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރަނީ ޣައްޒާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ހަތިޔާރު ނުދިނުމަށް ކަމަށް ބުނެއެވެ. ނަމަވެސް، ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކާބެހޭ ޖަމާއަތްތައް ވެސް ހިމެނޭ ގޮތަށް، މިކަން ސިފަކުރަނީ ޣައްޒާގެ އާންމު ރައްޔިތުންނަށް ދެމުންދާ އުދަގޫ ކަމެއްގެ ގޮތުގައެވެ.

އަވީލާގެ ހެކިބަސްތައް އައިސްފައިމިވަނީ، މި  ދަތުރަށް ބައިނަލްއަޤްވާމީ ސަމާލުކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި ސިވިލް ސޮސައިޓީ ޖަމާއަތްތަކުން ވަނީ ދަތުރުވެރިންގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލާފައެވެ.

މި މިޝަނަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ، މި ފްލޮޓިއްލާއަކީ ޣައްޒާގެ ރައްޔިތުން އެހީއަށް ބަރޯސާވެފައިވާ ހާލަތެއްގައި އެޅިފައިވާ ހުރަސްތަކާ ދެކޮޅަށް ކުރާ ރަމްޒީ އިހުތިޖާޖެއް ކަމަށެވެ.

މިހާރު ހަލުވިކަމާއެކު ގަދަވަމުންދާ މި ނުރައްކަލުގެ ހާލަތު ދައްކައިދެނީ، ކުރިން ވެސް މިފަދަ ފްލޮޓިއްލާތަކަށް ހަމަލާދިން ހަނދާންތަކެވެ. ޚާއްސަކޮށް 2010 ވަނަ އަހަރު ޣައްޒާއަށް ދިޔަ 'މާވީ މަރްމަރާ' އޭޑް ފްލޮޓިއްލާއަށް އިޒްރޭލު ސިފައިން ހަމަލާދީ، މީހުން މަރުވެ، ބައިނަލްއަޤްވާމީ ފެންވަރުގައި ބޮޑު ކަންބޮޑުވުމެއް އުފެދުނު ހާދިސާއަކީ މީގެ ވަރަށް ރަނގަޅު މިސާލެކެވެ.

ޑްރޯން ހަމަލާތަކާއި މުވާސަލާތީ ހުރަސްތަކުގެ ނުރައްކަލުގެ ތެރެއިން "ގްލޯބަލް ސުމޫދު ފްލޮޓިއްލާ" ދަތުރުކުރަމުންދާއިރު، އޯގަނައިޒަރުން ބުނަނީ އެބައިމީހުންގެ އިންސާނީ މަސައްކަތަށް ސާބިތުކަމާއެކު ތިބޭނެ ކަމަށެވެ. "އަޅުގަނޑުމެން މިތިބީ ސުލްހައަށްޓަކައި އަދި ޣައްޒާއަށްޓަކައި،" ދަތުރުވެރިންގެ ސަލާމަތަށް ދިމާވެފައިވާ ނުރައްކާތަކުގެ ވާހަކަ ދައްކަމުން ވެސް އަވީލާ ބުނެފައިވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން